Live News From Hulhumeedhoo, Addu City

މިއީ އަހަރެމެންގެ ފަހަރު: ބާކީ 12 ދުވަސް

މިނިވަންކަމާއި އެކު ވޯޓު ލެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ޑިމޮކްރަސީގެ އެއްމެ އަސާސީ އެއްސިފައެވެ. މިދެންނެވި މިނިވަންކަމަކީ މިއަދާއި ޖެހެންދެންވެސް ދިވެހިން އިހްސާސްކޮށްފައިވާ މިނިވަންކަމެއްނޫނެވެ. އެހެންކަމުން ދިވެހިންގެ ގިނަބަޔަކުވަނީ ވޯޓު ލުމަށް ފޫހިވެފައެވެ. އަދި އެހެންމެ ފާއިތުވެދިޔަ އަހަރުތަކުގައި ވޯޓް ލުމަކީ ވަރަށް ބިރުވެރިކަމެކެވެ. ސިއްރު ވޯޓެކޭކިއަސް އެމީހަކު ލާވޯޓުގެ ސަބަބުން ވަޒީފާގެއްލިދާނެތީއެވެ. ރަށަށް ލިބެންޖެހޭ ކުރިއެރުމަށް ބުރޫ އަރާފާނެތީވެ، ވެރިން އަންގަވާގޮތަށް ވޯޓުލާން މަޖްބޫރުވާތީއެވެ. މިދެންނެވި ކަންތައްތަކަކީ ދިވެހިން ކޮންމެ ފަސް އަހަރުން އެއްއަހަރު ތަޖްރިބާކުރަމުން އަންނަ ކަމެކެވެ.

މިއަންނަ އޮކްޓޫބަރު މަހު 8 ވަނަދުވަހު އަނެއްކާވެސް އަޅުގަޑުމެންނާއި މިބައްދަލުކުރަނީ އެއްކަލަ “ބޭކާރު” އިންތިޚާބެވެ. މިއީ އެއްގޮތަކަށްވެސް އަޅުގަޑު ދަންނަވާ ވާހަކައެއް ނޫނެވެ. ދިވެހިންގެ ގިނަބަޔަކު ދެކޭގޮތުގައި އެމީހުން ވޯޓު ލިޔަސް އަދި ނުލިޔަސް ވޯޓުގެ ނަތީޖާއަށް ބަދަލެއް ނައަންނާނެއެވެ. ދާދި ފަހުން ޓީވީންކުރި ސާވޭއެއްގަ ބައިވެރިވި މީހުންގެ ތެރެއިން %75 މީހުން ބުނެފައިވަނީ މިފަހަރު މިބާއްވަންއުޅޭ ރިޔާސީ އިންތިޚާބު މިނިވަންނުވާނެކަމަށެވެ. މީގެ މާނައަކީ ވެރިއަކަށް ކޮންމެ މީހަކު ހުއްޓަސް އެމީހުންނަށް ކުރާނެ ފައިދާއެއް ނެތޭ ބުނުމެވެ. ބައެއްމީހުން ދެކޭގޮތުގައި މިހާރު ރާއްޖޭގެ ވެރިކަމުގައި ހުރިމީހާ އިންތިޚާބަކުން ބަލިވެ  އެހެން މީހަކު ވެރިކަމާއި ހަވާލުވެއްޖެއްޔާ ގައުމުގެ ހާލަތުދާނީ ދަށަށެވެ. މިފަދަ މީހުން ގަބޫލުކުރާގޮތުގައި މައުމޫނު ވެރިކަމުން ބޭލުމަށްފަހު މިގައުމުގެ އެއްމެ މަތީ މަގާމު އަދާކުރެއްވޭނެ އެހެން ދިވެއްސަކުނެތެވެ. ދިވެހި ރާއްޖޭގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެތެރެއިން ގިނަބައެއްގެ ވިސްނުން މިގޮތަށްހުއްޓާ މިފަދަ އިންތިޚާބެއް ބޭއްވުމަކީ ހަގީގަތުގައިވެސް “ބޭކާރު” ކަމެކެވެ. ނަމަވެސް އަޅުގަޑަކީ މަތީގައި މިދެންނެވި ވިސްނުމަށް ތާއީދުކުރާ މީހެއްނޫނެވެ.

އިންތިޚާބާއިމެދު އަޅުގަޑުމެން ދެކޭގޮތް ކޮންމެހެން ސަރުކާރުން ބަލާކަށް ނުޖެހޭނެއެވެ. ގާނޫނުއަސާސީގެ ދަށުން ބާއްވަންޖެހޭ އިންތިޚާބުތައް އެއިރެއްގައި އޮންނަ ސަރުކާރަކުން ދާނީ ބާއްވަމުންނެވެ. އިންތިޚާބު “ބޭކާރު” އެއްޗަކަށް ހަދަނީ އަޅުގަޑުމެން އަމިއްލަޔަށެވެ. އިންތިޚާބަކުން ހާސިލްކުރަންބޭނުންވާ ކަމެއް އޮތްނަމަ އެއިންތިޚާބުގެ ބޭނުންހިފުމަކީ އަޅުގަޑުމެންގެ އަމިއްލަކަމެކެވެ. އަޅުގަޑުމެން ވޯޓްލަނީ ކުރިންދެންނެވި ފަދައިން ރަށަށްލިބިދާނެ ދެރައަކުން ސަލާމަތްވުމަށް، ވަޒީފާ ގެއްލިދާނެތީވެ، ނޫނީ ކޮންމެ ގޮތަކަށް ވޯޓް ލިޔަސް ނަތީޖާ ބަދަލެއް ނުވާނެކަމަށް ވިސްނައިގެން ކަމަށްވާނަމަ ވޯޓް ބޭކާރު ކުރުމުގެ ޒިއްމާ ނަގަންޖެހޭނީ ޚުދު އަޅުގަޑުމެން ދިވެހިންނެވެ.

މިއަންނަ ރިޔާސީ އިންތިޚާބު ބޭނުންތެރި އަދި ކާމިޔާބު އިންތިޚާބަކަށް ހަދަންބޭނުންނަމަ އަޅުގަޑުމެން ވިސްނާގޮތް ބަދަލުކުރަން އެބަޖެހެއެވެ. އިންތިޚާބުތަކާއިމެދު އަޅުގަޑުމެން ދެކެމުން އަންނަގޮތް ބަދަލުކުރަން ޖެހެއެވެ.އެއްމެ ފުރަތަމަ ކަމަކަށް ގަބޫލްކުރަންޖެހެނީ އެއްމެ ވޯޓަކުންވެސް އިންތިޚާބުގެ ނަތީޖާ ބަދަލު ވެދާނެކަމަވެ. ހަމައެހެންމެ ތިމާ އެދޭފަރާތް ވޯޓުން ފެއިލްވެދާނެތީ، ވޯޓް ކާމިޔާބު ކުރާނެކަމަށް ލަފާކުރާ ފަރާތައް ވޯޓް ދޭކަށް ނުޖެހެއެވެ. ވޯޓުލުމަކީ ފުޓްބޯޅަ މެޗެއްގައި އެއްމެގިނަ ގޯލްޖަހާމީހާއަށް މޭން އޮފްދަމެޗްދޭ އުސޫލުން ކުރަންޖެހޭ ކަމެއްނޫންކަން ހަނދާން ބަހައްޓަން ޖެހެއެވެ. މިފަހަރު ވޯޓުލާންޖެހޭނީ ކެންޑިޑޭޓަކަށް ނޫނެވެ. ހެޔޮބަދަލަކަށެވެ.

ޚިޔާލު

  • ލޭޒާރ ލަޔަން ގެ ޚިޔާލަކީ:

    ޝާހިދު ތިކުރައްވާ ހިތްވަރަށް ބުނެވޭނީ އައްސަރިބަހެވެ. އަދި ސާބަހެވެ. އަޅުގަނޑަށް އެގޭ އެއްޗެއް ދަންނަވަމެވެ. ފުރަތަމަ ބުރުން މައުމޫނު ދެވަނަ ބުރަށް ދާންޖެހުނު ކަމުގައިވިޔަސް ފުރަތަމަ ބުރުން ވެސް އޭނާ އަށް 90000 ވޯޓް ބޭނުންވާނެކަމެވެ.ސުވާލަކީ މައުމޫނަށް 90000 ވޯޓް ލިބޭނެތޯއެވެ.

  • ninetoo ގެ ޚިޔާލަކީ:

    votu lanei meehaka benimei benikama keraaka nun.gaumuge musthag bala takai,amehla dharinge dharinge musthagbalatakai,thimage amehla meeha jeeba vanna rufiyaaka nun.adhi badalaka votu dhinumaki enme ragalha gotha nun.badhalu veyjeheyhe heyo badhalaka.misaalaka buruma gasimah votu lmaki heubadhala nun.ehenme visnafei mifaharoge votu firin enmen laanei.vote 4hasan saeed he is capable and experience

Trackbacks