އައްޑުއަތޮޅާއި ފުވައްމުލަކުން ކަރަންޓް އަގު ބޮޑުކުރަނީ
ސަދަންޔުޓްލިޓީޒް ލިމިޓެޑުން އައްޑުއަތޮޅާއި ފުވައްމުލަކުގައި ހިންގަމުންދާ ތިންއިޖީނުގެއިން ކަރަންޓްގެ ފީގެ އަގަށް ބަދަލު ގެންނެވުމަށް ވިސްނަމުން ގެނަދަވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނީގެ އެމްޑީ ހުސެންޝާހިދު ވިދާޅުވީ ސަދަންޔުޓްލިޓީޒް ލިމިޓެޑުން ހިންގަމުންދާ ތިންއިންޖީނުގެއިންކުރެ ކޮންމެ އިންޖީނުގެއަކުން މިލިއަނެއްހާރުފިޔާ މަހެއްގެ މައްޗަށް ގެއްލުންވަމުންދާކަމަށާއި އެހެން ނަމަވެސް ގެއްލުން ކުޑަކުރުމަށް ކުރެވޭނެ މާބޮޑު މަސައްކަތެއްނެތްކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ހުސަން ޝާހިދު ވިދާޅުވީ އައްޑުއަތޮޅުންނާއި ފުވައްމުލަކުގައި ކަރަންޓަށްނަގާ ފީ ބޮޑު ކުރުމަށް ވިސްނަމުންގެންދަނީ ސަރުކާރުން ކަރަންޓް ބިލްދައްކާ ތަންތަނުންނާއި ސަރުކާރު ހިއްސާވާ ވިޔަފާރިކުރާ ތަންތަނުން ދައްކަމުންދާ ބިލްތަކާއި އަދި އަމިއްލަ ވިޔާފާރި ކުރާތަންތަނުން ކަމަށެވެ. މީގެ އިތުރަށް ވިދާޅުވީ މިތިންއިންޖީނުގެވެސް އެހާބޮޑު ގެއްލުމަކާއިއެކު ހިންގަމުންގެންދާއިރު މިތަންތަނުގެ ކަރަންޓްގެ އަގު ބޮޑު ކުރެވިއްޖެ ނަމަވެސް ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ހުސެން ޝާހިދު ވިދާޅުވީ ސަބްސިޑީޒްގެ ކަންތައް ރައްޔިތުންނަށް ގަބޫލްކުރެވޭގޮތަކަށް ހަމަނުޖެހެނީސް އާންމު ރައްްޔިތުންއަތުން ނަގަމުންދާ ކަރަންޓްގެ ފީއަށް ބަދަލު ގެނެސްގެން ނުވާނެކަމަށް ރައީސް ވިދާޅުވެފައިވާތީ މިވަގުތު އާންމު ރައްޔިތުންގެ އަތުންނަގަމުންދާ ކަރަންޓްގެ ފީ އެއްގޮތަކަށްވެސް ބޮޑުކުރާގޮތަށް ވިސްނަމުން ނުގެންދާ ކަމަށެވެ.
އެހެން ނަމަވެސް އާންމު ވިޔަފާރި ކުރާތަންތަނުން ކަރަންޓްގެ އަގުބޮޑުކުރިޔަސް އާއްމު ރައްޔިތުމީހާއަށް އޭގެ އަސަރު ވަރަށްބޮޑަށް ކުރާނެކަން ހަމަޔަޤީނެވެ. އެއީ ވިޔަފާރިވެރިން އެމީހުންގެ އަތުން ގެއްލުންވާ ގެއްލުން ފޫބެއްދުމަށް ތަކެތީގެ އަގު ބޮޑު ކުރާނެތީއެވެ.
އެމްޑީޕީ ހިމެނޭ ސަރުކާރެއްގައި އެންމެ އިސްކަންދޭނެ 5 ކަމެއް ވިދާޅުވިއިރު އޭގެ ތެރޭގައި ކަރަންޓްގެ އަގު ބޮޑު ނުކުރާނެ ކަމަށް ރައްޔިތުން ކުރިމަތީގައި ރައީސް ނަޝީދު ވެރިކަމަށް އައުމުގެ ކުރިން ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް 24 ގަޑިއިރަށް ކާރިވެފައިވަނިކޮށް ވާހަކަފުޅު ދައްކަވަމުން ވަޢުދުވެފައިވެއެވެ.
