Live News From S.Meedhoo

ސަރުކާރުން އިޢުލާން ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ގިނަޚިދުމަތްތައް އަދިވެސް މީދޫ އޮފީހުން ނުލިބިފައި

މިޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަތޮޅު އޮފީސްތަކުން ދެމުންއައި 5 ޚިދުމަތެއް ރަށުއޮފީސްތަކުން ލިބެންހުންނާނެ ކަމަށް ދިވެހި ސަރުކާރުން އިޢުލާން ކުރައްވާފައިވީ ނަމަވެސް އެއިން ގިނަ ޚިދުމަތްތައް އައްޑުއަތޮޅު މީދޫ އޮފީހުން އެއްމަސްވިއިރުވެސް އަދި ލިބެމުން ނުދެއެވެ.

އެމްއެލްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސ.މީދޫ ކައުންސެލަރ ހަސަންޝާހިދު ވިދާޅުވީ މިޚިދުމަތްތައް ރަށު އޮފީސްތަކުން ދެއްވަން ފެށްޓެވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ވީހާ އަވަހަކަށް އެ ޚިދުމަތްތައް ރަށު އޮފީހުން ދެއްވަން ފެށްޓެވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަމަށާއި އެހެން ނަމަވެސް އެޚިދުމަތް ދެއްވުމަށް ވާންޖެހޭ ތައްޔާރީތައް އަދި މުޅިން ނުނިމޭކަމަށެވެ. އަދި މިޚިދުމަތް ރަށުއޮފީހުން ލިބެމުން ނުދާތީ ރައްޔިތުން ކުރާ ޝަކުވާއާއި ގުޅިގެން އެޝަކުވާތައް އެނގޭ ގޮތަށް މިޚިދުމަތްތައް ރަށު އޮފީހުން ދެވޭނެ އިންތިޒާމް ހަމަޖައްސައި ދެއަވުންއެދި އައްޑުއަތޮޅު އަތޮޅު އޮފީހަށް ތިން ފަހަރު މަތިން ސިޓީ ފޮނުއްވާފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދާއި ހަމައަށް އެތިން ސިޓީގެ ތެރެއިން އެއްވެސް ސިޓީއެއްގެ ޖަވާބު އަތޮޅު އޮފީހުން ރަށު އޮފީހަށް އަދި ލިބިފައިނުވާކަމަށެވެ. އަދި މީގެ އިތުރަށް ހަސަންޝާހިދު ވިދާޅުވީ ކަންތައް ވަމުންދާ ގޮތަށް ބަލާއިރު މިޚިދުމަތްތައް ރަށު އޮފީހުން ދެވޭނެ ދުވަހެއް ލަފާކުރަންވެސް ނޭނގޭ ކަމަށެވެ.

“ސަރުކާރުން ރަށުއޮފީސްތަކުން ލިބެން ހުންނާނެ ޚިދުމަތްތައް އިޢުލާން ކުރައްވައި އެކަން އަމަލީ ގޮތުން ރަށްރަށުގެ ރަށުއޮފީސް ތަކުން ހިންގަމުން އައިނަމަވެސް މީދޫ އޮފީހުން އެއިން ދެކަމެއް ފިޔަވައި އިތުރު ޚިދުމަތެއް އަދި ދެވެންނެތް. އަދި އެހިދުމަތް ދެވޭނެ ތާރީޚެއް ލަފާކުރަންވެސް އަޅުގަނޑަށް ނޭނގޭ. ސަބަކަކީ މިޚިދުމަތްތައް ނުދެވިގެން ރައްޔިތުން ޝަަކުވާކުރާތީ އެޝަކުވާތަކާއިއެކު ތިންފަހަރު މަތިން އަޅުގަނޑު އަތޮޅު އޮފީހަށް ސިޓީ ފޮނުވައިފިން. އެއިން އެއްވެސް ސިޓީއެއްގެ ޖަވާބު އަދި ލިބިފައިނުވޭ. އަދި މިޚިދުމަތް ދިނުމުގައި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައްވެސް އަދި ދެވިފައިނުވޭ. މިކަމަކީ އަތޮޅު އޮފީހުން ކުރަންޖެހޭ ކަންތައް. މިވަގުތު ރަށު އޮފީހުން ލިބެނީ ގޯތި ރަޖިސްޓްރީ ކުރުމާއި އިމާރާތާއި ގޯތި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް އެކަނި.” ޝާހިދު ވިދާޅުވިއެވެ.

2009 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ރަށު އޮފީހުން ލިބެން ހުންނާނެ ޚިދުމަތްތަކެއް ކަމަށް ސަރުކާރުން އިޢުލާން ކުރައްވާފައިވަނީ  ގޯތިގެދޮރުގެ ރަޖިސްޓްރީ ހަދައިދިނުމާއި، އެއްގަމާއި ކަނޑުގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި، އޮޑިދޯނިފަހަރުގެ ސަލާމަތީ ސެޓުފިކެޓު ހަދައިދިނުމާއި، ގޯތި ގެދޮރު ރަހުނުކޮށްދިނުމާއި އަދި އެއްގަމު އުޅަނދުފަހަރުގެ ރޯޑް ވާދިނަސް ހަދައިދިނުމެވެ. މިއީ ކުރިން އަތޮޅު އޮފީހުން ދެމުންގެންދިއަ ޚިދުމަތްތަކެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.