Live News From S.Meedhoo

މިފަހަރުވެސް އުންމީދަކީ ރަންމެޑަލް- ރައީސް ނަޝީދު

މިފަހަރުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިވެސް އުންމީދު ކުރައްވަނީ ދިވެހި ގައުމީ ޓީމަށް ރަންމެޑަލް ލިބޭނެ ކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންވެލްތް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކެރީބިއަން ގައުމެއް ކަމުގައިވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ވެރިރަށް ޕޯޓްސް އޮފް ސްޕޭނަށް ކުރައްވާ ދަތުރުފުޅު މަތީގައި އުޅުއްވަމުން މިއަދު ހެނދުނު ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި ދެއްވި ރޭޑިޔޯ ޚިތާބުގައި ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އަލިއަޅުވާ ލައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ.

“އަޅުގަނޑު މިދޭތެރެއިން ޓީމާ ބައްދަލުކޮށް ވާހަކަ ދައްކާލިން. ޓީމުގެ މެމްބަރުންގެ ގާތުގައި އަޅުގަނޑު ފާހަގަ ކުރިން، އަޅުގަނޑުގެ ނަޒަރުގައި ކާމިޔާބުގެ އެންމެބޮޑު އެއްސިއްރަކީ ކުރިޔަށް އެކާމިޔާބުވާ މަންޒަރު އަޅުގަނޑުމެންނަށް ފެނުމޭ. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ކާމިޔާބުވާ ގޯލު ޖަހާތަން، އެގޯލުޖަހާ ފޯވަޑަށް ސާފުކޮށް ފެންނަން ޖެހޭނެޔޭ. މާކުރީގައިވެސް މިހެންނޭ އަޅުގަނޑަށް އެބޯޅަ ލިބޭނީ، މިހެންނޭ ތިމަންނާ އެބޯޅަ ޖަހާނީ. އެމަންޒަރު އަޅުގަނޑުމެންނަށް ސާފުވީމާ، އެޔަގީންކަން އަޅުގަނޑުމެންނަށް އެނގުނީމާ، ދެން އެމަންޒަރު ހަގީގަތަކަށް ހަދަން އަޅުގަނޑުމެންނަށް އެތައް ތަނަކުން ފަސޭހަވާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ކާމިޔާބުވާނީ އިތުބާރު އޮވެގެންނެވެ. އަދި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައި މުބާރާތަށް ކުރިމަތި ލައިގެންނެވެ.

“އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ބޯޅަ ޓީމުވެސް އަދި އަޅުގަނޑުމެންގެ ރާއްޖެވެސް ކާމިޔާބުވާނެ. ކާމިޔާބު ކުރާނެ. ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ދިވެހި ޓީމު މެލޭޝިޔާއަށް ފުރުމުގެ ކުރިން ގައުމީޓީމު ޕްރެކްޓިސް ކުރާތަނަށް ވަޑައިގެން ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ