Live News From Hulhumeedhoo, Addu City

އިންފުލުއެންޒާ- އޭ / އެޗް ވަން އެން ވަން އަކީ ކޮބާ؟

އޫރު ރޯގާ ޖެހިގެން މިދިޔަ ބުދަދުވަހު ފުރަތަމަ ފަހަރަށް ދިވެއްސަކުވަނީ މަރުވެފައެވެ. މީގެ އިތުރުން ބަލިޖެހިގެން މަރުވިމީހާއަށް ޒިޔާރަތްކުރި ކުޑަކުއްޖަކަށް އެޗް ވަން އެން ވަން ޖެހިފައިވާކަން މިހާރުވަނީ ޔަޤީންކުރެވިފައެވެ. މިއީ ރާއްޖޭގައި މިބަލިފެތުރިފައިވާ ކަމުގެ އަލާމާތެކެވެ. އެހެންކަމުން އޫރު ރޯގާ ނުވަތަ އެޗް ވަން އެން ވަން އަކީ ކޮބައިކަން ދެނެގަތުމަކީ މުހިއްމުކަމެވެ. ބަލީގެ މައުލޫމާތު އެނގުމަކީ އެބަލިން ރައްކާތެރިވެތިބުމަށް އެޅޭނެ އެއްމެ މުހިއްމު އެއް ފިޔަވަޅެވެ.

އޫރު ރޯގާ އަކީ އިންފުލުއެންޒާ ވައިރަސް އެޗް ވަން އެން ވަންގެ ސަބަބުންޖެހޭ ރޯގާއެކެވެ. މިވައިރަސް އަކީ އާއްމު ގޮތެއްގައި އޫރަށް އަރިދަފުސް ޖައްސާ ވައިރެސްއެކެވެ. ނަމަވެސް ބައެއްފަހަރު ވަރަސްއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އިންސާނުންނަށްވެސް ބަލިޖައްސައެވެ.

މިބަލި އާންމުކޮށް ފެތުރެނީ ކިހިނެތް؟

 • މިބަލި އާންމުކޮށް ފެތުރެނީ އިންފުލެއެންޒާ ނުވަތަ އަރިދަފުސްރޯގާ ފެތުރޭ ގޮތަށް.
 • ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހި ތިބޭ މީހުންނަށް ޖަރާސީމް ފެތުރެނީ ކެއްސާ އަދި ކިނބިހި އެޅުމުގެ ތެރޭގައި
 • ޖަރާސީމް އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތްލެވުން

ބަލީގެ އަލާމާތްތައް

 • ހުން އައުން
 • ކެއްސުން
 • ކަރުގައި ރިއްސުން
 • ގައިގާ ރިއްސުން

ކުޑަކުދިންގެ ފަރާތުން ފެނިދާނެ ނުރައްކަލުގެ ނިޝާންތައް

 • މާއަވަސް އަވަހަށް ނޭވާލުން ނުވަތަ ނޭވާލާން އުނދަގޫވުން
 • ހަމުގެ ކުލަ އަޅި ނޫކުލައަށް ބަދަލުވުން
 • އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ނުބުއިން
 • ނިދިބުރަވުން ނުވަތަ ހިމޭނުން އޮތުން
 • އަރިދަފުސް ރޯގާގެ ޢަލާމާތްތައް ކުޑަކޮށް ރަގަޅުވެފައި ހުރުމަށްފަހު އަލުން ހުން އައުމާއި އިހުނަށްވުރެ ބޮޑަށް ކެއްސުމާއި އެކު ޢަލާމާތްތައް އެނބުރިއައުން

ބޮޑެތި މީހުންގެ ފަރާތުން ފެނިދާނެ ނުރައްކަލުގެ ނިޝާންތައް

 • ނޭވާލާން އުނދަގޫވުން ނުވަތަ ނޭވާ ކުރުވުން
 • މޭމައްޗާއި ބަނޑަށް ތަދުވުން ނުވަތަ ވާންވުން
 • ކުއްލިއަކަށް އަނބުރައި ގަތުން
 • ހާސްވެ ވާނުވާ ނޭގުން

މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

 • ކެއްސާ، ކިނބިހި އަޅާއިރު ޓިޝޫފަދަ ތަކެތިން އަނގަޔާއި ނޭފަތް ނިވާކުރުން އަދި ބޭނުން ކުރުމަށްފަހު ޓިޝޫ ރައްކާތެރިގޮތުގައި ނައްތާލުން
 • ނޭފަތާއި، އަނގަޔާއި، ލޮލުގައި އަތްލުމުން ދުރުހެލިވުން
 • ބަލި ޖެހިފައިވާ މީހުންނާއި ގައިގޯޅި ނުވުން
 • ޖަރާސީމުގެ އަސަރު ހުރެދާނެ ހެން ހީވާ ތަންތަނުގައި އަތްނުލުން
 • ރަނގަޅަށް ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން
 • ބަލިވެއްޖެނަމަ ވަޒީފާއަށާއި ސްކޫލަށް ނުގޮސް ގޭގައި މަޑުކުރުން

ގޭގައި ބަލިޖެހިފައިވާ މީހަކު އުޅޭނަމަ

 • ބަލިމީހާ ވަކިން ކޮޓަރިއެއްގައި ބެހެއްޓުން، އެހެން ނުބެހެއްޓޭނަމަ އެހެންމީހުންނާއި 1 މީޓަރ ދުރުގައި ބެހެއްޓުން
 • ބަލިމީހާއަށް އެހީތެރިވާމީހުންގެ އަނގައާއި ނޭފަތް ނިވާކުރުން (މާސްކް ބޭނުންކުރުން)
 • ބަލިމީހާ ގައިގާ އަތްލުމަށްފަހު ސައިބޯނިލައިގެން ރަގަޅަށް އަތް ދޮވުން
 • ބަލިމީހާ އޮންނަތަނަށް ސާފުވައި ލިބޭނޭ ގޮތަށް ހުރުން
 • ބަލިމީހާ އޮންނަތަން ސާފުތާހިރުކޮށް ބެހެއްޓުން

މިބައްޔަށް ދޭނެ ފަރުވާ އަކީ ކޮބާ؟

 • ބަލީގެ ޢަލާމާތްތަކަށް ބަލާފައި ބަލިމީހާއަށް ދިނުމަށް ކަނޑައެޅިފައިވާ ބޭހަކީ އެންޓިވައިރަލް، “ޓެމި ފުލޫ”.
 • ޓެމިފުލޫއަކީ އަކީ ޢާންމުކޮށް ބޭސްފިހާރައިން ގަންނަން ލިބޭ ބޭހެއްނޫން.
 • ޓެމިފުލޫ ބޭނުން ކުރުމުން ބަލިމީހާގެ ހަށިގަނޑުގައި ހުރި ބަލީގެ ޖަރާސީމު ބަލިމީހާގެ ގައިން ބަލިނުޖެހޭ މީހެއްގެ ގަޔަށް ދިޔުމުގެ ފުރުޞަތު ކުޑަކޮށްދޭ
 • ޓެމިފުލޫއަކީ ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭނުންކުރަންޖެހޭ ބޭހެއް. އަދި ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ބޭނުންކުރަން ޖެހޭ ބޭހެއް

މި ބަލިން ރައްކާތެރިވުމަށް ކުރާ ކަންތައްތަކަކީ ކޮބާ؟

 • ސަރުކާރުގެ ދާއިރާތަކުގެ މެދުގައި އިންޓަރސެކްޓޯރަލް ކޮމިޓީއެއް އެކުލަވާލާ، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ހޯދުން
 • ރާއްޖެ އަންނަ ދަތުރުވެރިންގެ ގައިގާ މި ބަލީގެ ޢަލާމާތްތައް ހުރިތޯ ބެލުމަށް ޕޯރޓްތަކުގައި ސްކްރީންކުރުން
 • ބަލިޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ ކަރަންޓީން ކުރުން
 • ބަލި ފެތުރުނަ ނުދިނުމަށް ބޭނުންވާ ވަޞީލަތްތައް (މާސްކް، އަންގި، ބޭސް) ހޯދުމާއި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފަސޭހައިންލިބޭނޭ އިންތިޒާމް ހަމަޖެއްސުން
 • ބައްޔާމެދު ޢާންމުން ހޭލުންތެރިކުރުން

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.