Live News From Hulhumeedhoo, Addu City

އަލް-އަންދަލުސްގައި ބައިބައިވުން: ޠާއިފާ ގެ ޒަމާން

އިސްލާމީ ތާރީހުގެ ތެރެއިން ތަކުރާރުކޮށް ފެނިގެން ދިޔަ ކަންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ އެތެރޭގެ ބައިބައިވުންތަކުގެ ސަބަބުން އިސްލާމީ އުއްމަތް ބަލިކަށިވެ ވީރާނާވެގެން ދިއުމެވެ. މިކަމުގެ އެންމެ ބޮޑު އެއް މިސާލަކީ މީލާދީން 11 ވަނަ ޤަރުނުގެ އަލް-އަންދަލުސް (މުސްލިމް ސްޕެއިން) ގެ ޠާއިފާގެ ޒަމާނެވެ. މީލާދީން 700ގެ އަހަރުތަކުގައި އުމަވީ ޚިލާފަތުގެ ދަށުން އަލް-އަންދަލުސް ގާއިމު ވެފައިވަނީ ބާރުގަދަ އަދި ތިޔާގި ޕްރޮވިންސްއެއްގެ ގޮތުގައެވެ.  މީލާދީން 750ގެ އައްބާސީ އިންޤިލާބަށް ފަހު އަލް-އަންދަލުސް ވެގެން ދިޔައީ އުމަވީންގެ ތެރެއިން ބާކީ ތިބި މީހުންގެ ބާރުހިނގާ ވަކި ދައުލަތަކަށެވެ.

އަލް-އަންދަލުސްގެ އެންމެ މަތީ އުސްމިންތަކަށް ގޮސްފައިވަނީ މިލާދީން 1000 ހިސާބުގައެވެ. އޭރު ޤުރްޠުބާގެ އުމަވީ ޚިލާފަތް ވެގެން ދިޔައީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން މުޅި ހުޅަނގު ޔޫރަޕްގެ އެންމެ ބާރުގަދަ ދައުލަތް ކަމުގައެވެ. މުސްލިމް ދުނިޔޭގަ ހިމެނުނު ކުރިއަރާފައިވާ ހަޟާރަތްތަކުގެ ތެރޭގައި ހިމެނޭ އިރާޤް، ފާރިސްކަރަ އަދި މިސްރުފަދަ ތަންތަނާ އެއްވަރަކަށް އިލްމީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި އަދި އާރޓް ގެ ރޮނގުން ކުރިއަރާފައެވެ. ނަމަވެސް މިހުރިހާ ކަމެއް 50 އަހަރުގެ ތެރޭގައި ބަދަލުވެގެން ދާނެއެވެ. ބާރުގަދަ އެކުވެރި ދައުލަތަކުން ބައިބައިވެ، ހަމާލަތަކުން ދިފާއުވުމުގެ ގާބިލުކަން ނެތި ސިޔާސީ ގޮތުން ބޭރުގެ ފަރާތްތަކަށް ބަރޯސާވެފައިވާ ދައުލަތަކަށް ވެގެން ދިޔައެވެ. ޠާއިފާގެ ޒަމާނުގެ ގޮތުގައި ނަންދެވިފައިވާ މިދުވަސްވަރުގަ އަލް-އަންދަލުސް ވީރާނާވެގެން ދިޔުމުގެ އަސްލުތައް ފެށިވެން އައިސް އެންމެ ފަހުން މީލާދީން 1492 ވަނަ އަހަރު އަލް-އަންދަލުސް ނެތިގެން ދިޔައެވެ.

ޠާއިފާއިން އުފެދުން

976މ ގައި އަލް-އަންދަލުސް ގެ ޚިލާފަތުގެ ޚަލީފާ ކަމުގެ ތަހުތައް 10 އަހަރުގެ ކުއްޖެއް އިސްވިއެވެ. އޭނާއަކީ ކަނޑައެޅިގެން ވެރިކަން ކުރުމަށް ތައްޔާރު ވެފައިވާ ވަރަށް ވުރެ ހަގު ކުއްޖަކަށް ވުމުން ވެރިކަމުގެ ހަގީގީ ބާރު ލިބިގެން ދިޔައީ އުމަވީ ވެރިކަމުގެ ކޮއިލުގެ ލަފާ ވެރިއެއް ކަމަށްވާ އަލް-މަންސޫރު އިބްނި އަބީ އާމިރު އަށެވެ. އަލް-މަންސޫރުގެ ވެރިކަމުގެ ބާރު ހިނގި ތިރީހަކަށް އަހަރަކީ އައިބީރިއަން ޕެނިންސިއުލާގައި (މިހާރުގެ ސްޕެއިން އަދި ޕޯޗުގަލް) މުސްލިމުންގެ ބާރު އޭގެ އެންމެ އުސްމިނަށް އުފުލިގެން ދިޔަ ދުވަސްވަރެވެ. ނަމަވެސް އަލް-މަންސޫރު ވެރިކަމުގެ ބާރުތައް އަމިއްލަފުޅަށް ހިއްޕަވައިގެން ގެންގުޅުވުމުގެ ނޭދެވޭ އަސަރަކަށް ވީ ޚަލީފާގެ މުހިންމުކަން ނެތިގެން ދިޔުމެވެ. 1002މ ގައި އަލް-މަންސޫރު އަވަހާރަވުމާ ގުޅިގެން، އޭގެ ފަހުން ޚަލީފާއިންގެ ބާރު ނުހިނގުމުގެ ސަބަބުން އަލް-އަންދަލުސް އަށް ބައިބައިވުމުގެ ލޮޅުންތައް އަރަން ފެށިއެވެ. އަދި މުޅި ސަރަހައްދުގައި ޠާއިފާގެ ނަމުން ނަން ދެވިފައިވާ ވަކި ދައުލަތްތައް ވަކި ވެރިންގެ ދަށުން އުފެދިގެން ދިޔައެވެ. މިއީ ޠާއިފާގެ ޒަމާނުގެ ފެށުމެވެ.

ޠާއިފާންގެ ފެށުމާ ބެހޭގޮތުން އެންމެ މޮޅު ބަސްކޮޅަކަށް ވެފައި ވަނީ އެކަންތައް ރަނގަޅަށް ދެކެވަޑައިގެންނެވި ޢަބްދުﷲ އިބްނު ބުލުއްޤިން ގެ ބަސްކޮޅެކެވެ.

“އަމިރިދް ވެރިކަން (އަލް-މަންސޫރުގެ) ނިމި އިމާމެއް (ލީޑަރެއް) ނެތުމުން ކޮންމެ އަސްކަރީ ވެރިއެއް ވެސް އެމީހެއްގެ އަމިއްލަ ޝަހަރެއްގައި ނިކުމެ      އެމީހެއްގެ ކިއްލާގެ ދިފާއުގައި ހުރެ އަމިއްލަ ހައިސިއްޔަތު ރައްކާތެރިކޮށްގެން، އަމިއްލަ ލަޝްކަރެއް އެކުލަވާލާ، ބޭނުން ވާ މުދާތައް އެއްކުރިއެވެ. މި މީހުން ދުނިޔަވީ ބާރާ ހެދި އެކަކު އަނެކަކާ ވާދަކޮށް އަނެއް މީހާ ބަލިކޮށްލަން އުޅެގަތެވެ.”

މި ޠާއިފާ ރަސްކަލުންނަކީ އުމަވީ އާއިލާގެ ބައެއް ނޫނެވެ. މީގެ އިތުރުން ޘަޤާފީ އަދި ތާރީހީ ގޮތުން ވެރިކަމަށް ދައުވާ ކުރެވެން ނެތުމުގެ ސަބަބުން އެބައިމީހުންގެ ވެރިކަމުގެ ބާރު ހިންގެނީ ހަމައެކަނި އަސްކަރީ ގޮތުން ބިން ހިފުމުގެ ބާރު އޮތް މިންވަރަކަށެވެ. މީލާދީން 11 ވަނަ ޤަރުނުގެ މެދުތެރެއިން އެތައް ބައިވަރު އަސްކަރީ ވެރިން މިގޮތަށް ތެދުވުމުން ހަނގުރާމަ ހިނގުމުގެ ފުރުސަތު ނުހަނު ބޮޑުވިއެވެ.

ޠާއިފާއިން މައިގަނޑުގެ ގޮތެއްގައި ބިނާވެގެންވީ އަލް-އަންދަލުސްގެ ޠުލީޠުލާ (ޓޮލޭޑޯ)، ޣަރްނާޠާ (ގްރެނާޑާ)، އިޝްބީލިއްޔާ (ސެވީލް/ސެވީޔާ) އަދި ޤުރްޠުބާ (ކޮރްޑޯބާ) ފަދަ ބޮޑެތި ޝަހަރުތައް ވަށައިގެންނެވެ. ޠާއިފާ ރަސްކަލުން މިސަރަހައްދުތަކުގެ އާބާދީ ބޭނުން ކުރީ އެމީހުންގެ ލަޝްކަރުތައް ހަދައިގެން އެހެން ޠާއިފާތަކާ ހަނގުރާމަކުރުމަށެވެ. މުސްލިމް ރަސްކަލުންގެ އެތެރޭގެ ކޯޅުންތަކާއި ހަނގުރާމައިގެ ސަބަބުން ސްޕެއިންގައި އޮތް އިސްލާމް ދީނަށް ފޫނެބެދޭ ވަރުގެ ގެއްލުންތައް ލިބިގެންދާނެއެވެ.

ޠާއިފާއިންގެ ސިފަތައް

ތާއިފާއިންގެ ވެރިންނަކީ އަލް-އަންދަލުސްގެ މުޖުތަމައުގެ ތަފާތު ބައިތަކުގެ މައްޗަށް އެކުލެވިގެން ވާ ބައެކެވެ. އައިބީރިއަން ޕެނިންސިއުލާގެ ދެކުނުގެ ސަރަހައްދުތަކުގެ ތާއިފާތަކުގެ ރަސްކަލުންނަކީ ނެތިންގެން ގޮސްފައިވާ ޚިލާފަތުގެ އިސް މަޤާމުތައް ފުރުއްވި ތަނަވަސް އަރަބި އާއިލާތަކުގެ ބޭފުޅުންނެވެ. އިޝްބީލިއްޔާ (ސެވީލް)، ސަރަޤުސްޠާ (ޒަރަގޯޒާ) އަދި ޤުރްޠުބާ ގައި ވެރިކަން ކުރެއްވީ މިފަދަ ޒައީމުންނެވެ. އެއަށްވުރެ އުތުރުގައި އަމާޒިޣުން(ބަރބަރ) މިލާދީން 700 ގެ އަހަރުން ފެށިގެން ވަޒަންވެރިވެގެން ތިބީ އެމީހުންގެ އަސްލު ކަމަށްވާ އުތުރު އެފްރިކާ އާއި އައިބީރިއާގެ މެދުތެރޭގެ ބިމުގެ އެއްގޮތްކަމުންނެވެ. އެހެންކަމުން އެހިސާބުގަނޑުގެ ޠާއިފާ ރަސްކަލުން ވެގެން ދިޔައީ އަމާޒިޣުންގެ (ބަރބަރ) އަސްލުގެ ބަޔަކަށެވެ.

ނަމަވެސް ޝައުގު އުފެދޭ ކަމަކީ މުސްލިމް ރަސްކަލުންގެ ކޯޅުމާއި ހަނގުރާމަ ބިނާވެގެން ދިޔައީ ނަސްލީ ތަފާތުތަކަށް ނޫން ކަމެވެ. އޭގެ ބަދަލުގައި ހަނގުރާމަ ހިނގަމުން ދިޔައީ ޠާއިފާ ރަސްކަލުން ފަރުދީ ގޮތުން ވެރިކަމުގެ ބާރު އިތުރުކުރުމަށް ފެން ބޮވައިގެން ތިބި ވަރު ބޮޑު ކަމުންނެވެ. މި ރަސްކަލުން އެބައިމީހުންނަށް ވަފާތެރި ފައުޖުތައް ބޭނުން ކޮށްގެން ކައިރީގައިވާ ބިންތަކަށް ހަމަލާދީ އެހެން ޠާއިފާ ރަސްކަލުން އަތުން އަވަށްޓެރި އަވަށްތަކާއި ޝަހަރުތައް ހިފަމުން ގެންދިޔައެވެ. ހުއްޓުމެއްނެތް މިފަދަ ހަމަލާތަކުގެ ސަބަބުން ޠާއިފާތައް އުފެދިގެން އައި މީލާދީން 1000ގެ ކުރީކޮޅުގެ އަހަރުތަކުން ފެށިގެން 1080މ އާ ހަމައަށް ތާއިފާ ދައުލަތް ތަކުގެ އަދަދު 30ން 9އަކަށް ދަށްވެގެން ދިޔައެވެ. އެއީ ބާރުގަދަ ޠާއިފާތަކުން އެއަށް ވުރެ ދެރަ ޠާއިފާތައް ހިފަމުން ދިޔުމުންނެވެ.

ނަސާރާއިން އަރައިގަތުން

ޠާއިފާގެ ޒަމާނުގެ ސަބަބުން ފައިދާވި ހަމައެކަނީ ބަޔަކީ އުތުރުގެ ނާސާރާ ދައުލަތް ތަކެވެ. މުސްލިމް ދައުލަތް ތަކުން އެއްބަޔަކު އަނެއް ބަޔަކާ ހުއްޓުމެއް ނެތި ހަނގުރާމަ ކުރަނިކޮށް ނަސާރާ ދައުލަތްތަކުން އެހާލަތުގެ ނާޖާއިޒު ފައިދާ ނަގައި ދެކުނަށް ހަމަލާދީ މުސްލިމުން ބިން ހިފުމަށް ދިމާކުރިއެވެ. ގިނަ ފަހަރު ތާއިފާ ރަސްކަލުން އެމީހުންގެ ފަރާތުން އެހެން މުސްލިމް ދައުލަތްތަކާ ހަނގުރާމަ ކުރުމަށް ނަސާރާ ރަސްކަލުންނަށް ދައުވަތު ދިނެވެ. މީލާދީން 11 ވަނަ ގަރުނުގައި މުސްލިމުންނަށް ބިން ގެއްލެން ޖެހުނު މައިގަނޑު ސަބަބަކީ މިއީއެވެ.

މުސްލިމުންގެ މެދުގައި ހިނގަމުން ދިޔަ ހަނގުރާމައިގައި ނަސާރާއިން ގެ އެހީ އެންމެ ފުރަތަމަ ހޯދީ އުމަވީ ޚިލާފަތުގެ ކުރީގެ ވެރިރަށް ކަމުގައިވާ ޤުރްޠުބާއެވެ. މީލާދީން 11 ވަނަ ގަރުނުގެ ކުރީކޮޅު ޚިލާފަތު ނެތިދިޔުމުން އެ ޝަހަރުތެރޭގައި ޤުރްޠުބާގެ އަހުލުވެރިންނާއި އޭގެ ދާދި ކުޑަ ދުވަސްކޮޅެއް ކުރިން އުތުރު އެފްރިކާއިން ހިޖުރަ ކުރި އަމާޒިޣުންގެ (ބަރބަރ) ހަނގުރާމަވެރިންނާ ދެމެދު ހަނގުރާމަ ފެށުނެވެ. 1010މ އާއި 1013މ އާއި ދެމެދު މި ދެފަރާތުންވެސް އެ ޝަހަރުގައި އެމީހުންގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލު ކުރުމުގެ ގޮތުން ނަސާރާއިންގެ ކުލީ ސިފައިން ބޭނުންކުރިއެވެ. އެތައް ސަތޭކަ އަހަރެއްގެ ތެރެއިން ފުރަތަމަ ފަހަރަށް މުސްލިމް ނޫން ސިފައިން ހަތިޔާރާއެކު އެއްއިރެއްގައި މުސްލިމް ސްޕެއިން ގެ ވެރި ރަށް ކަމުގައިވި ޤުރްޠުބާގެ (ކޮރްޑޯބާ) ތެރޭގައި ހިނގަން ފެށިއެވެ.

ޤުރްޠުބާގެ ހަނގުރާމައިން ދައްކައިދިން މިސާލަށް ފަހު މުސްލިމް ޠާއިފާއިން އަވަސްވެގަތީ އެމީހުންގެ ލަޝްކަރުތުގައި ނަސާރާއިން ބޭނުން ކުރުމަށް ނުވަތަ ސީދާ އުތުރުގެ ނަސާރާ ރަސްކަލުންގެ ކިބައިން އެމީހުންނަށްޓަކާ އެހެން މުސްލިމް ދައުލަތްތަކާ ހަނގުރާމަކުރުމަށް އެދުމަށެވެ. 1043މ ގައި ޠުލީޠުލާގެ ޠާއިފާގެ ރަސްކަލުން، ވަދިއްޔުލް ހިޖާރާގެ (ގުއަޑަލަހާރާ) ޠާއިފާ އާއި ދެކޮޅަށް ހަނގުރާމަކޮށް ދިނުމަށް ނެވާރް ގެ ނަސާރާ  ދައުލަތުގެ ކިބައިން އެދުނެވެ. އޭގެ ބަދަލުގައި ނެވާރް ގެ ރަސްގެފާނު ގަރސިއާ ސަންޗޭޒަށް ހަދިޔާތަކާއި، ހަނގުރާމައަށް ބޭނުންވާ ތަކެއްޗާއި، ޠުލީޠުލާގެ ރަށްފުށުގައި ވާ ދަނޑުގޮވާމުގެ ބާވަތްތައް ލިބުނެވެ. އަދި އެއީ މުޅި ހިސާބުގަނޑުގައިވާ މުސްލިމް އަވަށް ތަކަށް ބިރުދައްކަމުން އެމީހުން ދިޔަ ދުވަސްވަރެކެވެ. އޭގެ ބަދަލުގައި ވަދިއްޔުލް ހިޖާރާގެ (ގުއަޑަލަހާރާ) ޠާއިފާއިން ލިޔޯން-ކެސްޓީލް ގެ ފެރްނާންޑޯ 1 ގެ ކިބައިން މަދަދު ވެރިކަން ހޯދި އެވެ. މީނާއަށް ވެސް ވާދަވެރި ޠާއިފާއަކާ ހަނގުރާމަކުރުމުގެ ބަދަލެއްގެ ގޮތުން ގިނަ އަދަދެއްގެ މުދާ ލިބުނެވެ.

މިފަދަ އެތައް ހާލަތަކުން މިސާލު ދެއްކެން އެބަ އޮތެވެ. މިފަދަ ހުރިހާ މިސާލެއް ވަކި ވަކިން ބަޔާން ކުރުމަށް ވުރެ މުހިއްމު ކަމަކީ މި ޒާތުގެ ހަނގުރާމައިގެ ސަބަބުން އަލް-އަންދަލުސްގެ މުސްލިމުންނަށް ކުރި އަސަރު ދެނެގަތުމެވެ. ނަސާރާ ލަޝްކަރުތައް ބޭނުން ކުރުމުގެ ސަބަބުން ދިމާވި ކަންތައްތަކުގެ ތެރެއިން އެންމެ ހާމަކަން ބޮޑު ގޮތަކަށް ފެންނަން އޮތް ކަމަކީ ނަސާރާ ދައުލަތްތައް ދެކުނަށް ފެތުރުމެވެ. ނަސާރާ ރަސްކަލުން ޠާއިފާތަކާ ހަނގުރާމަ ކުރުމަށް ދެކުނަށް ޖެހެމުން ދިޔައިރު ދިޔައީ ބިންތައް ހިފަމުން އެމީހުންގެ ބާރުގެ ދަށަށް ގެންނަމުންނެވެ. ޠާއިފާއިންގެ ޒަމާނުގައި ކުރިއަށްވުރެ މިކަންތަށް ފަސޭހަވެގެން ދިޔައީ މުސްލިމުން ގެ ދައުލަތްތައް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރުމުގައި އަވަދިނެތި އުޅުމުގެ ސަބަބުންނެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މުސްލިމުންގެ ބާރުގެދަށުގައިވި ޝަހަރުތަކާއި އަވަށްތައް ބޮޑުވަމުންދިޔަ ނަސާރާ ދައުލަތްތަކުގެ ދަށަށް ދިޔުމެވެ. ބަޔާންކުރަން ނުޖެހުނަސް، މި ސަރަހައްދުތަކުގެ މުސްލިމުން ދިޔައީ އެކަހެރިކުރެވެމުންނެވެ. މީގެ ބޭނުމަކީ ނަސްލީގޮތުން އެ ސަރަހައްދުތައް ‘ތާހިރު’ ކޮށް މުޅިން ނަސާރާ ދީނުގެ ތަނަކަށް ހެދުމެވެ.

މީގެ އަނެއް ނަތީޖާ އަކީ އިޤްތިސާދީ އެއްޗެކެވެ. ޠާއިފާތަކުގެ ރަސްކަލުނަށް ހަނގުރާމަ ކޮށްދިނުމުގެ ބަދަލަކަށް ނަސާރާ ރަސްކަލުން ބޮޑެތި އަދަދުތަކަށް ލާރި، މުއްސަނދިކަން އަދި މުދާ ދިނުމަށް ޝަރުތުކުރިއެވެ. ޓެކްސް އިން ލިބޭ އާމްދަނީ މިކަމަށް ބޭނުން ކުރުމުން އިޤްތިސާދު ކުރިއެެރުވުމަށް ބޭނުންވާ ލާރި ނެތުމުން ޠާއިފާތަކުގެ އިޤްތިސާދު ހީނަރުވާން ފެށިއެވެ. ހާލަތު ބޮއްސުންލައިގެންގޮސް، ޠާއިފާގެ ރަސްކަލުން ނަސާރާއިންނަށް ހަރަދު ކުރަމުން ދިޔަވަރު ގިނަކަމުން އެމީހުން އަމިއްލަ ދިފާއަށް ހަރަދު ކުރެވޭ ވަރަށްވުރެ އިޤްތިސާދީގޮތުން ބަލިކަށި ވިއެވެ. މީގެ ސަބަބުން އަނެއްކާވެސް ޖެހެނީ ބޮޑު ހަރަދުކޮށް ނަސާރާ ރަސްކަލުންގެ ތާއީދު ހޯދުމަށެވެ.

ޠާއިފާއިންގެ ވެރިކަމުގެ ނިމުން

މި ފަދަ ހަލާކުވަނިވި ގޮތެއްގައި ޠާއިފާންނަށް ކުރިއަށް ދިޔުމުގެ ފުރުސަތު ލިބުނު ނަމަ އަލް-އަންދަލުސް އެއްކޮށް މިލާދީން 11 ވަނަ އަދި 12 ވަނަ ގަރުނުގެ ތެރޭގައި ނަސާރާތް ދައުލަތްތަކުން ހިފީހެވެ. ނަމަވެސް މިކަން މިގޮތަކަށް ނުދިޔައެވެ. އިބީރިއަން ޕެނިންސިއުލާގައި ޠާއިފާއިންގެ ހަނގުރާމަ ހިނގަމުން ދިޔައިރު އުތުރު އެފްރިކާގައި އާ ހަރަކާތެއް އެފެދިގެން އައެވެ.

1040މ ގައި އުތުރު އެފްރިކާގައި އަމާޒިޣުންގެ (ބަރބަރ) އިލްމުވެރިއެއް ކަމަށްވާ ޢަބްދުﷲ އިބްނު ޔާސީން އަލް-މުރާބިޠޫން ގެ ނަމުން ނަން ދެވިފައިވާ ހަރަކާތެއް އުފެއްދެވިއެވެ. މި ޖަމާއަތުގެ ބޭނުމަކީ އިސްލާމް ދީނުގެ އުސޫލުތައް ހަރުކަށިކޮށް ތަންފީޒުކޮށް އިސްލާމް ދީނާ ދެކޮޅު އަމަލުތަކާއި ޤާނޫނުތައް ނައްތާލުމެވެ. އެމީހުންގެ ޝިއާރަކީ “ރަނގަޅުކަންތަކަށް ހިތްވަރު ދިނުން، ނުބައިކަންތައް ނަހީކުރުން، އަދި އިސްލާމް ދީން ހުއްދަނުކުރާ ޓެކްސްތައް ނައްތާލުން”. އުތުރު އެފްރިކާގެ އަމާޒިޣުންގެ (ބަރބަރ) ވަރުގަދަ އަސްކަރީ ޘަޤާފަތުގެ ސަބަބުން އެކި ފަހަރުމަތިން ޠާއިފާއިންގެ ރަސްކަލުން ނަސާރާއިންގެ ހަމަލާތަކުން އަލް-އަންދަލުސް ދިފާއުކުރުމަށް މުރާބިޠުންނަށް ބަރޯސާވިއެވެ. މިފަދަ އެއް ހާލަތަކީ އިޝްބީލިއްޔާ (ސެވީލް) ގެ ޠާއިފާއަށް އަށް ކެސްޓީލްގެ އަލްފޮންސޯ 6ގެ ނުރައްކާ ކުރިމަތިވި ދަނޑިވަޅެވެ. އޭރު އޭނާ ވަނީ މުސްލިމުންގެ ވަރުގަދަ ޝަހަރެއް ކަމަށްވާ ޠުލީޠުލާ(ޓޮލޭޑޯ) ހިފާފައެވެ. މިފަދަ ނުރައްކާތެރި ހާލަތްތައް ކުރިމަތިވުމުން މީލާދީން 11 ވަނަ ގަރުނުގަ މުރާބިޠުންގެ ޒައީމް ކަމަށްވާ ޔޫސުފް އިބްނު ތަޝްފީން ގެ އަރިހުން މުސްލިމް ސްޕެއިން ގެ މިނިވަންކަމަށް ހަނގުރާމަ ކުރުމަށް ޠާއިފާއިންގެ ރަސްކަލުން އެދުނެވެ.

ޠާއިފާއިންގެ ދުވަސްވަރުގަ އަލް-އަންދަލުސް ގެ ސިޔާސީ ކަންކަން އޮތް ނުބައި ފައްތަރުގެ ސަބަބުން އިބްނު ތަޝްފީން، އަލްފޮންސޯ 6 ބަލި ކުރުމަށްފަހު އެފްރިކާއަށް އެނބުރި ވަޑައިގަތުމަށް ނިންމައި އެގޮތަށް ކަންތައް ކުރެއްވިއެވެ. ނަމަވެސް އެތައް ފަހަރެއްގެ މަތިން އަލް-އަންދަލުސްގެ ދިފާއުގައި ވަޑައިގެންނެވުމުން އިމާމް އަލް-ޣަޒާލީ ފަދަ އިސްލާމީ އިލްމުވެރިން އިބްނު ތަޝްފީނަށް ގޮވާލެއްވީ ޠާއިފާއިންގެ ނާކާމިޔާބު ވެރިންގެ ވެރިކަން ނިމުމަކަށް ގެނެސް އަލް-އަންދަލުސް މުރާބިތުންގެ ވެރިކަމުގެ ދަށަށް ގެނައުމަށެވެ. އޭނާ 1090މ ގަ އެކަންތައް އެގޮތަށް، ފަހަރަކު ޠާއިފާ ދައުލަތެއް ހިއްޕަވައި ނަސާރާއިންގެ ހަމަލާތަކާ ދެކޮޅަށް އެއްކުރައްވަމުންގޮސް ކުރެއްވިއެވެ. މުރާބިޠުންނަށް ޠާއިފާއިންގެ ދުވަސްވަރު ނަސާރާއިން ހިފި ބިންތައް އަނބުރާ ފަތަހަ ނުކުރެވުނު ނަމަވެސް އެމީހުން ނަސާރާއިން ދެކުނަށް ކުރަމުން އައި އުދުވާން މަޑުޖައްސާލިއެވެ. ނަސާރާއިންނަށް އަލް-އަންދަލުސް ގެ މުސްލިމުން އެއްކޮށް ބަލިކުރުމަށް 400 އަހަރު ނަގާނެއެވެ.

މި ލިޔުމަކީ އެމެރިކާގެ ބްރިޖްވިއު، އިލިނޮއި ގެ ޔުނިވާސަލް ސްކޫލް ގެ ހިސްޓްރީ ޓީޗަރ އެއް ކަމަށްވާ ފިރާސް އަލްޚަތީބު ލިޔުއްވާފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ. އޭނާ ވަނީ ޔުނިވަރސިޓީ އޮފް އިލިނޮއި އެޓް ޗިކާގޯ އިން ބެޗެލާސް އިން ހިސްޓްރީ (ހާއްސަކޮށް އިސްލާމިކް ހިސްޓްރީ) ހާސިލުކުރައްވާފައެވެ.

މި ލިޔުމުގެ އަސްލު ތިރީގައިވާ ލިންކް އިން ފެންނާނެއެވެ.

http://lostislamichistory.com/disunity-in-al-andalus-the-taifa-period/

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.