Live News From Hulhumeedhoo, Addu City

ހުޅުމީދޫ މަގު ބައްތިޖެހުން، ހުޅުދޫ މީހުންނާއި ، މީދޫ މީހުންގެ ހިޔާލް ތަފާތު.

ސާރކްސަމިޓް އަށް އައްޑޫސިޓީ ތައްޔާރު ކުރުމުގެ ގޮތުން އައްޑޫސިޓީގެ ބޮޑެތި މަގުތަކުގައި ،ކުރިން ހުރި ބައްތިއާއި ބައްތި ދަނޑިތައް ބަދަލުކޮށް އާ ބައްތިދަނޑިތައް ޖެހުމަށް ހިންގި މަޝްރޫޢުގެ ދަށުން، ހުޅުމީދޫ އަށް ވެސް އާއި ބައްތިތަކަކާއި  ދަނޑިތަކެއް ގެނެސްފައި އެބަހުއްޓެއެވެ. މިތަކެތި ގެނެސްފައި ހުންނަތާ ދެ އަހަރު ވެގެން ދިޔައިރު ވެސް އަދިވެސް ވަނީ އެބައްތި ދަނޑިތައް މަގުމަތީގައި ޖެހޭ ގޮތްނުވެފައެވެ. މިމައްސަލާގައި އައްޑޫސިޓީ ކައުންސިލްއިން ބުނަމުން ދަނީ ބައްތިތައް ނުޖެހިގެން އުޅެނީ ސަދަން ޔޫޓިލިޓީސް އިން މިކަމަށް އެއްބާރުލުން ނުދީގެން ކަމަށެއެވެ. އަދި ޔޫޓިލިޓީސް އިން ބުނަމުން ދަނީ އެމީހުންނަށް އެކަން ނުކުރެވިގެން އުޅެނީ ސިޓީ ކައުންސިލް އިން އެކަމަށް އެއްބާރުލުން ނުދޭތީ ކަމަށެއެވެ. މިކަން ހޫނުވެ، ބައްތިއާއި ބައްތި ދަނޑިތަކުގެ “މިލްކުވެރިކަން” ވެސް މިހާރު ވަނީ ނޭގުމެއްގެ ތެރޭގައެވެ. ކައުންސިލް އިން ބުނަމުންދަނީ ސާރކް ސަމިޓްގެ ތައްޔާރީތައް ވަމުންދިޔައިރު، އެކައުންސިލް އިން އަމިއްލަޔަށް، ހުޅުމީދޫގައި ވެސް ބައްތިޖެހުމަށް ނިންމައި، ‘އެކައުންސިލްގެ ބަޖެޓް’ އިން ގަނެފައިވާ ބައްތިއާއި ބައްތި ދަނޑިތަކެއް ކަމަށެއެވެ. ނަމަވެސް ޔޫޓިލިޓީސް އިން ބުނަމުން ދަނީ އެއެއްޗެހި އެއީ ޔޫޓިލިޓީސް އިން ހަރަދު ކޮށްގެން ގަނެފައިވާ އެއްޗެހި ކަމަށެއެވެ. ނަމަވެސް ކޮންމެ ބަޔަކު ޙަރަދު ކުރި ކަމުގައި ވިޔަސް، އެ ޙަރަދީ ސަރުކާރު ބަޖެޓް އިން ޙަރަދު ކޮށްފައިވާ، ރައްޔިތުންގެ ފައިސާ ނޫން އެހެން އެއްޗެއް ނޫނެއެވެ. މިތަކެތި ގެނެސް އޭގެ ބޭނުން ނުކޮށް ބަހައްޓާފައި ހުރެ ދަބަރަށް ވެގެން ދިއުމުން އެގެއްލިގެން ދަނީ ހަމަ ރައްޔިތުންގެ ފައިސާއެވެ.

ބައްތިތައް ހަރުކުރުމުގެ މަސްއްކަތް ކުރިޔަށް ގެންދަން ސިޓީކައުންސިލް އިން ވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ކުރަމުން އެބަދެއެވެ. ނަމަވެސް ކޮންމެވެސް ހިސާބަކުން، ‘ކޮންމެވެސް ބައެއްގެ އެއްބާރުލުމެއް ނުލިބިގެން’ މަސައްކަތް ކުރިޔަތް ގެންދެވިފައި ނުވެއެވެ. ފާއިތުވި ހަފްތާތެރޭގައި ކައުންސިލްއިން ބައްތިޖެހުމުގެ މަސްއްކަތް ކުރިޔަށް ގެންދަން އުޅޭ ކަމުގެ އަލާމާތްތަކެއް އަނެއްކާވެސް ފެނިއްޖެއެވެ. އެގޮތުން އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރު، އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލް މެމްބަރު، ހަސްން ޝާހިދު ވަނީ، ބައްތި ޖަހާނެ ގޮތަކާއިމެދު، ހުޅުމީދޫގެ ރައްޔިތުންގެ ޚިޔާލް ހޯދާފައެވެ. ނަމަވެސް މިފަހަރު ހުޅުދޫ އަވަށުގެ މީހުންނާއި މީދޫ އަވަށުގެ މީހުންގެ ޚިޔާލް މިކަމުގައި މިވަނީ ތަފާތު ވެފައެވެ. މީދޫ މީހުުން ބޭނުންވަނީ މިހާރުވެސް ހުރިގޮތަށް މަގުގެ މެދުގައި ބައްތި ދަނޑިތައް ހަރުކުރާށެއެވެ. ހުޅުދޫ ރައްޔިތުން ބޭނުންވަނީ މަގުގެ ދެފަރާތުގައި ބައްތި ދަނޑިތައް ހަރުކުރާށެއެވެ. އެހެންކަމުން މި ޚިޔާލް ތަފާތު ވުންތަކާއިއެކު، ބައްތިޖެހުމުގެ ކަންތަކަށް ވެގެންދާނީ ކިހިނެއް ކަމެއް ނޭގެއެވެ. ނަމަވެސް ރައްޔިތުން ޚިޔާލް ހޯދުމަށް ފަހު ހަސަން ޝާހިދު ވިދާޅުވެފައި ވަނީ ހުޅުދޫގައި ބައްތިޖަހާނީ ހުޅުދޫ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެއެވެ. އަދި މީދޫގައި ބައްތިޖަހާނީ މީދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެއެވެ.

ސިޓީ ކައުންސިލް ކުރާ ކަމަކާއި ގުޅޭގޮތުން ހުޅުމީދުގެ ރައްޔިތުން ހިޔާލް މީގެ ކުރިން މިކަމުގައި ހޯދާފައި ނުވާ އިރު، މަގުބައްތި ޖެހުމުގައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ސަރުކާރުންވެސް އަދި އެހެން ބަޔަކުވެސް، މީގެ ކުރިން ބައްތި ޖެހުމުގައި، ރައްޔިތުންގެ ޚިޔާލް ހޯދާފައިވާ ކަމެއް އިގޭކަށެއް ނެތެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ބައްތި ހަރުކުރުންފަދަ، ހުރިހާ ރައްޔިތުންނާއި ގުޅިފައިވާ ކަންތައްތައް ކުރާނެ ގޮތްތަކުގެ ޤަވާއިދު ތައް ހަދާފައި ހުރެއެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް އަދި އެފަދަ ކަންކަމަށް ޤަވާއިދެއް އެއްޗެއް ހެދިފައި ނުވެއެވެ.

މަގުމަތީގައި ބައްތި ހަރުކުން ފަދަ ކަންކަމަކީ ރައްޔިރުންގެ ތެރެއިން ބަޔަކަށް، އޭގެ އެންމެ ރަގަޅު ގޮތް ބުނެދޭން ނޭގިދާނެ ފަދަކަމެކެއެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި މިފަދަ ކަންތައްތައް ކުރާއިރު، އެކަން ކުރަނީ އެފަދަ ކަންކަމާއި ގުޅޭ މާހިރުން، ވަރަށް ގިނަ ސާރވޭތައް ކުރުމަށް ފަހުގައެވެ. އެގޮތުން މަގު ބައްތި ޖަހާއިރު، ބައްތި ޖަހާނެ ތަނެއް ނިންމަނީ، ވަރަށް ގިނަ ކަންކަން ބެލުމަށް ފަހުގައެވެ. އޭގެ ތެރޭގައި، މަގުގެ ފުޅާ މިން، މަގުގައި ދުވާއެއްޗެހީގެ އަދަދު، އަދި އެދަދު 20 ވަރަކަށް އަހަރުތެރޭގައި އިތުރުވެދާނެ ކަމަށް ލަފާ ކުރެވޭ މިންވަރު، މަގުމަތީގައި ޕޭވްމަންޓް ހެދިފައިވާ ގޮތް، ދުވާ އެއްޗެހި ދުއްވާ ބާރުމިން، ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް އުނދަގޫ ވެދާނެ ގޮތްތައް ( ސައިކަލް ފަދަ އެއްކެހި ދުއްވަފައިދާއިރު ބައްތީގެ އަލީގެ ސަބަބުން ލޮލަށް އެޅޭދޯދި ތަކުން، ދުއްވާ މީހާ އަށް އުނދަގޫވެ ކުރިމަތިން އަންނަ އެއްޗެހި، ނުވަތަ މަގު ހުރަސް ކުރާ މީހާ، ނުފެނުން)، މަރާމާތު ކުރަންފަސޭހަގޮތް ( އެގޮތުން ކަރަންޓް ފޮށިން ފެށިގެން، ވަޅުލާފައިވާ ނަރުތަކުން ގޮސް ބައްތީގައި ވާ ހޮޅިބުރިއާއި ހަމައަށް ދަތިކަމެއް ނެތި، އިތުރު ބޮޑު ޚަރަދަކާއި ނުލައި މަރާމާތު ކުރެވޭނެ ގޮތް)، ބޭނުން ކުރާ ބައްތީގެ ޑިސައިން އިން އެބައްތި އެއް އެންމެ އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރޭވޭނީ ކިހިނެއް ބޭނުން ކޮށްގެން ކަން، އަދިވެސް މިހެން ބަލަންޖެހޭ އެތައްކަމެއް، ކަމާއި ގުޅޭ މާހިރުން ބެލުމަށް ފަހުގައެވެ. އެފަދަ ޤައުމުތަކުގައި ޤަވާއިދުތައް ހެދިފައިވާ ގޮތުން އެކަމެއް ކުރެވޭނީ މިފަދަ ދިރާސާތައް ނިންމައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅައި އޭގެ އެޕްރޫވަލް ލިބިގެންނެއެވެ.

ހުޅުދޫ އާއި މީދޫގެ ރައްޔިތުން، އެބުނެފައިވަނީ އެމީހުން ބޭނުންވާ ގޮތްތަކެއެވެ. މަގުގެ އެއްފަރާތުގައި ބައްތި ހަރުކުރިޔަސް އަދި މަގުގެ މެދުގައި ހަރުކުރިޔަސް ފައިދާތަކަކާއި ގެއްލުންތަކެއް ހުންނާނެ ކަން ޤަބޫލު ކުރަން ޖެހެއެވެ. މިސާލަކަށް މީދޫ މީހުން ބޭނުން ވަނީ މެދުގައި ބަހައްޓާށެއެވެ. މިވަގުތައް ބަލާއިރު އެއީ އެންމެ ޚަރަދު ކުޑަ ގޮތް ކަމަށް ވެސް ވެދާނެއެވެ. އެއީ، މެދުގައި ހަރުކުރާނަމަ، މަގު ނުކޮނެ މިހާރު އަޅާފައި ހުރި ނަރުތައް ބޭނުން ކޮށްގެން، ހަމައެކަނި ކޮންކްރީޓް ބުޑު ބިންމައްޗަށް ފައްތާލާފައި، ބައްތި ދަނޑި ހަރުކުރުމުން، އެކަން އެ އޮތީނިމިފައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މަގުތަކުގައި ތާރު އަޅައި، މަގުތައް ހަދާފައި ހުންނަ އިރު، ކޭބަލަށް ކަމެއްވެގެން ކޮންނަން ޖެހޭ އިރު އިތުރު ޚަރަދުތައް ކުރަން ޖެހޭނެއެވެ. އަދި މިހާރު އަޅާފައިވަ ކޭބަލްތަކަކީ 15 ވަރަކަށް އަހަރުވެފައިވާ ކޭބަލް ތަކެކެއެވެ. އެހެންކަމުން މިހާރުވެސް ދޭތެރެ ދޭތެރެއިން ކޭބަލް މައްސަލަޖެހޭ އިރު އަދި ހަތަރު ފަސްއަހަރެއްފަހުން އިތުރު މައްސަލަތައް ނުޖެހޭނެ ކަމަށް ބަލައިގެން ވެސް ނުވާނެއެވެ. މެދުގައި ހަރުކުރުމުން މިނޫނަސް އެހެން ފައިދާތައްވެސް ހުންނާނެއެވެ. އަދި އިތުރު އެހެން މައްސަލަތައް ވެސް ހުންނާނެއެވެ.

މަގު ދެފަރާތުގައި ބައްތިޖެހުމުން، ދުއްވާ މީހުންނަށް މަގުމަތީގައި ދުއްވާއިރު ޖާގަ ބޮޑުވެފައި، ރާއްޖޭގައި އެއްޗެހި ދުވަން ވަކި ފަޅިއެއް ކަނޑައެޅިފައިވާ އިރު، ފަޅި ވަކި ކުރެވޭނެ އިމެއް ނުހުންނާނެއެވެ. ޕޭވްމަންޓްގައި ހިނގާ މީހުންނަށް ރަގަޅަށް އަލިވިޔަސް، ބައެއްފަހަރު ގަސްތަކުން ބައްތި ފޮރުވިފައިވެސް ހުރެދާނެއެވެ. އަދި މީހާރު ބައްތި ހުރިގޮތުން އިތުރު ކޭބަލް ވަޅުލާ ކަންތައް ކުރަންޖެހުމުން ބައްތި ހަރުކުރަންދާ ޚަރަދުވެސް ބޮޑުވާނެއެވެ. ނަމަވެސް މަގުގެ ދެ ފަޅީގައި ބައްތި ހަރުކުރާއިރު، ހޮޅިއަޅައިގެން ފަދަ ގޮތަކަށް ހަދައިފިނަމަ މިހާރު ޚަރަދު ބޮޑުވިޔަސް ފަހުން އޭގެ ފައިދާ ފެންނާނެއެވެ. ފަހުން ކުރަންޖެހޭ ޚަރަދުތައްވެސް ވެސް ކުޑަވާނެއެވެ.

އެހެންކަމުން މިފަދަ ކަންތައްތައް ރަގަޅަށް ދިރާސާކޮށް ކަންތައް ކުރުމުން ފަހުން އޭގެ ފައިދާ ކުރާނެއެވެ. މަގުމަތީގައި އެއްދުވަހު ގާ އަޅާފައި އަނެދުވަހު ނަރުދަމާ ހަދަން ގާތައް ނަގާފައި، އަނެއްދުވަހު ތާރު އަޅަން ވެގެން ގާތައް ނާގާފައި ހަދާ އުސޫލުން ކަންތައް ކުރުމުން އޭގެއިން ހަމަ ގެއްލުން ވަނީ ރައްޔިތުންނަށެއެވެ.

ބައްތިތައް ގެނެސް ބައްތި ނުޖެހި ވަނީ ދެ އަހަރަށް ވުރެން ގިނަދުވަސް ވެފައެވެ. އެހެން ކަމުން އަދިވެސް އިތުރު 6 މަސް ވަރު ދިޔަޔަސް އެކަން ރަގަޅަށް ކުރެވޭތޯ ބެލުން، ރިޔަސީ އިންތިޙާބަށް ކެމްޕެއިން ކުރުމުގެ ގޮތުން، ކަމެއް ކޮށްފީމޭ ބުނަން ކުރުމަށް ވުރެން ރަގަޅުވާނެއެވެ. ކަމައެއް ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ރަގަޅު ކަމެކެވެ. ނަމަވެސް އެފަދަ ކަންކަމުގެ މާހިރުންގެ ލަފާ އާއި ދިރާސާ ތަކަށް ފަހު، ރައްޔިތުންގެ ޚިޔާލް ހޯދުން ރަގަޅުވާނެއެވެ. އޭރުން ކަމުގެ މާހިރުން ބުނާ ގޮތަކާއި އެހެން ބުނަންޖެހޭ ސަބަބު ރައްޔިތުންނަށް އޮޅުން ފިލާނެއެވެ. އަދި އެންމެ ރަގަޅު ގޮތަކީ ކޮބައިކަން ވެސް އިގޭނެއެވެ.

(ބޭރުގައުމެއްގައި ޓްރާންސްޕޯރޓް ޑިޕާރޓްމަންޓް އިން ހަދާފައިވާ ބައްތި ހަރުކުރުމާއި ބެހޭ މެނުއަލް އެއް.)


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް: ,

ޚިޔާލު

  • ddg ގެ ޚިޔާލަކީ:

    ehgotthun rangalha magi medhe jahaa. sababkee heras magi lei meehun felany

  • އަޝްރަފް ގެ ޚިޔާލަކީ:

    ވަރަށް ރަގަޅަ ލިޔުމެއް. ކުރިއަށް ރޭވިގެން ނޫނީ ބޮޑު ޚަރަދު ކުރާކަށް ނުވާނެ. އެހެންނޫނީ ބެކާރު ގޮތުގައި ހޭދަވަނީ ރައްޔިތުންގެ ފައިސާ. އެންމެން އުފާ ކޮށްދިނުމަކީ މިދުނިޔޭގަ ވާނެކަމެއްނޫން. އިންޖިނިއަރުންގެ ބަހާއެކު ގޮތެއް ނިންމުން ރަގަޅީ.

  • kamana ގެ ޚިޔާލަކީ:

    Shahid beniakas hurihaa emen nurusseyne. russan ulhe emmen nuruheythan fenaanee.

Trackbacks