ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ.

ލިޔުނީ: މުޙައްމަދު އަނީލް
މާތްކަމާއި ބަރަކާތުން ފުރިގެންވާ ދުވަސްތަކެއް އަޅުގަނޑުމެންނާއި ކުރިމަތިލައިފިއެވެ. އަޅުގަނޑުމެން މިހާރު އުޅެމުން މި ގެންދަނީ އެ ދުވަސްތަކުގެ ތެރޭގައެވެ. ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހެވެ.
މި ދުވަސް ވަރު، 3 މިލިއަނާ ގާތްކުރާ ޢަދަދަކަށް މުސްލިމުން ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައެވެ.
ޙައްޖު ދުވަސް، ނުވަތަ ޢަރަފާތްދުވަހަކީ، ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ.
ޙައްޖު މަހުގެ 9 ވަނަ ދުވަހަކީ ތޯވެ! އެދުވަހަކީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުންނަށް ﷲގެ ރަޙްމަތާއި ފާފަފުއްސެވުން ދެއްވައެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަލާއިކަތް ބޭކަލުންގެ ކުރިފުޅުމަތީގައި އެ މީހުންގެ ކިޔަމަންތެރިކަމުގެ މައްޗަށް ފަޚުރުވެރިވެ ވޮޑިގަންނަވައެވެ.
އެ ބިމުގައި މި މާތް ދުވަހުގައި ހުރުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މި ދުވަހު ރޯދަ ހިފުމެވެ.
ޢަރަފާތްދުވަހުގެ ރޯދައާ ބެހޭގޮތުން ސުވާލު ކުރެވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ
ފާއިތުވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެދެއެވެ.
މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ގޮވާލަމެވެ. އަދި އޭގެ އިތުރަށް ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނާއި އަދި އެނޫން މީހުންނަށްވެސް މިދުވަހުގެ ރޯދަހިފުމަށް އިރުޝާދު ދެއްވާށެވެ.
މިއަހަރުގެ ޢަރަފާތް ދުވަހަކީ މި ނޮވެމްބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހެވެ.
ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ.
އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ.
އީމެއިލް ކުރައްވާށެވެ. އެސްއެމްއެސް ފޮނުއްވާށެވެ. ފޯނުން ގުޅުއްވާށެވެ. މި ޕޯސްޓަރުތައް ޕްރިންޓް ކޮށް މީހުންނަށް ފެންނަ ހިސާބުގައި ބަހައްޓަވާށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން.