Live News From Hulhumeedhoo, Addu City

މިއީ އަހަރެމެންގެ ފަހަރު: ބާކީ 13 ދުވަސް

މިހާރު މިވަނީ އެއްމެ 13 ދުވަހަށްވެފައެވެ. ލަފާކުރެވޭގޮތުގައި ތިޔަބޭފުޅުން ވޯޓުލަށްވާނެ ބޭފުޅަކު މިހާރު ވާނީ އިޚްތިޔާރުކޮށްފައެވެ. އެކަމަކު އިޚްތިޔާރުކޮށްފައިވާ ކެންޑިޑޭޓް ބަދަލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މިގޮތަށް ބަދަލުކުރާއިރު އެއްމެ ރަނގަޅު ކެންޑިޑޭޓް އިޚްތިޔާރުކުރެއްވުމުގައި އެކި ބޭފުޅުން ގެންގުޅުއްވާގޮތް ތަފާތުވެދާނެއެވެ. ކުރީގެ ލިޔުމުގައި އަޅުގަނޑު ދަންނަވާލިފަދައިން “ރާއްޖެތެރެ” (ދެވަނަ ދަރަޖައިގެ ރައްޔިތުން ދިރިއުޅޭ ރަށްތައް. މިއީ އަޅުގަނޑު މާނަކުރާގޮތް) ރަށްރަށުން ހުށަހަޅާ “އަސާސީ ޚިދުމަތުގެ މެނިފެސްޓޯ” އަށް އަމަލު ނުކުރާކެންޑިޑޭޓުންނަށް ވޯޓު ނުދިނުމުގެ ވިސްނުން މިރަށްރަށުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެވެ. މިދެންނެވި ފިކުރު އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންގެތެރޭގައިވެސް އެބައޮތެވެ.

އެހެންކަމުން ކެންޑިޑޭޓުންނަށް ހުށަހެޅުމަށްޓަކައި އަޅުގަނޑުމެންގެ ރަށުންވެސް “އަސާސީ ޚިދުމަތުގެ މެނިފެސްޓޯ” އެއް ހެދިއެވެ. އެ މެނިފެސްޓޯ އެކުލަވާލުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބިފައިވާތީ އެމެނިފެސްޓޯ ތިޔަބޭފުޅުންނާއި ހިއްސާކޮށްލާނަމެވެ. އަޅުގަނޑާއެކު ޖުމްލަ 10 ބައިވެރިން ހިމެނުނު މިބައްދަލުވުމުގައި ދެން ބައިވެރިވެ ވަޑައިގަތީ އަލްއުސްތާޒު އަބްދުﷲ ސަޢީދު، އައްޝެއިޚް އަބްދުﷲ ހާނީ، އަހުމަދު ފަޔާޒު، އަބްދުﷲ ރަޝީދު، އަޙްމަދު ޝާތިރު، އަހުމަދު މުހައްމަދު، ޝަމްޝީރު ރިޟުވާން، މުހައްމަދު ޝިހާބު އަދި ހަސަން މާހިރު އެވެ.

މެނިފެސްޓޯ އެކުލަވާލުމުގެ ބައްދަލުވުން ފައްޓަވާދެއްވީ އަހްމަދު ޝާތިރުއެވެ. ބައްދަލުވުމުގެ ބައިވެރިން ބަހުސްކުރެއްވުމަށްފަހު ނިންމެވި ކަނތައްތައްތަކަކީ:

1. އިންތިޚާބުތަކުގައި ކެންޕޭނު ކުރެއްވުމަށް ރަށަށް ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ވަކި ފަރުދަކަށް ފައިސާ ދީގެން ކެންޕޭނު ނުކުރުމަށް އެބޭފުޅުންނަށް ދެންނެވުމަށާއި؛

2. ކެންޕޭނު ކުރެއްވުމަށް ކުރާ ޚަރަދުތައް ސީދާ ރަށުގެ ޢިޖްތިމާއި ކޮންމެވެސް ކަމަކަށް ޚަރަދުކުރެއްވުމަށް އެބޭފުޅުންނަށް ދެންނެވުމަށާއި؛

3. އިޖްތިމާއީ ރޮނގުން އެބޭފުޅުންނަށް ކޮށްދެއްވިދާނެކަމަށް މިބައްދަލުވުމުން ނިންމެވި ކަންތައްތަކުގެ ތެރެއިން ކޮންމެވެސް އެއްކަމެއް އެބޭފުޅެއްގެ ޤާބިލިއްޔަތުހުރި މިންވަރަކަށް ބަލައި ހުށަހެޅުއްވުމެވެ.

ކެންޑިޑޭޓުންނަށް ހުށަހެޅުއްވުމަށް ނިންމެވި ކަންތައްތައް (އިސްކަންދޭ ތަރުތީބުން):

1. ނަރުދަމާގެ ނިޒާމު ގާއިމުކުރުން

2. ބަނދަރު ތޮށިގަޑު މަރާމާތުކުރުން

3. ލޯކަލް މާރުކޭޓެއް ހެދުން

4. ޢިޖްތިމާއީ މަރުކަޒު މަރާމާތުކުރުން

5. ހިއްކި ބިމުގައި ޕާކަކާއެކު މިސްކިތެއް ބިނާކުރުން

6. ފުޓްބޯޅަ ދަނޑު ތަރައްގީކުރުން

ލިސްޓްގައި އެވާ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން ހުށަހެޅީ އަޅުގަނޑެވެ. އެކަން އަޅުގަނޑު ނެގި ސަބަބުތައް ބައިވަރެވެ. ނަމަވެސް އެއްމެ ސަބަބެއް ހާމަކޮށްލާނަމެވެ. އަޅުގަނޑަކީ ފުޓްބޯޅައަށް ވަރަށް ޝަޢުގެވެރިވާ މީހެކެވެ. ފުޓްބޯޅަ ނުކުޅުނަސް އެކުޅިވަރުން ރަށަށް ރީތި ނަން ހޯދައިދޭނެ ޒުވާނުން އުފެދިގެން ދިއުމަކީ އަޅުގަނޑުކުރާ އުއްމީދެކެވެ. ލިސްޓުގައި ދެންހުރި ކަންތައްތަކަކީވެސް އަޅުގަނޑު ތާއީދުކުރާ ކަންތައްތަކެވެ. އެކަންތައްތަކަކީ މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ކަންތައްތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ރަށުން ހަދާފައިވާ މެނިފެސްޓޯއާއި ދޭތެރޭ އަޅުގަނޑު ހިތްހަމަޖެހެއެވެ. ނަމަވެސް ތިޔަބޭފުޅުންގެ ޚިޔާލު މިކަމުގައި ތަފާތުވެދާނެއެވެ. ޚިޔާލު ތަފާތުވުމަކީ ކަންތައްތަކާއިމެދު ދެވަނަފަހަރަށް ވިސްނާލުމަށް ފުރުސަތު ލިބޭކަމެކެވެ. އެހެންކަމުން މި މެނިފެސްޓޯއަށް ތިޔަބޭފުޅުންވެސް ޚިޔާލު ހުށަހަޅުއްވަންވީއެވެ. އޭރުން މިއަށްވުރެ މާ މޮޅު މެނިފެސްޓޯއެއްވެސް ހެދިދާނެއެވެ.

މެނިފެސްޓޯ ކިތައްމެ މޮޅަސް އަޅުގަޑުމެންގެ ރަށުން ހެދި މެނިފެސްޓޯ އޮތީ އޮތްތަނުގައެވެ. މި މެނިފެސްޓޯ އެކުލަވާލިފަހުން ކެންޕޭނުކުރެއްވުމަށް މީދޫއަށް ވަޑައިގެންނެވި ބޭފުޅުންގެ ތރެއިން އަޅުގަނޑާއި ބައްދަލުވެފައިވަނީ ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީނާއެވެ. އެމަނިކުފާނަށް އަޅުގަނޑު ދެންނެވީ މެނިފެސްޓޯގައި އެވާ ފުޓުބޯޅަ ދަނޑު ތަރަށްގީކޮށްދެއްވުމަށެވެ. އެމަނިކުފާނު ދެއްވި ޖަވާބު ވަރަށްކުރުވެފައި ފުރިހަމައެވެ. “ތިކަންތައް ރަސްމީކޮށް ހުށަހެޅުމުން ހަމަޖެހޭނެ” މިހެންނެވެ. އަޅުގަނޑަށް އެނގިފައިވާގޮތުން އަހުމަދު ޝާތިރު މިކަންތައް ވަރަށް ތަފްސީލުކޮށް ޔާމީނުއަށް ދެންނެވިއެވެ. އަދި ރަސްމީކޮށް މަސައްކަތައް ހޭދަވާނެ ފައިސާގެ އަދަދާއެކު އެޕާޓީގެ ކޮންގްރެސްއަށްދިޔަ ޝާމިޒްއާއި ހަވާލުކޮށް ޕީއޭއަށް ހުށަހެޅިއެވެ. އޭގެ ފަހުންވީގޮތެއް އަޅުގަނޑަކަށް ނޭގެއެވެ. ނަމަވެސް މި ރަމަޟާން މަސް ފެށުމުގެ ކުރިން ފުޓްބޯޅަ ދަނޑުގެ ކަންތައްތައް ހަމަޖެހިގެންދާނެކަމަށް އެޕާޓީ ޕްރޮމޯޓްކުރަށްވަން އުޅުނު ފަރާތުން ދިޔައީ ބުނަމުންނެވެ. އެހެންކަމުން އަޅުގަނޑުވެސް ހުރީ މިކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެންނެވެ. އަޅުގަނޑަށްވުރެ ބޮޑަށް ފުޓްބޯޅަކުޅޭ ރަށުގެ ޒުވާނުން މިކަމަށް އުއްމީދުކުރިއެވެ.

ރޯދަމަސްވެސް އައިސް ނިމެނީއެވެ. އަބްދުﷲ ޔާމީނުގެ ޕާޓީ އެބޭފުޅާގެ ބޭބެގެ ޕާޓީއާއި ގުޅިއްޖެއެވެ. އަޅުގަނޑުމެންގެ މެނިފެސްޓޯއިން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހަޅަނީ އެކެންޑިޑޭޓަކަށް ކުރެވޭވަރުގެ އެއް މަސައްކަތެވެ. އެގޮތުން ޔާމީނަށް ހުށަހެޅި ކަންތައް އޭނާ ކޮށްނުދެއްވިއެވެ. އެހެންކަމުން ވޯޓު ދެއްވުމުގައި ޔާމީނުއާއި އޭނާ ސަޕޯޓްކުރަށްވާ ކެންޑިޑޭޓާއިމެދު ގޮތެއް ނިންމަވާނީ ތިޔަބޭފުޅުންނެވެ.

އަޅުގަނޑުމެން މެނިފެސްޓޯ އެކުލަވާލިފަހުން ދެން މިރަށަށް ކެންޕޭނު ދަތުރެއްގައި ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާޙީމް އެވެ. ފެންނަ ފެނުމުގައި އެމަނިކުފާނަށް ކެންޕޭނުކޮށްދެއްވަނީ ކުރިން އެމްޑީޕީއަށް ނިސްބަތްވާ މީދޫގެ މެމްބަރުންނެވެ. މީގެ ތެރޭގައި އަޅުގަޑުމެންގެ މެނިފެސްޓޯ އެކުލަވާލުމުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުން ހިމެނެއެވެ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާހިތްއޮތީ އަޅުގަޑުމެންގެ މެނިފެސްޓޯއިން ކޮންމެވެސް ކަމެއް މިހާރުވާނީ ޤާސިމްއަށް ހުށަހެޅިފައިކަމަށެވެ. ނަމަވެސް ކަމެއް ހުށަހަޅާފައިވާ ކަމުގެ އެއްވެސްކަހަލަ އަސަރެއް މިއަދާއި ހަމައަށްއައިރު ފެނިފައިނެތެވެ. އަދި އެފަދަ ކަމެށް ޤާސިމް ކޮށްދެއްވަން އުޅުއްވާކަމުގެ ވާހަކައެއްވެސް އަޑުނީވެއެވެ. ވޯޓުލާން އެއްމެ 13 ދުވަހަށް ކާރިވެފައިވާއިރު ގޮތެއް ނިންމަވާނީ ތިޔަބޭފުޅުންނެވެ.

ތިޔަބޭފުޅުން ކޮންމެގޮތަކަށް ނިންމެވިއަސް “އަސާސީ ޚިދުމަތުގެ މެނިފެސްޓޯ” ވިއްކައިގެން ވޯޓުލެއްވުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫނެވެ. ނަމަވެސް ސަލާންޖެހުމާއި ވޯޓު ވިއްކުމުގެ ސަގާފަތެއްގައި ޒަމާންތަކެއްވަންދެން އުޅެންޖެހުމުން ލިބިފައިވާ ނިކަމެތިކަން ފޫބެއްދުމަށްޓަކައި ވޯޓު ވިއްކުމަށް މަޖްބޫރު ވަނީއެވެ. ކޮށްދެއްވާނަމޭ ބުނެ ކޮށްނުދެވުނަސް ޖެހިގެން އަންނަ ފަސްއަހަރަށްވެސް ވޯޓުދެނީއެވެ. އެކަމެއް ކޮށްދެއްވާނަމޭ ވިދާޅުވެފައިވާތީއެވެ. ނޫނީ ތިމާގެ ވަޒީފާ ގެއްލިދާނެތީވެ ބިރުންނެވެ. އަޅުގަނޑަށް ވޯޓުލުމުގެ ހައްގު ލިބުނުފަހުން ދެފަހަރަކު ވޯޓްލައިފީމެވެ. އެދެފަހަރުވެސް ވޯޓުލާގޮތަކުން އަޅުގަނޑު އަދާކުރަމުންދިޔަ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުއޮތެވެ. ނަމަވެސް ވަޒީފާއިން ވަކިކުރިއަސް ހެޔޮކަމަށްބުނެ އަޅުގަނޑު ބޭނުންވިގޮތަށް ދެފަހަރުވެސް ވޯޓުލީމެވެ. އެހެންކަމުން މިފަހަރުވެސް އަޅުގަނޑު ވޯޓުލާނީ ނުފޫޒުތަކުން އެއްކިބާވެ އަޅުގަނޑަށް ފެންނަގޮތަކަށެވެ. އެއްމެ ގިނަ ގޯލްޖަހާފާނެކަމަށް ބެލެވޭ މީހަކަށް މެޗް ނިމުމުގެ ކުރިން މޭންއޮފްދަ މެޗެއް ނުދޭނަމެވެ. އާއެކެވެ. މިއީ އަހަރެމެންގެ ފަހަރެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.