Live News From Hulhumeedhoo, Addu City

ރާއްޖޭގެ އެންމެދެކުނުގައި އިގިރޭސިން 1939 – 1976 އަށް

ތިރީގައިވާ ލިއުމަކީ މިފޮޓޯގައިވާ އަހުމަދު ފިރާގު 18 އޯގަސްޓް 2013 ގައި އޮންލައިން ނިއުސް ” ލިކްރޯޑް” އަށް ލިއުއްވާފައިވާ ލިއުމެއް

—————————————————————————————————————–

1945ގައި ދެވަނަބޮޑުހަގުރާމަ ނިމި އިގިރޭސި ސިފައިން ސ.ގަމުން ފައިބައިގެން ދިޔުމަށްފަހު ހިތަދޫ ގެ މާމެންދޫ ގައި ވަޒަންވެރި ކުރެވުނު ގަމުގެ އަސްލު ރަށްވެހިން 1948 ގައި ދަވްލަތުގެ ހުއްދަ ލިބުމުން އެބުރި ވަޒަނަށް އައެވެ، އެއީ ސުމުއްވުލް އަމީރު އަލްހާއްޖު ޢަބުދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުންގެ މުޝްތަޝާރުލް އައުޡަމު ކަމުގެ ދަށުން ސުމުއްވުލް އަމީރު މުޙުއްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ދިވެހިދަވްލަތާއި ހަވާލުވެ ވެރިކަން ފެއްޓެވި ދުވަސްވަރެވެ.

ވަޑައިގެން އިސްވެރިއެއްގެ ޙައިސިއްޔަތުން ހުންނެވީ އަލްފާޟިލު އަލް މަރުޙޫމު ކަތީބު ދޮންރަހާއެވެ. ދޮންރަހާއަކީ ގަމުގެ މީހުން ގަދަރުކުރާ ރައްޔަތުންގެ ލޯބި ލިބުމުގެ އިތުރަށް ދަވްލަތުގެ ފަރާތުން ވެސް އިތުބާރުކަރަށްވާ ވެރިއެކެވެ. އައްޑު އަތޮޅުގައި މީހުން ދިރިއުޅެ އާބާދުވެފައިވާ އެންމެ ގިނަ ކާބޯތަކެތި ހައްދާ އެންމެ ބިންރަގަޅު ރަށަކީ ގަމެވެ. ގަމުގައި ހައްދާ ކާބޯތަކެތިން މުޅި އަތޮޅުގެ މަޢީޝަތު ހިފެހެއްޓިފައި ވެއެވެ. އައްޑުއަތޮޅުގެ އެންމެ ދެކުނު އަދި ރާއްޖޭގެވެސް ދެކުނު ކަނުގައި ވާ ގަމަކީ އިގިރޭސިން ދެވަނަބޮޑު ހަގުރާމަ ނިމެންދެން އެމީހުންގެ ހޮސްޕިޓަލާއި ކޮމާންޑް ޔުނިޓް ތަށް ގާއިމު ކޮށް ބޮޑެތި ބަޑި ގަމުގެ ވަށައިގެ ބެހެއްޓި އަދި އޭގެ އިތުރުން ޑަކޯޓާއާއި،ވޮލްރަސް މަތިންދާ ބޯޓް ޖެއްސުމްށް ރަންވޭވެސް ގާއިމުކުރީ މިރަށުގައެވެ. މިލިޓްރީ ބޮޑު ހަގުރާމަ ނިމި 1939- 1945 އާއި ހަމައަށް އިގިރޭސިން ގަން ދޫކޮށް ލިއެވެ. އޭގެ ދިހަ އަހަރުފަހުން ދެވަނަފަހަރަށް އިގިރޭސިން އައިސް 1955- 1976 އާއި ހަމަޔަށް ގަމުގެ ބޭނުން ކުރިއެވެ.  ކޮންމެއަކަސް ގަމުގެ ނިމުން ވަނީ މިގޮތަށް ކަމުން ބޭރުގެ ރާއްޖެއަކުން ގަން ބޭނުން ވުމުން ދިވެހިދަވްލަތުން އެގޮތަށް ކަޑައަޅާ އިގިރޭސިންގެ ބޭހެއް އެއްފަހަރަށް ވުރެ ގިނަފަހަރުމަތީން ހެދުމަށް ނިންމުމަކީ ، ގަމުގެ ވަޒަންވެރިންނާއި އައްޑުއަތޮޅުމީހުންގެ ނުރުހުން ފާޅުގަޔާއި އަދި ސިއްރުންވެސް ދެކޮޅުވެރި ބަސްތަކުން ހަމަލާ ދެވުނު ކަމަކަށް ވިއެވެ. ގަމަކީ ރާއްޖެ އާއި ބޭރުގެ ނޫސްތަކުގެ ފަލަ ސުރުޚީ ގައި ވަރަށް މަތިވެރި ދަރަޖައަކަށް ތަފާތު ސިޔާސީ ބަޔާންތަކާއި ރިޕޯރޓް ތަށް ލިޔެވުނު އެއްރަށް ކަމުގައި، ނޫނީ ނުވެނުދާނެއެވެ.

އާރު.އޭ.އެފު (ރޯޔަލް އެއަރފޯރސް) ގެ ސްޓެޖިން ޕޯސްޓްއެއް ހެދުމަށް ދެވަނަފަހަރަށް، އައްޑުއަތޮޅުގަމަށް އިގިރޭސިން ދިވެހިސަރުކާރުގެ ހުއްދަ އާއިއެކު ފޭބީ ،25 ނޮވެމްބަރ 1955 ގައެވެ. އެއިރު ދިވެހި ސިންގާ ސަނާގައި ރެދެލި ކުރެއްވީ އިންނެވީ ޖަލާލަތުލްމަލިކު މުހުއްމަދު ފަރީދުލް އައްވަލް ކީރިތި މަހާރަދުންނެވެ. ބޮޑުވަޒީރަކީ އަލްއަމީރު އިބުރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ދަވްލަތުން ގަން އިގިރޭސި ސަރުކާރަށް ދެވެން އަންނަނީ ގަމުގައި ތިބި މީހުން އެރަށުން ބާލައިގެންނެވެ. މިހެންވުމުގެ ސަބަބުން ގަމުގެ މީހުން ތިބީ މާޔޫސްވެފައެވެ. ގެދޮރާ ދަޑުބިނމާއި ދޫކޮށް ދެވަނަފަހަރު ދާން ޖެހުމަކީ ލަގޮޑިއަށް ކެތްނުވާވަރުގެ ކަމަކަށް ވުމުން މީގެ ކުރީން ދިޔަގޮތަކަށް މިފަހަރަކު ދާކަށް އެއްވެސް ބަޔަކު އެއްބަހެއް ނުވިއެވެ، ދިވެހި ސަރުކާރުން ގަމުގެ ބަދަލުގައި ގަމެއް ( ގައްދޫ ގަން ) ވެސް ހުށަހެޅުނެވެ. މި ގޮތުން ގަމުގެ ރައްޔަތުން ހުވަދު އަތޮޅު ގައްދޫ އަށް ފޭދޫގައި ތިބި މަދު އާއިލާ ތައް މަރަދޫގެ އިރުމަތީ ކޮޅަށް ( މިހާރު މަރަދޫ ފޭދޫ އަށް ) ބަދަލު ކުރުމަށް ހަމަޖައްސަވައި މީހުން ބޭލުމަށްޓަކައި ލިޔުންތަށް ތައްޔާރު ކުރަށްވައިގެން އަލްއުސްތާޒުލް މަރުޙޫމް މުޙުއްމަދު އިބުރާހިމް ލުތުފީ އަށް ކޮޅުބަށް ކިތަންމެފަހަރަކު ވަޑައިގަންނަވާން ޖެހިވަޑައިގަތެވެ. އެކަމަކު، އަތޮޅުންބޭރު ރާއްޖޭގެ އެހެން އެއްވެސް ސަރަޙައްދަކަށް ދިރިއުޅުން ބަދަލުކުރާކަށް ގަމުގެ ރައްޔަތުން ނުރުހުނެވެ. ދިވެހި ސަރުކާރުގެ ފަރާތުން ގަމުގައި ތިއްބެވި ވަކީލުން ވެސް ގޮތްހުސްވީ އެވެ. އިގިރޭސިންނަށްވެސް ޖެހުނީ ދިވެހި ދަވްލަތުގެ ކުރިމަތީގައި ރައްޔަތުންގެ ބަސް އެއީ އެންމެ ފަހުބަސް ކަމުގައި ގަބޫލުކޮށް ބޯލަބާށެވެ. ދިވެހި ދަވްލަތުން ވަނީ އިގިރޭސިންނާއި އެކު އައްޑުއަތޮޅުގެ ގަމާއި ހިތަދޫން އެއްބަސްވެފައިވާ ވަކި ސަރަޙައްދެއް 100 އަހަރަށް ދިނުމަށް ކަޑައެޅުނު އެއްބަސްވުމުގައި ރަމްޒީ ސޮޔެއްކޮށްފައެވެ. ކޮންމެޔަކަސް އިގިރޭސިންނަށް މިހިގާދިޔަ ކަންތަށްތަށް ހަޖަމުނުކުރެވުނެވެ. ވަގުތު މިއޮތީ ވަރަށް ކުޑަވެފައެވެ، އިގިރޭސިން ބޭނުންވަނީ ކޮންމެ ހާލަތެއްގައިވެސް މިތަނުގައި ( އެގްރީމެންޓު ގެ ފުރިހަމަ ބާރުގައި ) މަސައްކަތް ފެށުމަށެވެ.  ގަމުގެ މީހުން ބޭނުން އިބާރާތަކުން ބޭނުން ފަދަޔަކުން އިގިރޭސި ދަވްލަތް އޮތީ ގަބޫލު ކޮށްގެން ކަމަށް ދިވެހިދަވްލަތުގެ ލެއިޒަން އޮފިސަރ މުހުއްމަދު އިބުރާހިމް ލުތުފީ ގަމުގެ މީހުންނަށް ދެންނެވިފަހުން ކޮންމެވެސް ހިތްހަމަޖެހުމެއް ރައްޔަތުންނަށް ލިބިގެން ދިޔައެވެ. ކޮންމެޔަކަސް މިފަދަ ކަމެއް ނިމިގެންދާއިރު އަގައަށް އަތްލައިގެން އިގިލިބޯން ތިބުމަކީ ރަނގަޅު ކަމެއްނޫންކަން ވިސްނިގެން ރައްޔަތުންގެ ފަރާތުން ބަޔަކު ނިކުމެ ގޭގެއަށް ހިގާ ކަޑައެޅޭ ގޮތްތަކެއްގެ ހުށަހެޅުމަށް އެއްބަސް ކުރުވިއެވެ. ގަމުގެ މީހުންނާއި ފޭދޫ މީހުން އަދި މަރަދޫ ހިތަދޫ މީހުންވެސް މިކަމުގައި ބައިވެރިކޮށް އަތޮޅު ދޫކޮށް ނުދިޔުމާއި ގަމުގެ މީހުންނަށް އައްޑުއަތޮޅުގެ ކޮންމެ ތަނެއްގައި ބޭތިއްބިއަސް އެތަނެއްގައި ދިރިއުޅެވޭނެ ގެދޮރާއި ވަސީލަތް ތައް ހަމަޖެހުމާއި ކާބޯތަކެތީގެ ދަތިކަން ނުފޯރާ ވަރަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ދަނޑުގޮވާން ކުރުމަށް ބިން އޮތުން ލާޒިމް ކޮށް އަހުދު ކަށަވަރު ވިއެވެ. މިއީ ގަމުގެ ވަޒަންވެރީންގެ ނިންމުން ކަމުގައި ހުށަހެޅުމަށް އެންމެންގެ ލަފަޔާއި އެކު ނިމި ، އެދުވަހުގެ މެންދުރުވަގުތު ގަމުގެ ވާރަގޭ ގައި އަތޮޅުގެ ކުރިއަށް ތިއްބެވި ބޭފުޅުންނާއި އެކު ބޭއްވުނު ކުއްލި  ބައްދަލުވުމުގައި ކިލެފާނަށް ( ސުމުއްވުލް އަމީރުލް މަރުޙޫމް އިބުރާހިމް ފާމުލަދޭރި ކިލެގެފާނު ) އަށް ދެންނެވުނެވެ. ކިލެގެފާނު ގަމަށް ވަޑައިގަތީ  ( 20 އޮކުޓޯބަރ 1957 ) ދުވަހު ހަވީރު 3.30 ގައި ކަނޑައް ޖައްސާ މަތިންދާ ބޯޓެއްގައެވެ. އަރިއަހުގައި ވަޑާއިގެންނެވި ބޭފުޅުންގެ ތެރޭގައި އެއިރުގެ ވަޒީރުލް މަޢާރިފު އަދި ވަޒީރުލް އައުޡަމުގެ ސެކުރެޓެރީ ޞާހިބުއްޞަޢާދާ އަލްއުސްތާޒުލް މަރުޙޫމް އިބުރާހިމް ޝިހާބު އާއި ސިލޯނުގައި ހުންނަވާ ދިވެހި ދަވްލަތުގެ ރެޕްރެޒެންޓެޓިވް އަލްފާޡިލް އަލް މަރުޙޫމް އަހުމްދު ޒަކީވެސް ހިމެނި ވަޑައިގަތެވެ.  މި ބައްދަލުވުމުގައި ދަވްލަތުގެ ފަރާތުން ގިނަގުނަ ޝަރުތު ތަށް ހުށަހެޅި، ބައެއް ހުށައެޅުމާއި ދެކޮޅުވެރިވެ  ނުރުހުމުގެ ބަސްތަކެއްވެސް އިވިގެން ދިޔައެވެ، ގަމުގެ ބަދަލުގައި ހަމަ އެވަރުގެ ބޮޑުރަށެއްވެސް ހުށައެޅި އެވެ. ކޮންމެޔަކަސް  އެއްބަޔަކު ސަރުކާރުގެ ހުށަހެޅުމަށް ތާއީދު ކުރިޔަސް ގިނަބަޔަކު ގެ ރުހުން ނުލިބިގެން ބަހުގެ ހަމަލާ ތައް ބަދަލުވަމުންދާން ފެށިއެވެ. ގަމުގެ ރަށްވެހިންގެ ތެރެއިން ނެގުނު މަޝްވަރާ ކޮމެޓީގައި ތިއްބެވި ހަރު މީހުން މޮހޮދާގެ ޒަކަރިއްޔާ، އަލިފުޅުގެ އަބުދުﷲ، ފާތުމާފުޅުގެ އަލީފުތާ، އަބޫގެ މުހުއްމަދު، އަލިފުޅުގެ މުހުއްމަދު އަދި އަތޮޅުން ހޮވި ބޭފުޅުން ގެ ތެރޭގައި ހިމެނޭ  މަރަދޫ ފޭދޫ އަހުމަދު ޒާހިރު ފަދަ ބޭފުޅުން ދެކޮޅުވެރިވެގެން، އަލްފާޟިލު އަހުމަދު ޒާހިރު މީދޫ އަށް އަރުވާލެއްވިއެވެ. އަލްފާޟިލު މުހުއްމަދު އަބުދުﷲ ( އަލީފުޅުގެ މުހުއްމަދު ) ސ. މަރަދޫ ރަތްވިލާގޭ އަނދަގޮޑީ ގައިވެސް އޮންނަން ޖެހުނެވެ. މިކޮމެޓީ އުފެއްދީ ރައްޔަތުންގެ ފަރާތުން ބުނެ އާނބަސް ލިބިގެންވާ މީހުން އެކުލަވައިގެން 22 އޮކްޓޯބަރ 1957 ގައެވެ. ގަމަކީ ދަވްލަތުން އިގިރޭސިންނާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ދެއްވި ތަނެކެވެ. އެމީހުން ވަނީ ބޮޑު ޚަރަދުތަކެއް ކޮށް ގެން މުޅި އައްޑުއަތޮޅު ގެ މައުލޫމާތު އެއްކޮށް ގިނަގުނަ ސާވޭތަކެއް ހަދާފައެވެ، މިސަރަޙައްދުގެ ތިން ތަނެއް އެމީހުން ސާވޭހެދި އެވެ. އެއީ ޑިއެގޯ ގާސިއާ ،ގަން އަދި ސ. މީދޫ އަދި ހިތަދޫ އެވެ، ޔޫ.ކޭ ގެ އެމް.އޯ.ޑީ އިން ސ.މީދޫ ގައި ސްޓޭޖިންގ ޕޯސްޓް ހެދުމަށް ނިންމި ނަމަވެސް ފަހުން އެޚިޔާލު ވަނީ ބަދަލުވެފައެވެ މިހިގި ކަންތަކަށްފަހު އެއްބަސް ވެވުނީ ގަމުގެ މީހުން ގަމާއި ކައިރީގައި އޮންނަ ފޭދޫ އަށް ފޭދޫގައި ތިބި މީހުން މަރަދޫ އިރުމަތީ ކޮޅުގައި ވަޒަންވެރި ކުރެއްވުމަށެވެ. މިގޮތުން ދެ ދަވްލަތުގެ ފުރިހަމަ އެކުލެވުން ތަކާއި އެކު ބޮޑު މަޝްރޫއެއް ރޭވި، މީހުން ފޭދުއަށް ބޭލުމުގެ މަސައްކަތްފެށިއެވެ. ރުއްގަހުގެ ބަދަލާ ބަންޑާރަ ރުއްގަސް ހަމަޖެއްސެވުމަށް ދައުލަތުން ފޮނުއްވާފައި ހުންނެވީ މަޙުކަމަތުއް ޝަރިއްޔާގެ އިސްނާއިބު ބޭކަލަކު ކަމުގައިވާ އައްޝައިޚުލް މަރުޙޫމް އަބުދުލް ގައްޔޫމެވެ. މިބަދަލު ކުރެއްވުމުގައި ސަރުކާރުން ވަރަށް ބޮޑަތި ޚަރަދުތައް ކުރެއްވިއެވެ. ފޭދޫ އާއި މަރަދޫ އިރުމަތީ ކޮޅުގައި ފަނުންނާއި ވަކަރުން ވަގުތީ ގެތަކެއް އެޅިއެވެ، މަސައްކަތު މީހުންގެ މުސާރައިގެ ގޮތުގައި ދެއްވީ ހަނޑުލެވެ، ގަމުންފޭދޫ އަށް މީހުން ގެންނަން ފެށީ 18 ޑިސެމްބަރ 1957 ގައެވެ މިގޮތައް ގެނެވޭ މީހުންގެ ދާއިމީ ހިޔާ އިގިރޭސިން ދިޔައީ ގަވާއިދު ތަކެއްގެ މަތީން ހަވާލު ކުރަމުންނެވެ، ފޭދޫ އާއި މަރަދޫ ކޮޅު ސާވޭކޮށް ޗާޓް ކުރަހައި މަގު ސީދާކޮށް ވަރަށް ކުރުމުއްދަތެއްގައި އިގިރޭސިން މިމަސައްކަތް ނިންމިއެވެ، ބޭނުންވާނެ ހުރިހާ ސާމާ ނަކާއި މަސައްކަތަށް ބޭނުންވާނެ ޓެކްނިކަލް މީހުން ގެނައީ ޕާކިސްތާނާއި އިންޑިއާއިންނެވެ، އަދި މަގު ހެދުމާއި މިސްކިތް ސުކޫލް ކުޅިވަރު ބިން ފާހަގަކޮށް ފޭދޫ ވަރަށް ރީތި ރަށަކަށް ބިނާ ކުރިއެވެ، އަދި މަރަދޫ ފޭދޫއަށް ބަދަލު ކުރި މީހުންނަށް ވެސް މިކަހަލަ ރީތިގެތަކެއް ބިނާކޮށް ދިނެވެ، އެކަމަކު މި ދެ ރަށުގައި ހެދުނު ގެތައް ހެދިފައިހުރި މެޓޭރިއަލްސް އަކީ ހަނޑޫ ދަޑީގެ ބާވަތަކުން ކޮންޕްރެސް ކޮށް ދެފަރާތުގައި ސިމިންތި ޖަހައިގެން ހެދިފައިވާ ބިއްގަޑު ތަކަށްވާތީ މިކަމުގައި އާއްމު ފަރުދުންގެ ޝަކުވާ ތައްވެސް ހުރުމާއި އެކު، ސަރުކާރުގެ ފަރާތުން ހަވާލްދާރު ވެގެންތިބި އަލްފާޟިލު އަބުދުﷲ އަފީފު އާއި ކަތީބު ދޮންރަހާ ގޭގޭ ގެ އެގުރީމެންޓުގައި ސޮއިކޮށް ނުދިނެވެ. ފޭދޫ ކުމުންޒާނިގޭ އަލްފާޟިލު އަލްމަރުޙޫމް ދޮންރަހާ ( މޫސާ އިސްމާއީލް ) ބުނީ ތިމަންނާ އަކީ ގެ އެޅުމަށް ބޭނުން ކުރާ މުދާ އުފުލާ އެއް ލޮރީގެ ހެލްޕަރަކީމެވެ، އަދި ޑަމްޕަރު ޑްރައިވަރަކީ ވެސް ތިމަންނާއީމެވެ. ކޮންމެ ދުވަހަކު ވެސް ތިމަންނާގެ މަސައްކަތަކީ ހެދުނު ޑިއުޓީއަށް ނިކުމެ ގޭގެއަށް އެދުވަހަކު ބޭނުންވާނެ ސާމާނު ހަމަކުރުމެވެ، ކޮންމެ އެއްޗެއްވެސް ހުންނަނީ ފަސޭހައިން އޮޅުންފިލާ ގޮތަށް ނަމްބަރު ޖަހާ ވަކިކޮށްފައެވެ، އަދި ގެވެސް ހުންނަނީ ތިން ކެޓަގަރީ އަކަށް ބަހާލެވިފައެވެ، އެއްނަމްބަރު ގެއާއި ދެނަމްބަރު ގޭ އަދި ތިން ނަމްބަރު ގެއެވެ. މި ތަކެތި ލިސްޓުކޮށްގެން މަސައްކަތު މީހުން ލައްވާ ލޯރިއަށް އަރުވަނީވެސް އަހެރެންނެވެ. ދުވާލަކު ދެގޭ ނުވަތަ ތިންގޭ ސައިޓް ތަކަށް ކަމާލު ކުރަމެވެ، މިދާ ދިއުމުގައި އެންމެފަސޭހައިން ހަލާކުވާ މުދަލަކަށް ތިބެނީ ކުނިންހަދާފައިވާ ދެފުށުގައި ތުނި ސިމެންތިފަށެއް ލާފައި ހުންނަ ގޭގެ ބިއްގަޑު ތަކެވެ، މަދުނުވާހާ އަދަދަކަށް މި ބިއްގަޑުތައް ގެނެސްފައި އޮތެވެ.  މުދަލުގެ ވެރިޔަކަށް ހުންނަނީ އިގިރޭސި އެކެވެ. ގޯތިދިނުމާއި އެގޯތީގައި އަޅާނެ ގެ ނިންމަނީ އަފީފު އެވެ. މަސައްކަތް ބަލަހައްޓާ  ދުވާލުގެ މަސައްކަތް ދަނީ ރަގަޅަށްތޯ ބަލަން ވަރަށް ގިނަ ސަރުދާރުން ތިބެއެވެ. ސަރުދާރުންގެ ވެރިޔަކަށް ހުންނަވަނީ ކަތީބު ދޮންރަހާ އެވެ، ކޮންމެ ގެއެއްވެސް ނިމި ގެހަވާލުކުރަން އަންނަނީ އެމް.އޯ.ޑީ ގެ އޮފިސަރަކާ އެމް.ޕީ.ބީ.ޑަބުލިޔު ފަރާތުން ގަމުގައި ހުންނަ މަތީ ވެރިއެކެވެ، މިމަސައްކަތާއި އެކުހެން ގަމުގައިވެސް ބިން ސާފުކުރުމާއި މަގުހެދުމާއި ރުއްގަސް ކެޑުމުގެ މަސައްކަތް ވަރަށް ބާރަށް ހިގަމުން ދެއެވެ. ގާތްގަޑަކަށް އައްޑުއަތޮޅުގެ ހަރަށުން 800 ވަރަކަށް މީހުން މަސައްކަތައް ނެގިފައިވެއެވެ، ބައެއް ޚާއްސަ މިހާރުން މިހާރަށް ބޭނުންވާ އިމާރާތްތައް އިގިރޭސިން ހެދީ ފަނުންނާއި ރުއްވަކަރު ބިމަށް ޖަހައިގެންނެވެ. ކައިބޮއި ހަދާ ތަންތަން ކޮމިއުނިކޭޝަން ޕޯސްޓް އޮފީސް އަދި ބައެއް ޚާއްޞަ މުނިފޫހި ފިލުވާ ތަންތަންވެސް ހުރީ ފަންތޮށަލިންނެވެ، ދިވެހި ސަރުކާރުގެ ލެއިޒަން އޮފީހާއި އަދި ބައެއް އިގިރޭސިންގެ އޮފީސްތަށް ހުރީ ، ދެވަނަ ބޮޑުހަގުރާމައިގައި އިގިރޭސިން ގަމުގައި ތިބި އިރު ހަގުރާމައިގެ ކޮމާންޑު ތަށް އިއްތިހާދީންނަށް ފޯރުކޮށް ދިނުމަށް ހެދުނު ދެބުރިއަށް ރާނާ ހިޔާކޮށްފައި ހުރި މާރަގާ ގައެވެ، މިހާރު މިތަނަކީ ކައްކާ ބަދިގެއެކެވެ. މި ސަރަހައްދަކީ ގަމުގެ ވެރިކަން ކުރި އޮފީހާއި އަވަށު ވެރިމީހާގެ ގެ “ވާރަގޭ” ހުރި ތަނެވެ. ދިވެހިސަރުކާރުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުމާއި ކުރެވޭ ބައެއް ޝަރުޢީ މަސްއަލަތައް ވެސް ބަލަމުން ދަނީ މިތަނުގައެވެ. ކުއްލިގޮތަކަށް ދިވެހި ސަރުކާރުން ، އިގިރޭސިންނަށް އެންގީ އައްޑުއަތޮޅުގައި ކުރަމުން އައިމަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށާ އަދި ފޭދޫ އަށްބަދަލުކުރަމުން އައި ގަމުގެ އަހުލުވެރީން ގެންދިޔުން ވެސް ވަގުތީ ގޮތުން ހުއްޓާލުމަށެވެ، އެއްވެސް މަސައްކަތެއް އިތުރަށް ކުރިއަށް ގެންދެވޭނީ ދެފަރާތުން ވާހަކަ ދެއްކުމަށްފަހުގައިކަމަށް އިގިރޭސިންނަށް އެންގިއެވެ. މި ލިޔުން ލިބިފައިވަނީ 6 ޖަނަވަރީ 1958 ގައެވެ. އެއީ ވަރަށް އާދައާއި ޚިލާފު ގޮތަކަށް ސުމުއްވުލް އަމީރުލް މަރުޙޫމް އިބުރާހިމް ފާމުލަދޭރި ކިލެގެފާނު އައްޑުއަތޮޅުގައި ހުންނަވާފައި މާލެ ވަޑައިގެންނެވުމާއި އަދި ވަޒީރުލް އައުޡަމުކަމުގެ މަގާމުން  އިސްތިއުފާ ދެއްވުން މިކަމުގެތެރޭގައި ހިމެނިގެން ދިޔުމެވެ. ސިޔާސީ ބަޔަކަށް ކެތްނުވާވަރުގެ ބާރުތަކެއް ލުހެގަތުމަކީ އަލައް ބޮޑުވަޒީރުކަން ލިބިލެއްވި އަލްފާޟިލު އިބުރާހިމް ނާސިރު ކުރައްވަފާނެ ކަމެއް ކަމަކަށް އިގިރޭސިން އެއްގޮތަކަށްވެސް ނުދެކެތެވެ. އެހެންނަމވެސް ވަޒީރުލް އަޢުޡަމު އަލްފާޟިލު އިބުރާހިމް ނާސިރު ގެ މި އެދުމާއި ދެކޮޅަށް ، ދިވެހި ދަވްލަތުގެ ސަފީރުންގެ ހާޒިރުގައި އައްޑުއަތޮޅުގައި ކުރާމަސައްކަތް އިގިރޭސިން ދިޔައީ ހުއްޓުމެއްނެތި ކުރަމުންނެވެ. 1956 ގެ އެއްބަސްވުމަށް އެއިރު ފުރިހަމަ ރަސްމީ ސިފައެއް ނާންނަކަން ރަގަޅަށް އެގިތިބެ ވެސް އައްޑުއަތޮޅުގައި ކުރާ މަސައްކަތް ހުއްޓުމެއް ނުގެނެސް އިގިރޭސިން ކުރިއަށް ގެންދިޔައެވެ. މިމަސައްކަތް ކޮންޓްރެކުޓް އުޞޫލުން އިގިރޭސިން ހަވާލު ކޮށްފައިވަނީ ޔޫ.ކޭ ގެ ކުންފުންޏެއްކަމަށްވާ ރިޗަޑު ކޮސްޓެއިނާ އެވެ، ނާސިރު ގެ އެދުމަކީ ދެދަވްލަތް ދޭތެރޭގައި އޮތް އެކުވެރިކަމަށް އެއްވެސް ބުރުލެއް ނާރާ ގޮތުގެ މަތީން ސުލްހަވެރި ކަމާއިއެކު ވާހަކަ ދެކެވި ފުރިހަމަ މައުނަތައް ދޭހަކުރެވޭ އެގުރީމެންޓެއްގެ ދަށުން މަސައްކަތް ހިންގުމަށެވެ. އެހެންނަމަވެސް ކުރިންވެސް ބުނެވި ދިޔަގޮތަށް ގަމާއި އަދި ހިތަދޫން 110 އޭކަރުގެ ބިން އިގިރޭސި ދަވްލަތާއި ހަވާލު ކުރުމާއި ބެހޭ އެއްބަސްވުން މަޖުލިސް އަށް ހުށަހެޅި ވަރަށް މިނިވަން ވަރަށް އިންސާފުވެރި ބަހުޘް ތަކަކަށްފަހު ރައްޔަތުންގެ މަޖުލީހުން ނިންމެވީ 100 އަހަރުގެ އެގުރީމެންޓުގައި ސޮއި ނުކުރުމަށެވެ. އިގިރޭސިން ނިންމީ މިކަމުގައި އެމީހުން އެޅުއްވި ފިޔަވަޅު ފަހަތައް އެންމެ ފުކެއްވެސް ލުއި ނުދިނުމަށެވެ، ޙަޤީގަތުގައި އިގިރޭސިންނަށް ބާރުލިބުނީ 1948 ގެ އެޕްރީލް ގައި މުހުއްމަދު އަމީނު އާއި އިބުރާހިމް އަލީ ދީދީ ( ވަލީ ކޮމެޓީގެ ދެބޭފުޅުން ) މާލޭ ގައި ޑަބްލިޔު ހެންކިންސާއި އެކު  ސޮއިކުރި އެގުރީމެންޓް ގެ މާއްދާ އަކުން ބާރުލިބިގެން ކަމަށް، ތާރީޚް އިލްމު ވެރިން އެއބަސް ވެއެވެ.  މިއީ ” އައްޑޫ މަސްއަލަ ” އިގެ ފެށުމެވެ،1 މާރޗް 1958 ން ފެށިގެން އިގިރޭސިން މަސައްކަތް ކުރަމުންދިޔައީ މާލޭގައާ އައްޑޫގައި އެމީހުންގެ ތަފާތު އެކި އެކި ފެންވަރުގެ ވެރިން ތިއްބަވައިގެން ގަމުގައި ހިގަމުންދާ މަސައްކަތް ނިމެންދެން ވަރަށް ސްޓްރެޓެޖިކް ހަމަނުޖެހުންތައް ހިންގައި ދިވެހި ދަވްލަތައް ފިއްތުންތަކެއް މެދުވެރިކޮށްގެން ހިފަހައްޓާލާށެވެ، މިގޮތުން އައްޑުއަތޮޅުގައި އިގިރޭސިންގެ ފުރިހަމަ ސިޔާދަތުގެ ދަށުގައި ތިބޭނެ ސަރުކާރެއް ގާއިމު ކުރިއެވެ، އަދި މިސަރުކާރުގައި ދެކުނުގެ ތިން އަތޮޅު ބައިވެރިކުރެވުނެވެ. މިއީ  އިގިރޭސިންގެ ޕޮލިސީ އެވެ، މިހާރު މިވަނީ މިމީހުންގެ ކާމިޔާބީ ގެ އެންމެ އުސްހަރުފަތައް ވާސިލުވެފައެވެ. އައްޑުއަތޮޅުގައި އުފެއްދި ސަރުކާރުގެ ބާރުގައި ގަން މިއޮތީ އެންމެފުރިހަމަ އެއަރބޭސް އަކަށް ހެދި ނިމިފައެވެ. ދެން އިގިރޭސިން ގަސްދުކުރީ މިވޭތިވެދިޔަ ފަސް އަހަރުގައި އައްޑުއަތޮޅު ގައި ހިގަމުން އައި ސުވާދީބު ސަރުކާރު ވައްޓާލުމަށެވެ. މިގޮތުން މަރަދޫ މީހުނާއި ހުޅުދޫ މީހުން ނަށް ހާމަކޮށްދިނީ އިގިރޭސިންގެ ވަޒީފާ އާއި އަދި އެހެނިހެން ފައިސާގެ ހުރިހާ ޢިނާޔަތެއް އަބަދުވެސް ހިތަދޫ ގެ މީހުން ގެ ބާރުގެ ދަށުގައި އޮންނަވާހަކަ އާއި އިގިރޭސިންނަކަށް މިކަމުގައި ބާރެއްލެވެން އަންނަނީ މިސަރުކާރުގެ ބާރުކަޑުވާލުމުން ކަމަށް ބުނަމުން ދިޔައެވެ.  މިހާ ހިސާބުން މިވާހަކަ ކުރުކޮށްލީ އެވެ. އެމީހުން އަމިއްލަ އަށް ފޭއްސި އިލޮށި އަމިއްލަ ލޮލަށް ހެރުނީ އެވެ. ދިވެހިސަރުކާރުގެ  ކަރާމާތާއި ބާރު ކަޑުވައިލައިގެން މި ގައުމުގައި ނުތިބެވޭނެކަން އެމީހުންނަށްވެސް އެގެއެވެ، ދެން އަނެއްކާވެސް އެއްކަލަ ޑިޕޮލޮމެޓިކު ގުޅުން ބަދަހި ކުރަން ޖެހުނީ އެވެ . މިގޮތުން އިގިރޭސިން ކުރިހޯދި އެވެ. އިގިރޭސި ސަރުކާރުގެ ތަފާތު ގިންތީގެ ވެރިން ނާސިރާއި އެކު މާލޭގަޔާއި އަދި އިގިރޭސި ވިލާތުގައިވެސް ބައްދަލުވުންތަކެއް ބޭއްވި އެވެ. ނާސިރުގެ ވިސްނުން ފުޅު ކިތަންމެހާވެސް ތޫނުފިލި އެވެ. އައްޑުއަތޮޅު ދޫކޮށްފިއްޔާ ރާއްޖޭގެ ބޮޑުބައެއް ގައުމުން ވަކިކޮށް ލެވުނީއެވެ . ނުވަތަ ބޭރުބައެއްގެ އަޅުވެތިކަމުގެ ނުފޫޒުގެ ދަށައް އެއްވެސް ކުށެއް ނެތް ބަޔަކު “މިނިކޮއި ” ފަދައިން ދޫކޮށް ލެވުނީ އެވެ. ނާސިރު ގަސްދު ކުރީ އައްޑޫ އެގުރީމެންޓް ރިނިވް ކޮށް ދެއްވުމަށާއި އައްޑު އަތޮޅު ދިވެހި ސަރކާރުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތުމަށެވެ. އެހެންކަމާއި އެކު 14 ފެބުރުއަރީ 1960 ގައި ވަޒީރުލް އަޢްޡަމް އަލްފާޟިލް އިބުރާހިމް ނާސިރު އައްޑުއަތޮޅު ގަމާއި ، ހިތަދޫން 110 އޭކަރުގެ ބިން 30 އަހަރު ދުވަހަށް ހިލޭ ހަދިޔާއެއްގެ ގޮތުގައި އިގިރޭސި ސަރކާރަށް ދެއްވުމަށް އެއްބަސްވެ ވަޑައިގެން މި އެގުރީމެންޓް ގައި ސޮއިކުރެއްވިއެވެ. މިކުރެވުނު ސޮޔަށްފަހު 1976 ގައި އިގިރޭސިން ގަންދޫކޮށް ފައި ދިޔުމުން ފޭދޫގައި ތިބި ގަމުގެ ރައްޔަތުން ގަމަށްދާން މަސައްކަތް ކުރިއެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔައީ އައްޑުއަތޮޅުގެ ތަރައްގީ އަށް މަސައްކަތް ކުރުމަށް ހުޅުވިފައިވާ ދޮރެއް ބަންދު ނުކުރެވޭނެކަމަށެވެ. ސަރުކާރުގެ ކަމާއިބެހޭ އެކިއެކިދާއިރާތަކުން ބަލަމުންދަނީ ރައްޔަތުންނަށްޓަކައި މިތަނުގައި ކުރެވޭނީ ކޮންކަމެއްތޯބަލައި މިވަގުތުން މިވަގުތަށްވެސް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރިއަށް ގެންދާނެ ވާހަކަ އެވެ. އޭގެ ސަބަބުން އައްޑުއަތޮޅުމީހުން ގަން ސިފަކުރީ އައްޑުއަތޮޅުގެ “ހިތް”  ކަމުގައެވެ އާދެ ! އިގުތިޞާދީ ލޭނާރެއްގެ ގޮތުގައެވެ. “ނިމުނީ”

އެދުވަސްވަރު ގަމުގެ ރަށްވެހިންގެ ހުރިހާ ކަމަކާއި ޙަވާލުވެ

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.