Live News From Hulhumeedhoo, Addu City

އަބްދުﷲ ޒަމީރު: ދިވެހި ތާރީޚަށާއި، ތައުލީމަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް.

 އޯގަސްޓް 1، 1958 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އަބްދުﷲ ޒަމީރަކީ މީދޫގެ ވަރަށް މަޝްހޫރު އާއިލާއެއްގެ ބޭފުޅެކެވެ. އޭނާގެ ކާފާފުޅަކީ މުޅި އައްޑު އަތޮޅުގައި އުފެދުނު އެއްމެ ވަރުގަދަ އެއް ޝަޚުސިއްޔަތު ކަމަށްވާ އައްޑޫ މީދޫ ފެންނާ މަނިކުފާނެވެ. ފެންނާ މަނިކުފާނަކީ އައްޑު އަތޮޅުގެ ނައިބުކަންވެސް ކުރެއްވި ބޭފުޅެކެވެ. ޒަމީރުގެ ބައްޕައަކީ ސ.މީދޫ ކަތީބުކަން ވަރަށް ގިނަދުވަހު ކުރެއްވި ބޭފުޅެއްކަމަށްވާ އެދުރުގެ މުހައްމަދު ނަސީމް އެވެ.

އަބްދުﷲ ޒަމީރު އިބްތިދާއީ ތައުލީމް ހާސިލްކުރެއްވީ ސ.މީދޫ ހިދާޔާ ސްކޫލުންނެވެ. އޭގެ ފަހުން މަތީ ތައުލީމް ހާސިލްކުރެއްވުމަށް މާލެވަޑައިގަތެވެ. މާލެ ގޮސް ފުރަތަ އަބްދުﷲ ޒަމީރު އުޅުއްވީ ބޮޑުފެންވަޅުގޭ ސީދީގެ އަރިހުގައެވެ. މަޖީދިއްޔާ އާއި ކުރީގެ އެސްއީސީއިން ތައުލީމް ހާސިލްކުރެއްވުމަށްފަހު މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވެވީ ބޭރޫތު ޔުނިވާސިޓީގައެވެ. ބޭރޫތުން މާލެ ވަޑައިގަތުމަށްފަހު ޒަމީރު ވެވަޑައިގެންފައިވަނީ ގައުމަށް ޚިދުމަތްކުރެއްވުމުގައި ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ބޭފުޅަކަށެވެ.

ޒަމީރުގެ ޚިދުމަތްތަކުގެ ތެރޭގައި އެއްމެ ފާހަގަކުރެވޭ އެއްދާއިރާއަކީ ތައުލީމީ ދާއިރާއެވެ. ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށް ފޫހިކަމެއްނެތި ވަރަށް ބުރަކޮށް ޒަމީރުވަނީ ހިލޭސާބަހަށް މަސައްކަތް ކުރަށްވާފައެވެ. މީގެ އިތުރުން މެނޭޖްމަންޓް ދާއިރާއިން ޒަމީރުވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އަބްދުﷲ ޒަމީރު ރައީސް އޮފީހުގައި މަސައްކަތްކުރެވި އިރު އެއޮފީހުގައި އުފެއްދެވި ޕަބްލިކް ސާވިސް ޑިވިޒަންއަކީ އޭނާގެ މޭސްތިރިކަމުގައި އުފެއްދެވި ޑިވިޒަނެކެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ގަވާއިދު އެކުލަވާލައި، ރާއްޖޭގެ ރަށް ރަށުގެ ކަތީބުން ތަމްރީނުކުރުމުގެ މުޅި މޮޑިއުލް އެކުލަވާލައި، އަމިއްލައަށް މުގައްރަރެއް ލިޔުއްވައިގެން ކަތީބުން ތަމްރީނުކުރުމުގެ މަސައްކަތް ފެށުނީއްސުރެ ކުރެއްވީ ޒަމީރުއެވެ.

ޒަމީރު އަކީ ތާރީޚް ދިރާސާކުރެއްވުމަށް ވަރަށްބޮޑަށް ލޯބިކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ގަދީމީ ތާރީޚާއި، މިޒަމާނުގެ ތާރީޚާއި، މުޅި ދުސްތޫރީ ހަޔާތް ދިރާސާކުރައްވައި، ގިނަ މަޒުމޫނުތަކާއި، ރިޕޯޓްތައް ލިޔުއްވިއެވެ. އެގޮތުން ޖަމާއަތުގެ ޚަބަރާއި، ފުރަދާނަ، ހުކުރާއި ހަވީރު ނޫސް އަދި އާފަތިސް ނޫހަށް އަބްދުﷲ ޒަމީރު ލިޔުއްވިއެވެ.

ކޮންމެ މީހެއްގެ ކޮންމެ ކަމެއް އޭނާގެ ޑޭޓާ ބޭސްގައި ދުވަހުން ދުވަހަށް ރިކޯޑް ކުރެވެމުންދޭ. ކިތައްމެ ނުތަނަވަސް ވަގުތެއްގައި ވިޔަސް އެ މައުލޫމާތުތަކަކީ ވަގުތުން އޭނާއަށް ދެވެން ހުންނަ މައުލޫމާތު. ޒަމީރަކީ ލަފާކޮށް ނުލެވޭވަރުގެ ބޮޑު ޕަބްލިކް އެންސައިކްލޮޕީޑިއާއެއް. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޒަމީރުއާއި ބެހޭގޮތުން ވިދާޅުވިއެވެ. އަބްދުﷲ ސައީދުއަކީ ޒަމީރު އާއި ދެބެއިންގެ ދެދަރި ބޭފުޅެކެވެ.

މަޖައްލާތަކަށާއި، ނޫސްތަކަށް ލިޔުއްވާފައިވާ ތާރީޚީ ލިޔުންތަކުގެ އިތުރުން ޒަމީރު ވަނީ ފޮތްތައް ވެސް ލިޔުއްވާފައެވެ. އޭގެ ތެރޭގައި ހިންގުމުގެ ދާއިރާގެ އިލްމީ ފޮތްތަކާއި، ތާރީޚީ ދިރާސާތަކުގެ ފޮތްތައް ހިމެނެއެވެ. ޒަމީރު އަވަހާރަވުމުގެ މަހެއް ދުވަސް ކުރިން ދެ ފޮތެއް ލިޔުއްވައި ޗާޕްކުރުމަށް ތައްޔާރުކުރަށްވާފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނީ ހުކޫމަތް ފެށުނު ފަހުން ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ވުޒާރާތަކާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ފަނޑިޔާރުގެތަކާއި ބެހޭ ދެފޮތެވެ.

ޒަމީރަކީ އެކިވައްތަރުގެ ފޮތްތައް އެއްކުރަށްވައި، ފޮތް ވިދާޅުވުމަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެގޮތުން މަޖްދުއްދީން ލައިބްރަރީގެ ނަމުގައި ލައިބްރަރީއެއް ރަޖިސްޓްރީ ކުރަށްވައިގެން ފޮތް އެއްކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދެވިއެވެ. މިލައިބްރަރީ އާއްމުންނަށް ހުޅުވާލުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެކެވެ. އަބްދުﷲ ޒަމީރު އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ސޮއިކުރި 42 ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ. އަދި ރާއްޖެއަށް ޑިމްކްރަސީ ތައާރަފުކުރުމަށް 2004 ވަނަ އަހަރު ފެށުނު އިސްލާހީ މަސައްކަތުގެ ތެރޭގައި ރައްޔިތުންނަށް ޑިމޮކްރަސީ ބުނެއްދެއްވުމަށް ޕޯޑިއަމްތަކުގައި ލެކްޗާތައް ދެއްވިއެވެ. ނަމަވެސް ޒަމީރުއަކީ ސިޔާސީ ދާއިރާއާއި ވަރަށް ދުރުގައި އުޅުއްވި ބޭފުޅެކެވެ.

ޒަމީރުގެ ހަޔާތުގެ ބޮޑު ބައި ރަށުން ބޭރުގައި ހޭދަކުރެއްވިނަމަވެސް ޒަމީރު އަކީ ރަށު މީހުންނާއި، ވަރަށް ބޮޑު ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ. ކިތައްމެ ކުޑަ ދުވަސްކޮޅަކަށް ރަށަށް އާދެވުނަސް ޒަމީރުއަކީ ދިމާވާ ހަމަ ކޮންމެ މީހަކާއި، ވަރަށް ހިތްހެޔޮކަމާއެކު، ވާހަކަދައްކަވައި، ގުޅުން ބަދަހިކުރެއްވި ސާދާ ބޭފުޅެކެވެ. ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމެންޓް އުފެއްދުމުގެ މޭސްތިރިއަކީވެސް އަބަދުﷲ ޒަމީރުއެވެ.

އަބްދުﷲ ޒަމީރު އަވަހާރަވީ 25 ސެޕްޓެމްބަރ 2009 ވަނަ ދުވަހުގެ ރޭ މެންދަމު 3.30 އެހާކަންހާއިރު ވަރަށް ކުއްލިގޮތަކަށް ހިތް ހުއްޓިގެންނެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި، 6 އަހަރުގެ ތުއްޕުޅު ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވެ. މާތް ﷲ ޒަމީރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރަށްވާށި.އާމީން.

ޚިޔާލު

 • rasheed ގެ ޚިޔާލަކީ:

  kaafafulhakee milhi addu ah ufanvi enme nilafa ghadhaaru meehaau nilenahedhi hairaanven

 • ހަސަން ގެ ޚިޔާލަކީ:

  ކަންކަމުގައި ޙައްގުބަސްބުނެ ޙަޤީޤަތްހާމަކުރާ ކޮންމެ ފަހަރަކީ އަނެކާގެ އަބުރާ ޢިއްޒަތަށް އަރައިގަނެ މީހުން ބަދުނާމުކުރަން މަސައްކަތްކުރަން ޖެހޭ ފަހަރުތަކެއްނޫން. ޢަބްދުﷲ ޒަމީރަކީ ހަމަ ޙަޤީޤަތުގައިވެސް ލިޔުމުގައި އެވާފަދަ އިން މަޝްހޫރު ފެންނާމަނިކުފާނުގެ ކާފަ ދަރިކަލުން. ފެންނާމަނިކުފާނަކީ ނުބައި ނުލަފާއަށްވުރެ މާ ދީންވެރި ޙައްޤަށް މަސައްކަތް ކުރެއްވި ނަމޫނާ ބޭފުޅެއް. ބަސްބަހުގައިވެސް ވަރަށް ގިނަފަހަރަށް މީހުން ބޭނުންކުރާނެ ފެންނާމަނިކުފާނު މިވެނިވާހަކައެއް ބުނި ގޮތަށޭ. މިކަމުންވެސް އެނގެނީ އެމަނިކުފާނަކީ ވަރަށް ދުރު ވިސްނުންހުރި ބުއްދިވެރިއެއްގެގޮތުގައި.

 • ޝިޔާމް ގެ ޚިޔާލަކީ:

  ޒަމީރުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށް ދެއްވާށި! އާމީން

 • Beyya ގެ ޚިޔާލަކީ:

  Abdulla Saaed and Zameer are not first cousins as you have said in the article.

 • މުހައްމަދު ގެ ޚިޔާލަކީ:

  ހަސަން އައްބުނެލަން އޮތްއެއްޗަކީ ފެންނާމަނިކުފާނުގެ ދައުރުގައި މީދޫގައި އުޅުނު ރައްޔިތުން ކާރިން ނިކަން ފެންނާމަނިކުފާނު މީދޫގެ ރައްޔިތުންނާއިމެދު އަމަލުކުރިގޮތް އޮޅުންފިލުވައިގެން އޭނަގެ ވާހަކަ ލިޔުމަށްއެދެން. މިހެ މިބުނި ސަބަބަކީ އެދުވަސްވަރުގެ ވަރަށްގިނަމީހުންގެ ފަރާތުން އޭނާގެ ނުބައިކަމާއި ރައްޔިތުންނަށް ޖެއްސި ޙާލާއި، މީހުންގެ އަތުން މީހުންގެ މުދާތައްފެރިގަތް ގޮތުގެ ވަހާކަތައް އަޑުއިވިފައިވާތީއެވެ. ނަމަވެސް މީގައި މިވާގޮތަށް ޒަމީރުއަކީ ޤައުމަށް ވަރަށް ޚިދުމަތްކުރެއްވި އަދި ވަރަށް ހިންހެޔޮ ބޭފުޅެއްކަމަށް ގަބޫލުކުރަން.

 • ޒަހަބީ ގެ ޚިޔާލަކީ:

  ފެންނާމަނިކުފާނަކީ އެއްވެސް މީހެއްގެ ް ޙައްޤަކަށް އަރާވަޑަިގަންނަވާފައިވާ ބޭފުޅެއް ނޫނެވެ. މާތް ﷲ އެމަނިކުފާނު މާތްކުރައްވައި ނިޢުމަތް ދެއްވީތީ ހަސަދަވެރިވެގެން ވާހަކަ ދެއްކިޔަސް ތިހެން ބުނާބުނުމެއް ފިޔަވައި ސާބިތު ހެއްކެއް ނުދެއްކޭނެއެވެ. މީދޫރައްޔިތުންނަކީ ދިވެހި ސަރުކާރުގެ ރައްޔިތުންނެވެ. ފެންނާމަނިކުފާނަކީ ދައުލަތުގެ މުވައްޒަފެކެވެ. ފެންނާމަނިކުފާނަކީ ރަސްކަލެއްކަމަށް ހީވެގެން ތިއުޅެނީ ހަމަ ޖާހިލު ކަމުންނެވެ.

 • ޒަހަބީ ގެ ޚިޔާލަކީ:

  ފެންނާމަނިކުފާނު ދިވެހި ދައުލަތަށް ކޮށް ދެއްވި އަގުހުރި ޚިދްމަތްތަކުގެ އަގު ވަޒަން ކުރައްވައި އެމަނިކުފާނަށް ދައުލަތުން ވަނީ ކޮލިލައްވާ އިމްތިޔާޒުތައް އަރުވާފައެވެ. އެމަނިކުފާނަށް އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބޮޑު ވަޒީރު ކަމުގައި ދައުލަތުގެ ފަނޑިޔާރުކަން ހުށަހެޅުނެވެ. ނަމަވެސް އެމާތް މަނިކުފާނު އެ މަޤާމު ޤަބޫލެއް ނުކުރެއްވިއެވެ. އެމަނިކުފާނުގެ މަޤާމު މަތިވެރިވެފައިވަނީ ކަނޑުތައް ހުރަސްކޮށެވެ. އެމަނިކުފާނާ ދިމާލަށް ޖާހިލަކު އެއްޗެތި ގޮވިޔަސް
  އެމަނިކުފާނުގެ މަޤާމަށް ފަނޑުކަމެއް ދުވަހަކުވެސ ނާންނާނެއެވެ.

Trackbacks