Live News From S.Meedhoo

“މަދަނަ” ހެލްތް އިންޝޫރަންސްގައި ބައިވެރިވުމާއި ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފި

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ “މަދަނަ” ހެލްތް އިންޝޫރަންސް ޕްރޮގްރާމް ބައިވެރިވުމާއި ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފިއެވެ. މި ނޫސްބަޔާން ނެރެފައިވަނީ ރާއްޖޭގެ ދީނީ ޖަމާއަތެއްކަމަށްވާ ޖަމިއްޔަތުއްސަލަފުން މަދަނާގައި ބައިވެރިވުމަށް އަވަސްވެ ނުގަތުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ.

އިސްލާމިކް މިނިސްޓްރީގެ ނޫސް ބަޔާން: “ޞިއްޙީ ރައްކާތެރިކަން ނުވަތަ ހެލްތު އިންޝުއަރެންސް ކުރުމުގެ ޝަރުޢީ ޙުކުމުގެ އަޞްލަށް ބަލާއިރު، އެޙުކުމް ބިނާވެފައި އޮންނަނީ، އެކަންކުރެވޭ ގޮތެއްގެ މައްޗަށެވެ. ހެލްތު އިންޝުރެންސް ކުރަނީ، އިސްލާމީ އުޞޫލުތަކުގެ މަތީން ހިންގާ ކުންފުންޏަކުންނަމަ، ނުވަތަ ސަރުކާރުން  ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުން ނަމަ، އަދި އެކަން ރާވާ ހިންގާ އިންތިޒާމް ކުރަނީ ސަރުކާރުން ހިންގާ ސޯޝަލްސެކިއުރިޓީ ޕްރޮގްރާމެއް ފަދަ މަޝްރޫޢެއްގެ ދަށުންކަމުގައިވާނަމަ، އޭގައިބައިވެރިވުމަކީ ހުއްދަކަމެއްކަމުގައި، މިޒަމާނުގެ އިސްލާމީ އިޤްތިޞާދުގެ ވަރަށް ގިނަ ފިޤުހުވެރިން ފަތުވާ ދެއްވާފައިވެއެވެ. މިބޭފުޅުން ވިދާޅުވާގޮތުން، ސަރުކާރުން ހެލްތު އިންޝުއަރެންސްގެ ޚިދުމަތްދޭނަމަ އޭގައި ނުޙައްޤުން މީސްތަކުންގެ މުދާ ބޭނުން ކުރުމުގެ ވިސްނުމަށްވުރެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ބޭސްފަރުވާގެ ޙިދުމަތް ދިނުމުގެ ވިސްނުމެވެ. ނަތީޖާއަކަށް ވެގެންދާނީ، ޚިދުމަތް ލިބިގަންނަ ފަރާތަށާއި އެކަންރާވާ އިންތިޒާމްކުރާ ފަރާތައް ގެއްލުންވުން ހިމެނިފައިވުން ކުޑަވެގެން ދިއުމެވެ. އަދި ވިޔަފާރީގެ އުޞޫލެއްނެތި، މިގޮތަށް ހޮސްޕިޓަލަކުން ހެލްތު އިންޝުރެންގެ ޚިދުމަތް ފޯރުކޮށް ދިނުންވެސް ހުއްދަކަމުގައި، 2005 ވަނައަހަރު އޭޕްރީލްމަހުގެ 4-9 އަށް ދުބާއީގައި ބޭއްވުނު އޯ. އައި. ސީ. ގެ ދަންނަބޭކަލުންގެ މަޖިލިސް ކަމުގައިވާ “ބައިނަލްއަޤުވާމީ އިސްލާމި ފިޤްހު އެކަޑަމީ” އިންވެސް ފަތުވާ ނެރުއްވާފައިވެއެވެ.

އެއީ، ހެލްތު އިންޝުރެންސްގެ ޚިދުމަތްދެނީ ސަރުކާރުންނަމަ، ނުވަތަ އިސްލާމީ ޝަރުޢީ ހަމަތަކުގެ މަތީން، އިސްލާމިކް އިންޝުރެންސް ކުންފުންޏަކުން ނަމަ، އެފަރާތްތަކުން ޞިއްޙީ ޚިދުމަތްލިބިގަންނަ ބައިވެރިން ޙިމާޔަތްކޮށް ދޭނެތީއާއި ނާޖާއިޒުގޮތުގައި މީހުންގެ ފައިސާގެ ބޭނުންހިފުމާއި، އެބައި މީހުންނަށް ގެއްލުން ދިނުމުން ސަލާމަތްކުރެވޭނެތީއެވެ.”

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.