Live News From Hulhumeedhoo, Addu City

އިންޓަރނެޓް ގައި ބޭނުން ކުރުމަށް މުޅިން އެހެން ފައިސާއެއް

މީގެ 10އަހަރު ކުރިން ރައްޓިއްސަކަށް ހަދިޔާ އެއް ދޭން ބޭނުން ވެއްޖެނަމަ، ޖެހެނީ ފިހާރައަކަށް ގޮސް ބޭނުންވާ އެއްޗެއް ގަނެގެން ޕާރސަލް ކޮށްގެން އެމީހަކު ހުރި ތަނަކަށް އެއެއްޗެއް ފޮނުވާށެވެ. ބައެއްފަހަރު އެމީހަކު ހުރި ހިސާބެއްގެ ގޮތުން އެ ހަދިޔާ އެއް ލިބުމުގައި ގިނަ ދުވަސްތަކެއް ނެގުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ. ބައެއްފަހަރު އެމީހަކަށް އެ ހަދިޔާ ނުލިބި ވެސް ހިގައިދާނެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރަމުން ގޮސް މިހާރު 24 ގަޑި އިރުގެ ތެރޭގައި ދުނީޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށްވެސް ހަދިޔާ އެއް ދެވިދާނެއެވެ. ނަމަވެސް އެފޮނުވާ އެއްޗެއްގެ ގޮތުން އަދި ފޮނުވާ ހިސާބެއްގެ ގޮތުން، އެމީހަކު ޖީބުން ހޭދަކުރަން ޖެހޭ ވަރު އިތުރު ވެގެން ދެއެވެ.

އެހެން ނަމަވެސް މިހާރު އިންޓަރނެޓްގައި ބޭނުން ކުރާ ފޭސްބުކް، ހައި5 ފަދަ ބައެއް ސޯޝަލް ނެޓްވޯރކް ތަކުގައި ހަދިޔާ ދިނުމަށް ވަރަށް ފަސޭހަ އެވެ.ޖީބުން އިތުރު ހޭދައެއް ވެސް ކުރާކަށް ނުޖެހެއެވެ. އެގޮތުން ބައެއް އެޕްލިކޭޝަން ތަކުގައި ހަދިޔާތައް ގަނެގެން ރައްޓެހިންނަށް ފޮނުވާލެވެއެވެ. ނަމަވެސް މިއީ ވަރަށް ތަފާތު ގޮތެކެވެ.ހަދިޔާ ތަކަކީ ގަނެގެން ފޮނުވާ އެއްޗަކަށް ވިޔަސް ހަދިޔާތައް ގަންނަން އަސްލު ފައިސާ އެއް ހޭދަކުރާކަށް ނުޖެހެއެވެ. މީގައި ބޭނުން ކުރެވެނީ އެ އެޕްލިކޭޝަން ހަދާ ފަރާތްތަކުން ހަދާފައި ހުންނަ ވަރޓުއަލް ފައިސާ އެވެ. މި ފައިސާ ނުވަތަ ކޮއިން ތަކަކީ އެޕްލިކޭޝަން އެއް ބޭނުންކުރަން ފެށުމުން ލިބޭ އެއްޗެކެވެ. މި ކޮއިންސް ތައް ބޭނުން ކޮށްގެން ގޭމް ކުޅެވޭ އެޕްލިކޭޝަންތައް ވެސް އެބަހުއްޓެވެ. ގޭމް ކުޅެގެން ކޮއިންސް އިތުރުވެސް ވެއެވެ. އަދި ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ވެސް ކޮއިންސް އިތުރު ކުރެވެން ހުރެއެވެ.

ފޭސްބުކް އިން ދިމާވި ރައްޓެއްސަކު ބުނި ގޮތުގައި އޭނާ ރައްޓެހިންނަށް ހަދިޔާ ދިނުމަށް އެންމެ ގިނައިން ބޭނުން ކުރަނީ ފޭސްބުކް އެޕްލިކޭޝަން އެކެވެ.އޭނާ ބުނިގޮތުގައި އެއީ ވަރަށް ގިނަ ސަބަބުތަކާއި ހުރެ އޭނާ އިޙްތިޔާރު ކުރާ ގޮތެކެވެ. އޭގައި އޭނާ ބޭނުންވާ ކަހަލަ އެއްޗެއް ގަނެފައި ފޮނުވާލާ އިރު އޭނަގެ އަތުން އަސްލު ފައިސާ އެއް ހަރަދު ކުރާކަށް ނުޖެހެއެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ފޮނުވާލެވެއެވެ. އަދި ފޮނުވަން ބޭނުންވާ މީހާ އެވަގުތު ހުރީ ކޮންތަނެއްގައި ތޯ ބަލާކަށް ނުޖެހެއެވެ. އަދި ބުނި ގޮތުގައި ހަދިޔާ އަކީ އޭނާ ދެކޭ ގޮތުކައި ހަނދާނެއްގެ ގޮތުން ބަހެއްޓުމަށް ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން މިހެން ފޮނުވާ ހަދިޔާތައް ހަލާކު ނުވެ ހުންނާނެ ކަމަށެވެ. އަދި ހާއްސަކޮށް އެ ހަދިޔާ ތަކަކީ ގިނަ މީހުންނަށް ފެންނަ ގޮތައް ހުންނަ ހަދިޔާތަކެވެ. އަދި ހަދިޔާ ލިބޭ މީހުން ވެސް ބުނާ ގޮތުގައި މިސާލަކަށް ފޭސްބުކް އިން އެމީހަކަށް ހަދިޔާއަކަށް ލިބޭ ޓީޝާރޓެއް، އެ ޓީޝާރޓް އޭނާ ލައިގެން ހުންނަ ޓީޝާރޓަށް ވުރެ ގިނަ މީހުންނަށް ފެންނާނެ ކަމަށެވެ.

ޓެކްނޮލޮޖީއަށް އަންނަ މިފަދަ ބަދަލު ތަކާއި ގުޅިގެން މިހާރު ބޭނުން ކުރާ ފައިސާތައް ދޫކޮށް ވަރޓުއަލް ފައިސާ ކުރިއަށް އޮތްތަނުގައި ބޭނުން ކުރަން ޖެހުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ. އެއީ ފޭސްބުކް ފަދަ ނެޓްވޯރކް ތަކުން މިހާރުވެސް ދަނީ އެފަދަ ދިރާސާތައް ކުރަމުން ނެވެ. އަދި ހައި5 ނެޓްވޯރކް ގައި މިހާރު މިފަދަ ކޮއިންތައް ބެލެހެއްޓުމަށް އެކަމަށް އިކޮނުމީ މުވައްޒަފުން ވެސް ތިބެއެވެ. މިފަދަ ކޮއިންސް ތަކަކީ ކޮމްޕިއުޓަރުން ޖެނެރޭޓް ކުރާ އެއްޗަކަށް ވާތީ މި ކޮއިންސްތައް މަކަރު ހަދައި ގެން ހޯދުމަކީ ވެސް ކުރެވިދާނެ ކަމަކަށް ވާތި އިކޮނޮމީ ބެލެހެއްޓުމަށް ތިބޭ މުވައްޒަފުން އަބަދުވެސް އެކަހަލަ މަކަރެއް ބަޔަކު ހަދާތޯ ބަލަމުން ދެއެވެ. އިކޮނޮމީ ދިރާސާ ކުރާ މާހިރުން ވިދާޅުވާ ގޮތުގައި އޮންލައިން އިކޮނޮމީ އަށްވެސް އަސްލު އިކޮނޮމީގައި އަންނަ ފަދަ ނުވަތަ އެއަށްވުރެން ވެސް ބޮޑެތި ގޮންޖެހުން ތަކާ ކުރިމަތިލާން ޖެހޭނެއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.