Live News From Hulhumeedhoo, Addu City

މިއީ އަހަރެމެންގެފަހަރު: ބާކީ 4 ދުވަސް

ވޯޓްލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިސުވާލަކީ މިސިލްސިލާގެ އިއްޔެގެބައި ނިންމާލިއިރު އަޅުގަޑު ހުށަހަޅާފައިވާ ސުވާލެކެވެ. ކިޔުންތެރިއަކު ފޮނުވާފައިވާ ކޮމެންޓެއްގައި މިސުވާލުގެ ޖަވާބު ވަރަށް ފުރިހަމައަށް ހާމަކޮށްދެއްވާފައިވެއެވެ. ކިޔުންތެރިޔާގެ އެޖަވާބަށް އިޚްތިރާމް ކުރަމުން  މިސުވާލަށް ޖަވާބުދިނުމުގައި އަޅުގަޑު ވިސްނާގޮތްވެސް ހާމަކޮށްލާނަމެވެ.

މި ސުވާލަށް ޖަވާބުދެއްވުމުގައި އެއްމެ ފުރަތަމަވެސް ވިސްނާވަޑައިގަންނަވަންވީ ވޯޓުލުމާއި ފުޓުބޯޅަ މެޗެއްގެ މޭންއޮފްދަމެޗް ދިނުމާއި ހުރިތަފާތެވެ. މިދެންނެވި ތަފާތު އެނގިވަޑައިގަންވާ ބޭފުޅުން ކުރީގެ ލިޔުމުގައި ހާމަކޮށްފައިވާ ހާލަތުގައިވެސް ވޯޓު ބޭކާރު ނުކުރާނެއެވެ. އެ ބޭފުޅުން ވޯޓު ދެއްވާނީ ވޯޓުލުމުގެ ހަގީގީ ބޭނުމަކީ ކޮބައިތޯ ބަލައި ވޯޓުގެ ސަބަބުން މުޖުތަމައުއަށް އެއްމެ ފައިދާކުރަނިވިގޮތަށެވެ. ވޯޓު ދެއްވާނީ  އިންތިޚާބު ކާމިޔާބުކޮށްފާނެހެން ހީވާމީހަކަށް ނޫނެވެ.

އަޅުގަޑު ގަބޫލުކުރާގޮތުގައި ވޯޓުލުމުގެ ދެބޭނުމެއްވެއެވެ. ފުރަތަމަ ބޭނުމަކީ މަގާމާއި ހަވާލުވާނެ ފަރާތެއް ހޮވުމެވެ. ދެވަނަ ބޭނުމަކީ މަގާމާއި ހަވާލުވާ ފަރާތަކީ ވޯޓުލާމީހުން ބޭނުންވެގެން ހޮވާމީހަކަށް ހެދުމެވެ. އަދިވެސް ހަނދާންކުރަންޖެހޭ ކަމަކީ ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރައީސަކު ހޮވުމަށް އިންތިޚާބު ބާއްވާނެކަމެވެ. މިއިން ކޮންމެފަހަރަކުވެސް ވޯޓުލާންޖެހޭނީ ދުރުމުސްތަގުބަލަށް ބިނާކޮށެވެ. ބައެއްފަހަރު އަޅުގަޑުމެންނަށް ހީކުރެވިފައި އޮންނަނީ ވޯޓުލައި ނިމުމުން ހުރިހާކަމެއް ނިމުނީކަމަށެވެ. ހަގީގަތުގައި އިންތިޚާބަކީ މުސްތަގުބަލު ބިނާކުރުމަށްޓަކައި އަޅާ ޕައުންޑޭޝަނެވެ. އަޅުގަޑުމެން ވޯޓުން މިހޮވަނީ މުސްތަގުބަލު ބީނާކުރުމުގެ ޒިންމާ ނަގާނެ ފަރާތެވެ.

މިހިސާބުން އަނެއްކާވެސް މިއަންނަ އިންތިޚާބުގެ ވޯޓުލުން އޮންނަދުވަހުގެ ކަންތައްތައް ހިނގާފާނެ ގޮތުގެ ތަސައްވުރެއް ޚިޔާލަށް ގެންނަވާށެވެ. ވޯޓްލުމުގެ އެއްދުވަސް ކުރިން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން މައުމޫނާއި އަންނި އުޅެނީ ވަރަށް އެއްހަމައެއްގައެވެ. ޤާސިމް އުޅެނީ މައުމޫނާއި އަންނިއަށްވުރެ ވަރަށް ފަހަތުގައެވެ. މިނަތީޖާއިން މައުމޫނު ނޫނީ އަންނި ހޮވުމުގެ ޗާންސް ވަރަށް ބޮޑެވެ. ނަމަވެސް ޤާސިމް “ހޮވުމުގެ ޗާންސް ވަރަށް ކުޑައެވެ.” (އަހަރެމެން ވިސްނާގޮތެވެ)

މިހިސާބުން އުފެދޭ ސުވާލަކީ އަހަރެންގެ ވޯޓް ލިބެންޖެހެނީ ކާކަށް ހެއްޔެވެ؟

ޖަވާބު ހޯދުމަށް ކެންޑިޑޭޓުންގެ ލިސްޓު އަމިއްލައަށް ތަރުތީބު ކޮށްލާށެވެ. ތަރުތީބު ކުރާއިރު ރައީސްކަމަށް ހޮވަން އެންމެ ބޭނުންވާ ކެންޑިޑޭޓުންގެ ނަން އެކެންޑިޑޭޓަކު ވެރިކަމަށް ގެންނަށް ބޭނުންވާ ނިސްބަތައް ބިނާކޮށް މަތިން ތިރިއަށް ތަރުތީބު ކުރާށެވެ. އަދި އެއްވެސްގޮތަކަށް ވެރިކަމަށްގެނަން ބޭނުން ނުވާމީހުންވެސް ފާހަގަ ކުރާށެވެ. މިސާލަކަށް ވެރިކަމަށް ގެންނަން ބޭނުންޥަ މީހުންގެ ލިސްޓްގެ އެއްވަނަ ޗޮއިސްއަކީ ޤާސިމް އަދި ދެވަނަ ޗޮއިސްއަކީ އަންނިއެވެ.  މައުމޫނުއަކީ ހުރިހާގޮތަކުންވެސް ވެރިކަމަށް ގެންނަން ކަމުނުދާ މީހެކެވެ. ކެންޑިޑޭޓުން ތަރުތީބުކުރެވުނު ގޮތާއި ތިމާދޭ ވޯޓާއި އޮތީ ކޮންގުޅުމެއްތޯ މިހިސާބުން ބަލަންޖެހެއެވެ.

ފުރަތަމަ ކަމަކީ މައުމޫނު ބަލިކޮށްލުމުގެ ޗާންސް ބޮޑީ އަންނިއަށެވެ. އެހެންވީމާ އަހަރެން ވޯޓުދޭނީ މައުމޫނު ފެއިލް ކޮށްލުމަށްޓަކައި އަންނިއަށެވެ. މި ވިސްނުމަކީ އެއްމެ ގެއްލުންކުޑަ ނިންމުމެވެ. މިގޮތަށް ވޯޓް ދިނުމުން މައުމޫނު ހޮވުމުގެ ޗާންސް ކުޑަވެގެން ދާނެއެވެ. އެކަމަކު ތިމާ ބޭނުންވާ މީހާ ހޮވުމުގެ ޗާންސްވެސް ކުޑަވެގެން ދެއެވެ. މިގޮތަށް ދޭ ވޯޓުގެ މިސާލަކީ  އޯލްޑަންބާގް ކިރުދަޅެއް ގަންނަން ކަންމަތީ ފިހާރައަށް ދިޔައިރު އެކިރުގެ ނެތިގެން އެއަށްވުރެ އަގުބޮޑު އެހެން ވައްތަރެއްގެ ކިރުދަޅެއް ގަތުން ކަހަލަ ކަމެކެވެ. ބޭނުންވާ ކިރުދަޅު ނޫނުން އެހެން ކިރުދަޅެއް ބޮޑު އަގުދީފައި ގަތުމަކީ ފައިސާ ބޭކާރުކުރުމެވެ. މިގޮތަށް ވޯޓު ބޭކާރު ކުރަންވީހެއްޔެވެ؟

ދެވަނަ ކަމަކީ ތިމާގެ ވިސްނުމާއި ބޭނުންތަކާއި އެއްގޮތަށް ވެރިކަން ކުރެވޭނެ މީހަކީ ޤާސިމް ކަމަށްވަންޏާ ވޯޓު ދޭންޖެހޭނީ ޤާސިމަށެވެ. މީގެ މާނައަކީ ހޮވޭނެހެން ހީނުވާމީހަކަށް ވޯޓު ދިނުމެވެ. ނަމަވެސް ތިމާ ބޭނުންވާ ތަރަށްގީގެ ބިންގާ ދުރުމުސްތަގުބަލަށް އަމާޒުކުރެވި މުޖުތަމައު ކުރިއަރައިގެންދިއުމުގެ އުއްމީދު އޮންނާނެއެވެ. ޤާސިމް ނުހޮވުނަސް މި މެސެޖް އިންތިޚާބު ކާމިޔާބު ކުރާފަރާތައް ދެވޭނީ މިގޮތުންނެވެ.

އިންތިޚާބުގެ އެއްމެ މުހިއްމު ބޭނުމަކީ ވަކިމީހަކު ހޮވުމެއް ނޫނެވެ. އެކަމަކު އިންތިޚާބު ކާމިޔާބުކުރާ މީހާ އޭނާއާއި ހަވާލުވާ މަސައްކަތް ފުރިހަމަކުރޭތޯ ބެލުމަކީ އިންތިޚާބުގެ އެއްމެ މުހިއްމު ބައެވެ. މިއަދާއި ހަމަޔަށް ރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިޚާބެއްގައިވެސް އަޅުގަޑުމެން ފޯކަސްކޮށްފައިވަނީ ވަކިމީހަކު ހޮވުމަށެވެ. ހޮވާ މީހަކު އަޅުގަޑުމެންގެ ބޭނުންތަކާއި ވިސްނުމަށް ޖާގަދޭތޯ ބެލުމެއް ނޯވެއެވެ. ވޯޓުދިނުމުގައި ހެޔޮނުބައި ނުބަލައި ކެންޑިޑޭޓުން ދޭ ފައިސާކޮޅަކަށް ހެއްލިގެން ވޯޓުދޭކަމުގައި ވަނީނަމަ އަހަރެމެން މިހޮވާ މީހުން އިޚްލާސްތެރި ވާނެކަމުގެ އޮތީ ކޮންޔަގީންކަމެއްހެއްޔެވެ؟ ވޯޓު ދިނުމުގައި އަހަރެމެން ގެންގުޅޭ ވިސްނުން މިއައްވުރެ ފުޅާ ނުކުރާ ކަމަށްވަންޏާ ވެރިކަމަށް ހޮވޭ މީހަކު އިންތިޚާބަކާއި ނުޖެހެނީސް އަހަރެމެންގެ މަތިން ހަނދާން ކުރާނެހެން ހީވޭހެއްޔެވެ؟ އަބަދު އެކަކު އެއްމަގާމަކަށް ހޮވާކަމަށްވަންޏާ އެމީހަކު އަހަރެމެންގެ ބޭނުންތަކަށާއި ވިސްނުމަށް އަޅާލާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މިއީ ފުރިހަމަ ޑިމޮކްރަސީއެއްގައި ވޯޓުލުން އޮންނަންޖެހޭ ގޮތެއްނޫނެވެ.

ދެން އޮތީ އަހަރެމެން ހެދި ލިސްޓުގެ އެއްވަނައިގައިވާ ޤާސިމްއަށް ވޯޓުދީފިނަމަ ހިނގާނެ ކަންތައްތަކެވެ. އެއްމެ ފުރަތަމަ ކަމަކަށްވުންގާތީ ޤާސިމް ފެއިލްވުމެވެ. މައުމޫނު ނޫނީ އަންނި އިންތިޚާބު ކާމިޔާބު ކުރުމެވެ. ނަމަވެސް އިންތިޚާބުން ރައީސަކު ހޮވުމަށްވުރެ ގިނަ ބޭނުންތައް ކުރެވުނީއެވެ. އިންތިޚާބު މެދުވެރިކޮށް އިންތިޚާބު ކާމިޔާބުކުރި ފަރާތައް ތިމާ ބޭނުންވާ ކަންތައްތަކުގެ މެސެޖު ރައްދުކުރެވުނީއެވެ. މިގޮތުން ޤާސިމްއަށް ވޯޓު ދެއްވި ފަރާތްތަކުގެ ބޭނުންތައް ދެނެގަންނަން އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓައް މަޖްބޫރު ވާނެއެވެ. އެއީ ޤާސިމް ނުހޮވޭނެކަން އެނގިތިބެވެސް ޤާސިމްގެ ސަޕޯޓަރުން އޭނާއަށް ވޯޓުދިނުމުން ދޭހަވަނީ އެމީހުން ގަބޫލުކުރާ އުސޫލުތަކަކީ ސަމާލުކަން ދޭންޖޭ ކަމެއްކަމެވެ.

ވޯޓުލުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މިފަދަ ހަރުދަނާ އުސޫލެއް ގެންގުޅެފިނަމަ ކޮންމެ މީހަކު ވެރިކަމަށް ހޮވުނަސް އެމީހަކު ހުންނާނީ އަޅުގަޑުމެންގެ ކޮންޓްރޯލު ދަށުގައެވެ. މިގޮތަށްދޭވޯޓަކީ “ބޭކާރު” ވޯޓެއް ނޫނެވެ. ބޭކާރުވެގެން މިދިޔައީ އަމިއްލަ މިނިވަންކަމެވެ. 30 އަހަރުވަންދެން އަމިއްލަ ނަފްސަށްވީ ޚިޔާނާތުގެ ސަބަބުންނެވެ.

ޚިޔާލު

  • ލޭޒާ ލަޔަން ގެ ޚިޔާލަކީ:

    ޝާހިދުގެ ލިޔުއްވުމަކީ ރަގަޅު ލިޔުމެކެވެ. ނަމަވެސް އަޅުގަނޑު ދޭންބޭނުންވާ މެސެޖެއް އެބައޮތެވެ. ބައެއް ހާލަތް ތަކުގައި ރަށުގެ މީހުންކަމުގައި ހިތާ، މަދު ބަޔަކު ރަށުގެ ވަޒަންވެރީންނަކީ ރޮބަޓުން ތަކެއް ކަމުގައި ހީކުނުކުރާށެވެ. އެއީ ހިތާމަހުރި ކަމެކެވެ. ޚިޔާލުހުރީ އެފަދައިންނަމަ ބުނަނަޖެހޭނީ މޮޔަހީނުވާށޭ. އަދި މޮޔަގޮވަން ނޫޅޭށޭ. ފުރަތަމަ ބުހުތާން ދޮގުތަކެއް ގޮވާފައި މިހާރު ތިޔަ ދައްކަވަން އުޅެނީ ބާވައިލެއްވި ތެދެއްހެއްޔެވެ؟ ބަލަގަ . މިރަށުގައިތިބީ ރޮބަޓުން ތަކެއްނޫނޭ… އެހެން ހީކުރާނަމަ ބުނެވޭނީ އެ ރޮބަޓްތައް ހުރީ ޕޮރުގުރާމު ކުރެވިފައެވެ.

Trackbacks