Live News From S.Meedhoo

ސިޔާސީ ފެންޑާ: ޑީއާރްޕީން ކުރާ ކެންޕޭންތަކުގައި ފައިސާ ބެހުން

ސުރުޚީގައި ސިޔާސީ ފެންޑާ އޮތުމުން މި ލިޔުމަކީ ޓީވީން މިހާރު ފޮނުވަމުންގެންދާ ސިޔާސީ ފެންޑާގެ ވާހަކަ ކަމަށް ހީވެދާނެއެވެ. ނަމަވެސް އަޅުގަޑު މިދަންނަވަން އުޅޭ ސިޔާސީ ފެންޑާއަކީ ޓީވީން ފޮނުވާ ސިޔާސީ ފެންޑާއަށްވުރެ މާ ފުޅާކޮށް ކުރިއަށް ގެންދާ ސިޔާސީ ފެންޑާއެއްގެ ވާހަކައެވެ. އާދެ! މަލްޓި ޕާޓީ ސިޔާސީ ފެންޑާއެއްގެ ވާހަކައެވެ.

ސީޔާސީ ގޮތުން ރާއްޖެއަށް މިއަންނަ ބަދަލުތަކުގެ އަސަރު ނުކުރާ ހަމަ އެކަކުވެސް ނެތޭ ބުނެވޭ މިންވަރަށް މިއަދު ރާއްޖޭގެ ސިޔާސީ ވާހަކަތަކާއި ހަރަކާތްތައް މިވަނީ އިތުރުވެފައެވެ. އެގޮތުން އަޅުގަޑުމެންގެ ރަށުގައިވެސް މިއަދު މިވަނީ ސިޔާސީ ވާހަކަތަކާއި ހަރަކާތްތައް އިތުރުވެފައެވެ. ރަށުގެ ކުދި ބޮޑު އެއްމެންވަނީ ސިޔާސީވެ ނުވަތަ ސިޔާސަ ފައެވެ. ދަންނަވަން މިއުޅޭ ސިޔާސީ ފެންޑާގެ އެއްމެ ބަހުސަކަށް ވަޑަގެންފިނަމަ މިދެންނެވި ދެ ކަންތައް ވަރަށް ރަނގަޅަށް ފެންނާނެއެވެ. އާދެ! އެއްބަޔަކު ސިޔާސީ ވާއިރު އަނެއްބަޔަކު މިވަނީ ސިޔާސީ ވެފައެވެ. އެހެންކަމުން މީދޫއަކީ ސިޔާސީގޮތުން ސިޔާސަވެފައިވާ ރަށެކޭ ބުނުމުގެ ފުރުސަތުވެސް އެބައޮތެވެ. އަޅުގަޑުގެ ނަޒަރުގައި ސިޔާސީ ވުމަކީ ނުވަތަ އެމީހެއްގެ އަމިއްލަ ޚިޔާލު ގައުމުގެ އެކި ކަންކަމުގައި ފާޅުކުރުމަކީ މައްސަލައެއް ނޫނެވެ. ވަކިން ޚާއްސަކޮށް ރަށުގެ އެކި ކަންކަމުގައި ޚިޔާލުފާޅުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެކެވެ. އެއީ ހަމަ ކޮންމެ މީހަކަށްމެ ލިބިފައިވާ ހައްގެކެވެ. ނަމަވެސް ސިޔާސީގޮތުން ސިޔާސަވުމަކީ ދެވަނަ ވިސްނުމަކުން ވިސްނަން ޖެހޭކަމެކެވެ. “ސިޔާސަވުން” މިބަހުގެ މާނަ ދިވެހި ރަދީފުގައި ލިޔެފައިވަނީ (1) ބަސް ގަބޫލު ނުކުރުން. (2) ގަދަފަދަ ކަމާއި ބާރުދެއްކުން (3) ލާނެތްވުން. މިއެވެ. މި މާނަތައް ދޭހަވާ އެތައްކަމެއް އަޅުގަޑު ދަންނަވަން މިއުޅޭ ސިޔާސީ ފެންޑާއިން ކޮންމެދުވަހަކުމެ ތަކުރާރުވަމުންދެއެވެ.

މީދޫ ސަންސެޓް ރެސްޓޯރެންޓްގެ އެތެރޭގައި ބެހެއްޓިފައިވާ 24 ގޮނޑިން ޖާގައެއް ހޯއްދަވާށެވެ. ކޮފީއަކަށް އޯޑަރު ދެއްވުމަށްފަހު ސިކުނޑީގައިވާ ހާސްކަން ފިލުވާލާނެ ވަގުތުކޮޅެއް ލިބިވަޑައި ނުގަންނަވާނެއެވެ. މިހާރު  ތިޔަ ހުންނެވުނީ މަލްޓި ޕާޓީ ސިޔާސީ ފެންޑާގައެވެ.

ކޮންމެ ދުވަހަކު ހެނދުނު 7 ން ފެށިގެން ގޮސް ބައެއްރޭ ރޭ މެންދަމުން 12 ޖަހަންދެން “މަލްޓި ޕާޓީ ސިޔާސީ ފެންޑާ” ކުރިއަށް ދާނެއެވެ. އެކި ގަޑި ތަކުގައި އެކި ޕާޓީތަކުގެ ތަފާތު ފަންތީގެ ބޭފުޅުންގެ ބަހުސްތައް ވަރަށް ފޯރިއާއެކު އަބަދުވެސް އެފެންޑާގައި ކުރިއަށްދާނެއެވެ.

މިއަދުގެ ސިޔާސީ ފެންޑާވެސް  ޓީވީ.އެމް ގެ “ހެނދުނު ހެނދުނާ” ޕްރޮގްރާމާއެކު ކުރިއަށް ދިޔައެވެ. އެއްމެ ފުރަތަމަ ބަހުސްކުރެވުނީ ޑީ.އާރު.ޕީން ކުރިއަށް ގެންދާ އެކި ކެންޕެއިންތަކުގައި އެޕާޓީގެ ގޮފިތަކުގެ ވެރިންނަށް ފައިސާ ބަހަމުންގެންދާ ވާހަކައެވެ. މި ބަހުސްގައި ޑީ.އާރު.ޕީ މީދޫ ގޮފީގެ އިސް މެމްބަރެއް ވަޑައިގެން އެކަން ދިފާއުކޮށް ވަރަށް ބޮޑަށް ވާހަކަ ދެއްކެވިއެވެ. ނަމަވެސް “ނިޒާމީ” ކެންޕޭނުގައި ފައިސާ ލުބުނު ކަމަށާއި އެފައިސާތައް އެބޭފުޅާ ހަވާލުކުރެއްވީ ޑީ.އާރު.ޕީ މީދޫ ގޮފީގެ ރައީސާއާއި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެކެންޕޭނުގައި އޭނާގެ އަމިއްލަ ފައިސާއިން 9 ހާހައްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެއްވިކަމަށައި އޭގެ ބަދަލުގައި އޭނާއަށް ލިބުނީ އެއްމެ 3 ހާސް ރުފިޔާކަމަށް ވިދާޅުވިއެވެ. އަދި އެ ކެންޕޭނުގައި އޭރު ރަށުގައި ތިބި މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ބޭނުންކުރިކަމުގައިވެސް ހާމަކުރިއެވެ. އެމީހުންނަށް ދުވާލަކަށް ގާތްގަޑަކަށް 300 ރުފިޔާ ޚަރަދުވެފައި ވާނެކަމަށާއި އަދިވެސް އެނާ މައުމޫނަށް އަމިއްލަ ޚަރަދުގައި ކެންޕޭން ކުރާނެކަމަށް ވިދާޅުވިއެވެ.

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ