ރައްޔިތުންނާއިއެކު މީދޫ އޮފީސް
މީދޫ އޮފީހުން މީދޫ ރައްޔިތުންނާއި ރޭގައި ބައްދަލުކޮށްފިއެވެ.
ރައްޔިތުންނާއިއެކު މީދޫ އޮފީސް މިޝިޢާރުގެ ދަށުން ރޭ 20.30 ގައި މީދޫ އޮފީހުގެ އުތުރު ފެންޑާއި އޮތް މިބައްދަލުވުމުގައި ދެ މަޢުޟޫއަކަށް މީދޫ ކައުންސެލަރ ހަސަންޝާހިދު ރައްޔިތުންނާއި ހިއްސާކޮށްފައިވެއެވެ. މިގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މީދޫގައި މިހާރު ކުރިއަށްދާ ކަޅުހަން ދޫކުރުމާއި ބެހޭގޮތުންނެވެ. އެގޮތުން މިހާރު މީދުއަށް ލިބިފައިވާ 142 ކަޅުހަން ބަހަމުން ދަނީ އެއްވެސް ގޮތަކަށް ބޯފެން ނެގޭނެ އިންތިޒާމް ހަމަޖެހިފައިނުވާ ގޭގެއަށް އިސްކަންދީގެން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ވާހަކަ ދައްކަވަމުން ހަސަންޝާހިދު ވިދާޅުވީ މީދޫގެ ކޮންމެ ގެއަކަށް ކަޅުހަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ދެފަހަރެއްގެ މަތިން މީދުއަށް މިހާރު 300 ކަޅުހަން ލިބިފައިވާއިރު އަދިވެސް މީދޫގައި މީހުން ދިރިއުޅޭ ހުރިހާ ގޭގެއަށް ކަޅުހަން ހަމަނުވާކަމަށެވެ.
16 އަހަރަށް ފަހު މީދޫ އޮފީހުން މީދޫ ރައްޔިތުންނާއިއެކު ބޭއްވުނު މިބައްދަލުވުމުގައި ދެވަނަ ކަމަކަށް އަލިއެޅުވީ މީދޫގެ ސާފުތާހިރުކަމާއި ބެހެގޮތުންނެވެ. އެގޮތުން ރަށުއޮފީހާއި އެފްއެމްޑީއާއި ގުޅިގެން ރަށް ސާފުކުރުމަށް ހަމަޖައްސާވައިވާ ކަމަށާއި އެގޮތުގެ މަތިން މިއަންނަ ހުކުރު ދުވަހު ހެނދު 7.30 ހަށް ރަށުގެ ކުދި ބޮޑު ހުރިހާ ރައްޔިތުންވެސް މީދޫގެ ބަދަރަށް ނިކުމެދެއްވުމަށް ކައުންސެލަރ އެދިވަޑައިގެންނެވިއެވެ. އަދި މީދޫ އެފްއެމްޑީއާއި މީދޫ އޮފީހާއި ގުޅިގެން ރަށުގައި ކުނިބުނި ނައްތާލުމާއި ބެހެ ގޮތުން އެކިއެކި ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށް ވިދާޅުވިއެވެ.
މުޅިމީދޫގެ ހުރިހާ ގޭގެއަށް ދަޢުވަތު ދީގެން ބޭއްވުނު މިބައްދަލުވުމުގައި މީދުއޮފީހާއި އެފްއެމްޑީއާއި ގުޅިގެން ބޭއްވުނު ބައްދަލުވުންތަކުގެ މަޢުލޫމާތުވެސް ދެއްވާފައިވެއެވެ. މިމަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރީ އެފްއެމްޑީގެ ޗެއަރމަން އަޙްމަދު ޝާތިރުއެވެ.
މުޅިއެކު 64 މީހުން ހާޟިރުވި މިބައްދަލުވުމުގައި އެފްއެމްޑީއާއި މީދޫއޮފީހާއި ރަށުގައި ތއްބަވާ މުވައްސަސާތަކުގެ އިސްވެރިން ހިމެނޭ ގޮތަށް ރަށް ސާފުކުރުމަށް އިސްވެ ހަރަކާތްތެރިވާނެ ކޮމެޓީއެއް އެކުލާވާފައިވާ ކަމަށާއި އަދި މިކޮމެޓީގެ ތެރެއިން ޓެކްނިކަލް ކޮމެޓީއަކާއި އިދާރީ ކޮމެޓީއެއް އެކުލާވާފައިވާ ކަމަށް ޝާތިރު ވިދާޅުވިއެވެ. މީގެ އިތުރަށް ވިދާޅުވީ 22 މީހުންގެ މައްޗަށް އެކުލެވޭ ކޮމެޓީން މިހާރު މުޅިރަށް ސާވޭއެއް ކޮށްފައިވާ ކަމަށާއި މިސާރވޭގެ ބޭނުމަކީ ރަށް ސާފުތާހިރުކޮށް ބޭއްވުމަށް ރަށުގެ ރައްޔިތުން ބެނުންވާތޯ އާއި ގޭގެއިން އުފައްދާ ކުނިބުނި ކުނިގޮޑަށް އުކާލުމަށް ގެއަކުން މަހެއްގެ މައްޗަށް ޚަރަދުކުރެވޭނެ މިންވަރަކީ ކޮބާތޯ ދެގަތުމުގެ ބޭނުމުގައި ކުރެއްވި ސަރވޭއެއްކަމަށެވެ. އަދި މީގެއިތުރަށް ކުރެވުނު ސާރވޭގެ މައްޗަށް ބިނާކޮށްގެން މިހާރު ޓެކްނިކަލް ކޮމެޓީން ޤަވައިދެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އަދި މިރޭގެ ވަގުތެއްގައި ކުރީގައި ބަޔާންކުރެވުނު 22 މީހުންގެ ކޮމެޓިގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިބައްދަލުވުމުގެ ބޭނުމަކީ ހުކުރު ދުވަހު ރަށް ސާފުކުރުމަށް ބޭނުންކުރުމަށް ބޭނުންވާ އަންގީ ކަހަލަ ބައެއްސާމާނު ހޯދުމާއި ބެހޭ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
އެފްއެމްޑީގެ ފަރާތުން އިސްނަގައި ރަށްސާފު ކުރުމުގެ ގޮތުން ވަރަށްގިނަ ފަހަރު ރައްޔިތުންނަށް ގޮވާފައިވާނެ ކަމަށާއި މިއިން ކޮންމެ ފަހަރަކު ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާކަމަށާއި އަދި އެފްއެމްޑީން އެދެނީ ހުކުރު ދުވަހުވެސް އެފަދަ އެއްބާރުލުން ރައްޔިތުންގެ ފަރާތުން ލިބިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ރަށް ސާފުކުރާ ދުވަސްދުވަހު މީދޫގެ ވިޔަފާރިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީވެސް ލިބެމުންދާ ކަމަށާއި އެކަމަށްޓަކައި އެހުރިހާ ފަރާތްތަކަށް އެފްއެމްޑީގެ ފަރާތުން އަޙްމަދު ޝާތިރު ޝުކުރުއަދާ ކުރެއްވިއެވެ.
މިބައްދަލުވުން ނިންމަވާލައްވަމުން މީދޫ ކައުންސެލަރ ވިދާޅުވީ ކޮންމެ މަހަކު އެއްފަހަރު ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށެވެ.
އެންމެ ފަހުން މީދޫ އޮފީހުން މީދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވީ 16 އޮކްޓޯބަރ 1993 ގައެވެ.
