ދެވަނަ ފަހަރަށް ކަޅު ހަން ދޫކުރަން ފަށަނީ
ދިވެހި ސަރުކާރުން މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ ގޮތުން 2007 ވަނަ އަހަރު ފައްޓަވައިގެން އުޅުއްވާ މަސައްކަތުގެ ދަށުން ދެވަނަ ބުރަށް ސ.މީދުއަށް ކަޅުހަން ގެނެސް މިއަދު ހަވީރު ގެގެއަށް ބަހަން ފަށާނެއެވެ.
ރަށުއޮފީހުގެ ބެލުމުގެ ދަށުން ރައްޔިތުންނަށް ބަހަމުންދާ 2500 ލިޓަރުގެ ކަޅުހަން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގައި އެއްވެސް ގޮތަކަށް ވާރޭފެން ރައްކާކުރެވޭނެ ގޮތެއް ނެތް ގޭބިސީތަކަށް އިސްކަން ދީގެންކަމަށް ރަށުއޮފީހުން އެމްއެލްއަށް މަޢުލޫމާތު ދީފައިވެއެވެ.
“މިފަހަރު ކަޅުހަން ދޫކުރުމަށް ހަމަޖެހިފައިވަނީ އިންސްޓޯލްމަންޓަށް ކަޅުހަން ލިބިފައިވާ މީހުންނާއި ފުރަތަމަ ފަހަރު ކަޅުހަން ލިބިފައިވާ ގޭބިސީ ފިޔަވައި ދެން އެއްވެސް ގޮތަކަށް ބޯފެން ރައްކާކުރެވެނެ ގޮތެއް ހަމަޖެހިފައިނުވާ ގޭބިސީ ތަކަށް އިސްކަންދީގެން. މިފަހަރު މިލިބުނު 142 ހަން ބެހުމުންވެސް ރަށުގައި ދިރިއުޅެމުންދާ ކޮންމެ ގޭބިސީއަކަށް ކަޅުހަމެއް ހަމަނުވާނެ. އަޅުގަނޑުގެ އަމާޒަކީ މަދުވާހަންތައް ވީއެންމެ އަވަހަށް ރަށަށް ގެނެސް އޭގެ ޙައްޤުވެރިންނާއި އެހަން ހަވާލުކުރުން. މިހަންތައް މިއަދު ހަވީރު ބަހަން ފަށާނެ.” މީދޫ އޮފީހުން ބުނެފައިވެއެވެ.
ސާފުބޯފެން ރައްކާކުރުމަށްޓަކައި ސަރުކާރުން މީދޫގެ ރައްޔިތުންނަށް ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ 444 ކަޅުހަމުގެ ތެރެއިން 300 ކަޅުހަން ދެފަހަރެއްގެ މަތިން މިހާރު މީދުއަށް ލިބިފައިވެއެވެ. މީދޫގައި މީހުން ދިރިއުޅޭ 320 ގެ ހުރެއެވެ.
ކަޅުހަން ހަވާލުކުރާތާ އެއްމަސް ތެރޭގައި އެހަމަށް ސާފު ބޯފެން އަޅައި ބޭނުން ކުރަންޖެހޭނެކަމަށް، ހަމާއި ހަވާލުވާ ފަރާތާއި ރަށު އޮފީހާއި ދެމެދު އެއްބަސްވެވި އެއްބަސް ވުމުގައި ސޮއި ކުރުމަށްފަހު ހަވާލުކުރާ މިހަންތަށް ބައެއްފަރާތްތަކުން ވިއްކަމުންދާކަން ހިތާމައާއިއެކު ފާހަނގަކުރަންޖެހެއެވެ.
6 މެއި 2009 ގައި މީދުއަށް 158 ކަޅުހަން ގެނެސް 5 މީހުންގެ މައްޗަށް އެކުލެވޭ ކޮމެޓިއެއް ރަށުއޮފީހުން އައްޔަންކޮށް އެކޮމެޓީގެ ބެލުމުގެ ދަށުން ރަށުގެ ގޭގެއަށް ހަންތައް ބަހާފައިވެއެވެ.
