Live News From Hulhumeedhoo, Addu City

ރޯދަމަހު ޙައިޟުގެ ދުވަސްވަރު އައުމުން ހަދާނީ ކިހިނެއް؟

ރޯދަމަހު ޙައިޟުގެ ދުވަސްވަރު އައުމުން، ބައެއް އުޚްތުން މިމަހުގެ ފުރިހަމަ ޘަވާބާއި ދަރުމަ ނުލިބޭނެކަމަށް ޔަގީންކޮށް އެކަމާ ހިތާމަކޮށް މޮޅީގެ ސާލުލައިގެން ތިބޭތަން ފެނެއެވެ. ނަމަވެސް ދަންނަވަން އޮތީ މިދުވަސްވަރު އައީތީ ހިތާމަ  ނުކުރާށެވެ. މިއީ ﷲ ތަޢާލާ އާދަމުގެފާނުގެ އަންހެންދަރީންނަށް މިންވަރު ކުރައްވާފައިވާކަމެވެ. ޙައްޖުގައި ޢާއިޝަތުގެފާނު ޙައިޟުވެރިވުމުން ކީރިތި ރަސޫލާ ޙަދީޘްކުރެއްވީވެސް ހަމަމިފަދައިންނެވެ. (هذا أمر كتبه الله على بنات آدم) رواه البخاري .

އެފަދަ އުޚްތުންނަށް ބުނަމެވެ. މާޔޫސްނުވާށެވެ. ޞަޙީޙުލް ބުޚާރީގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. ” إذا مرض العبد أو سافر كتب الله تعالى له من الأجر مثل ما كان يعمل صحيحا مقيما ” މާނައަކީ ” އަޅާ ބަލިވެއްޖެނަމަ ނުވަތަ ދަތުރުމަތީގައިވާނަމަ އޭނާ ހެޔޮޙާލުގައި ހުރިއިރު އަދި ރަށުގައި ޤާއިމްވެހުރިއިރު ކޮށްއުޅުނު ޢަމަލުތަކުގެ އަޖްރު ލިބޭނެއެވެ. ” ޙައިޟަކީވެސް މިފަދަ ކަމެކެވެ. އެހެންކަމުން އެމީހަކު ރަނގަޅަށް ހުރި ދުވަސްވަރު ކުރާ ހެޔޮ ޢަމަލުތަކަށް ދެއްވާފަދައިން މިދުވަސްވަރަށް ވެސް އަޖްރު ދެއްވާނެއެވެ.

މާޔޫސްނުވާށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުން ޖިހާދުގައި އުޅުއްވިއިރު އެކަލޭގެފާނު އިޢުލާންކުރެއްވިއެވެ. ” ޖިހާދު ކުރާހިތްވެހުރެ އެކަމަށް ތެދުހިތުން ނިޔަތްގަނެ، ހަމައެކަނި ޢުޛުރަކާހުރެ ތިމަންކަލޭގެފާނުމެންނާ ބައިވެރިވެވަޑައިނުގެންނެވުނު އަޞްޙާބް ބޭކަލުންނަށް، ޖިހާދަށް ނުކުމެވަޑައިގަތް ބޭކަލުންނަށް ހުރި ދަރުމަޔާ ޘަވާބު ލިބޭނެއެވެ. “

ނަމަވެސް ހިތާމަކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް އުޚްތުން މިދުވަސްވަރާ ދިމާވުމުން ހުރިހާ ހެޔޮ ކަމަކާ ދުރުވެ ތިބޭތަން ފެންނަކަމެވެ. އެކަނބަލުން ﷲ ތަޢާލާ އަށް ޛިކުރު ކުރުމުންނާއި އިސްތިޣްފާރުކުރުން ފަދަ ކަންކަމުން މުޅިން ދުރުވެގަނެ ބޭކާރު ކަންކަމުގައި ވަގުތުތައް ހޭދަކުރެއެވެ. އެއީ ރޯދަނުހިފޭނަމަ އެގޮތަށް އުޅުން ހުއްދަވާނެކަމުގައި ބައެއް އުޚްތުންނަށް ހީވާތީއެވެ. ނަމަވެސް މިއީ މިމަހުގެ ރޫޙާނިއްޔަތާ މުޅިން ޚިލާފްކަމެކެވެ. މިކަމުގެ ނަތީޖާއަކީ ޙައިޟުގެ ދުވަސްވަރު ނިމުމަށްފަހުވެސް ކަންނެތްކަމާ ޣާފިލްކަން ތިމާގެ ކިބައިގައި އަށަގަތުމެވެ. އަދި ރޯދަމަހުގެ ބާކީ އޮތްތަނުގައި ލިބިގަނެވޭނެ ޘަވާބާއި ދަރުމަވެސް ނުލިބި މަސްނިމިގެންދިއުމެވެ. އެހެންކަމުން މިދުވަސްރުގައި ހެޔޮކަމުގެ ތިލަފަތް ބަރުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލަން ޖެހެއެވެ. މިގޮތުން ޚާއްޞަ ސަމާލުކަމެއް ދެވިދާނެ ކަންތައްތަކަކީ ފަސްނަމާދުގެ ބަންގީގެ އަޑަށް އިޖާބަދީ ބަންގިދުޢާ ކިޔުމާއެކު ، ބަންގިއާއި ގަމަތުގެ ދެމެދުގައި ލިބޭ ވަގުތުގައި ދުޢާކުރުން، އެހެނީ މާތްނަބިއްޔާ  صلى الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައި ވެއެވެ. ” الدعاء لا يرد بين الأذان والإقامة ” މާނައަކީ ” ބަންގިއާއި ގަމަތުގެ ދެމެދުގައި ކުރެވޭ ދުޢާ އިޖާބަނުކުރައްވައި ދޫކޮށްނުލައްވާނެއެވެ. ” އަދި ކޮންމެނަމާދު ވަގުތެއްގައި ޛިކުރުކުރުމަށާއި ދުޢާކުރުމަށް ވަގުތު ހޭދަކުރުން، ކޮންމެދުވަހަކުވެސް ޛިކުރުތަކުގެ ތެރެއިން ހެނދުނަށް ޚާއްޞަ ޛިކްރު ކުރުން، އަދި ހަމަމިފަދައިން ހަވީރުގެ ޛިކްރު ކުރުން، އަދި ކީރިތި ޤުރްއާން އަޑުއެހުމަށް އެކަށީގެންވާ ވަގުތު ހުސްކުރުމެވެ. ( ކެސެޓް، ކޮންޕިއުޓަރ ފަދަ ތަކެތީގެ އެހީގައި ) އަދި ކުރިން ދަސްކޮށްފައިވާ ބައިތައް ހަނދާން އާކުރުމަށްޓަކައި ދަސްކުރިބައިތައް ހިތަށް ގެނައުން، ( މިޒަމާނުގެ ބައެއް ދަންނަ ބޭކަލުން، ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ޤުރުއާނުގައި އަތް ނުލައި، ނުވަތަ ފޮތިގަނޑެއްގެ އެހީގައި ހިފައިގެން ކިޔެވުމުގައި މައްސަލައެއް ނެތް ކަމުގައި ފަތުވާ ދެއްވާފައިވެއެވެ. ނަމަވެސް މިކަމުގައި ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތަކީ، ޙައިޟުވެރިޔާއާއި ނިފާސްވެރިޔާވެސް، މިމުއްދަތުގައި  އެއްވެސް ގޮތަކަށް ނުކިޔެވުމެވެ. މިޒަމާނަކީ ތަފާޓު ވަސީލަތްތައް ގިނަ ޒަމާނެކެވެ. ތިޔަ އުޚްތުންނަށް ކެސެޓް، ސީޑީ ޕްލޭޔަރ، ކޮންޕިއުޓަރު ފަދަ ތަކެތީގެ އެހީގައި ޤުރުއާން އަޑުއެހިދާނެއެވެ. )

އަދި ކޮންމެ ދުވަހަކުވެސް ޤުރުއާން ތަރުޖަމާއިން މިންވަރެއް ވިސްނައިގެން ބަލާށެވެ. މިގޮތަށް ޤުރުއާން ތަރުޖަމާ ވިސްނައިގެން ބެލުމުން މީހާގެ ހިތަށް އީމާންކަން ވަދެ ﷲ ތަޢާލާއަށް ބިރުވެތިވާން ދަސްވާނެއެވެ. އަދި މިއީ ﷲ ތަޢާލާއާއި އަޅާއާ ދެމެދުގެ ގުޅުން އިތުރަށް ބަދަހި ކޮށްދޭނެ ކަމެކެވެ. އެހެނީ އެއިލާހު އެންމެހާ މުއުމިނުތަކުންނާ މުޚާޠަބްކޮށްފައިވާ ބަސްފުޅުތައް އެއްވެސް ހުރަހެއް ނެތި އަމިއްލައަށް ކިޔައި ވިސްނައިގަނެވޭނެތީއެވެ.

މިއާއެކު ގިނަގިނައިން ތައުބާ ވެ މަރު ހަނދާން ކުރާށެވެ. އެހެނީ މަރުހަނދާން ކުރުމަކީ އެންމެހާ ދުނިޔަވީ އެދުންތަކާއި ޝަހުވަތްތަކުން މީހާ  ދުރުކުރުވާ ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. ” أكثروا من ذكر هادم اللذات ”  މާނައަކީ ” އަރާމާއި ލައްޛަތު ދުރުކުރާ ( މަރު ) މަތިން ގިނައިން ހަނދުމަކުރާށެވެ. “

އަދި ހަމައެހެންމެ މިދުވަސްވަރު ވީހާ ގިނަވަގުތެއް ދުޢާ ކުރުމާއި އިސްތިޣްފާރު ކުރުމުގައި ހޭދަކުރާށެވެ. ދުޢާ ކުރުންވެސް ﷲ ތަޢާލާ ލައްވާފައިވަނީ މާތް އަޅުކަމެއްގެ ގޮތުގައެވެ. ޙަދީޘްބަސްފުޅެއްގައި އައިސްފައިވެއެވެ.  ” الدعاء هو العبادة ” رواه الترمذي ދުޢާއަކީ އަޅުކަމެވެ.

މިމަހަކީ ހެޔޮކަންތަކަށް ލިބޭ އަޖްރު ދެގުނައަށް އިތުރުވެގެންދާ މަހަކަށްވާއިރު އަޅުކަމުގެ އިތުރަށްވެސް ހެޔޮނިޔަތުގައި ކުރާ ރަނގަޅު ޢަމަލުތަކަށް މަތިވެރިޘަވާބު ލިބޭނެކަން ހަނދާން ކުރާށެވެ. މިގޮތުން މައިންބަފައިންނަށް އަޅާލުމާއި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުން ފަދަ ކަންތައްތަކަކީ ޘަވާބުގެ ތިލަފަތް ބަރުކުރުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދެވިދާނެ ކަންތައްތަކެވެ.

އެހެންކަމުން ކޮންމެ ކަމެއްވެސް ކުރާއިރު ﷲ ތަޢާލާގެ ވަޖްހުފުޅު އަދައި އެއިލާހުގެ ޙަޟްރަތުން ޘަވާބާއި ދަރުމަޔަށް އެދޭށެވެ.

ނޯޓް: މިލިޔުމަކީ ނޫރުލް އިސްލާމް ވެބްސައިޓުގައި ރާފިޢާ ފަތުޙީ ލިޔުއްވާފައިވާ ލިޔުމެކެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.