Live News From Hulhumeedhoo, Addu City

ފަޟީލަތުއްޝައިޚް އަލްޙާއްޖު ޢަބްދުއްރަޙުމާން: އިސްލާމިކް ފިލޯސަފީއަށް އަރާހުންނެވި ބޭފުޅެއް

ފަޟީލަތުއްޝައިޚް އަލްޙާއްޖު ޢަބްދުއްރަޙުމާން އަލްއަޒުހަރީ އައްޝައިޚުލް ޙާއްޖު އަބްދުއްރަހުމާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 1875 ވަނަ އަހަރު އައްޑޫ މީދޫގައެވެ. އަބްދުއްރަހުމާނުގެ ބައްޕައަކީ އައްޑޫ މީދޫ ވަށޮދިޔަގެ އަލްމުއައްލިމު އަލީ އެދުރުއެވެ. ނުވަތަ މަޝްހޫރު ލިޔާ މާލިމީ (ވަށޮދިޔަގެ މާލިމީ) އެވެ. ވަށޮދިއަގެ މާލިމީއަކީ ދިވެހި ރާއްޖޭގެ ދެކުނުގައިތިބި އަތު ލިޔުން ރީތި މީހުންގެ ތެރެއިން ޢަރަބި ތާނަ އަށް އެންމެ މަޝްހޫރު އެއް ފަންނާނެވެ. މީނާގެ އަތުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްހަފެއް ޤައުމީ ކުތުބުޚާނާގައި ވަރަށް ފަހަކާޖެހެންދެން ވެސް އޮތެވެ. އަބްދުއްރަހުމާނަކީ އޭނާގެ ބައްޕަ ވެސް ފަދައިން ވަރަށް ރީތި ކޮށް ލިއުއްވި ބޭފުޅެކެވެ.

އަބްދުއް ރަހްމާނު ދެ ކައިވެނި ކުރެއްވިއެވެ. ފުރަތަމަ ކައިވެނި މީދޫ ކުއްދީދީގެ ފާތުމަތު ދީދީ އާއި އެވެ. ދެން އަބްދުއްރަހުމާނު ކައިވެނި ބެއްލެވީ މިސްރުގެ އަންހެނަކާއި އެވެ. މިދެންނެވި މިސްރު ސިއްތީގެ ބަނޑުފުޅުން ލިބިވަޑައިގަތީ ދެ ބޭފުޅުންނެވެ. އޭގެތެރެއިން ހަގަށް ހުންނެވި ދަރިކަނބަލުން ވަނީ އެބޭފުޅުން ރާއްޖެއިން މިސްރަށް އެނބުރި ވަޑައިގެންނެވިތަނާހެން ދިމާވި އެކްސިޑެންޓެއްގައި އަވަހާރަވެފައެވެ. ދޮށްޓަށް ހުންނެވި ދަރިކަލުން އަބްދުލް އަޒީޒުގެ އާއިލާ މިސްރުގެ ގާހިރާގައި އެބައޮތެވެ.

އަބްދުއްރަހުމާނު އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވީ އުފަން ރަށް މީދޫއިންނެވެ. ރަށުގައި އަބްދުއްރަހުމާންގެ އިސް އުސްތާޒަކީ މުޅި ދިވެހިރާއްޖެ އަށް މަޝްހޫރު އަލްޢައްލާމަތުލްފަޤީހުލްޙާފިޡް އިބްރާހިމް ތަކރުފާނުއައިސާބީގެދަރު ދޮންބެއްޔާ އެވެ. ރަށުން އެދުވަސްވަރު ލިބޭން ހުރި އިލްމެއް ހާސިލް ކުރެއްވުމަށް ފަހު ތައުލީމީ ދައުރު ނިންމާލެއްވީ މިސްރުންނެވެ. މިސްރުގެ މަޝްހޫރު ޖާމިއުލް އަޒުހަރުން (އަޒްހަރު ޔުނިވަސިޓީން) ތަޢުލީމު ޙާޞިލުކުރައްވައިގެން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވި ދިވެއްސަކީ އަބްދުއްރަހުމާންއެވެ. އޭނާއަކީ ވަރަށް ދޫ ފަސޭހަ ބަލާޣާތްތެރި މުޤައްރިރެކެވެ. ޢިލްމުލް ކަލާމް (އިސްލާމިކް ފިލޯސަފީ) އަށް އަރާހުންނެވި ބޭފުޅެކެވެ. ޢިލްމުލް މަންތިޤު (ލޮޖިކް) ދެނެވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.

ޝައިޚް އަބްދުއްރަހުމާނަކީ އަޒުހަރު ޔުނިވަރސިޓީގެ އޭރުގެ ޢިލްމުވެރީން ވެސް އިއުތިރާފްވެވަޑައިގަންނަވާ ވަރަށްބޮޑު ޢިލްމުވެރިއެކެވެ. މިޞްރުގައި ހުންނަވާފައި ރާއްޖެއަށް އެންމެފުރަތަމަ އެނބުރި ވަޑައިގަތްއިރު އަޒްހަރުން ޝަހާދާ ޢާލިމިއްޔާ (ޑިގްރީ) ނަންގަވާފައިވެއެވެ. ލިޔުންތަކުން އެނގޭ ގޮތުގައި ބޭރު ޤައުމެއްގެ ޔުނިވަރސިޓީ އެއްގައި މަތީ މަޤާމެއް ފުރުއްވި ފުރަތަމަ ދިވެއްސަކީ އަބްދުއްރަހުމާނެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިގްރީ އިލްމުވެރިޔަކީ ވެސް އަބްދުއްރަހުމާނެވެ.

އަބްދުއްރަހުމާން ރަށުން މާލެއަށް ވަޑައިގެންނެވީ 1904 ވަނަ އަހަރުއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މުޙައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި ވެދުމުގެ ފަތްކޮޅު ހިއްޕަވައިގެން އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނު 1905 ވަނަ އަހަރު ސިލޯނަށް ވަޑައިގަންނަވަމުން އަރިހުގައި އަބްދުއްރަހުމާނު ގެންދެވިއެވެ. ބޭނުންފުޅަކީ، އަލްޤާޟީ ޢަބްދުލް ޙަކީމުގެ ދަރިވަރު، އައްޝައިޚުލް އައްލާމާ ޢަލީ އެދުރު ތަކުރުފާނު ހެއްދެވި ޒުހުރުލް ކަމާލާތު ނުވަތަ މުޅިރާއްޖެއަށް މަޝްހޫރު ބޮޑުތަރުތީބު ހަލާކުވެ ރާއްޖެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވުމުން އެފޮތް އަލުން ޗާޕުކުރެއްވުމެވެ.

މިގޮތުން ފޮތް އަލުން ލިޔާނެ މީހެއްގެ ގޮތުގައި އަބްދުއްރަހުމާނު ގެންދެވުނެވެ. އެއައްފަހު އައްޝައިޚު މަލިމް މޫސާކަލޭގެފާނާއި ޢަބްދުއްރަޙުމާނު އާއި ދެބޭކަލުން ސިލޯނުން ބަންގާޅަށް ވަޑައިގެން ބަންގާޅުގެ މެހެންދީބާޢު ކިޔާއަވަށުގައި ބޮޑުތަރުތީބު ޗާޕްކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިދަތުރުގައި ބޮޑުތަރުތީބުގެ އިތުރުން އެހެނިހެން ވެސް ފޮތްތައްވެސް އަބްދުއްރަހުމާނު ޗާޕުކުރެއްވި ކަމުގައިވެއެވެ. ޗާޕުގެ މަސައްކަތް ނިމުމުން މިޞްރުގެ ޖާމިޢުލް އަޒުހަރަށް ޢަރަބި ކިޔަވަން ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އަބްދުއްރަހްމާނު މަލިމް މޫސާކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. މިވާހަކަ މަލިމް މޫސާކަލޭގެފާނު އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނަށް ދެންނެވުމުން ކިލެގެފާނު އެންގެވީ ޢަބްދުއްރަޙުމާނު މިޞްރަށް ދެވި އެތާނގައި ހަމަޖެހޭނެހައި ޚަރަދު ދިނުމަށެވެ. މިގޮތުން މިދަތުރަށް ބޭނުންވާނެކަމަށް ލަފާކޮށް 300 ރުފިޔާ މަލިމް މޫސާ ކަލޭގެފާނު ދެއްވިއެވެ. ޢަބްދުއްރަޙުމާނު މިޞްރާ ހަމައަށް ވަޑައިގަތީ 1906 ވަނައަހަރުއެވެ. މިއަށްފަހު 15 އަހަރުފަހުން 26 ޑިސެމްބަރ 1912 ގައި އެނބުރި ރާއްޖެވަޑައިންނެވިއެވެ.

އަބްދުއްރަހުމާން އޭނާގެ އަމިއްލަ ފޮތްތައް ވެސް ލިޔުއްވިއެވެ. މީގެތެރޭގައި ތައުޙީދުގެ ޢިލްމު ފޮތަކާއި ޢަޤީދާގެ މައްޗަށް ލިއުއްވިފޮތަކާއި ޢަރަބިބަސް އުނގަންނައިދިނުމަށް ލިޔުއްވި ފޮތެއް ހިމެނެއެވެ. އެދުވަސްވަރުގެ ސިޔާސީ އަދި އިޖުތިމާއީ އޮއިވަރު ހުރިގޮތުން މިއިން އެއްވެސްފޮތެއް ރާއްޖޭގައި ޝާއިޢު ކުރެވިފައި ނެތަސް އަބްދުއްރަހުމާނުގެ އެއްބަފާ ޙަސަންމަނިކާ އަތުގައި މީގެ ބައެއް ފޮތްތައް ހުއްޓެވެ. އަދި މާލެ އަތޮޅާއި އަރި އަތޮޅުގެ ބައެއް މީހުންގެ އަތުގައިވެސް ބައެއްފޮތްތައް ހުރިކަމަށްވެ އެވެ. އަބްދުއްރަހުމާނުގެ ދީނީ އަދި ސިޔާސީ ނަޒަރިއްޔާތާއި ސަރުކާރުގެ ނަޒަރިއްޔާތު ދިމާނުވެގެން އޭނާ ކުށްވެރިވިކަމަށް ވިއަސް އޭނާއަކީ ދީންވެރި ތަވާޟުޢުވެރި ޒާހިދު ހިތްހެޔޮ މިޒާޖުގެ ބޭފުޅެކެވެ.

ރާއްޖެވަޑައިގެން ރަށުގައި ހުންނަވަނިކޮށް ދާދިއަވަހަށް ދައުލަތުގެ ފަރާތުން އަބްދުއްރަހުމާނު މާލެ ގެނެސް 11 ޖޫން 1922 ވަނަ އަހަރު ސަރުކާރުގެ ބޮޑު ނާކޮޅު އަޠިއްޔަތުއް ރަޙުމާނު ގައި ރާއްޖެއިން ފޮނުވާލެއްވިއެވެ. އަބްދުއްރަހުމާނުގެ މި އަރުވައިލުމަކީ ވަރަށް ތާރީޚީ އަރުވައިލުމެކެވެ. މިއީ ދިވެއްސަކު އެއްވެސް ސަބަބަކަށްޓަކައި ސަރުކާރުގެ ފަރާތުން ގައުމުން ބޭރުކޮށް އަރުވައިލި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ރަށަކަށް އޭނާ އަރުވާނުލައި އޭނާ ވަޑައިގަންނަވާނެ ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު ސަރުކާރުން ދިނީ އިލްމުވެރިންނަށް ދިވެހިންކުރާ އިހުތިރާމެއްގެ ބޮޑުކަމުން އޭނާއާ ދޭތެރޭ އިހާނެތި ގޮތަކަށް ކަންތައް ކުރަން ޖެހިލުން ވެގެންނެވެ.

އަބްދުއްރަހުމާން އަރުވައިލާން ޖެހުނު ސަބަބުތަކާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އެންމެ ބޮޑަށް ގަބޫލު ކުރެވޭ ގޮތަކީ އުފަން ރަށުގައި އޮތް ބޭފުޅިޒަމްގެ އުސޫލްތަކާ ދެކޮޅަށް އަބްދުއްރަހުމާން ވާހަކަފުޅު ދެއްކެވުމާއި އަބްދުއްރަހުމާނަކީ އާއިލީ ގޮތުން ރަށުގެ ބޮޑަކަށް ނުވެފައި ކުއްލިއަކަށް ބޮޑު އިލްމުވެރިއެއްގެ ގޮތުގައި ވަޑައިގަތުމުން ރަށުގެ ވެރިންނަށް އެކަން ހަޖަމު ނުކުރެވި ސަރުކާރުގައި ޝަކުވާ ދެންނެވުމެވެ. އޭގެ އިތުރުން އަބްދުއްރަހުމާންގެ ސީދާ ސާދާ ވާހަކަފުޅު ދެއްކެވުންތަކަކީ އެދުވަސްވަރު ސިޔާސީ ގޮތުން ސަރުކާރަށް ނުރައްކަލެއް ކަމަށް ސަރުކާރުގެ ވެރިންނަށް ގަބޫލު ކުރެއްވުމެވެ. މީގެ އިތުރަށް އައްޑުއަތޮޅަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި އަބްދުއްރަހުމާން ދީނީ ތަގްރީރު ދެއްވިއިރު ސަރުކާރުގެ ބައެއް އެންގެވުންތަކާ ފުށުއަރާ ވާހަކަތައް ވިދާޅުވުމަކީ ވެސް އޭނާ ކުށްވެރިވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބުނެވެއެވެ.

މި ސަބަބުތަކެއް ހިމެނިގެން އަމިއްލަ ގައުމުން ފައްސައިލެވުނު ފުރަތަމަ ދިވެއްސަކަށްވުމުގެ ތާރީޚީ ލަގަބާއެކު ޢަބްދުއްރަޙުމާނު ވަޑައިގަތީ އަނެއްކާވެސް މިޞްރަށެވެ. މިޞްރުގައި ހުންނަވާފައި ދެވަނަ ފަހަރަށް ރާއްޖެ ވަޑައިގަތީ 1933 ވަނަ އަހަރުގެ ޖުލައި މަހު 12 ވަނަ ދުވަހުއެވެ. އެދުވަސްވަރަކީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގެ ބާރު ކުޑަވެ އަތިރީގޭ ޚާންދާނުގެ ވަޒީރުންގެ ބާރު އެންމެ ގަދަވެފައި އޮތް ދުވަސްވަރެވެ. ވެރިކަން ނުހަނު ހަލަބޮލިވެފައި އޮތް ދުވަސްވަރެކެވެ. މިފަދަ ދުވަސްވަރެއްގައި އަބްދުއްރަހުމާން ރާއްޖެވަޑައިގަތީ މިސްރުން ކައިވަންޏެއްވެސް ކުރައްވައިގެން އަނބިކަމަނާއާއި ތުއްޕުޅު ދެ ބޭފުޅުންނާވެސް އެކުގައެވެ.

ކަންދިމާކުރިގޮތުން އަތިރީގޭ ޚާންދާނުގެ އެންމެ ބާރުގަދަ އެއް ވަޒީރު ކަމަށްވާ ޙަސަން ފަރީދުދީދީ އާއި އަބްދުއްރަހުމާނާ ދެމެދު ވަރަށް އަވަހަށް ޒާތީ މައްސަލަތަކެއް ފެށުނެވެ. މާލޭގައި ދީނީ ތަޤްރީރު ދެއްވުމާއި މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް އަގުހުރި ނަޞޭޙަތް ދެއްވުމުގައި އޭނާ ބުރަ މަސައްކަތްތަކެއް ކުރެއްވުމުގެ ނަތީޖާއަކީ އާއްމުންގެ މެދުގައި އަބްދުއްރަހުމާންގެ މަގްބޫލުކަން އުފުލިގެން ދިއުމެވެ. ސަރުކާރުގެ ވެރިންނަށް މިކަން ވެގެންދިޔައީ ވޭނަކަށެވެ. ކޮންމެއަކަސް ޢަބްދުއްރަޙުމާނު ޤަބޫލުކުރައްވާ އުސޫލުތަކާއި ދިވެހިސަރުކާރު ޤަބޫލުކުރާ ގިނަކަންތައް ތަފާތުވެއެވެ.

އަދި އޭނާ އަށް ނުހައްގު އަދަބުތަކެއް ދެވި އަރުވައިލެވުނު ރަށް ކ.ވިލިގިލީގައި ޢަބްދުއްރަޙުމާނު އުޅުއްވާނެ ގެއެއް އަޅުއްވާދެއްވައި އެގޭގައި ޚިދުމަތްކުރާނެ މީހަކު ސަރުކާރުން ބެހެއްޓެވިކަމުގައިވެއެވެ.

މިޞްރުގެ ޖާމިއުލް އަޒުހަރުން ކިޔަވައި ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އަބްދުއްރަހުމާން ހުންނެވީ އަލް އަޒުހަރުގެ ރުވާޤުލް ހުނޫދް (އިންޑިއަން ސަބް ކޮންޓިނެންޓަށް ނިސްބަތްވާ ދަރިވަރުންނާ ބެހޭ ޑިޕާޓްމަންޓް) ގެ ވެރިޔާގެ މަޤާމު ގައެވެ.

ދެ ފަހަރެއްގެ މަތިން މިޞްރުގައި މުޅިއެކު 27 އަހަރަށްވުރެ ގިނަދުވަސް އޭނާ ހޭދަ ކުރެއްވިއެވެ. މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި ދަރިއެއްގެ ޝުކުރު މި ފޮތުގައި އޭނާ ބަޔާން ކުރައްވާފައިވަނީ އަބްދުއްރަހުމާން މިސްރުގައި ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރެއްވި ކަމަށެވެ.

ޝައިޚް އަބްދުއްރަހުމާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ އުމުރުފުޅުން 61 އަހަރުގައި 8 ޑިސެމްބަރ 1936 ވީ އަންގާރަ ދުވަހުގެ ހަވީރުއެވެ. ފަސްދާނުލެވިފައިވަނީ ކ.ވިލިގިލީގެ ކުރީގެ މިސްކިތުގެ ގޯތި ތެރޭގަ އެވެ. މިހާރު ވިލިގިލީގެ ހުރަސް ބޮޑުމަގަށް ޝައިޚް އަބްދުއްރަހުމާން ހިނގުމުގެ ނަން ދިނުމާއި ވިލިގިލީގެ ޕްރީ ސްކޫލަށް ޝައިޚް އަބްދުއްރަހުމާން ޕްރީ ސްކޫލޭ ކިޔައި ނަންދީފައި ވަނީ އަބްދުއްރަހުމާންގެ ހަނދާނުގައެވެ. ވިލިގިލީގައި އަބްދުއްރަހުމާން އަވަހާރަވުމުން އޭނާގެ މިސްރު އަނބިކަމަނާ އާއި ދެ ބޭފުޅުން ސަރުކާރުގެ ޚަރަދުގައި މިޞްރަށް ފޮނުއްވައިދެއްވިއެވެ.

މަޢުލޫމާތު: ދިވެހި ވިކިޕީޑިއާ

ޚިޔާލު

 • MINT ގެ ޚިޔާލަކީ:

  މީދޫއަށް އުފަން މީދޫގެ މިފަދަ އަގުހުރި ދަރިއެއްގެ ހަދާނުގައި ހަމަ އެއްވެސް އެއްޗެއް ނުވަތަ ކަމެއް ނެތް ކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް

 • Aishaa ގެ ޚިޔާލަކީ:

  މިލިއުމަކީ ޔަންގް ޖެނެރޭޝަނަށް ވަރަށް އަގު ހުރި ފިލާވަޅުތަކެއް ލިބިގެންދާނެ ލިއުމެއް! މީދޫގެ މިފަދަ ޢިލްމުވެރި ދަރިއަކު ހުރިކަން މިހާރުގެ ޒުވާން ކުދިންނަށް ނޭގޭނެ. ވަރަށް ތަފްޞީލީ ލިއުމެއް! އަދި މިސްރަށް ކިޔަވަން ދުރުވި ސަބަބު ލިއުއްވާލިނަމަ ވަރަށް ފުރިހަމަވީސް،

 • aish ގެ ޚިޔާލަކީ:

  vara furihama liume.. ehennamaves Meedhoo in ebeyfulhaa a libivadaigennevi dharin ge nantha haama koffai hurinama miavureves furihama vees..
  Aish

 • ހުސެއިން ގެ ޚިޔާލަކީ:

  ސާބަސް ބެނަމީ.މި ލެތުމާއިޔަސް މި އޮތީ މަބެނިވާހަކަ. ނުވަވަނަ ޕެރެގްރާފާ ކޭލީމެއި ތެބެއެނގެއި މި ވެބްސައިޓާ ލޭނާ މީހުން ‘ބޭފުޅިޒަމް’ އާއު ކޭގެން ވޭޑޭވަރޮ ދީ.ބަނަމީ ކުދިންނޭ މި ރާއްދޭގެ އަދި ދުނިޔޭ ކޮންމި ބިތަކަށް ބެލިޔަސް މިކަން އޮތީ މެހެން.މަސަލަން މިސާލަކަށް ތެ މަޝްހޫރު ކެރޭ އެމެރިކާއިޔަސް ‘ކެނެޑީ’އާއިލާއު ބެނަފީމެއި ހުށިހެއިކަމަށް އެނިމެނެއި.އަދި ހަމަ އިންޑިއާއި ‘ގާންދީ’ ކުލަ ޖެހެނެމެއި ނިމެނެއި.ދެން ރާއްދެ މިތިބެނީ 200 ވެރިންނާއި 1000 މީހުން ތިބޭ ރަށްރަށް.މި ރަށްރަށިޔަސް ތިބޭށިޔަ ޢާއިލާ ބޮޑު،ފުދުންތެރި މީހާ.އަދި އެވެރިންގެ ދަރިފަސްކޮޅޮ އޮންނަހެއްދީ.މީދޫ މިކަން މިއޮންނެއި ކޮންމި ރަށަކި މީހަކާ މީދޫ ވަޒަންވެރި ވިޔަސް ކޭނެއި އެމީހަކާގެ ރަށި ނަން ކުރިއަށް ލާފެއި.މިސާލަކަށް މުލަކި މީހަކާ މީދޫ ވަޒަންވެރިވީ ފެހެނާ ކޭނެއި ‘މުލަކި…’ މިވެނި މީހަކާއު.ދެން ބޭފުޅިޒަމާއު ތެކޭނީ، މޭނެ މީހަކާ މީދޫ މީހުންނާއި މަސްހުނިވުން މަނާކޮށްފެއިނެއް.މީދޫ ދޯނަކުން މަހަށް ނިގީފެއި ނެއް.މީދޫ ބިނުމް ގެވަޑޮ ނިލިބި ނެއް.ހަގީގަތަކީ މީދޫތިބި ނިކަމެތިންނަށް އެހީވެ އެވެރިންގެ ދަރިންނަށް ކުރިއެރުން ހޯދައި ދޭ ކެޑެހެއި މަސައްކަތައް ކެޑެއި ތެބެނާ ‘ބޮޑާ’.ނުންފެހެނާ ތެބެނާ ‘ބޭފުޅިޒަމް’ ކުރިއެރުވިމީހާ.ތެކުދިން އަދިޔަސް ‘ބޮނޑުން’ ކުރިޔަށް ނުކުމިގައްމެއި ޖެހޭނެއި ހަމަ ފަހަތައް ޖެހޭވާއް.އެނުން އެއްވެސް ލެކަށްނެއް.ސަބަބަކީ ތެކޭ މީހުން ތިބީ ފުދިގެން، ކިޔަވައި މުޅުވެގެން ދުނިޔޭގެ އެކި ބިއްބިތެ.ދެން އެވެރިން ރަށަށް އަނބަރައި ބާމެއި ދެންހަމަ ކަންކަން ކެރާނެއި އެވެރިޔަތާ ދީ.އެހެންވީމެއި ‘ބޭފުޅިޒަމް’ ގެ ވާހަކަ ހުއްޓަލަމާ ހިގައު ދީ.ވަކި މީހަކާ ބޭފުޅިޒަމްގެ ޝިކާރާކަށްވެގެން ހިގަނީ ކަންނިއެނގެއި ދީ.މައްވަރޯ މިސައިޓާއި މިވާހަކަ ނިޖެހިޔަސް.އަފިރިންނަސް މިކަހަލެއި ސައިޓްތައް ހަދަގެން ‘ބޭފުޅިޒަމް’ ކުރި އެރުވިމެއި ނިމެނެއި ނުނީ.ކުންދިންނޭ ކޮސްވާހަކަ ނިލޭއި ހުއްޓަލައުވާ.

 • ޒަހަބީ ގެ ޚިޔާލަކީ:

  މިލިޔުން ލިޔުނު މީހާ ލިޔުނީ ޢަބްދުﷲ ޒަމީރު ލިޔުއްވާފައިވާ ވަރަށް ފުރިހަމަ މަޒްމޫނެއް ކޮޕީކޮށްލައިގެން އެއަކު ނޯންނާނެ. ޢަބްދުއްރަޙްމާނަށް މީދޫ ބޮނޑުންގެ ފަރާތުން އެއްވެސް ބޭއިހްތިރާމީއެއް ރައްދު ކުރި ވާހަކައެއް.ޢަބްުދުއްރަޙްމާނާ ދިމާވި މައްސަލައެއް ދިމާވީ ސަރުކާރުގެ ފެންވަރުގައި

 • ޒަހަބީ ގެ ޚިޔާލަކީ:

  ޢަބްދުއްރަޙްމާނާ މައްސަލައެއް ދިމާވީ ސަރުކާރާ ދެމެދުގައި މީދޫ ބޮނޑުންނާ ދެމެދަކުއެއްނޫންް ޢަބްދުއްރަޙްމާނަކީ ލޯތްބާއި ޤަދަރުވެރިކަން އުފުލިގެންވީ ބޭކަލެއްކަން ޢަބްދުﷲ ޒަމީރު ފަތްތޫރައިގައި ލިޔއްވާފައިވާ މަޒްމޫނުން ވަރަށް ސާފުކޮށް އެނގެން އޮތް.

Trackbacks