މީދޫ ކޯޓުގެ މެޖިސްޓްރޭޓަށް އިންޒާރުގެ ބަސްތަކެއް

ދާދިފަހުން މީދޫ ކޯޓުން ނިންމެވި މައްސަލައަކާއި ގުޅިގެން, ދަޢުވާކުރި ސ.މީދޫ ސީސަންވާދީ އިބްރާހިމްސައީދު (ބޮންޑު) އެމައްސަލަ ނިމުނު ގޮތާއިމެދު ހިތް ހަމަނުޖެހިގެން މައްސަލަ ނިންމެވި ސ. މީދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓަށް ބަހުގެ ހަމަލާތަކެއްދީ އެބޭފުޅާ ކޯޓުން ގެއަށް ވަޑައިގަތުމަށް ހުރަސްއަޅައިފިއެވެ.
މީދޫ ވައްލިއަރުގެ ވަލީދާއަށް ދައުވާ ލިބޭ މިމައްސަލައިގައި އިބްރާހިމްސައީދު ސ.މީދޫ ކޯޓަށްގޮސް ހަޑިހުތުރު ބަހުން މެޖިސްޓްރޭޓާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވާފައިވެއެވެ. އަދި މީގެ އިތުރަށް އެމަނިކުފާނުގެ ގެކޮޅަށްގޮސްގެންވެސް އިބްރާހިމްސައީދު ހަޑިހުތުރުބަހުން ކުރިމަތިލައި އިންޒާރުތަކެއްދީފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން އިބްރާހިމްސައީދު މިހާރުވަނީ ސ.ގަމުގައި ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކޮށްފައެވެ.
މީދޫ ސީސަންވާދީ އާއި ލިލީހައުސްއާއި ދެމެދު ޒަމާނުއްސުރެންވެސް އިމުގެ މައްސަލަތަކެއް އެދެގޭގައި ދިރިއުޅެމުންދާ އިބްރާހިމްސައީދުއާއި ވަލީދާއާއި ދެމެދު އޮވެއެވެ. މިދެގޭ މީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ކުރަމުންދާއިރު މިދެގޭމީހުންވެސް މައްސަލަ ޖައްސަނީ ގޯތިން ބެރުގައިވާ ބިން ލިބިގަތުމަށެވެ.
މިދޫ ކޯޓަށް ހުށަހެޅި ނިމިފައިވާ މައްސަލައަކީ މިދެންނެވި ބިމުގައި ހެދިފައިވާ ފުނަގަހުގެ މައްސަލައެވެ. މިމައްސަލައިގައި އިބްރާހިމްސައީދު ބުންމުންދަނީ އިބްރާހިމްސައީދުގެ ގަސްކަމަށެވެ. އަދި ވަލީދާ ބުނަމުންދަނީ ވަލީދާ ހައްދައި ބޮޑުކޮށްފައިވާ ގަސްކަމަށެވެ. މިމައްސަލަ ތަހުގީގުކޮށް ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅައި ކޯޓުން މައްސަލަ ބައްލަވައި ޙުކުމްކުރެއްވިއިރު މިފުނަގަހަކީ ބަންޑާރަ ފުނަގަހެވެ. މިފުނަގަސް ބަންޑާރަ ފުނަގަހަށްވީ އެގަސްތައް ރަށުއޮފީހުގައި ރަޖިސްޓްރީ ކޮށްފައިނެތުމުން ކަމަށްވެއެވެ. އަދި މިފުނަގަސް އަލިފާންރޯކޮށް މަރާލުމާއި ގުޅިގެން ވަލީދާ 3 މަހާއި 15 ދުވަހަށް ގޭގައި ބަންދު ކުރުމަށް މީދޫ ކޯޓުން ޙުކުމް ކުރައްވާފައިވެއެވެ. އަދި ވަލީދާ އަންދާލި 7 ފުނަގަހަށް ރައްޔަތަށް ބަދަލު ލައްވައިދީ އެފުނަގަހަކީ އެމައްސަލަ ނިމުނު ދުވަހުން ފެށިގެން ވަލީދާގެ މިލްކެއްކަމަށްވެސް ޙުކުމުގައިވެއެވެ.
