Live News From Hulhumeedhoo, Addu City

ބަޣާވާތުގެ އަޑީގައި ތިބީ ކޮންބައެއްހެއްޔެވެ؟

(މިލިޔުމަކީ 15 މޭއި 2013 ވަނަ ދުވަހު އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، ހަސަން ޝާހިދު، އެބޭފުޅާގެ އަމިއްލަ ބްލޮގް ގައި ޝާޢިއު ކޮށްފައިވާ ލިޔުމެކެއެވެ.)

2009 ވަނަ އަހަރު ބޭއްވި ކޯޕަންހޭގަން ސަމިޓްގައި ރައީސް ނަޝީދުވަނީ ދިވެހިން ފަޚްރުވެރިވާފަދަ ދައުރެއް އަދާކޮށްފައެވެ. ސަމިޓް ހިނގަމުން ދިޔައިރު ދުނިޔޭގެ މީޑިއާތަކުގައި ރައީސް ނަޝީދުގެ އިންޓަވިއުތައް މެދުކެނޑުމެއްނެތި ދައްކަމުންދިޔައެވެ. ރައީސް ނަޝީދުގެ އިސްނެންގެވުމާއި، ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން އެމެރިކާ، އިންޑިއާ، ޗައިނާ އާއި ބްރެޒީލްގެ ހަކަތައިގެ ސިޔާސަތުތައް ބަދަލުކުރަން މަޖްބޫރުވާ ވަރުގެ ކޯލިޝަނެއް ސަމިޓްތެރެއިން އުފެދިގެން ދިޔައެވެ. އިންޑިއާ އާއި އެމެރިކާއަށް އެމަންޒަރު ބަލަން ކެތްނުކުރެވުނުއިރު، ސަމިޓް ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެން އެއްމެ ފުރަތަމަ ބައްދަލު ކުރައްވަން ޖެހިވަޑައިގަތީ، ޗައިނާގެ ފޮރިން މިނިސްޓަރާ އެވެ. އިންޑިއާ ރުއްސުމަށްޓަކައި ރައީސް ނަޝީދު ކުރެއްވި ކަންތައްތަކުން އާޚިރުގައި އިންޑިއާއަށް ކުރި ފައިދާއެއްވެސް ނެތެވެ.

އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަކީ ތާރީޚީ ސަމިޓެކެވެ. މިސަމިޓް ވެގެން ގޮސްފައިވަނީ، ދެކުނު އޭޝިއާ ދުނިޔެއަށް ފާޅުވެގެން ދިޔަ ސަމިޓަކަށެވެ. ޒަމާނުއްސުރެ ސިއްރިޔާތުގައި ބާއްވަމުންދިޔަ ސަމިޓްތަކާއި ޚިލާފަށް މިސަމިޓް ބޭއްވީ އޮބްޒާވާރ ގައުމުތައް ބައިވެރިކޮށްގެންނެވެ. މިގޮތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އޮސްޓްރޭލިއާ، ޗައިނާ، ޔޫރަޕިއަން ޔޫނިއަން، އީރާން، ޖަޕާން، ކޮރެއާ، މޮރިޝަސް، މިޔަންމަރ އަދި އެމެރިކާއަށް ދައުވަތު ދިނެވެ. މިގައުމުތަކުގެ ހާޒިރުގައި، 17 ވަނަ ސާކް ސަމިޓް ނިމިގެންދިޔައިރު، ސާކް ގައުމުތަކުގެ ވެރިން ވަނީ، ދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.” ބައިނަލްއަޤްވާމީ ސިޔާސީ މައިދާނުގައި ދެކުނު އޭޝިއާ އެކަހެރިވެފައި އޮންނަތާ ޒަމާންތަކެއްވެއްޖެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ސަމާލުކަންވަނީ ހުއްޓިފަ. އެހެންކަމުން މިވަގުތަކީ އަޅުގަނޑުމެން ފާޅުވާންވީ ވަގުތު” ސަމިޓް ފައްޓަވައިދެއްވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ކުރެއްވި މަސައްކަތަކީ، ފާހަގަކޮށްލެވޭ ޤައުމީ މަސައްކަތެކެވެ. އިނގިރޭސިވިލާތުން ފޯޅަވަހި (ފެހެންދީބް) ހިމެނޭ ސަރަހައްދުގެ ކަނޑުގެ ތިމާވެށިހިމާޔްތް ކުރުމުގެ ނަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކުލެވޭގޮތަށް ގާނޫނީ ނިޒާމެއް އެކުލަވާލަން މަސައްކަތްކުރަމުންދާކަން، ރާއްޖޭގެ ޚާރިޖިއްޔާއަށް އެނގުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ނާރާގޮތަށް އެކަން ކަނޑައެޅުމަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް އެންގިއެވެ. ފޯޅަވަހި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ފާހަގަކުރަންޖެހޭ އެއްވެސް މައްސަލައެއް ވާނަމަ އެކަން ފައިލްކުރަންޖެހޭ މުއްދަތު 2008 ގެ ނޮވެމްބަރު މަހަށް ހަމަވައިރު މައުމޫނުގެ ސަރުކާރުން އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވެއެވެ. ނަމަވެސް، ރައީސް ނަޝީދުގެ ސަރުކާރުން މިމައްސަލަ ދޫނުކޮށް، އ.ދ އަށް ހުށަހެޅިއެވެ.

ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ މިނިވަން އިންސާފުވެރި އިންތިހާބު ކާމިޔާބުކުރެއްވި ރައީސް މުހައްމަދު ނަޝީދު 7 ފެބްރުއަރީ 2012 ވަނަ ދުވަހު އިސްތިއުފާދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު އިތުރަށް ދަމަހައްޓަން މަސައްކަތްކޮށްފި ނަމަ ރާއްޖެ އަށް ބޭރުގެ ނުފޫޒުތައް އައުމަކީ ވަރަށް އެކަށީގެންވާ ކަމަކަށް ވިދާޅުވި ވިދާޅުވިއެވެ.

11 ޑިސެމްބަރ 2008 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވުމަށްފަހު ރައީސް ނަޝީދު ކުރެއްވި އެއްމެ މުހިއްމު މަސައްކަތަކީ، ބޭރުގެ ބާރުތަކުގެ އަޅުވެތިކަމުން މިރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި މަސައްކަތެވެ. ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަ ކޮށް ފުދުންތެރި ޤައުމަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތެވެ. އަދި ހަމައެއާއެކު، ބައިނަލްއަޤްވާމީ ދާއިރާގައި، ގަދަރު އުފުލިގެންވާ ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބަސްވިކޭ ގައުމަކަށް ހެއްދެވުމުގެ މަސައްކަތެވެ. މިގޮތުން ކުރެވުނު މަސައްކަތުގައި، އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަމަށް ރާއްޖެ އިންތިޚާބު ވުމަކީ، ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. މީގެ އިތުރުން ތިމާވެށީގެ ދާއިރާން ރައީސް ނަޝީދު ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށްވީ، ދުނިޔޭގެ ސިޔާސީ މައިދާނުގައި ގަދަރު އުފުލި އިހްތިރާމް ލިބިގެންވާ ގައުމަކަށް ރާއްޖެ ބަދަލުވުމެވެ.

އިންސާނީ ހައްގުތަކާއި، ތިމާވެށީގެ ދާއިރާއިން ދުނިޔޭގެ މަގުބޫލުކަން ދިވެހިރާއްޖެއަށް ލިބުމަކީ ބާރުގަދަ އިންޑިއާ އާއި އެމެރިކާގެ އަޅުވެތިކަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއަށް ވަކާލާތުކުރަން ލިބިގެންދާނެ ފުރުސަތެކެވެ. ދިވެހިރާއްޖެ އަޅުވެތިކަމުން ސަލާމަތްކުރުމަށްޓަކައި އެއްމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިރާއްޖެއަކީ، މުއްސަނދިންނާއި ފަޤީރުންގެ ތަފާތު ކުޑަ، ވިޔަފާރީގައި ހަމަ ހަމަ ފުރުސަތު ހުރިހާ ރައްޔިތުންނަށް ލިބިދެވޭ ގައުމަކަށް ހެދުމެވެ. މިމަސައްކަތް ވެގެންދިޔައީ ރާއްޖޭގެ މަހުޖަނުން ރުޅިގަދަވެ، ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހަދަންފެށި މަސައްކަތަކަށެވެ. މަހުޖަނުންގެ ރޭޑިއޯ ޓީވީ ޗެނަލްތަކުން، އެމީހުންގެ އަތްދަށުވެފައިތިބި “އިގްތިސާދީ މާހިރުން” ބޭނުންކޮށްގެން، ޓެކްސްގެ ނިޒާމާއި ދޭތެރޭ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދިއެވެ. ޓެކްސްއާއި ގުޅޭ ގާނޫނުތަކަށް ރައްޔިތުންގެ މަޖިލީސް ތެރެއިން ހުރަސްއެޅިއެވެ. ޖުޑިޝަރީގެ ތެރެއިން މަހުޖަނުންގެ ފަސާދައިގެ މައްސަލަތަކަށް ފަސްއަޅައި ފޮރުވިއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކާއި، މަހުޖަނުން ގުޅިގެން ސަރުކާރަށް ކުރިމަތި ކުރި ފިއްތުންތަކަށް ރައީސް ނަޝީދު ފަހަތައް ޖެހިވަޑައި ނުގަތުމުން، ދެން އެބައިމީހުން ނިންމީ މިރާއްޖޭގެ ސަލާމަތީ ބާރުތައް ގަޑުބަޑުކުރުމަށްފަހު، ބަޣާވާތަކުން ރައީސް ނަޝީދު ވެރިކަމުން ދުކުރާށެވެ.

އަމިއްލަ އެދުމުން ފޯވެގެންތިބެ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ފައިދާ އެއްމެ ފުރިހަމައަށް ބޭނުންކުރި އެއްބަޔަކީ އެމެރިކާގެ ޖާސޫސުންނާއި އިންޑިއާގެ ޑިޕްލޮމޭޓުންނެވެ. އެކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެމެރިކާ އާއި އިންޑިއާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައީސް ނަޝިދު ވެރިކަމުން ދުރުކުރުން ނޫން ގޮތެއްނެތްކަން ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރު ވަނީ ދައްކާފައެވެ. ސީ.އައި.އޭ އަކީ އެމެރިކާ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންކުރާ އެއްމެ ތޫނު ހަތިޔާރެވެ. އެމީހުންގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި، ގައުމުތަކުގައި ސިއްރު ރޭޑިއޯ ތަކާއި ޓީވީ ސްޓޭޝަންތައް ހިންގައެވެ. ބޮޑެތި ވިޔަފާރިތައް ގައުމުތަކުގައި ހިންގައެވެ. އެންކަމުން ބަޣާވާތް ހިންގުމުގައި ސީ.އަ.އޭގެ އެހީތެރިކަން އިދިކޮޅު ފަރާތްތަކަށް ލިބުނުކަން ޚުދު އެމީހުންވެސް ގަބޫލެއް ނުކުރާނެއެވެ.

ބަޣާވާތް ކުރުވުމަށްފަހު، ދަހިވެތިކަމާއެކު ބުޅާ މަސްގަނޑަށް ބަލަން އޮންނަ ގޮތައް އިންޑީއާ އާއި އެމެރިކާއިން އޮތީ ރާއްޖޭގެ މައްޗަށް ވެރިވެގަންނަން ތައްޔާރަށެވެ. އެބައި މީހުން ހީކުރީ ރާއްޖޭގައި ހިނގަމުންދިޔަ ހަމަނުޖެހުން މައިތިރި ކޮށް، ވެރިކަން ދިފާއުކޮށްދިނުމަށް އެދި، ރައީސް ނަޝީދުގެ އިޝާރާތެއް ލިބޭނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އިސް ކުރެއްވީ އެމަނިކުފާނުގެ ވެރިކަމަށްވުރެން މިރާއްޖޭގެ މިނިވަންކަމެވެ.

ހަނދުމަފުޅަށް ގެންނަވާށެވެ. 3 ނޮވެމްބަރ 1988 ނުވަތަ “އޮޕަރޭޝަން ކެކްޓަސް” އެއީ ކޮންބަޔަކު ހިންގި އޮޕަރޭޝަނެއްތޯއެވެ؟

އިންޑިއާ އާއި އެމެރިކާގެ ރޭވުން ނާކާމިޔާބުވުމުން، ދެން އެ ދެޤައުމުން ނިންމީ ވަހީދު ހަސަންމަނިކުގެ ވެރިކަން ބަލައިގަނެ، ރާއްޖޭގެ އެވަގުތު ހިނގަމުންދިޔަ ހަމަނުޖެހުން މައިތިރި ކުރުމުގެ ނަމުގައި ރާއްޖެއަށް ސިފައިން ފޮނުވުމަށެވެ. އެކަން އެގޮތައް ކުރުމަށްޓަކައި، އިންޑިއާ ސިފައިންގެ މަނަވަރުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރޭގައި ބަޣާވާތްކުރި ދުވަހުން ފެށިގެން ހަރަކާތްތެރިވަމުން ގެންދިޔައެވެ. އެމެރިކާ ސިފައިން ތައްޔާރުވެގެން ތިބީ ފޯޅަވަހީގައެވެ. ފޯޅަވަހި (ފެހެންދީބް) އަކީ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތައް ބެހިފައިވާ 4 ބައިގެ ތެރެއިން އެއްމެ ދެކުނަށް އޮތް ބައެވެ. ފެހެންދީބް އެކުލެވިގެންވަނީ 5 އަތޮޅުގެ މައްޗަށެވެ. މިދެންނެވި 4 ބައިގެ ތެރެއިން ލަކްޝަދީފް އޮތީ އިންޑިއާގެ ބާރުގެ ދަށުގައެވެ. ލަކްޝަދީފް ގެ އަތޮޅުތަކުގައި މިހާރުވެސް ދިވެހިން ދިރިއުޅެއެވެ. ދިވެހިރާއްޖޭގެ ވެރިކަން މިހާރު ކުރަމުން މިދަނީ، މަހަލްދީބް އާއި ސްވާދީބް ގައެވެ.

7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގައި ހިންގި ބާޣާވާތަކީ، މިރާއްޖެއިން ގެއްލިގެން ގޮސްފައިވާ ލަކްޝަދީބް އާއި ފެހެންދީބް އަނބުރާ ހޯދުމަށް ވަކާލާތު ކޮށްފާނެ ރަައީސަކަށް ރައީސް ނަޝީދު ވުމެވެ. މިކަން ކުރަން އުޅޭ ކޮންމެ ރައީސަކާއި ދެކޮޅަށް 7 ފެބްރުއަރީ ބަޣާވާތްކުރި މީހުން ބަޣާވާތް ކުރާނެއެވެ. ބަޣާވާތް ކުރުވާނީ 7 ފެބްރުއަރީ ބަޣާވާތް ކުރުވިހެން ދިވެހިން ކުރިއަށް ނެރެގެންނެވެ. ނަމަވެސް ލަކްޝަދީބް އާއި ފެހެންދީބް ގެ އަތޮޅުތައް އަނބުރާ ރާއްޖެއަށް ލިބެންޖެހެއެވެ. އެ ދެބަޔަކީ ރާއްޖޭގެ ސަރަހައްދުކަން އެހެރީ ތާރީޚްތަކުން ފެންނާށެވެ. ގެއްލިގެންދިޔަ ރާއްޖެ އަނބުރާ ލިބޭނީ، އަމިއްލަ އެދުމަށްވުރެން ގައުމު އިސްކޮށްގެންނެވެ.

މިރާއްޖޭގެ ތާރީޚުން ފެންނަންއޮތް ކޮންމެ ބަޣާވާތެއް ހިންގާފައިވަނީ ބޭރު މީހުންނެވެ. ނަމަވެސް ދިވެހިން ކުރިޔަށް ނެރެގެންނެވެ.

ޚިޔާލު

  • Ismail ގެ ޚިޔާލަކީ:

    Bulhaa mas bulhalah kaan dheefa
    Qaumatakaa dheenahtakaa ey kiyaa meehun ge visnun thi hisaabah nuves dhaane
    Hathiyaaru hifaigen qaumuthakah araa isthiumaaru ge verikan dhiya fahun america in mulhi dhuniyeyga emeehunge hannfathuraafa vanee mikahala ethifaharu hadhaigen

  • huzam ގެ ޚިޔާލަކީ:

    މި ލިޔުމުގައި އެމެރިކާއާއި އިންޑިއާއަށް ކޮށްފައިވާ ތުހުމަތު ތަކަކީ، ޝާހިދުގެ ހިޔާލީ ފޮލާތޯ ނުވަތަ އެކަމުގެ ކިތާބީ ހެކި އެބަހުރިތޯ.. އިންޑިއާވެސް އެމެރިކާވެސް، މިޤައުމުގެ އިތުރުން އެހެން ގައުމެއް ކަމުގައިވިއަސް ނުފޫޒް ފޯރުވަން ބޭނުންވާނެ… މިގޮތުން އެމް،ޑީ،ޕީ ސަރުކާރުގައި ޖީއެމްއާރު ގެނައި ގެނައުން އެއީ ތިޔަ ވިދާޅުވާ ނުފޫޒް ފޯރުވުމަށް މަގުފަހިވެގެން ދިޔަކަމެއް. އެމެރިކާއަށްވުރެ ނުފޫޒް މުހިއްމީ އިންޑިއާއަށް މިސަރަހައްދުގައި.. 7 ފެބުރުއަރީގައި ހިގާ ދިޔައީ ބަޣާވާތެއްކަން މަވެސް ޤާބޫލުކުރަން…

  • ޒިޔާދު ގެ ޚިޔާލަކީ:

    ޝާހިދު މިލިޔުން ލިޔެފައިވަނީ ކިހާވަރެއްގެ ސާރވޭއެއް ކޮއްގެންބާ ބަގަވަތޭ ބުނާއިރު ބަގާވާތް ކުރީ ކެނެރީގޭ ތެރެއިން އައި އޯޑަރަކަށް ތިޔަ ޝާހިދުމެންނޭ ކީކޭ ތިޔަ ކިޔަނީ އައްޑޫގެ ގިނަ އިމާރާތް ތަކެއްގައި ހުޅުޖެހީ ކޮންބައެއްބާ؟ ވެރިކަމުގެ ދަހިވެތިކަމުގައި އައްޑޫ ރައްޔިތުންގެ ޖީބުތަކަށް މަހެއްގެ މައްޗަށް މިލިޔަނުން ރުފިޔާ ލިބެމުންއައި ތަންތަން ހުޅުޖެހި މީހުން ތިޔަވިދާޅުވަނީ ބަގާވާތޭ ވަގުންގެ ފޮށި ބާރަށް ބަންނާނެ (މިއީ މުސްކުޅި ހަރުބަހެއް)

Trackbacks