Live News From Hulhumeedhoo, Addu City

!!ވަރަށްބޮޑަށް މަޢާފުކުރަށްވާށެވެ

މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާރޓްސްއިން އިންތިޒާމްކުރައްވައިގެން ބޭއްވެވި “ވިސްނާށޭ ޤައުމު ރިޔާސީ ސުވާލާއި ޖަވާބު” ވަނީ އަޅުގަނޑުމެންނާ ހަމައަށް ޓީވީންނާއި ރޭޑިޔޯއިން ފެނި އަދި އަޑު އިވިފައެވެ. އިންފޮމޭޝަން މިނިސްޓްރީން މި ޕްރޮގްރާމް އިޢުލާން ކުރެއްވުމާގުޅިގެން ވަރަށް ގިނަ ބަޔަކު މި ޕްރޮގްރާމް އަޑުއެހުމަށާއި ބެލުމަށް ވަރަށްބޮޑަށް ޝައުޤު ވެރިވިއެވެ. އެހެނީ މިފަދަ ޕްރޮގްރާމް ތަކަކީ މިހާތަނަށް ރާއްޖެއިން ދިވެހިންނަށް ފެނިފައިނުވާ ފަދަ ޕްރޮގްރާމަކަށް ވާތީއެވެ. އަދި ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީ އަކާ ދިމާއަށް ދަތުރު ކުރަމުންދާ ދުވަސްވަރެއްގައި ހުރިހާ ރިޔާސީ ކެންޑިޑޭޓުން އެއްމާލަމެއްގައި އެއްސުވާލު ތަކަކަށް ދެއްވާ ޖަވާބުތަކުން ރައްޔިތުންނަށް ތާއީދު ކުރާނެ ކެންޑިޑޭޓަކު އިޚްތިޔާރު ކުރުމުގައި ފަސޭހަވެގެން ދާނެތީއެވެ.

ކަން މިހެން އޮތް ކަމުގައިވިޔަސް އިންފޮމޭޝަން މިނިސްޓްރީން މިޕްރޮގުރާމް އިޢުލާން ކުރެއްވި ހިސާބުން ފެށިގެން ކަންތައްތައް ވަމުން ދިޔަގޮތުން މި ޕްރޮގްރާމާ ދެތެރޭ ވަރަށްގިނަ ސުވާލު ތަކެއް ގިނަބައެއްގެ ހިތުގައި އުފެދުނުކަމީ ޤަބޫލުކުރަން ޖެހޭޭ ޙަޤީޤަތެކެވެ. އެންމެފުރަތަމަ ޑީއާރުޕީ އިން މިޕްރޮގުރާމުގައި ބައިވެރިވުމާ ދެކޮޅު ހެދިއެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބުތަކަކާހެދި ވިސްނުން ބަދަލުލޮށް އަލުން މި ޕްރޮގުރާމުގައި ބައިވެރިވުމަށް ނިންމިއެވެ. އިންފޮމޭޝަން މިނިސްޓްރީން މިޕްރޮގުރާމް ކުރިއަށް ގެންދަވަން ރާއްވަވާފައިވާ ގޮތާމެދު ވެސް ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. އެފަދަ ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދެވޭނެ ފަދަ ގޮތަކަށް ތަފާތު ކުރުމެއްނެތި ޕްރޮގުރާމު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންނަމަވެސް މިއާ އިދިކޮޅު ޚިޔާލު ގެންގުޅުއްވި ބޭފުޅުންވެސް ތިއްބެވިއެވެ. ބައެއްފަހަރަށް މި ޕްރޮގުރާމު ކެންސަލް ވެދާނެހެން ހީވާފަހަރުވެސް އާދެއެވެ.

މި ޕްރޮގުރާމާމެދު ވާނެ ގޮތްތަކާމެދު ޚިޔާލުކުރުމުގެ ވަގުތު ފާއިތުވެ މިވަނީ ގޮސްފައެވެ. ދެން އޮތީ ކަންތައްތައް ހިނގައިދިޔަ ގޮތާމެދު ވާހަކަދެއްކުމުގެ ވަގުތެވެ. މި ޕްރޮގުރާމުގައި ބައިވެރިވެ ވަޑައިގެންނެވި ކެންޑިޑޭޓުންނަށް ފުރުޞަތު އެރުވުމަށްހަމަޖެހިފައި އޮތީ ގުރުއަތުން ހޮވުނު ތަރުތީބަކުން ކަމަށް މޮޑަރޭޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް މަންޒަރު ފެނިގެންދިޔައީ ތަފާތު ގޮތަކަށެވެ. ޕްރޮގުރާމުގެ ފުރަތަމަ ބައިގައި ތަޢާރަފެއް ދެއްވުމުގެ ގޮތުންނާއި އިންތިޚާބަށް ކުރިމަތިލެއްވި ސަބަބާ ބެހޭގޮތުން ވާހަކަ ދެއްކެވުމަށް ފުރަތަމަ ފުރުޞަތު ދެއްވާގޮތަށް ގުރުއަތުން ހޮވުނީ ޙަސަން ސަޢީދެވެ. އެހެންނަމަވެސް މޮޑަރޭޓަރ ފުރުޞަތު އެރުވީ މައުމޫން ޢަބްދުލް ޤައްޔޫމަށެވެ. މައުމޫނުގެ ވާހަކަފުޅަށްފަހު މޮޑަރޭޓަރ ވިދާޅުވީ އޮޅިގެން މައުމޫނަށް ފުރުޞަތު އެރުވުނީ ކަމަށެވެ. ވަރަށްބޮޑަށް މަޢާފަށް ވެސް ޙަސަން ސަޢީދުގެ ކިބައިން އެދިވަޑައިގަތެވެ.

ޕްރޮގުރާމުގެ ދެވަނަ ބައިގައި ސުވާލުގެ ޖަވާބު ދެއްވުމުގެ ފުރުޞަތުވެސް ފުރަތަމައަށް ލިބިވަޑައިގަތީ މައުމޫނަށެވެ. އެއީ ޤުރުއަތުން ދިމާވި ގޮތް ކަމަށްވެސް ވެދާނެއެވެ. އެނގޭހާ ވެސް ކަމަކީ އެފަހަރު “އޮޅުމެއް” ނާރާ ކަމެވެ. އަދި “މަޢާފަކަށް” ވެސް އެދި ވަޑައިނުގަނެއެވެ. އެހެންނަމަވެސް ފާހަގަ ކުރެވުނު އެއްކަމެއް ދިމާވިއެވެ. ސުވާލު ނުދެންނެވެނީސް މައުމޫނު ޖަވާބު ދެއްވަން ފެއްޓެވިކަމެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އޭގެ މާނައަކީ މައުމޫނަށް ކުރިން ސުވާލު އެނގިވަޑައިގެންފައި އޮތީ އެވެ. ޢުމަރު ނަޞީރުގެ ފުރުޞަތުގައި ޢުމަރު ނަޞީރު ވެސް ސުވާލު ނުދެންނެވެނީސް ޖަވާބަށް ފެއްޓެވިއެވެ. އެހެންނަމަވެސް ކުރިން 02 ބޭފުޅަކަށް އެސުވާލު ދެންނެވިފައި އޮތުމުން ޢުމަރު ޖަވަބުދެއްވަން ފެއްޓެވުމުން ޙައިރާންވާންޖެހޭނެ ޖާގައެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ކެންޑިޑޭޓަކަށް ނުވަތަ ހުރިހާ ކެންޑިޑޭޓުންނަށް ވެސް މި ޕްރޮގުރާމުގައި ދެންނެވޭނެ ސުވާލުތައް ކުރީބައިގައި އެނގިވަޑައިގެންފައިވާނަމަ މިފަދަ ޕްރޮގުރާމެއް ބެއްވެވުމުގެ މަޤްޞަދާމެދު ސުވާލުއުފެދެއެވެ.

ޕްރޮގްރާމް ކުރިއަށް ދާންފެށިގޮތުން އަޅުގަނޑަށް ޕްރޮގުރާމް ބެލުމުގެ އަލާ ކެނޑުނެވެ. ކޮންމެއަކަސް ޕްރޮގުރާމު ބެލުން އެހާ ހިސާބުން ހުއްޓާލީމެވެ. އެހެން ކަމުން ފަހުން ޕްރޮގުރާމު ކުރިއަށް ގެންދެވުނުގޮތާމެދު އެއްޗެއް ދަންނަވާކަށް ނޭނގެއެވެ. އެހެންނަމަވެސް އަޅުގަނޑަށް މިހާރު ޤަބޫލުކުރެވެނީ ހަމަހަމަ ފުރުޞަތުތަކެއް ލިބިދެވޭނެ ފަދަ ގޮތަކަށް ތަފާތު ކުރުމެއްނެތި ޕްރޮގުރާމު ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވި ބޭފުޅުންގެ ވިދާޅުވުން ޙަޤީޤަތަކަށް ވެފައިވާކަމެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށް ވާނެކަމަށް ސަރުކާރުން ވިދާޅުވަމުންދާއިރު އެފަދަ އިންތިޚާބަކަށް މިފަހަރުގެ އިންތިޚާބުވެގެން ނުދާނެކަމަށް ވިދާޅުވާ ބޭފުޅުންވެސް އެބަތިއްބެވިއެވެ. މިހާރު އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ރިޔާސީ އިންތިޚާބު ކިހާވަރަކުން ދާނެބާވައެވެ؟ އައްޑޫގެ މުސްކުޅި ބަހުގައި އޮވެއެވެ. “އައްޑޫ ކަނޑޮ މިވަރޮކޯ ހުވަދޫ ކަނޑޮ ކިހެއި ވަރަށް ވޭހެއްތައު؟”  އައްޑޫކަނޑު މިހާވަރުން ދަންޏާ ހުވަދޫ ކަނޑު ކިހާވަރަކުން ދާނެބާވައެވެ؟

އަޅުގަނޑުގެ ހިތުގައި އުތުރިއަރައިގަތް ޝުޢޫރުތަކެއްގެ ސަބަބުން މިވާހަކަ ދަންނަވާނުލައި ހަމަ ނުހުރެވުނީއެވެ. “ވަރަށް ބޮޑަށް މަޢާފު ކުރައްވާށެވެ”. މިވާހަކަ ދަންނަވާލަންޖެހުނީ ޤުރުޢަތުން މިވާހަކަ ދެންނެވުމަށް ހޮވިފައިވާތީއެއްނޫނެވެ. އަނެއްކާވެސް ވަރަށް ބޮޑަށް މަޢާފުކުރައްވާށެވެ. ހައްތާވެސް “ހޮޅި” ވާހަކަ ދެއްކެނީއެވެ.

ޚިޔާލު

  • ninetoo ގެ ޚިޔާލަކީ:

    votu laanei konmimihakas emihaka feney enme ragalha mihakaa.hama gasim laarithibiyau keyfei votu lanei nun.me afiringe gaumu,migaume veriyaka baanei ekama gaabilu mehakaa.hama shamaa men beniheilaha votu vihkalanei nun..mi kada alhani gaumuge kurimagu,gasimuaka raiskan niveyhe..ehekas laariya votu nivikaahethiya.anni or dr hassan saeed migaume verikan veyne bakinna miko kurimathi laafei thibi!!!

Trackbacks