Live News From S.Meedhoo

ސްވައިން ފްލޫއަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުރެގެން ޓެސްޓުކުރެވުނު މީހުންގެ ތެރެއިން އިތުރު 4 މީހަކު އިންފްލުއެންޒާ -އޭ އަށް ޕޮޒިޓިވްވެއްޖެއެވެ.

ސްވައިން ފްލޫއަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުރެގެން ޓެސްޓުކުރެވުނު މީހުންގެ ތެރެއިން އިތުރު 4 މީހަކު އިންފްލުއެންޒާ -އޭ އަށް ޕޮޒިޓިވްވެއްޖެއެވެ.

މި 4 މީހުންނަކީ ރ. އިނގުރައިދޫގެ 2 މަހުގެ ތުއްތު ކުއްޖަކާއި، 1 އަހަރާއި 4 މަހުގެ ކުއްޖަކާއި، ހަމަ އެރަށުގެ 29 އަހަރުގެ އަންހެނެކެވެ. މީގެއިތުރުން އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވް ވެފައިވާ 4 ވަނަ މީހަކީ، މ.މުލީ ރީޖަނަލް ހޮސްޕިޓަލުން ޓެސްޓް ކުރެވުނު އުމުރުން 27 އަހަރުގެ އެއަތޮޅުގެ ފިރިހެނެކެވެ. މިމީހާއާއި ރ. އިނގުރައިދޫއިން މިބަލި ފެނުނު މީހުންނާ އެއްވެސް ގުޅުމެއް އޮތްކަމަށް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ. މި 4 ފަރާތުގެ ސާމްޕަލް މާލެ ގެނެވި، ސްވައިން ފްލޫއަށް ޓެސްޓްކުރުމުގެ މަސައްކަތް އައި.ޖީ.އެމް.އެޗުން މިހާރު ދަނީ ކުރަމުންނެވެ. އަދި ހަމަޖެހިފައިވާ އުސޫލުން މިފަރާތްތަކަށް މިހާރު ވަނީ ފަރުވާދޭން ފަށާފައެވެ. މީގެއިތުރުން މިމީހުންގެ ނަތީޖާ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެއްޖެނަމަ، މިމީހުންނާއި ކޮންޓެކްޓްވެފައިވާ މީހުން ހޯދައި ހަމަޖެހިފައިވާ އުސޫލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެއެވެ.

އެންމެ ފަހުން ސްވައިން ފްލޫ ޖެހިފައިވާ ކަމަށް ރިޕޯރޓް ކުރެވުނު ފަރާތްތަކަށް ވެސް މިބަލި ޖެހިފައިވަނީ ރާއްޖެއިން ކަމަށް ބެލެވޭތީ، މިއީ މި ބަލި ރާއްޖޭގެ އެތެރޭގައި ފެތުރެންފެށި ކަމުގެ އަލާމާތެކެވެ. ނަމަވެސް ފުޅާ ދާއިރާއެއްގައި އަދި މިބަލި ރާއްޖޭގައި ފެތުރެމުން ނުދެއެވެ.

ސްވައިން ފްލޫއަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެފައިވާ ފަރާތްތައް ހޯދައި އެފަރާތްތައް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން މި މަސައްކަތް ކުރަމުން ގެންދަނީ ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ލަފައާއި އިރުޝާދާއެކު، ސްވައިން ފްލޫ (އެޗް.1 އެން.1) އާއި ގުޅޭގޮތުން ޕްރޮވިންސްތަކާއި އަތޮޅު ފެންވަރުގައި ޢަމަލުކުރުމަށް ތައްޔާރުކުރެވިފައިވާ ޕްރޮޓޮކޯލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އެތަންތަނުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުންނެވެ.

ސްވައިން ފްލޫއިން ރައްކައުތެރިކުރުމުގެ ގޮތުން ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތް މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، މިކަމާއި ގުޅިގެން އެކުލަވާލެވިފައިވާ މިނިސްޓީރިއަލް ކޮމިޓީއާއި، އިންޓަރ ސެކްޓޯއަލް އަދި ހެލްތް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވި މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. މި ކޮމިޓީތަކުގައި މަޝްވަރާ ކުރެވޭ ކަންތައްތަކާއި ނިންމޭ ކަންތައްތައްތައް ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ހިއްސާކޮށް އިއްޔެ ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މިބައްޔާ ގުޅިގެން އަމަލުކުރުމަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިންތަކާއި ޕްރޮޓޮކޯލްސްތައް އަލުން ރިވައިޒްކޮށް، ބައްޔާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށްޓަކައި، ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ މެޑިކަލް އޮފިސަރ އިންޗާޖުންނާއެކު މިއަދު ވަނީ ޓެލެކޮންފަރެންސެއް ބޭއްވިފައެވެ.

މީގެއިތުރުން މިބައްޔަށް ސްކްރީންކޮށް ފަރުވާކުރުމަށްޓަކައި ބޭނުންވާ އިތުރު ބޭހާއި މެޑިކަލް ސާމާނު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އެގޮތުން މިކަމަށް ބޭނުންވާ ބައެއް ބޭސް މިރޭ އަދި އަންނަ ހަފްތާތެރޭގައި މާލެ ގެނެވޭނެއެވެ. އަދި މިބައްޔަށް ތައްޔާރުކުރެވިފައިވާ ވެކްސިން ޑަބްލިޔު. އެޗް.އޯ މެދުވެރި ވެގެންނާއި، އަދި އެހެނިހެން ގޮތްގޮތުން ވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި ހޯދުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. ހަމައެއާއެކު އަތޮޅުތަކުގައި މިބައްޔަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނުގެ ސްޓޮކް ހުރި މިންވަރު ބަލައި، ބޭސްތައް މަދުވެފައިވާ އަތޮޅުތަކަށް ޑިސްޓްރިބިއުޓްކުރުމާއި، ބަލީގައި ޙާލު ބޮޑުވާމީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ބޭހާއި ވެންޓިލޭޓަރ ތައް ފޮނުވައި އަދި މި ބައްޔާމެދު އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ މެޓީރިއަލްސް އަތޮޅުތަކަށް އިތުރަށް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

އިންފްލުއެންޒާ – އޭ (އެޗް1 އެން1) ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް އަރަނީ ކެއްސާ ކިނބިހި އެޅުމުގައި އަނގަޔާއި ނޭފަތް ނިވާ ނުކުރުމާއި، ސިއްޙީ ދުޅަހެޔޮ އާދަތަކުން މީހުން ދުރުހެލިވުންނެވެ. ވީމާ މިބަލިން ރައްކާތެރިވުމަށްޓަކައި ސިއްޙީ ރަނގަޅު އާދަތަކަށް މީހުން އަހުލުވެރިވުމާއެކު ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުން ފަދަ ކަންތައްތަކަށް ސަމާލުކަން ދިނުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކުރަމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންފުޅުނަމަ ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ފޯން 3304829 އަށް ގުޅުއްވުން އެދެމެވެ.

އެޗް 1 އެން 1 ގެ އަލާމާތްތަކާއި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ