ފުވައްމުލައް އިސްލާމްވުން
ފުވައްމުލައް އިސްލާން ކުރެއްވުމަށް ޔޫސުފް ނާއިބުގެ ފަހުން ވަޑައިގަތީ ޔޫސުފް ނާއިބުގެ ދަރިކަލުން ޢަބްދު ނާއިބެވެ. ނުވަތަ ޢުމަރު ނާއިބެވެ. މިދެނަންވެސް ލިޔެކިޔުމުން ފެނެއެވެ. ދެނަން ބޭނުން ކުރެވުނު ކަމުގައި ވިޔަސް މިއީ އެއްބޭފުޅެކެވެ. އަދި މިކަލޭގެފާނަށް ބޯދާ އަލްގެދަރު ނާއިބޭވެސް ކިޔައެވެ. ޢަބްދު ނާއިބު ވަޑައިގެން ފުވައްމުލަކުގައި ދީނަށް ގޮވައިލައްވައި އެރަށުން އިސްލާންވި ބޭކަނބަލަކާ ކައިވެނި ބެއްލެވިއެވެ. މިޢަބްދު ނާއިބުގެ ދަރިކޮޅުން އައި އެންމެ މަޝްހޫރު ދަރިކޮޅަކީ ދިވެހިރާއްޖޭގެ ރަސްކަން ކުރި އިސްދޫ ދަރިކޮޅޭ ކިޔޭ ދަރިކޮޅެވެ. ޢަބްދު ނާއިބު އެތައް ދުވަހެއްވަންދެން ފުވައްމުލަކުގައި ޤާއިމްވެ ހުންނެވިއެވެ. އެއިރުވެސް އެރަށުގައި އިސްލާން ނުވާ އެތައް ބަޔަކު ދިރިއުޅެމުން ދިޔައެވެ. ކާފަރުން އެންމެ ގިނައީ ދަޑިމަގު، ދިގުވާނޑު، ފުނާޑު އަދި ދޫޑިގަމުގައެވެ. މުސްލިމުން މާދަޑު، މިސްކިތްމަގު، ހޯދަޑު، މާލެގަމު އަދި ދަށުކުބާގައި ފުދޭވަރަކަށް ތިބިކަމަށް ވެއެވެ.
އެއްދުވަހަކު ޢަބްދުނާއިބު ދިގުވާނޑު ވޭރެގަމިގޭ މަގުން ވަޑައިގަންނަވަނިކޮށް ރުކެއްގައި އޮތް ކާފަރަކު މަޑައަކުން ޖަހައި އެކަލޭގެފާނު ޝަހީދުކޮށްލީއެވެ. އެކަލޭގެފާނު ފަސްދާނު ލެވުނީ ދިގުވާނޑުގައި ޒިޔާރަތެއް ހަދާފައެވެ. އަދިި މަޝްހޫރު އަލްގެދަރި މިސްކިތަކީވެސް އެކަލޭގެފާނު ކުރެއްވި ބިނާއެކެވެ. މިއީ ފުވައްމުލަކުގައި ބިނާ ކުރެވުނު ދެވަނަ މިސްކިތެވެ. ޢަބްދުނާއިބު ޝަހީދުވުމަށްފަހު ފުވައްމުލަކަށް ދެން ވަޑައިގަތީ އަބޫބަކުރުނާއިބެވެ. މުޅި ފުވައްމުލައް އެއްކޮށް އިސްލާންވީ އަބޫބަކުރު ނާއިބުގެ އަތްޕުޅު މައްޗަށެވެ. އަބޫބަކުރު ނާއިބަށް އެއްވެސް ބޭފުޅަކު ލިބިވަޑައިގަތް ކަމެއް އެނގޭކަށެއް ނެތެވެ. އަދި ކައިވެންޏެއް ކުރެއްވިކަމެއްވެސް ތާރީޚުން އެނގޭކަށެއްނެތެވެ.
އަބޫބަކުރު ނާއިބުކަލޭގެފާނު ބިނާކުރެއްވި މިސްކިތަކީ ގެއް މިސްކިތެވެ. އަބޫބަކުރު ނާއިބު ފަސްދާނު ލެވުނީ ގެއް މިސްކިތު ޒިޔާރަތުގައެވެ.
ޔޫސުފް ނާއިބުގެ ދޮން ޙަސަން ޚަޠީބުވެސް ފަހުން ހުންނެވީ މަންމާގެ ރަށްކަމުގައިވާ ފުވައްމުލަކުގައެވެ. ހޯދަޑު އަވަށުގައެވެ. ފަހުން މިކަލޭގެފާނު މަޝްހޫރުވެފައިވަނީ ހޯދަޑު ޚަޠީބު ކަލޭގެފާނުގެ ނަމުންނެވެ.
ޔޫސުފް ނާއިބުގެ ދޮންއައިހާ ކަނބުލޭގެފާނުވެސް ހުންނެވީ ފުވައްމުލަކުގައިކަން މިސްކިތްތަކުގެ ވަނަވަރު ފޮތުން އެނގެއެވެ.
ޔޫސުފް ނާއިބުގެ ޔަޙްޔާ ނާއިބު ފަސްދާނުލެވިފައިވަނީ އެކަލޭގެފާނުގެ ބައްޕަގެ އަރިހުގައި އައްޑުއަތޮޅު މީދޫ ކޯގަންނު މެދު ޒިޔާރަތުގައެވެ. މަޝްހޫރު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނަކީ ޔަޙްޔާ ނާއިބުގެ ދަރިކޮޅުން ވަޑައިގެންނެވި ޢިލްމުވެރި ޒާހިދެކެވެ.

Meedhoolive ge faraathun mihaa rangalhu mauloomaathu tha alhugandu menna foaru kodhdhey thee faifashun shukuru dhannavan