Live News From Hulhumeedhoo, Addu City

ހުއްދަނުނަގާ ފާނައިގެ މަސްވެރިކަން ކުރުން މަނަ ކުރާ ގަވާއިދު ގެޒެޓް ކޮށްފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދު ގެޒެޓު ކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ގެޒެޓު ކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ ފާނާގެ މަސްވެރިކަން ކުރެވޭނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗާ ކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދުގެ ދަށުން ސައްހަ ލައިސެންސެއް ނަގައިގެނެވެ. އަދި ލައިސެންސެއް ނެތި ފާނަ ބާނާ ފަރާތްތަކުގެ މަސް ގަތުމާއި، އެ މަސް އެކްސްޕޯޓް ކުރުމަކީ މަނާ ކަމެކެވެ.

އަދި މި ގާވާއިދުގެ ދަށުން ފާނަ ބާނާ މިންވަރު މޮނީޓާ ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މެދުގައި މެނޭޖުމަންޓް ކޮމެޓީއެއް އެކުލަވާލަން ޖެހޭ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ. އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ފާނަ މަސްވެރިކަން ކުރެވޭނީ ހަމައެކަނި އަތު ނަނުންނާއި ފައްތާ ނަނުންނެވެ.

ފާނަ މަސްވެރިކަން ކުރެވޭނީ އެ ފަރާތަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް، ކޯޓާއެއްގެ ދަށުންނެވެ. އެގޮތުން ކޯޓާ ކަނޑައެޅޭނީ ފާނަ ސްޓޮކް ދިރާސާ ކުރުމަށް ފަހު ކަނޑައެޅޭ މިންވަރަކުންނެވެ. ފާނައިގެ ސްޓޮކް ދިރާސާ ކުރާނީ މިނިސްޓްރީން ގާއިމު ކުރާ މޮނީޓަރިން އެންޑް ސަވައިލެންސް ނިޒާމެއްގެ ދަށުންނެވެ.

ގަވާއިދުގައި ވަނީ ފާނަ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ފާނަ އާލާ ކުރުމަށް އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ފަސް ސަރަހައްދެއްގައި ކުރުން މަނާވެސް ކޮށްފައެވެ. އެގޮތުން އެ ސަރަހައްދުތަކަކީ ކ. ދިއްފުށި ކަނޑުއޮޅިއާ، ޅ. އަލިގައު ކަނޑުއޮޅިއާ، ވ. ފަރުކޮޅު ކަނޑުއޮޅިއާ، މ. ކުޑަ އަދި ބޮޑު ކަނޑުއޮޅީގެ އިތުރުން ދ. ކުޑަހުވަދޫ ކަނޑުއޮޅި އެވެ.

މި ގަވާއިދުގެ ދަށުން ބޭނޭނީ އެންމެ ކުޑަވެގެން 20 ސެންޓިމީޓަރު ހުންނަ ފާނައެވެ. އަދި އެކްސްޕޯޓް ކުރެވޭނީ ދިރޭ ފާނަ ނުވަތަ ފާނައިން އުފައްދާ ބާވަތްތަކެވެ. އަދި މި ގަވާއިދަށް އަމަލު ކުރަން ފަށާނީ އިއްޔެއިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކަށް ފަހުއެވެ.

ޚިޔާލު

  • Human ގެ ޚިޔާލަކީ:

    dhen iveynee huifilanda negun manaa kuraa qawaaidheh ge vaahaka aa guest house meehunulhey rahrashuga elhun manaa kuraa qawaaidheh ge vaahaka thoacheh

Trackbacks