Live News From Hulhumeedhoo, Addu City

މިއީ އަހަރެމެންގެ ފަހަރު: ބާކީ 11 ދުވަސް

އެރޭ މިތަނަށް ހުވާކުރަން އައި އިރު އަޅުގަނޑުގެ ވަރަށް އެކުވެރި ވަރަށް ގާތް ހައެއްކަ ބޭފުޅުންގެ އަތްޕުޅުގައި ހަތިޔާރު ވެސް ހުންނާނެ. އެއީ އެއްވެސް ކަމެއް ދިމާވެއްޖިއްޔާ ހަމަ ވަގުތުން އެރޭ ވެސް އަޅުގަނޑުމެން ގަސްދުކުރީ ރައްޔިތުން އެކަން ނިންމާފައި އޮތްގޮތަށް ކަންތައްތައް ގެންދަން. އެއްވެސް މީހެއްގެ ބިރުދެއްކުމަކަށް ބިރު ނުގަންނަން. ގާނޫނީ ގޮތުން ރައްޔިތުން އަޅުގަނޑު ހޮވާފައި ވާތީ އަޅުގަނޑު ގަސްދުކޮށްފައި އޮތީ ކޮންމެ ކަމެއް ދިމާވިއަސް އެކަމުގައި ހުންނަން. އެހެންވީމާ އޭރުގެ ގޮތުން ބަލާއިރު އެރޭ އެކުރެވުނީ ޣައިރު ގާނޫނީ ކަމަކަށް ވެސް ވެދާނެ. އޭރު އަޅުގަނޑު އަދި ރައީސް ކަމާ ހަވާލެއް ނުވަން. އެހެން ނަމަވެސް އަޅުގަނޑު އަތުގައި ހަތިޔާރު ހުރި. އަދި އަޅުގަނޑު މިދެންނެވި މީހުންގެ އަތުގައި ވެސް ހަތިޔާރު ހުރި. އެއީ އޭރު ކަންތައް އޮތްނެތް ގޮތެއް ނޭގޭތީ ރައްޔިތުންގެ ދިފާއަށްޓަކައި. ކޮންމެވެސް ނުބައި ރޭވުމެއް ރޭވިގެން އެރޭ ކަންތައްތައް އެހެން ގޮތަކަށް ހިގައިދާނެތީ އަޅުގަނޑު ހަމަޖެއްސި ހަމަޖެއްސުމެއް.” 28 އެޕްރީލް 1980 ގައި ރައްޔިތުންގެ މަޖިލީހުގައި މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ކުރަށްވާފައިއެވަނީ އޭރުގެ ގޮތުން ބެލިޔަސް އަދި މިހާރުގެ ގޮތުންބެލިޔަސް ޣައިރު ޤާނޫނީ ކަމެކެވެ. އަދި އެކަމަށް މައުމޫނުއެވަނީ އިއުތިރާފްވެފައެވެ. އެހެންކަމުން މައުމޫނު ހިންގާފައިވާ ޣައިރު ގާނޫނީ އަމަލާއި ދެކޮޅަށް އޭނާއާއިގެން ޝަރީއަތް ހިންގަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ހިމާޔަތްކޮށް އަދުލު އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުވައްސަސާތަކަށް ލާޒިމް ނުވޭހެއްޔެވެ؟

7 އޮގަސްޓް 2008 ވަނަދުވަހު ހައިބަތު ބޮޑު ދަރުބާރެއް އެކުލަވައި ދިވެހި ރާއްޖޭގެ ޖުމްހޫރއްޔާގެ ގާނޫނުއަސާސީގެ 1998 ގެ އެޑިޝަން އުވާލައިފިކަމަށް މައުމޫނު ވަނީ އިއުލާންކޮށްފައެވެ. ސުވާލަކީ ގާނޫނުއަސާސީ އުވާލުމުގެ ބާރު މައުމޫނަށް ދީފައިވަނީ ކޮންގާނޫނަކުން ހެއްޔެވެ؟

ދެންއޮތީ އެހެންސުވާލެކެވެ. އާ ގާނުނު އަސާސީއާއި ބާ ގާނޫނު އަސާސީއޭ ކިޔާނެކަމެއްނެތެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ހ.ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލް ގައްޔޫމު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ކިތައް ދައުރު ފުރުއްވައިފިހެއްޔެވެ؟ މިސުވާލަށް ޖަވާބުދެއްވުމަށްޓަކައި ގާނޫނީ ރޮނގުން މަތީފާހެއް އޮތުން ލާޒިމެއްނޫނެވެ. އަދި މިސުވާލުގެ ޖަވާބު ހޯދަން ސްޕްރީމް ކޯޓަށް ބޭރުގެ ފަނޑިޔާރުން ގެންނާންޖެހޭކަމަކަށް ނުފެނެއެވެ. ދެން އޮތީ 1968 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގާނޫނު އަސާސީގެ 2008 ވަނަ އަހަރުގެ އެޑިޝަންގެ 107 ވަނަ މާއްދާގެ (ހ) ސްޕްރީމް ކޯޓުން މާނަކުރަށްވަނީ ކިހިނެއްތޯ ބެއްލެވުމެވެ. އެ މާއްދާގައި ބުނެފައިވަނީ “ރައީސުލް ޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސްއަހަރު ދުވަހެވެ. އަދި، މިޤާނޫނު އަސާސީގެ ދަށުން ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމް ނުފުރޭނެއެވެ”

މި މާއްދާގައި ފަހުބައިގައި އެބުނާ ވާހަކައަށް ފުންކޮށް ވިސްނާލައްވާށެވެ. އަދި ސްޕްރީމް ކޯޓުން މި މާއްދާ ތަރުޖަމާކުރަށްވާގޮތްވެސް ބައްލަވާށެވެ. ކޮންމެ ގޮތަކަށް ސްޕްރީމް ކޯޓުން ނިންމެވިޔަސް އެމީހުންނަކަށް އަހަރެމެންގެ މައްސަލަތަކަށް ހައްލު ހޯދައި ނުދެވޭނެއެވެ. އެމީހުންނަކީ އަހަރެމެންނަށް ދިމާވެފައިވާ މައްސަލަތަކުގެ އަސްލެވެ. އެހެންކަމުން މިއީ އަހަރެމެންގެ ފަހަރުކަމުގައި ހައްދަވާށެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.