Live News From Hulhumeedhoo, Addu City

އައްޑޫ އަތޮޅު މީދޫ އާއި ގުޅޭ ގޮތުން އަޅުގަނޑުގެ ހަނދާނީ ޔައުމިއްޔާއެއް.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ އަތޮޅުގެ 6 ރަށުގައި މީހުން ދިރި އުޅެމުން ދާ އިރު، މީދޫ އާއި ހުޅުދޫ އަކީ އެއް ފަސްގަނޑަކަށް އޮތް ދެރަށެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމް ދީން ގަބޫލު ކުރި ރަށަކީ ވެސް މީދޫ ކަމަށް ބައެއް ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ބުނެއެވެ. އައްޑު އަތޮޅު މީދޫ އަކީ އަޅުގަނޑުގެ އުފަން، އަދި އެންމެ ކުޑަ އިރުއްސުރެން އުޅެ ބޮޑުވި ރަށެއެވެ. އެހެންކަމުން އަޅުގަނޑުގެ ހަނދާނުން ފިލައިގެން ނުގޮސް ހުރި ބައެއް ކަންތައް ފާހަގަ ކޮށް ލިޔެލަން ގަސްތުކުރަމެވެ. އެގޮތުން އަޅުގަނޑު އެންމެ ކުޑަ އިރުން ފެށިގެން މިއަދާއި ހަމައަށް އަޅުގަނޑުގެ ހަނދާނުގައި ހުރި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެއެވެ.

އެންމެފުރަތަމަ، ހަނދާނަށް އަންނަނީ ރޭގަނޑު 12 ޖެހުމަށް ފަހު ފުޅިބައްތި އެއް ދިއްލައިގެން އުޅުނު ދުވަސްތަކެކެވެ. އިރު އޮއްސި 6 ޖެހުމާއި އެކު ކަރަންޓްއަންނާނެއެވެ. ދުވާލުގަޑީގައި ކަރަންޓަކީ އޭރު އެއްވެސް ބަޔަކަށް ކޮންމެހެން ބޭނުން އެއްޗަކަށް ނުވެއެވެ. އެއީ އޭރު ކަރަންޓް ބޭނުން ކުރަނީ ހަމަ އެކަނި، އިރު އޮއްސި އަނދިރި ވުމުން، ގޭތެރެ އަލި ކޮށްލާށެއެވެ. މަގުމަތީގައި ބައްތިތަކެއް ނުހުރެއެވެ. ބައެއް ގޭގޭގައި ކަރަންޓް އިސްތިރި ހުރެއެވެ. އެހެންކަމުން ކަރަންޓް އިސްތިރި ބޭނުން ކުރަން ބޭނުންނަމަ އެކަން ކުރެވޭނީ ހަމަ އެކަނި ރޭގަނޑުގައެވެ. ގިނަމީހުން އިސްތިރިކޮށް އުޅެނީ ލޯއިން ހަދާފައި ހުންނަ އެއްޗަކަށް އަނގުރު އަޅައިގެންނެވެ. ބައެއް ގޭގޭގައި ރޭގަނޑުވެސް، އެއްގޮތަކަށް ވެސް ކަރަންޓް ބޭނުންނުކުރެއެވެ.

އަޅުގަނޑު ހަނދާން ހުންނަން ފެށި އިރު ރަށަށް އަރާ ފައިބާ ހަދަން ޖެހެނީ، ބޮޑެތި ގާތަކެއް އަޅައިގެން ހަދާފައި އޮންނަ ދިގު ފާލަމަކުންނެވެ. ފާލަމަގު އުތުރު ފަރާތުގައި ވަރަށް ހިތްގައިމު ގޮނޑޮދޮށެއް އޮންނާނެއެވެ. އަދި ހަމަ އެފާލަމުގެ އުތުރުން އެހާ ދުރުނޫން ހިސާބެއްގައި 3 ފަޅުރަށް ވެސް އޮވެއެވެ. އޭގެ ތެރެއިން އަޅުގަނޑަށް އެންމެ ފާހަގަ ކުރެވެނީ އިސްމެހެލާ ހެެރަ އެވެ. އެރަށަށް ޗުއްޓީ ދުވަސްވަރުގައި އަޅުގަނޑުމެން ޕިކްނިކް ދަތުރު ގޮސް އުޅުމެއެވެ. އެރަށަށް ގޮސް އުޅެނީ ބޮއްކުރާގައެވެ. ބައެއް މޫސުމުގައި ދިވަރު ކުޑަވުމުން ހިނގާފައިވެސް ދެވެއެވެ. އެރަށަކީ ވަރަށް ހިތްގައިމު ރަށެކެއެވެ. ފާލަމުގެ ދެކުނުފަރާތުން، ފާލަމާ ކައިރިން އެހާ ރީތި ނޫނަކަސް ދެން އޮންނަ ހިސާބު ވަރަށް ރީއްޗެއެވެ. އެތަނުން ކޮނަމެ ދުވަހަކުވެސް ފެންނަ އެއްކަމަކީ ގެދޮރު އިމާރާތްކުރުމަށް ވެލި ނަގަން ގޮސް އުޅޭ ޑަމްޕަރު ތަކެވެ. ގޮނޑުދޮށުން ދުއްވާފައި، އެންމެ ރީތި ވެލި ހުރި ހިސާބަކަށް ގޮސް ފަކީރާ ޖަހާފައި ކޮނެ ވެލިނަގާ ޑަމްޕަރު ބަރުކުރެއެވެ. ރަށުގެ އަތިރިމަތީގައި އޮޑި ހަރުގެ ތަކެއް ވެސް ހުރެއެވެ. ބައެއް ހަރުގެ ތަކަށް ބޮއްކުރާ ފަދަ އެއްޗެހި ވައްދާފައި ވެސް ހުރެއެވެ. ރަށަށް މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓުފަހަރު ފާލަމަުގެ ކައިރީ ބަނދަރު ނުކުރެވޭތީ ބޯޓުތައް އަޅާފައި އޮންނަނީ ފާލަމާ ތަންކޮޅެއް ބޭރުގައެވެ. މުދާތައް ފާލަމާ ހަމައަށް ގެންނަނީ ބޮކުރާ އާއި ކުދި ދޯނިފަހަރުގައެވެ.

ރަށުގެ މީހުން މަގުމަތީގައި އުޅެނީ ހިނގާފައެވެ. ކޮންމެވެސް ވަރަކަށް ބައިސްކަލް ތައް ފެންނަ އިރު ދެތިން ސައިކަލެއް ރަށުގައި ދުއްވާ އުޅެއެވެ. އެއްޗެހި އުފުލަން ގެންގުޅެނީ ގާޑިޔަލެވެ. އެގޮތުން ސައިގޭ ބޮޑު ގާޑިޔާ އެއީ ވަރަށް މަޝްހޫރު، ވަރަށް ގިނަމީހުން އޭގެ ބޭނުން ކުރާ އެއްޗެކެވެ.

1990ގެ އަހަރު ތަކަށް އެޅުމުން މިމަންޒަރުތައްް ބަދަލުވާން ފަށައިފިއެވެ. އެއްދުވަހު އަތިރި މައްޗަށް ދިޔައިރު ބޮޑު ބިޔަ އެއްޗެއް، ފާލަމުގެ ކޮޅުން، ތަންކޮޅެއް ބޭރުގައި އޮތްވާފެނިއްޖެއެވެ. ބޮޑެތި މީހުން އެއަށް ނަންކިޔާ އުޅޭ އަޑު އަޅުގަނޑަށް އިވެނީ ކޮންނަބޯޓެވެ. އެބޯޓުން ފެށިގެން ދުރަށް ވަރަށް ދިގު ހޮޅި ލައިނެއްވެސް އަޅާފައި އޮވެއެވެ. ކޮންނަބޯޓް އެ އޮންނަ ހިސާބެއް ފުން ކުރަމުން އޭތި ދާއިރު ހޮޅިލައިނުގެ ކޮޅުން ޕްރެޝަރުގައި ވެލިއާދެއެވެ. ދުވަސް ކޮޅެއްގެ ތެރޭގައި ފާލަން އޮތް ހިސާބު އެއްކޮށް ފަސް އާޅާ ލައިފިއެވެ. މިހެން ފަސް އަޅަމުން ގޮސް ދުވަސް ކޮޅެއްގެ ތެރޭގައި އިސްމެހެލާ ހެރަ އާއި މީދޫ އާއި ގުޅިއްޖެއެވެ. ހިއްކި ސަރަހައްދުގައި އެތެރެއަށް ވަގޮތަށް ، އިނގިރޭސި “ޑީ” އަކުރު އޮންނަ ބައްޓަމަށް ބަނދަރެއް ހަދައި އެތަނުގައި ސިމިންތިން ތޮއްޓެއް ލާފައި ހެދުނެއެވެ. އެހެން ކަމުން ކުރީގައި ރަށް ބޭރުގައި ބޮޑެތި ބޯޓުފަހަރު އަޅާފައި ބޭއްވި ބޭވުން ނިމުމަކަށް އައިސް، އެ ބޯޓުތައް ބަނދަރުގައި އަޅާފައި ބޭއްވޭނެ ގޮތް ވެގެން ދިޔައެވެ.

ސްކޫލް ދުވަސް ވަރުގެ ހަނދާންތަކުން ބަލާލާއިރު އަޅުގަނޑު ޔޫކޭޖީ އަށް މީދޫ ސްކޫލަށް ދިޔައީމެވެ. ޔޫކޭޖީ ގައި އަޅުގަނޑުމެންނަށް ކިޔަވައި ދެއްވީ މީދޫ ސްކޫލްގެ ޕްރިންސިޕަލް، ސ.މީދޫ ހެޕީވިލާ މަޖީދު (އެޅަގޭ މަޖީދު) އެވެ. މީދޫ ސްކޫލްގައި ކިޔަވަން ފެށިތާ މާގިނަ އަހަރުތަކެއް ނުވަނީސް ސްކޫލަށް 25 އަހަރު ފުރުމާއި ގުޅިގެން ސްކޫލްގެ ނަން ޝަމްސުއްދީން ސްކޫލަށް ބަދަލުވެއްޖެއެވެ.

އަޅުގަނޑު ހަނދާންވާ ގޮތުން ރަށުގައި ހުކުރު ކޮށް އުޅުނީ އެންމެ މިސްިތެއްގައެވެ. އެއީ މީދޫ ސްކޫލްއާއި އެއް އިންވެގެން ހުންނަ މިސްކިތުގައެވެ. އެއީ ރަށުގެ މާމިސްކިތެއެވެ. ނަމަވެސް ރަށުގެ ހުރަސް މަގުގައި ހުރި ކުޑަ މިސްކިތެއް، އެތަނުގައި ވަޅުލާފައި ހުރި މިނިކަށި ތައްނަގައި، އެމިސްކިތް ބޮޑު މިސްކިތެއްގެ ގޮތުގައި އަލުން އިމާރާތް ކުރެވުނެއެވެ. އަދި އެމިސްކިތަކީ ރަށުގެ ހުކުރު މިސްކިތް ކަމުގައި ހަމަޖެހުނެއެވެ.

1990ގެ ކުރީ ކޮޅެއެވެ. ރަށުގެ މަގުތަކުގައި ކާނު ކޮންނަން ފެށުނެއެވެ. އެކާނު ތަކަށް ކަރަންޓް ކޭބަލް ލައި، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިންޖީނުގެއެއް ހަދައި، ބޮޑު 4 ޖަނަރޭޓަރު ބަހައްޓައިގެން، ގޭގެއަށް 24 ގަޑި އިރު ކަރަންޓް ދޭން ފެށުނެއެވެ.ރަށުގެ މަގުތަކުގައި ބައްތިޖަހައި އިރު އޮއްސިގެން ގޮސް އަނެއް ދުވަހު ފަތިހު އަލި ވަންދެން މަގު މަތީގައި ހުންނަ ބައްތިތައް ދިއްލިފައި ހުރެއެވެ. ކަރަންޓް ކޭބަލް ވަޅުލަން ކާނުތައް ކޮނުނުތާ މާގިނަ ދުވަސްތަކެސް ނުވެ އަނެއްކާވެސް މަގުގެ އަނެއްފަޅީގައި ކާނުތައް ކޮނެ، ދިރާގުން ކޭބަލް ވަޅުލައި، ރަށަށް ފޯނުގެ ހިދުމަތް ދޭން ފެށިއެވެ.

ކަރަންޓާއި ފޯނުގެ ހިދުމަތްލިބުނުތާ ދެތިން އަހަރެއްގެ ތެރޭގައި، ޝަމްސުއްދީން ސްކޫލްގެ އާ އިމާރާތެއްގެ ބިންގާ އަޅައި ފެންވަރު ރަގަޅު ބޮޑު އިމާރާތެއް ހެދުނެއެވެ. ޝަމްސުއްދީން ސްކޫލްގެ ކިޔެވުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ފަހަކާއި ހަމައަށް ބަދަލު ކުރެވުނެއެވެ. އަދި ސ.އަތޮޅު މަދަރުސާގައި ކޮމާސް ސްޓްރީމް އަށް ގްރޭޑް އަށެއްގެ ކިޔެވުން ފެށުނެއެވެ. އަދި އަތޮޅުމަދަރުސާ އަކީ ގްރޭޑް ހަޔަކުން ދިހަޔަކަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެހުނެއެވެ.އަދި އަތޮޅު މަދަރުސާގައި އޯލެވެލް ހެދުމުގެ ފުރުސަތު ލިބިގެން ދިޔއެވެ. އަދި ދެ އަހަރެއްގެ ތެރޭގައި އަތޮޅު މަދަރުސާގައި ސައިންސް ސްޓްރީމްއަށް ވެސް ކިޔަވައިދޭން ފެށިއެވެ. ސްކޫލްގެ ލަވައެއްގެ ގޮތުގައި ‘ޅަފަތުގާ އުގެނެމާ’ މިލަވަ އޮތްނަމަވެސް ސްކޫލްގައި ދަށް ގްރޭޑް ތަކުގެ ކުދިންނެއް ނުތިބެއެވެ.

1990 އިގެ އަހަރުތައް ނިމި މުޅިން އާ ގަރުނައެއް ފެށުނު އިރު މީދޫ އަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ރަށުގައި ބައިސްކަލަށް ވުރެން ސައިކަލް ގިނަވެއްޖެއެވެ. ކާރާއި ޕިކަޕްތައް ވެސް މަގުމަތީގައި ދުވަންފެށިއެވެ. ކުރިން އެންމެ ބާރު ބޮޑުވި ސައިގޭ ގާޑިޔާ ގެ ބޭނުމެއް ނުހިފެއެވެ. މިކަންތައްތައް ހަމަޔަގީނުންވެސް ގިނަމީހުންގެ ހަނދާނުން ފޮހެވިގެން ނުދާނެއެވެ.


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް: , ,

ޚިޔާލު

  • manttiri ގެ ޚިޔާލަކީ:

    meehun hama nivegen hukurah 40 meehun hoadha geygeh gey handhaanas ma tebbin. Rashi karrantu dhinee Eesaafulhugey meehaa, beyregey .huseynu,ziyaarah abudhu mee enjeenugey staafaa.

Trackbacks