Live News From S.Meedhoo

ކުޅިވަރު މުބާރާތްތައް ބޭއްވެމުންދާއިރު

16 ނޮވެމްބަރު 2008، ދެފުއްކެހެރި

މިދުވަސްވަރަކީ ރަށުގައި ވަރަށް ގިނަ ކުޅިވަރު މުބަރާތްތައް ބޭއްވެމުންދާ ދުވަސްވަރެކެވެ. ދެޖިންސްގެ ޒުވާނުންގެ މެދުގައިވެސް ކުޅިވަރުގެ ފޯރި އާދަޔާޚިލާފަށް ގަދަވެފައިވާ ދުވަސްވަރެކެވެ. މުބާރާތަކަށްފަހު މުބާރާތެއް އަންނަނީ ބޭއްވެމުންނެވެ. އަވަށްޓެރި ހުޅުދޫގައި ވެސް ކުޅިވަރު މުބަރާތްތައް ދަނީ ބޭއްވެމުންނެވެ. އަދި ކުރިއަށް މުބާރާތްތައް ރޭވިފައި ނުވަތަ ރާވަމުންދާ ވާހަކައިގެ އަޑުވެސް ދެރަށުގައި ނުހަނު ބާރެވެ.

ޒުވާނުންގެ މެދުގައި މިހާބޮޑަށް ކުޅިވަރުގެ ފޯރި ހިފާލާފަައިވުމަކީ ނުހަނު ބޮޑަށް އުފާކުރުން ހައްޤުކަމެކެވެ. ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެދޭނެ ކަމަކަށް ވާތީއެވެ. އަދި ކަސިޔާރުމަގުން ހިނގެމުންދާ ޒުވާނުންނަށް ވެސް ސީދާ މަގަށް ރުޖޫޢަ ވުމުގެ މަގު ފަހިކޮށްދޭ ކަމަކަށްވާތީއެވެ. ފަހަރެއްގައި މިފަދަ ކުޅިވަރު މުބާރާތްތައް ރާވާ ހިންގާ ފަރާތްތަކުގެ މަޤްޞަދަކީ ވެސް މިއީ ކަމަށް ވެދާނެއެވެ.

މިފަދަ މުބާރާތްތައް ބޭއްވެމުންދާއިރު މިފަދަ މުބާރާތްތަކުގެ ސަބަބުން އިޖްތިމާޢީ ގޮތުން ލިބޭ ކުރިއެރުން ނުވަތަ ފައިދާ ތަކުގެ އިތުރަށް ކުޅިވަރުގެ ރުޙާއި ހުނަރުތައް ޒުވާނުންގެ ކިބައިގައި ތަރައްޤީ ވަމުން ދޭތޯ ނުވަތަ ނުދޭތޯ ވިސްނާލުމަކީވެސް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ހުނަރާއި ކުޅިވަރުގެ ރޫޙު ތަރައްޤީވަމުން ދާނަމަ ދަނީ ކޮން ސަބަބަކާ ހުރެތޯއާއި، ތަރައްޤީވަމުން ނުދާނަމަ ނުދަނީ ކޮން ސަބަބަކާ ހުރެތޯ ވެސް ބަލާލުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. 

މިހާރު ކުރިއަށްދާ ސަންޓަލް ކަޕާމެދު ވިސްނާލަމާތޯއެވެ. މެޗްތައް ފެށޭވަގުތަށް ބައެއް ޓީމްތަކުގެ ކުޅުންތެރިން ޙާޒިރުނުވުމުގެ މައްސަލައަކީ ވެސް ހަޤީޤަތުގައި ސީރިއަސް މައްސަލައެކެވެ. ދަނޑަށް ޙާޒިރުނުވުމުގެ މައްސަލަ ކުރިމަތިވަނީ ޓީމްތަކުގެ އެތެރޭގައި ރަނގަޅު ގުޅުމެއް ނެތުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ކޮންމެވެސް އެހެން ސަބަބަކާ ހުރެ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެންމެންނަށް ވެސް ޤަބޫލުކުރެވޭނެ ޙަޤީޤަތަކީ ކުޅިވަރުގެ ރޫޙު ރަނގަޅު ގޮތެއްގައި ގިނަ ޒުވާނުންގެ މެދުގައި އާލާވެފައި ވާނަމަ މިމައްސަލަ ފެންމަތި ނުވާނެކަމެވެ. މިއީ ވެސް އިތުރު ކުޅިވަރު މުބާރާތްތައް އިންތިޒާމް ކުރަން ރާވާފއަިވާ ފަރާތްތަކުން ވިސްނާލަންޖެހޭ ކަމެއްކަމުގައި އަޅުގަނޑުދެކެމެވެ. އެހެންނޫންނަމަ މުބާރާތްތައް އިންތިޒާމް ކުރުމުގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވުން އޮންނާނީ ދުރުގައެވެ.

ދެން އޮތީ މުޅިން އެހެން ވާހަކައެކެވެ. ހުޅުދޫގައި ކުރިއަށްދާ ފުޓްސަލް މުބާރާތުން މީދޫ ޓީމް ކަޓައިގެން ދިޔަ ގޮތުގެ ވާހަކައެވެ. ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ހިތްހަމަޖެހޭފަދަ ނަތީޖާއެއް ނެރެވުމުން މީދޫ ޓީމް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރާނެ ކަމުގައި އަޅުގަނޑަށް ހީކުރެވުނެވެ. ނަމަވެސް ދެން ކުޅުނު މެޗް ތަކުގައި ބައިކޮޅަށް ވަން ގޯލުތަކުގެ ޢަދަދު ތަކަކީ މި އަތޮޅަށް ނިސްބަތްވާ ޓީމް ތަކާ ދެކޮޅަށް ކުޅެގެން ވަދެފާނެ ކަމަށް ޤަބޫލުކުރަން ވެސް އުނދަގޫ ޢަދަދުތަކެކެވެ. މިފަދަ ބޮޑު ތަފާތަކުން ޓީމް ބަލިވެގެން ދިޔަ ސަބަބުތަކާ ދޭތެރޭ ވަރަށް ތަފާތު ވާހަކަތައް ދެކެވެމުންދެއެވެ. ރަނގަޅު ކޯޗަކު ނެތް ކަމުގެ ވާހަކައެވެ. ތަޖުރިބާ ނެތް ކަމުގެ ވަހަކައެވެ. ރަނގަޅަށް ޕްރެކްޓިސް ބޭައްވިފައި ނެތް ވާހަކައެވެ. ހައްތާވެސް ރަނގަޅު ހަޤީޤީ ވާހަކަތައް ކަމަށް އަޅުގަނޑަށްވެސް އެއްބަސްވެވެއެވެ. މިކަމުން އަޅުގަނޑަށް ވިސްނޭ ނުކުތާއަކީ މިރަށުގެ ކުޅުންތެރިންނަށް ރަނގަޅު ކޯޗެއްގެ އިރުޝާދުގެ ދަށުން، ފުރިހަމަ އިންތިޒާމެއްގެ މަތިން ޕްރެކްޓިސް ތައް ކުރިއަށް ގެންދިޔުމަކީ މިވަގުތުން މިވަގުތަށްވެސް މުހިންމު ކަމެއްކަމެވެ.

ފުޓްބޯޅައިގެ ރޮނގުން މިއަތޮޅުގައި އެންމެ ބޮޑަށް ކުރިއަރާފއަިވާ ހިތަދުއާއި ފޭދުއަށް އަޅުގަނޑު ދިޔަ ދަތުރު ތަކުގައި އަޅުގަނޑަށް ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅުންތެރިން ޕްރެކްޓިސް ކުރަމުންދާތަން އަޅުގަނޑު ދުށީމެވެ. ވައިޑީ ޕްރޮގްރާމް ވެސް އެކަށީގެންވާގޮތުގައި ކުރިއަށް ގެންދެވޭމެއެވެ. އެހެންނަމަވެސް މިއިން އެއްކަމެއްވެސް މީދޫގައި ނެތެވެ.

މީދޫގެ ކުޅިވަރަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިގޮވާލަނީ ކަމާބެހޭ ފަރާތްތަކަށް ފޯރސް ކޮށްގެންނަމަވެސް ސިނިއަރ ކުޅުންތެރިންނަށާއި ވައިޑީ ޕްރޮގްރާމްގައި ހިމެނޭ ކުދިންނަށްވެސް އިރުޝާދު ދެވޭ ފެންވަރުގެ ކޯޗެއް ގެނައުމުގެ މަސައްކަތް ކުރުމަށެވެ. އޭރުން ކުޅިވަރުގެ ރުޙާއި ހުނަރު ތަރައްޤީވެ މުބާރާތްތަައް ބޭއްވުމުގެ ހަޤީޤީ މަޤްޞަދު ޙާޞިލުވަމުން ދާނެ ކަމާމެދު ޝައްކެއް ނެތެވެ.  

ޚިޔާލު

Trackbacks

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ