Live News From Hulhumeedhoo, Addu City

އަދުލުވެރި ނޫސްވެރިކަމެއްގެ ބަދަލުގައި ގޮވަނީ މިނިވަން ނޫސްވެރިކަމަކަށް: ހުކުރު ޚުތުބާ

ހުޅަނގުގެ ގައުމުތަކުގެ މީޑިއާތަކުގެ ސިޔާސަތުތަކާ ރާއްޖޭގެ މީޑިއާގެ ހާލަތާ މާބޮޑު ތަފާތެއް ނެތް ކަމަށާއި “އަދުލުވެރި ނޫސްވެރިކަމެއްގެ ބަދަލުގައި މިނިވަން ނޫސްވެރިކަމަކަށް ގޮވައިލެވެމުންދާކަން ފާހަގަ ކުރެވޭ” ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ނަމާދުގައި މުޅިރާއްޖޭގައި ވެސް މިއަދު އިއްވި ހުކުރު ހުތުބާގައި ބުނީ ހުޅަނގު( ޔޫރަޕް)ގެ ގިނަ ގައުމުތަކުގައި ނޫސްވެރިކަން މިސްރާބުކުރެވިފައި ވަނީ އެބަޔަކު ފަތުރާ ހަބަރެއްގެ ސަބަބުން ވަކި ފަރުދަކަށް ނުވަތަ މީޑިއާގެ ވަކި މުއައްސަސާއަކަށް ނުވަތަ ވަކި ޖަމާއަތަކަށް ލިބިދޭ މާއްދީ މަންފާތަކުގެ މައްޗަށް ކަމަށެވެ.

“… މިއީ ހުޅަނގެ މީޑިއާތަކުގެ އާއްމު ސިޔާސަތުކަމުގައި ވިޔަސް ހިތާމައާ އެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ މީޑިއާތަކުގެ ހާލަތުވެސް މިއާ މާބޮޑު ތަފާތެއް ނެތްކަމުގައި، އެގޮތުން އަދުލުވެރި ނޫސްވެރިކަމެއް ގާއިމްކުރުމަށް ގޮވައިލުމުގެ ބަދަލުގައި މިނިވަން ނޫސްވެރިކަމެއް ގާއިމްކުރުމަށް ގޮވައިލެވޭކަން ފާހަގަކުރަން ޖެހޭ،” ހުތުބާގައިވެ އެވެ.

ޖަމާއަތުގެ މަންފާ އަށް ވުރެ ބޮޑަށް އަމިއްލަ މަސްލަހަތު އިސްކޮށް، ފަރުދީ މަންފާތައް ހޯދުމުގެ މައްޗަށް ނޫސްވެރިކަން އަމާޒުކުރެވޭތަން ފެންނަކަމަށާ އެއީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ވެސް ހުތުބާގައިވެ އެވެ.

ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ އެހުތުބާގައި ހަބަރާއި މައުލޫމާތު ހޯދައި ފެތުރުމުގައި އަދުލުވެވި ވުމަށާއި ހަބަރެއް ލިބިއްޖެ ނަމަ އެހަބަރެއްގެ ދޮގުތެދު ބަލައި ޔަގީން ކުރުމަށް ފަހު ނޫނީ އެހަބަރާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައިވެ އެވެ.

ކީރިތި ގުރުއާނާ ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމްގެ ހަދީސްފުޅުތަކުގެ އަލީގައި ނޫސްވެރިކަމުގެ މަސައްކަތުގައި އިޚުލާސްތެރިވުމާއި އަދުލުވެރިވުމުގެ މައްޗަށް ހުތުބާގައި ވަރަށް ދިގުކޮށް ވާހަކަ ދައްކާފައިވެ އެވެ.

(މި ލިޔުމަކީ ސަން އޮންލައިން އިން ނަކަލްކޮށްފައިވާ ލިޔުމެއް)

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.