Live News From Hulhumeedhoo, Addu City

ދަރިންނަކީ ނިޢުމަތެއް ނޫންތޯ؟

ދަރިންނަކީ ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢްމަތެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ނަޞީބެވެ. ދަރިންގެ ތެރޭގައި އަންހެން ދަރިންނާއި ފިރިހެން ދަރިން ހިމެނެއެވެ. އެދަރީންގެ ޙައްޤުތައް ވަރަށް ގިނައެވެ. އޭގެތެރޭގައި އެންމެ މުހިއްމު އަދި އެންމެ ބޮޑު ޙައްޤަކީ، ތަރްބިއްޔަތުގެ ޙައްޤެވެ. ތަރްބިއްޔަތުގެ ތެރެއިން ދީންވެރި ކުރުމާއި، އެކުދިންގެ ހިތްތަކުގައި ރިވެތި އަޚްލާޤު އުފެއްދުމެވެ. އެއީ އެކުދިންގެ ކިބައިގައިވާ ވަރަށް ޚާއްޞަ ސިފައެއްކަމުގައި ހެދުމެވެ. ކީރިތިވަންތަ ﷲ ވަޙީކުރެވިއެވެ.

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ

سورة التحريم:٦

[އޭއީމާންވި މީހުންނޭވެ! ތިޔަބައިމީހުންގެ ނަފުސުތަކާއި ތިޔަބައިމީހުންގެ ޢާއިލާ ނަރަކައިން ސަލާމަތް ކުރާށެވެ. އެތާނގައި އަނދާނެ ދަރަކީ މީސްތަކުންނާއި އެމީހުން އަޅުކަން ކުރަން ގެންގުޅުނު ހިލަތަކެވެ]

އަދި ހަމައެފަދައިން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

“كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَمَسْؤُوْلٌ عَنْ رَعِيَّتِهِ”

[ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ، ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ މީހަކީ އޭނާ ބަލަހައްޓާ ބަޔަކާއިި މެދު ސުވާލު ކުރެވޭނެ މީހެކެވެ. ފިރިހެނާއީ އޭނާގެ ޢާއިލާގެ ކަންތައްތަކުގައި މަސްޢޫލުވާންޖެހޭ މީހާއެވެ.]

ދަރިންނަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. ދަރީންގެ ކަންތައްތަކާމެދު ޤިޔާމަތް ދުވަހުން މައިންބަފައިންނާ ސުވާލުކުރެވޭ ހުއްޓެވެ. ދަރިންނަށް ތަޢްލީމުދީ ރަނގަޅު ކުދިންނަށް ހެދުމަކީ، ދުނިޔޭއާއި އާޚިރަތުގައި މައިންބަފައިންނަށް ލިބޭނެ ވަރަށް ބޮޑު ނިޢުމަތެކެވެ. ކީރިތި ﷲ ވަޙީކުރެއްވިއެވެ.

وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُمْ مِنْ عَمَلِهِمْ مِنْ شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ (سورة الطور:٢١)

]އަދި އީމާންވީ މީހުން، އެމީހުންގެ ދަރިން އީމާން ވުމާއެކު، އެއުރެންނަށް ތަބާވުމުން އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ، އެއުރެންނާ އެއްދަރަޖައިގާ (ސުވަރުގޭގައި) ލައްވާ ހުށީމެވެ. އަދި އެއުރެންގެ ޢަމަލުތަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާ ހުށީމެވެ. ކޮންމެ މީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނެ މީހެކެވެ.[

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. [އާދަމުގެ ދަރިޔާ މަރުވުމުން، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ކެނޑިދެއެވެ. ފުރަތަމަ ކަމަކީ ދެމިދެމިހުރި ޞަދަޤާތެކެވެ. ދެވަނައީ އޭނާއަށް ފަހު އެޢިލްމަކުން ފައިދާ ލިބޭގޮތުގައި ދޫކޮށް ދިޔަ ޢިލްމެވެ. އަދި އޭނާ އަށްޓަކައި ދުޢާކޮށް އުޅޭ ޞާލިޙް ދަރިއެކެވެ.] މިއީ ދަރިފުޅަށް އަދަބު އަޚްލާޤު ދަސްކޮށްދީ ހެޔޮ ތަރުބިއްޔަތު ދިނުމުން ލިބޭނެ ނިޢުމަތެކެވެ.

އާދެ! ދަރިންނަށް އަދާކުރަން ޖެހޭ މިޙައްޤު އަދާކުރުމުގައި، ބައެއް މައިންބަފައިން ފަރުވާ ކުޑަކުރެއެވެ. އެމީހުންގެ ދަރިން ނަގާލައެވެ. އެކުދިންގެ މަތިން ހަނދާންނައްތާލައެވެ. އެކުދިންގެ ޙައްޤުގައި، މައިންބަފައިން އަދާކުރަންޖެހޭ ޙައްޤެއް އެމީހުންގެ މައްޗަށް ނެތްފަދައެވެ. އެކުދިން ދިޔައީ ކޮންތާކަށްތޯ ސުވާލުވެސް ކޮށްނުލާނެއެވެ. އަދި އެނބުރި އަންނާނީ ކޮންއިރަކުތޯ ބަލައިވެސް ނުލާނެއެވެ. އެކުދިންގެ އެކުވެރިންނަކީ ކޮންބައެއްތޯ ބަލައިވެސް ނުލާނެއެވެ. އެކުދިން ރަނގަޅު ކަންތައްތަކަކަށް ނުލަންބައެވެ. އަދި ނުބައިކަންތައްތަކުން އެކުދިން ދުރެއް ނުކުރެއެވެ.

މިފަދަ މައިންބަފައިންނާ ބޭގޮތުން މިއަށްވުރެވެސް ޙައިރާންވާން ޖެހޭކަމަކީ، އެމީހުންގެ މުދާ ރައްކާތެރިކުރުމާއި އެމުދާ އިތުރުކުރުމުގެ ދަހިވެތިކަމުގައި އުޅޭކަމެވެ. ގިނަ ފަހަރަށް އެމުދާ އިތުރުކުރަނީ އެހެން ކޮންމެވެސް ބަޔަކަށްޓަކައެވެ. އަދި އޭނާގެ ދަރިން އެއްވެސް ކަމެއްގައި އެމީހުންގެ ތެރެއިން ނުވެއެވެ. ދުނިޔެއާއި އާޚިރަތުގައި މައިންބަފައިންނަށް ފައިދާ ހުރީ، އެކުދިން ރަނގަޅު ތަރްބިއްޔަތާއި، ތަޢްލީމް ލިބިފައިވާ ކުދިންނަށް ވެގެންނެވެ. އަދި އެކުދިންނަށް ބޭނުންވާ ކެއުމާއި ބުއިން ދިނުމަކީ ބައްޕަގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި އެފަދައިން ފޭރާން ދިނުމާއި އެނޫންވެސް ކުރަންޖެހޭ ޚަރަދުތައް ކުރުމެވެ. އަދި އޭނާގެ ދަރިފުޅުގެ ހިތުގެ ފަރުވާކަމުގައިވާ އީމާންކަމާއި، ޢިލްމު އުނގަންނައި ދިނުން ލާޒިމުވެގެންވެއެވެ. ދަރީންނަށް ހޭދަކުރުމަކީ ވަރަށް ބޮޮޑުވެގެންވާ ޙައްޤެކެވެ. ފަރުވާ ކުޑަކުރުމެއް އިސްރާފުކުރުމެއް ނެތިއެވެ. މިކަމަކީ ދަރިންގެ ޙައްޤުގައި އޭނާގެ މައްޗަށް ވާޖިބުވެގެންވާ ވާޖިބެކެވެ.

މިއީ [ހިދާޔަތުގެ އަލި] 23 ޝަޢްބާން 1430 ގެ ޢަދަދުން ނަކަލުކުރެވިފައިވާ ލިޔުމެކެވެ. جزاهم الله خيرا

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.