Live News From Hulhumeedhoo, Addu City

60 މިލިއަން ޑޮލަރުގެ 20 ޓަނު ޑްރަގް އަތުލައިގެންފި، މިއީ އެންމެ ބޮޑު ޑްރަގް ބަސްޓް!

މިހާތަނަށް ދުނިޔޭގެ އެއްވެސް ތަނަކުން އަތުލައި ނުގަނެވޭހާ ގިނަ މަސްތުވާތަކެތި އަފްޣާނިސްތާނުން އަތުލައިގެންފިއެވެ.

އެއްއޮޕަރޭޝަނެއްގައި އެންމެ ގިނަ ޑްރަގް އަތުލައިގަތް މިއޮޕަރޭޝަން ހިންގާފައި ވަނީ އެމެރިކާގެ ޑްރަގް އެންފޯސްމެންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އާއި އަފްޣާނިސްތާންގެ ކަމާބެހޭ އިދާރާތައް ގުޅިގެންނެވެ. މިއޮޕަރޭޝަންގައި ވަނީ 20 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މިތަކެތީގެ އަގު 60 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ހެރޮއިންނެވެ. އެއީ 6.4 ޓަނުގެ ހެރޮއިންނެވެ. މީގެ އިތުރުން ކްރިސްޓަލް ހެރޮއިން އާއި މޯފިން އާއި ހަޝިޝް އޮއިލްގެ އިތުރުން އިތުރު ބާވަތްތަކުގެ މަސްތުވާތަކެތި ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ ނެޓްވޯކް އަކީ ޠާލިބާނުންގެ ކޮމާންޑަރުން ކަމަށްވާ އަބްދުލް ރަހްމާން އާއި ހާޖީ ޖަނަން އިސްވެ ތިބެ ހިންގަމުން އަންނަ ނެޓްވޯކެކެވެ.

މިމަސްތުވާތަކެތި އަތުލައިގެންފައި ވަނި އަފްޣާނިސްތާންގެ ފަރާ ޕްރޮވިންސުންނެވެ.

ފުލުހުން ބުނާ ގޮތުގައި މަސްތުވާތަކެތި ފެނުނީ މަސްތުވާތަކެތި އުފަައްދާ ކާރުހާނާއަކުންނެވެ. އެތަނުގައި އެކި ވައްތަރުތަކުގެ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންވާ “މެޝިނަރީ” ވެސް ހުރިކަމަށް ވެއެވެ.

މިއޮޕަރޭޝަންގައި ބަޔަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް ކަށަވަރު ކޮށެއް ނުދެއެވެ.

އަފްޣާނިސްތާނަކީ މުޅި ދުނިޔެ އިން ވެސް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އުފައްދާ އެއްގައުމެވެ. ޠާލިބާނުން އެންމެ ބޮޑު އާންމުދަނީ އެއް ހޯދަނީ ވެސް މަސްތުވާތަކެތި ވިއްކައިގެން ކަމަށް އެމެރިކާ އިން ތުހުމަތު ކުރެއެވެ.

އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާއި ގުޅިގެން އަނެއްކާވެސް އަފްޣާނިސްތާންގައި އަންނަނީ މަސްތުވާތަކެތި އުފެއްދުން އިތުރުވަމުންނެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.