Live News From Hulhumeedhoo, Addu City

ތީމުގެއާއި އާރަށުގެ ވާހަކަ – އެތައްވަނަ ބައި

20 ނޮވެމްބަރު 2008، ދެފުއްކެހެރި

މައުމޫން ޢަބްދުލް ޤައްޔޫމުގެ ތިރީސް އަހަރުވީ ޚުދުމުޚުތާރު ވެރިކަމަށް ނިމުން ގެންނެވުމަށްފަހު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމާ އަލްފާޟިލު މުޙައްމަދު ނަޝީދު ޙަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން އެންމެ ބޮޑު އެއް ބަހުސަކަށް ވެފައިވަނީ ރައީސް ނަޝީދު ތީމުގެއާއި، އާރަށާއި، ލޯންޗްކޮޅުތައް ބޭނުން ނުކުރައްވާނެކަމަށް ވިދާޅުވުމާ ގުޅިގެން އުފެދުނު ބަހުސްތަކެވެ. އެތަންތަނާއި ތަކެއްޗަށް ދެން ވެގެންދާނެ ގޮތަކާމެދު އުފެދުނު ބަހުސްތަކެވެ.

ޑިކްޓޭޓަރު މައުމޫނަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވަނީ ރައީސް ނަޝީދު އެތަންތަނާއި އެތަންތަނުގައި ހުރި އެއްޗެހި ބޭނުން ނުކުރެއްވުމަކީ  ދިވެހިންގެ ޝާނާއި ޝައުކަތު ގެއްލިދާފަދަ ކަމެއްގެ ގޮތުގައެވެ. ތެދުފުޅެކެވެ. ރައީސް ނަޝީދަކީ ހަމައެކަނި އެމްޑީޕީ އިއްތިޙާދަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންގެ ރައީސް އެކަންޏެއްނޫނެވެ. ހުރިހާ ދިވެހިންގެ ވެސް ރައީސެވެ. ގިނަ ދިވެހިން އެދޭ ގޮތަކަށް ރައީސް ކަންތައްތައް ކުރައްވަން ޖެހޭނެއެވެ. ދެން އުފެދޭ ސުވަލަކީ ޑީއާރުޕީ އަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވާ ފަދައިން ގިނަ ދިވެހިން ބޭނުންވަނީ ރައީސް ނަޝީދު ތީމުގައާއި އާރަށާއި، ލޯންޗްކޮޅުތަކާއި ބޭނުން ކުރެއްވުންތޯއެވެ؟

28 އޮކްޓޯބަރު 2008 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ ނަތީޖާއިން ދިވެހިރައްޔިތުން އެދޭގޮތް އެއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ޚިލާފު ނުވާނެގޮތެއްގެ މަތިން ދިވެހި ރައްޔިތުންނަށް އެންމެ ލާބައާއި މަންފާބޮޑު ކަމަށް މުޙައްމަދު ނަޝީދަށް ފެނިވަޑައިގެންނަވާ ގޮތަކަށް ވެރިކަން ހިންގެވުމުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ދިވެހިރައްޔިތުންގެ މެޖޯރިޓީ ވަނީ މުޙައްމަދު ނަޝީދަށް އިތުބާރު އޮތްކަން މުޅިދުނިޔެއަށް ސާބިތު ކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ނުވާގޮތެއްގެ މަތިން ރައީސް ނަޝީދަށް ވެސް އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުއްވުން ހަމަޖައްސަވާނެ ގޮތަކަށް ހަމަޖެއްސެވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މައުމޫނު ޢަބްދުލް ޤައްޔޫމުގެ ޚުދުމުޚުތާރު ސަރުކާރުން ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކޮށްގެން ތީމުގެ ބޮޑު ގަނޑުވަރެއްގެ ސިފައިގައި ބިނާކޮށް، ޑިކްޓޭޓަރު މައުމޫނު އެގެއަށް ދިރިއުޅުން ބަދަލުކޮށް، އާރަށް ހަދައި އެރަށުގައި ނާޗަރަންގީ ކުޅެ، އަގުބޮޑު ލާންޗްފަހަރު ގެނެސް މާލޭފަޅުގައި އަޅާފައި އެހެރީ ދިވެހި ކޮންރައްޔިތެއްގެ އެދުމަށް ބާވައެވެ؟ ދިވެހި ވެރިކަމުގެ ޝާނާއި ޝައުކަތު ވަރުގަދަ ކުރި މީހަކީ ޑިކްޓޭޓަރު މައުމޫނު ބާވައެވެ؟ މީގެ އެތަކެއް ހާސް އަހަރުއްސުރެ ދިވެހި ރާއްޖޭގައި އަންނަނީ އަމިއްލަ ވެރިކަމެއް ހިންގަމުންނެވެ. އެތަކެއް ހާސް އަހަރުގެ ދިގު މިވެރިކަމުގައި ނެތް ޝާނާއި ޝައުކަތެއް މައުމޫނު ޢަބްދުލް ޤައްޔޫމު ފާއިތުވި ތިރީސް އަހަރު ދުވަހުގެ ތެރޭގައި ގެނެސް ދީފައި އެބައޮތް ބާވައެވެ؟  ދިވެހިރާއްޖޭގެ ޝަނާއި ޝައުކަތު ދެމެހެއްޓެނީ ތީމުގެއާއި އާރަށުގައި އަރާމުކޮށް ނާޗަރަންގީ ކުޅުނީމައިތޯއެވެ؟ ޝާނާއި ޝައުކަތުގެ ވާހަކަ ދައްކަވާއިރު ދިވެހިރާއްޖޭގެ ޢާއްމު ޙާލަތުވެއްޓިފައިވާ ދަށުދަރަޖައާއި މެދު ވިސްނާލެއްވީމުތޯއެވެ؟ ޤައުމު ބަނޑަށް ޖެހި ޤައުމަށް ހުތުރު ނަން ލިބޭއިރު ވެސް ބަލަންވީ ތީމުގޭގައި އޮތް ޝާނާއި ޝައުކަތު ދެމެހެއްޓޭތޯ ބާވައެވެ؟

އިސްލާމީ ތާރީޚުގެ އެންމެ ޝަރަފުވެރި އެންމެ ފަޚުރުވެރި ދުވަސްވަރަކީ ޚުލަފާއުއް ރާޝިދޫންގެ ހަތަރު ޚަލީފާއިންގެ ދުވަސްވަރެވެ. އެ ބޭކަލުންގެ ދިރިއުޅުއްވުމަކީ ނުހަނު ސާދާ ދިރިއުޅުއްވުމެކެވެ. ހޯއްދެވީ ކިރިޔާ ދިރިއުޅުން ހަމަޖެއްސެވޭވަރުގެ މުސާރަފުޅެކެވެ. ތުރުކުރެއްވީ އާދައިގެ ސާދާ ހެދުންކޮޅެވެ. ހެދުންކޮޅުތައް ހުންނަނީ ބާވެ އެތައްތަނަކުން ވީދުމުގެ ސަބަބުން ގަނޑުއަޅާފައެވެ. ފައިވާން ޖޯޑުކޮޅުތައް މަރާމާތު ކުރައްވަނީ އަމިއްލަފުޅަށެވެ. ރޭގަނޑު ކަނު އަނދިރީގެ ތެރޭގައި ރައްޔިތުންގެ ޙާލު ބެއްލެވުމަށް ގިނިކަންޏާ ނިކުމެވަޑައިގެން އުޅުއްވިއެވެ. އަމިއްލަފުޅު އަތްޕުޅުން ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވިއެވެ. ފަރީއްކުޅުއްވަނީ އެހާމެ ސާދާ ފަރިއްކޮޅެވެ. މީރުހައި ފަރިއްކޮޅާ ދުރުވެވަޑައިގެން އުޅުއްވިއެވެ. މިފަދަ ޒާހިދު ދިރިއުޅުއްވުމެއް އިޚްތިޔާރު ކުރައްވައިގެން އެޚަލީފާއިން އުޅުއްވުމުގެ ސަބަބުން އިސްލާމީ ޚިލާފަތުގެ ޝާނާއި ޝައުކަތަށް ލިބުނީ ކޮންގެއްލުމެއްތޯއެވެ؟ އެބޭކަލުންގެ ދިރިއުޅުއްވުމަކީ އިސްލާމީ ޚިލާފަތުގެ ޝަރަފެއް ކަމުގައި މެނުވީ ނުވާނެއެވެ.

ޝާނާއި ޝައުކަތު ދެމެހެއްޓުމަށްޓަކައި ބަލަންވީ ޞައްދާމު ޙުސައިނާއި، މުޢައްމަރުލް ޤައްޛާފީއާއި، ފޮލްޕޮޓާއި، ނަޕޯލިއަން ބޮނަޕާޓާއި، ރޮބަޓް މުގާބޭއާއި، މައުމޫނު ޢަބްދުލް ޤައްޔޫމާއި، އެޑޮލްފް ހިޓްލަރު ދެއްކި ނަމޫނާ އަކަށް ނޫނެވެ.

ޝާނާއި ޝައުކަތު ދެމެހެއްޓޭނީ ޚުލަފާއުއްރާޝިދޫންގެ ހަތަރު ޚަލީފާއިންނާއި، ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒާއި، އައްޞުލްޠާން މުޙިއްދީނުލް ޢާދިލާއި، ސުލްޠާން ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ފަދަ ބޭފުޅުން ދެއްކެވި ނަމޫނާއާއި އެއްގޮތަށް މަސައްކަތް ކޮށްގެންނެވެ.

ޑިކްޓޭޓަރު މައުމޫން ރާއްޖޭގެ ޝާނާއި ޝައުކަތު ތީމުގޭގައި ހުރެގެން ދެމެހެއްޓި ދެމެހެއްޓުމަށް ފަށްފަށުން ސަލާމެވެ.

ޚިޔާލު

 • brakaaas ގެ ޚިޔާލަކީ:

  REMEMBER: 300 MILLION DOLLARS IN 10-15 DAYS AFTER ANNI SWORN IN AS PRESIDENT. 10 DAYS HAVE ALREADY PASSED, IF HE DOES NOT ANNOUNCE (WITH CREDIBLE EVIDENCE) THAT HE HAS THE 300 MILLION DOLLARS, WE WILL BE ALL OVER HIM, AND YOU AS WELL…YOU ARE TRYING TO COVER HIM EH?

  WHO ARE ALL THESE UNDERSECRETARIES AND UNDER UNDER SECRETARIES ROAMING AROUND IN PRESIDENTS OFFICE, OFCOURSE WE ARE NOT SEEIGN UNCLE, AUNTS, BROTHERS, SISTERS, FRIENDS

 • މީދޫ އަހުމަދު ގެ ޚިޔާލަކީ:

  ބަރާކާސް އަށް އަންނި ބުނިއެއްޗެއް ރަނގަޅަށް އޮޅުންފިލިހެނެއް ހިއެއްނުވޭ. އަންނި ބުނީ ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރަށްވައިގެން 300 މިލިޔަން ޑޮލަރު އިތުރުކުރަށްވާނެކަމަށް. އެއްގޮތަކަށްވެސް މީހަކު އަތުން ފަހު ރަރަންޏަށް ނޫނީ މީހަކުދެއްވާ ވެދުމެއްގެ ގޮތުގައި 300 މިލިޔަން ޑޮލަރު ހޯއްދަވާ ވާހަކައެއްނޫން. ޚަރަދު ކުޑަ ކުރެއްވުމުގެ ގޮތުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ.

 • musthapha ގެ ޚިޔާލަކީ:

  REMEMBER: IT WOULD BE EXTREMELY DIFFICULT EVEN FOR ANNI TO GET PASS BY THE IDIOTIC CULTURE THAT THIS PLOTOMANIAC GAYOOM HAS HAD THOUGHT US IN THE PAST 30 YEARS. lET’S TRY ANNI WITH TIME.

  I AM A STRONG SUPPORTER OF ANNI EVEN FROM THE BEGINING OF THE REFORM MOVEMENT EVEN THOUGH I HAVE NEVER BEEN ACTIVELY ENGAGED IN THE MOVEMENT AS I WOULD HAVE WANTED

Trackbacks