Live News From S.Meedhoo

ޕޮލިސް ޓީމާއި ބައްދަލުކޮށް މީދޫ ފުޓްބޯޅަ ޓީމް މޮޅުވެއްޖެ

އެޗް.އެސް.ސީ ފުޓްބޯޅަ މުބާރާތައް ތައްޔާރުވަމުން އަންނަ މީދޫ ޓީމް ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ޓީމާއެކު މިއަދު ކުޅުނު ރަހުމަތްތެރިކަމުގެ މެޗް ކާމިޔާބު ކޮށްފިއެވެ. މިމެޗުން މީދޫ ޓީމް މޮޅުވީ 2-1 އިންނެވެ.

މިއަދު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ކިޓޭރޯ ޕޮލިސް ޓީމުގެ ގޯލަށް ފޮނުވާލި ބޯޅައެއް ޕޮލިސް ޓީމްގެ ޑިފެންޑަރު ބޮލުން ދިފާއުކުރަން އުޅުމުގެތެރޭގައި ގޯލުގެތެރެއަށް ވަދެގެން މީދޫ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. މީދޫ ޓީމުން ކުރިހޯދާފައިވަނިކޮށް ޕޮލިސްޓީމުން އެއްވަރުކުރި ގޯލު ޖެހީ ޔާސީނު ދިން ޕާހަކުން އެޓީމްގެ ފޯވާޑް ޝަބާހުއެވެ. މީދޫ ޓީމް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ރައްމުގެ ޕާހަކުން ދެވަނަ ހާފުގައި ކުޅެންއެރި އިމްރާނުއެވެ.

މިމެޗް ފެށުމުގެ ކުރިން ޕޮލިސް ޓީމުން މީދޫ ޓީމަށް އެހީއެއްގެ ގޮތުގައި 1100.00 ރުފިޔާ ހަދިޔާކުރިއެވެ.

ވަރަށް ފޯރިއާއެކު އެޗް.އެސް.ސީ ކަޕަށް ތައްޔާރުވަމުން އަންނަ މީދޫ ޓީމުން އިތުރު ޕްރެކްޓިސް މެޗްތަކެއް މުބާރާތް ފެށުމުގެ ކުރިން ކުޅުމަށް ރާވަމުންދާ ކަމަށް ޓީމްގެ މެނޭޖްމަންޓުން ހާމަކޮށްފައިވެއެވެ.

ޚިޔާލު

Trackbacks

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ