Live News From S.Meedhoo

ތަޢުލީމީ ދާއިރާ ލާމަރުކަޒީވެއްޖެއެވެ. އެކަމަކު ކިހާވަރަކަށްހެއްޔެވެ؟

ހައިބަތު ބޮޑު ރަސްމިއްޔާތަކާއެކު ތައުލީމީ ދިވެހިރާއްޖޭގެ ދާއިރާ އިއްޔެވަނީ ލާމަރުކަޒީ ކޮށްފައެވެ. މިސަރުކާރު ވެރިކަމަށް އައުމަށްފަހު މާލޭގައި ތޮއްޖެހިފައިވާ ޚިދުމަތްތައް ލާމަރުކަޒީކުރަންފެށިއެވެ. އެގޮތުން އެއްމެ ފުރަތަމަވެސް ލާމަރުކަޒީކުރީ ހޯމްމިނިސްޓްރީއެވެ. ހޯމް މިނިސްޓްރީގެ ދަށުން ޕްރޮވިންސް އޮފީސްތައް ހެދުމަށްފަހު ދެންކުރިކަމަކީ އެކި މިނިސްޓްރީތަކުގެ މޭޒުތައް ޕްރޮވިންސް އޮފީހަށްގެނެސް ލާމަރުކަޒީކުރަން ފެށުމެވެ. އެގޮތުން ސައުތު ޕްރޮވިންސް އޮފީހުގައި މިހާރުވަނީ ތަފާތު މިނިސްޓްރީތަކުގެ މޭޒުތައް ބަހައްޓާފައެވެ. އޭގެ ތެރެއިން އެއްމެ ފުރަތަމަ ބެހެއްޓުނު އެއް މޭޒަކީ އެޑިއުކޭޝަން މޭޒެވެ.

މިހިސާބަށް ލާމަރުކަޒީކުރުމުގެ މަސައްކަތް ގޮސްފައިވަނިކޮށް އިއްޔެ ފެނިގެންދިޔައީ ކުރިއަށްވުރެ ބޮޑަށް މިނިސްޓްރީތައް ލާމަރުކަޒީކުރަންފެއްޓެވި މަންޒަރެވެ. އެގޮތުން އިއްޔެވަނީ އެޑިއުކޭޝަން މިނިސްޓްރީ ލާމަރުކަޒީކޮށްފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ލާމަރުކަޒީ މިކުރަނީ ކިހާވަރަކަށްތޯއެވެ؟ ނަމެއްގައި ލާމަރުކަޒީކުރަނީތޯ ނުވަތަ ހަޤީގަތުގައިވެސް ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށްޓަކައި ލާމަރުކަޒީ ކުރަނީތޯ މިއީ މިއަދު ކުރަންޖެހޭ ސުވާލެކެވެ. މިސުވާލުކުރަންޖެހެނީ ސަބަބުތަކެއް ހުރީމައެވެ.

ތައުލީމީ ދާއިރާ ލާމަރުކަޒީ ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެވުޒާރާގެ މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ވިދާޅުވީ ލާމަރުކަޒީ ކުރުމުން އެކި ކަންކަމުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމުމަށް ފަސޭހަވެ، ތަޢުލީމީ ތަފާތު ޙަރަކާތްތައް ހިންގުމަށް ފަސޭހަ ވެގެން ދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ލާމަރްކަޒީ އުޞޫލުން މިހާތަނަށް ހިންގަވަމުން ގެންދެވީ، ހަމައެކަނި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސައްކަތްތައް ކަމުގައި އާއި އަދި އެކުލަވާލެއްވުމަށް އަމާޒު ކުރައްވާ އުޞޫލަކީ، ވަޒީރުންގެވެސް މަސްއޫލިއްޔަތާއި ޒިންމާ، ކޮންޓްރެކްޓްގެ އުޞޫލުން ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުންނާ ޙަވާލުކުރައްވައި، އެ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުގައި އެމަސައްކަތްތައް ބަލަހައްޓަވައި، ސީދާ ގޮތުގައި ކުރައްވަމުން ގެންދެވުމުގެ އުޞޫލު ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވެފައި އެވަނީ ލާމަރުކަޒީކުރުމުން ލިބޭނެ ކުރިއެރުމާއި ފައިދާގެ ވާހަކައެވެ. ދެން ބަލާލަންޖެހެނީ ލާމަރުކަޒީ އުސޫލުން ވޭތުވެދިޔަ އަހަރު ޕްރޮވިންސް އޮފީހުގައި ގާއިމްކުރި ތައުލީމީ ދާއިރާގެ މޭޒުން ކުރެވުނީ ކޮންކަމެއްތޯއެވެ. ހަމަ ޔަޤީނުންވެސް ދެކުނު ޕްރޮވިންސްގެ މޭޒުން މާބޮޑު ކަންތައްތަކެއް ކޮށްފައިވާތަނެއް ނުފެނެއެވެ. ސްކޫލްތަކުން އެމޭޒަށް ހުށަހަޅާ މައްސަލަތަކަށް ދެއްވާ ޖަވާބަކީ ކަންކަން ކުރުމަށްޓަކައި މިއަހަރު ބަޖެޓް ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް ވަރަށް ފުރިހަމައަށް ކުރަމުންދިޔަ އެއްކަމެއް އެބައޮތެވެ. ތައުލީމާއިބެހޭ މިނިސްޓްރީން އެ މޭޒަށް ފޮނުވާ މެސެޖާއި ސާކިއުލާތައް އަލުން ލިޔެ “ދެކުނު ޕްރޮވިންސްގެ ތައުލީމާއިބެހޭ ޔުނިޓް” ގެ ނަމުގައި ސްކޫލްތަކަށް ފޮނުވަމުން ގޮސްފައިވަނީ ފާހަގަކުރެވޭވަރަށް ފުރިހަމަކޮށެވެ.

ވިސްނަވާށެވެ. މިގޮތައް ލާމަރުކަޒީކުރުމުން ސްކޫލްތައްވަނީ ހަނާހުނިވެފައެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި ޕްރޮވިންސް އޮފީހުގައި ހުންނަ މޭޒެއްގެ ދެމެދުގައި ތާށިވެ ސްކޫލްތައް ފުނޑެމުން ހިމުންވަމުން ގޮސް ސްކޫލްތައް މިވަނީ އިންދިރާސްވެފައެވެ. ލާމަރުކަޒީ ކުރައްވަނީ ކިހާވަރަކަށްތޯ ސުވާލުކުރެވެނީ ދައްކަވާ ވާހަކައާއި އަމަލާއި ދިމާނުވާތީއެވެ.ކޮންޓްރެކްޓް އުސޫލުން ލާމަރުކަޒީކުރާތީއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.