Live News From Hulhumeedhoo, Addu City

ކޮމެޓީތަކާއި، ބޯޑުތައް އުފެއްދުމުގެ ބޭނުމަކީ ކޮބާ؟

ތަފާތު ސިޔާސީ ބޭނުންތަކުގައި ވޭތުވެދިޔަ ސަރުކާރުން ރަށްރަށުގައި ވަރަށްގިނަ ކޮމެޓީތަކާއި، ޖަމިއްޔާތަކާއި، ބޯޑްތައް ވަނީ އުފައްދާފައެވެ. މިގޮތުން އުފައްދާފައިވާ ބައެއް ކޮމެޓީތަކާއި ޖަމިއްޔާތަކުން ބައެއް ރަށްރަށަށް ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ކުރިއަސް ގިނަ ކޮމެޓީތަކާއި ބޯޑުތަކުގެ ހަގީގީ މަގްސަދަކީ ކޮބައިކަމެއް ނޭނގެއެވެ. މިދެންނެވި ހަގީގަތް ނޭނގޭ ޒާތުގެ ވަރަށް ގިނަ ކޮމެޓީތަކެއް މިރަށުގައިވެސްވަނީ އުފައްދާފައެވެ.  މިހާރުގެ ‘ރައްޔިތުންގެ’ ސަރުކާރުވެސް އެދަނީ ބޯޑުތަކާއި ކޮމެޓީތައް އުފައްދަމުންނެވެ. އެގޮތުން ސްކޫލްތައް ޑިމޮކްރެޓިކް އުސޫލުން ހިންގުމަށްޓަކައި މިއަތޮޅުގައި އިފްތިތާހުކުރެވުނު އެއްމެ ފުރަތަމަ ސްކޫލް ބޯޑް ޝަމްސުއްދީން ސްކޫލްގައި މިހާރުވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓް ކޮމެޓީއަކާއި، ވޭސްޓް މެނޭޖްމަންޓް ކޮމެޓީއެއް އުފެއްދުމުގެ މަރުހަލާގައިވާކަމަށް ޚަބަރުލިބެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޮމެޓީ އުފެއްދުމަށްޓަކައި އިހަކަށްދުވަހު މީދޫ އޮފީހުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި މައުލޫމާތު ދެއްވުމަށް މާލޭ ސަރުކާރުން ވަޑައިގަތް ވަފްދުގެ ބޭފުޅާ ވިދާޅުވީ އެއްމެ ލަސްވެގެން މިއަންނަ ޖުލައި މަހު ކޮމެޓީ އުފައްދަވާނެކަމަށެވެ. މީގެ އިތުރުން ރަށުގައި އުފައްދާ މި ކޮމެޓީ މަސައްކަތްކުރާނެ ގޮތާއި، ކޮމެޓީގެ މަސައްކަތް ހިންގުމަށްޓަކައި ރަށަށް ލިބޭނެ އެކި އެކި މެޝިންތަކުގެ ވާހަކަވެސް ދެއްކެވިއެވެ. މިބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުންވިދާޅުވިގޮތުން މިފަދަ ބައްދަލުވުންތަކާއި ކޮފީ އެންޑް ހެދިކާ ސެމިނާރ ތަކަކީ ވަރަށް އާއްމުއެއްޗެކެވެ. މޮޅެތި ވާހަކަތަކެއް ދެއްކުމަށްފަހު މީނާއަކީ މިކޮމެޓީގެ ޗެއާމަނޭ ބުނެ ކޮންމެވެސް މީހަކަށް މަގާމެއް ދިނުމަށްފަހު ފުރައިގެންދާމީހާ ދެންފެންނާނީ ކޮންމެވެސް މިނިސްޓްރީއެއްގެ ޑިރެކްޓަރެއްގެ މަގާމުގައި ހުއްޓައެވެ. އެހިސާބުން އަނެއްކާވެސް އެހެން ބަޔަކު ގޫގުލް އިމޭޖް އެންޑް ވިކިޕީޑިއާ ޕްރެޒެންޓޭޝަންތައް ދެއްކުމަށާއި، ކޯކް އެންޑް ހެދިކާ ސެމިނާރ ތައް ބޭއްވުމަށް އަންނާނެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ކޮމެޓީ އުފެއްދުމަށްޓަކައި، ދެކުނު ޕްރޮވިންސްގެ ކޮންމެ ރަށަކުން ހަތަރު ބައިވެރިން ހިމަނައިގެން މިދިޔަމަހު މެދުތެރޭގައިވަނީ ވޯކްޝޮޕެއް ބާއްވާފައެވެ. މި ވޯކްޝޮޕް ބޭއްވުމަށް އޭޝިއަން ޑިޒާސްޓަރ ޕްރެޕެއަރޑްނެސް ސެންޓަރުން ދެބޭފުޅަކު ވަޑައިގެން މޮޅެތި ޕްރެޒެންޓޭޝަންތަކެއް ދެއްކިއެވެ. މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވަމުން ބަނގްލަދޭޝްގެ ސޯޝަލް ސައިންޓިސްޓް ވިދާޅުވީ މިވޯކްޝޮޕްގައި މައުލޫމާތުދެވުނު އިންސިޑެންޓް ކޮމާންޑް ސިސްޓަމް (އައިސީއެސް) އަކީ މިރަށްތަކަށް ވަރަށް އެކަށީގެންވާ ސިސްޓަމެއްކަމަށާއި، ރަށުގައި މިހާރު ބޭނުންކުރަމުންދާ ސިސްޓަމްގެ ތެރެއަށް އައިސީއެސްގެ ބައިތައް އިތުރުކޮށް ނުވަތަ މިހާރު ބޭނުންކުރާ ސިސްޓަމް އެއްކޮށް އައިސީއެސް އަށް ބަދަލުކުރުމަށް އޭޑީޕީސީން ހިތްވަރުދޭކަމަށެވެ. މީގެ އިތުރުން ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި އެކާރިސާއަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، މިފަދަ ކާރިސާއަކަށްފަހު އާއްމުހާލަތައް ރުޖޫއަވުމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތަކާއި އިތުރަށް ރަނގަޅުކުރަންޖެހޭ ދާއިރާތައް ފާހަގަކުރުމަށްޓަކައި ކޮންމެ ރަށަކަށް އެސެސްމެންޓެއް ހަދަން ދިނެވެ. ސުވާލަކީ އަލިފާނެއް ރޯވެއްޖެނަމަ އެރޯވި ތަނެއްގައި ހުރި ހުރިހާއެއްޗެއް އަނދައި ހުލިވަންދެން ބަލަހައްޓައިގެން ތިބެންޖެހޭ ނިޒާމެއް އޮތްތަނެއްގައި ކާރިސާއަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ނުވަތަ ކާރިސާއެއް ދިމާވާހިނދު އަމަލުކުރާނެ ނިޒާމެއް އޮންނާނެތޯއެވެ؟ މިރަށްރަށުގެ ހާލަތު ހުރީ މިގޮތަށްކަން ސަރުކާރަށް އެނގޭއިރު ބޮލަކަށް ކޮންމެދުވަހަކު 300 ނުވަތަ 400 ޑޮލަރު ޚަރަދުކޮށްގެން ބޭރުން މީހުންގެނެސް މިދައްކާ ޕްރެޒެންޓޭޝަންތަކުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

އެއްމެ ފަހުން މިރަށުގައި އުފެދުނު ބޯޑަކީ ޝަމްސުއްދީން ސްކޫލް ހިންގުމަށް އެކުލަވާލެވުނު ބޯޑެވެ. މިބޯޑަކީ ބުނެވޭގޮތުން އަދި މާ މަތީ ހައިބަތު ބޮޑު ބޯޑެކެވެ. ތެދެކެވެ. ސްކޫލް ބޯޑަކީ ކޮބައިކަމާއި، އެބޯޑުގެ މައްސޫލިއްޔަތާއި، ބާރުތަކަކީ ކޮބައިކަން ބަޔާންކޮށް ތައުލީމާއި ބެހޭ ވުޒާރާއިން ނެރެފައިވާ ލިޔުމުގައި ވަނީ ‘ސްކޫލް ބޯޑް ހިމެނިގެން ދާނީ ޤާނޫނީ ހައިސިއްޔަތެއް ލިބިގެންވާ މުސްތަޤިއްލު އަދި ޒިންމާދާރު މުވައްސަސާއަކަށެވެ.’ މިތަނުގައި ސްކޫލް ބޯޑު ހިމެނިގެން ދާނީއޭ ބުނެފައި އޮތުމުން އުފެދޭ ސުވާލަކީ އެބުނާ ގާނޫނީ ހައިސިއްޔަތު މިބޯޑަށް ލިބި މުސްތަގިއްލު މުވައްސަސާއަކަށް މިބޯޑު ވާނީ ކޮންދުވަހަކުން ބާވައެވެ؟ ގާނޫނީ ވިޔަސް ނުވިޔަސް އަދި މުސްތަގިލުވިޔަސް ނުވަތަ މުސްތަގިއްލުކަމެއް ނެތަސް ޝަމްސުއްދީން ސްކޫލް ބޯޑު މިދިޔަ ގައުމީދުވަހު ވަނީ އިފްތިތާހުކޮށްފައެވެ. މިބޯޑް އިފްތިތާހު ކުރިފަހުން މިއަދާއި ހަމައަށް މި ބޯޑުގެ ބައްދަލުވުމެއް ބޭއްވުނުކަމެއް ނުވަތަ ކުރި މަސައްކަތެއް އަދިވަނީ ނޭގުމެއްގެ ތެރޭގައެވެ.

ދެންއޮތީ ކުރީގެ ސަރުކާރު ނިމުމަކާއި ގާތްވެފައިވަނިކޮށް އުފެއްދެވި ކްރައިމް ޕްރިވެންޝަން ކޮމެޓީއެވެ. މި އަތޮޅުގެ ހުރިހާ ރަށެއްގައި އުފެއްދި ކްރައިމް ޕްރިވެންޝަން ކޮމެޓީތައް އިފްތިތާހުކުރުމަށްޓަކައި ގަމުގެ އަސްޓްރާ ސިނަމާގައި  12 އޮގަސްޓް 2008 ވަނަ ދުވަހު ވަނީ ވަރަށް ހައިބަތު ބޮޑު ޚަރަދު ބޮޑު ޖަލްސާއެއް ކޮފީ،ކޯކް އެންޑް ހެދިކާ ބުފޭއަކާއެކު ބާއްވާފައެވެ. މިޖަލްސާއަށްފަހު މިކޮމެޓީގެ ޚަބަރެއް ވީ ޔޮޓު ޓުވާސްއާއި ދެކޮޅަށް ހުޅުދޫ މީދޫގެ ބަޔަކު މުޒާހަރާކުރަމުންދާތީ އެކަން ހުއްޓުވުމަށް ސަރުކާރުން އެދިގެން ބޭއްވި ބައްދަލުވުމަކުންނެވެ. 27 ޖެނުއަރީ 2009 ވަނަ ދުވަހުގެ ރޭ ސަދަން ރީޖަންގެ ކޮމާންޑަރ ސަބްއިންސްޕެކްޓަރ އަބްދުﷲ ނަވާޒު އިސްވެ ހުންނަވައިގެން ބޭއްވި މިބައްދަލުވުމަށްފަހު މިކޮމެޓީ ވީތަނެއް އަދިވަނީ ނޭނގިފައެވެ. ޔޮޓް ޓުވާސްއާއި ދެކޮޅަށް ކުރި މުޒާހަރާ ފިޔަވައި އޭގެ ކުރިން އަދި ފަހުންވެސް މިރަށުގައި ކްރައިމެއް ނުހިނގަނީ ތޯއްޗެކެވެ! ފުލުހުންނާއި ރައްޔިތުން ގުޅިގެން މުޖުތަމަޢުގައި ހިނގާ ކުށްތައް މަދުކުރުމަށް މަސައްކަތް ކުރުމަށްޓަކައި އުފައްދާފައިވާ މިކޮމެޓީވެސް ނިދިން ހޭލަނީ ސަރުކާރުގެ މަސްލަހަތު ހިމެނޭ ކަމަކާއި ދެކޮޅަށް ބަޔަކު ޝުޢޫރުފާޅުކުރަން ފެށުމުންނެވެ. ރޯމާ ދުވާލު މަގުމަތީގައި މަސްތުވެގެން އުޅޭ ގުރޫޕްތަކުން ގޭގެއަށްވަދެ ލޫޓުމާރު ކުރަމުން ނުވިތާކަށް ސިއްޙީމަރުކަޒުގެ ބަލިއެނދުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ބިރުދައްކައި ފޭރެމެން ދާއިރު މިއަމަލުތަކަކީ ކްރައިމް ޕްރިވެންޝަން ކޮމެޓީން ބަލަންޖެހޭ ކަމަކަށް ނުވާކަމީ އަރަތެއް ނޫންތޯއެވެ؟

ރަށުގެ ރަށް ކުރިއަރުވާ ކޮމެޓީއަކީވެސް ވަރަށް ހައިބަތު ބޮޑު ކޮމެޓީއެކެވެ. 2008 ވަނަ އަހަރުން ފެށިގެން ދެއަހަރު ދުވަހަށް ރައްޔިތުންގެ ސިއްރު ވޯޓުން ހޮވާފައިވާ މިކޮމެޓީގައި ގިނައީ ކުރީގެ ސަރުކާރު ބަދަލުކޮށް ކަންތައްތައް ރަނގަޅުކުރުމަށް ވަކާލާތުކުރެއްވި ޒުވާން ބޭފުޅުންނެވެ. މިކޮމެޓީ ހޮވުމާއެކު ރަށުގެ ރައްޔިތުން އުއްމީދުކުރީ ރަށުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ ކަންތައްތަކެއް މިކޮމެޓީން ކުރަށްވާނެކަމަށެވެ. މިރަށުގެ ކޮމެޓީއާއެކު އިންތިޚާބުކުރެވުނު ރާއްޖޭގެ ބައެއް ރަށްރަށުގެ ކޮމެޓީތަކުން ކުރާ ކަންތައްތައް ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް އެނގޭނެ ގޮތަކަށް ރޭވިފައިވާތަން އަޅުގަނޑުމެންނަށް ފެނެއެވެ. އެގޮތުން ބައެއް ރަށްރަށުގެ ރަށްކުރިއަރުވާ ކޮމެޓީން ބާއްވާ ބައްދަލުވުންތަކުގެ އެޖެންޑާ ރައްޔިތުންނަށް ދެތިންދުވަސް ކުރިން ލިބޭނެ އިންތިޒާމް އެ ރަށްރަށުގެ ކޮމެޓީން ހަމަޖައްސައިދެއްވައެވެ. މީގެ އިތުރުން ކޮމެޓީގެ ޔައުމިއްޔާތައްވެސް މިދެންނެވި ރަށްރަށުގެ ކޮމެޓީތަކުން ރައްޔިތުންނަށް ފޯރުކޮށްދެއްވައެވެ. ނަމަވެސް މިއާއި ޚިލާފަށް އަޅުގަނޑުމެންގެ ރަށުގެ ކޮމެޓީގެ ބައްދަލުވުމެއް މިއަދާއި ހަމައަށް ބޭއްވިކަން ނޭނގޭއިރު ބައްދަލުވުމެއް ބާއްވާކަން ނުވަތަ ބޭއްވިކަން ކޮމެޓީގެ ބައެއް މެމްބަރުންނަށްވެސް ނޭނގެއެވެ. ރަށުގެ ކޮމެޓީން މިހާތަނަށް އާއްމުކޮށް ރައްޔިތުންނަށް އެނގޭގޮތަށް ކުރަން ފޫގެޅި އެއްކަމަކީ ކޮންމެވެސް މޯޗަރީއެއް އެޅުމެވެ. މިކަންތައްވެސް ރައްޔިތުންނަށް އެނގުނީ ކޮމެޓީގެ ފަރާތުން ރާއްޖޭގެ މީޑިއާއަށް މިޚަބަރުދީ އެވާހަކަތައް ބޮލަށް އުނދަގޫވާވަރަށް ރަށުތެރޭގައި ދައްކަން ފެށުމުންނެވެ. އެވާހަކަތައް މިހާރުވަނީ ޒަމާނާއެކު ތާރީޚްގެ ތެރެއަށް ގޮސް ނިމިފައެވެ. ކޮމެޓީން އަޅަން ނިންމި މޯޗަރީ ހުރިތަނެއް އެނގޭ މީހަކާއި ދިމަލެއްނުވިއެވެ. ދިރިހުއްޓާ  މޯޗަރީގެ ޚިދުމަތައް އެދޭކަށްނުޖެހޭނެތާއެވެ!

ދެންއޮތީ އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމެޓީއެވެ. މިކޮމެޓީގެ މަސައްކަތް އަބަދުވެސް އަމާޒުވެފައި އޮންނާނީ ކޮންމެވެސް އިނާމެއް ހޯދުމަށެވެ. ކުރީގެ ސަރުކާރުން ދެއްވާ އެއްމެ ހަރަކާތްތެރި އަންހެނުންގެ ކޮމެޓީގެ އިނާމު ހޯދިވާހަކަ ރަށުގެ އަންހެންވެރިން މިހާރުވެސް ދައްކައެވެ. މާބޮޑު ކަމެއް ނުކުރިއަސް ރަށަށް އަންނަ ސަރުކާރުގެ އެކިވަފުދުތަކަށް މަރުހަބާކިޔައި، ކުކުޅު ކާންދިނުމުން އެއޮތީ އިނާމު ލިބުމުގެ ފުރަތަމަ ޝަރުތު ހަމަވެފައެވެ. މީގެ އިތުރުން ސަރުކާރުން ފާހަގަކުރާ އެކި ދުވަސްތައް ރަށު ފެންވަރުގައި ފާހަގަކުރުމަށްޓަކައި ކޮންމެވެސްކަހަލަ ޖާފަތެއް ބާއްވާލުމުން އެއޮތީ އިނާމު ހާސިލުވެފައެވެ.

ސުރުޚީގައި އޮތް ސުވާލަށް ދޭނެ ޖަވާބެއް އަޅުގަނޑަކަށް ނޭނގެއެވެ. ކަންފަތައް އިވޭ އެއްޗަކާއި، ލޮލަށް ފެންނަ މަންޒަރު ދިމާނުވާތީއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަޅުގަނޑަށް މިލިޔެވުނީ ލޮލަށް ފެންނަ މަންޒަރުތަކެވެ. މަޢާފްކުރަށްވާށެވެ. ތަސްބީހަ ފަތްޗެއްހެން އަމުނަމުން މިދާ ކޮމެޓީތަކާއި ބޯޑުތަކުގެ މަގްސަދު އަޅުގަނޑުގެ ކޮށިވިސްނުމަށް ފަހުމު ނުވަނީ ކަމަށްވެސް ވެދާނެއެވެ.

ޚިޔާލު

 • Shathir ގެ ޚިޔާލަކީ:

  RK.komittee akun mirashugai moacharee eh elhumah nuninma. RK kommittegai himeney baeh memebarun ekhiyaalu koh ekamuge amalee masahka fashanvegen ulhumun mirashu katheebaku huras elhumun ekan vanee huhttifai. Meehunnaai gulhey mikahala vaahaka dahkairu ekamuge furihama mauloomath nuhoadai thikahala magey report tha liyuneema konmeves nubaeh ufedheynee. Veema meedhoolivun thi liya article thah liyaairu kamaai gulhey huriha farathehge mauloomathu hoadumahfahu liyumah naseyhahtherivan. Shukuriyya.

 • hmmm ގެ ޚިޔާލަކީ:

  ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުދާކަން އޭރުވެސް މިހާރުވެސް އަޅުގަނޑުމެންނަށް ތަސައްވަރުވޭ، މަސައްކަތެއްކުރެވުނު ނަމަކަ ތިރަށް ތިގޮތަށް ނުއޮތީސް ކަން ކަށަވަރު. އޭރު މީދޫގެ ތަޚުތުގައި ހުންވެވި *** ބަޔަކަށް ނާންގާ ސިއްރިޔާތުގައި ކޮންމެވެސް ކަންތައްގަޑެއް ދެމީހަކު ލައްވާ ކުރުވުމަށް ފަހު މޮޅު ޔައުމިއްޔާ އެެއް ލިޔުމަށްފަހު މިނިސްޓްރީ ތަކަށް ފޮނުވީމާ، ހަޤީޤަތް ނުބަލާ އެތަނުން ލާރިޔާއާއި ނަންލިބުނީތާ! ނަމަވެސް މިހާރު އެކަހަލަ ކަމެއް ކުރާނެ ބަޔަކު އަދިކުރިޔަސް މަދުބަޔަކު ނަމަވެސް ހަޅޭލަވާނެތީ ކުރަން ނުކެރެނީ. ތިބުނާކޮމިޓީ ތަކަށް ހޮވިފައި ތިބި ކޮންމެ މީހަކަށްވެސް ނުއުފުލޭ ވަރުގެ ލާރި ބޮޑިއެއް ލިބޭނަމަ މީޓިންގ ބޭއްވީސް ކަންކަށަވަރު. ކަމެއް ނުކުރެވުނަސް އަދި ކުރަންނޭގުނަސް.

 • މީދޫ މީހައް ގެ ޚިޔާލަކީ:

  ކޮމެޓީ އަކުން ނިންމި ކަމަށް ރަށި ކަތީބަކާ މަތިން އަރައި ހުއްޓުވިފެހެ ދެން ތެ ކޮމެޓީ ތަކަކީ ކެންކެރާ ކޮމެޓީ އަށް ކަން މަކަށް ނިއެގެނެ. ދެން އެހެންފެހޭ ކޮމެޓީ އަށް އޯގެން އެވެން ނަށް ވޭނެ ކަމަށް ނިޔަސް އޮންނަހެއްތާ. އަފިރިން ދެނެހިށީ ލެކުން ފެހެ ކޮމެޓީ ތަކުން ނިންމާ ކަންތެތި ތަކަކީ ބަރާބަރަށް ކުރިއަށް ހިގާނެ ކަންތެތި. އެކަމަކި މިކޯ މި ފެނޭ ލެކުން ފެހެ ކޮމެޓީ އިނަސް ކަމަށް ވެނީ ކޮމެޓީ މެމްބަރުންގެ އަމެއްލަ ފައިދާ ނުވަތަ ކަތީބުންގެ އަމެއްލަ ފައިދާ ކެރާކަންތެތި..

 • މީދޫ ކައްލަބާ ގެ ޚިޔާލަކީ:

  ކޮފީ އެންޑް ހެދިކާ ސެމިނާރެއް މިރިޕޯޓާއި ގުޅިގެން ނުބޭއްވިއްޔާ ރަނގަޅެވެ. ފަހަރުގައި މިރިޕޯޓަކީ ކްރައިމްއެއްކަމަށް ބަލައި އެކޮމެޓީވެސް ހޭލަފާނެއެވެ.

Trackbacks