Live News From Hulhumeedhoo, Addu City

މާފުށީ ޖަލުގެ ވަށާ ފާރު ހެދުމަށް އެސްޓީއޯއިން ތަކެތި ފޯރުކޮށްދެނީ

ML

މާފުށީ ޖަލުގެ ވަށައިގެން ފާރެއް ރޭނުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯ އާއި ހަވާލުކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ އެމްޑީ އާދަމް އާޒިމް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ އެސްޓީއޯއިން މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އަދި ތަކެތި ވީހާވެސް އަވަހަށް ފޯރުކޮށްދީ، ފާރު ރޭނުމުގެ މަސައްކަތް ވީހާވެސް އަވަހަކށް ނިންމާލުމަށް އެއްބާރުލުން ދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުޝާމް ވިދާޅުވީ މި މަސައްކަތްކޮށް ނިންމާލުމަށް 7 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެސްޓީއޯއިން ފޯރުކޮށްދޭ ތަކެއްޗަށް އެކަނިވެސް 4.2 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

ހުޝާމް ވިދާޅުވީ އެސްޓީއޯ އާއި މިކަން ހަވާލުކުރީ، ފާރު ރޭނުމަކީ ސަރުކާރުގެ ތެރެއިން ހިނގާ މަޝްރޫއުއަކަށް ހެދުމަށްޓަކައި ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ބޭނުން ކުރާނީ ގައިދީން ކަމަށް އޭނާ ވިދާޅުވިއެވެ.

“އެމީހުންނަކީ ވެސް ދައުލަތުން ހޭދައެއް ކޮށްގެން ބަލަހައްޓާ ބައެއް، އެހެންވީމާ އެމީހުންގެ ފަރާތުން ވެސް ދައުލަތަށް ބަދަލެއް ހޯދުމަށް އެމީހުން ލައްވާ މަސައްކަތް ކުރުވާނީ، މަސައްކަތަށް ދޭން ޖެހޭ އުޖޫރަ ވެސް ދެވޭނީ މި ޕްރޮޖެކްޓުގެ ތެރެއިން.” ހުޝާމް ވިދާޅުވިއެވެ.

މީގެއިތުރުން ހުޝާމް ވިދާޅުވީ ފާރު ރޭނުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި ކަރެކްޝަނަލް ސާވިސްގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ފާރުގެ މިހާރު މަސައްކަތް ފެށިފައިވާ ހިސާބު އެކުގައި ނިންމާލުން ކަމަށެވެ.

އަދި މިހާރު ދަނީ އެސަރަހައްދުގައި ފާރު ރޭނުމަށް ބިން ކޮނުމުގެ މަސައްކަތް ކުރަމުން ކަމަށް ހުޝާމް ވިދާޅުވިއެވެ.


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް: ,

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.