Live News From S.Meedhoo

އައްޑުއަތޮޅު މީދޫއަކީ ސާފު ރީތި ރަށަކަށް ހެދުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް

އިޖްތިމާޢީ އަދި އިޤްޠިޞާދީ ތަރައްޤީއަށް އަމާޒުކޮށް، ދެމެހެއްޓެނެވި ގޮތެއްގައި، ތިމާވެއްޓާއި އެހެނިހެން ތަބީޢީ ވަޞީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓުމުގެ މަޤްޞަދުގައި “ނަލަނަލަ މީދޫ” މި ޝިޢާރުގެ ދަށުން މީދޫ އޮފީހާއި، ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓާއި، ރަށުގެ ރައްޔިތުން ގުޅިގެން ގޭގެއިން ކުނި އުކާދިނުމުގެ ޚިދުމަތް 03 އެޕްރީލް 2010 ވަނަ ދުވަހު ވަނީ ފަށާފައެވެ.

އެފްއެމްޑީއާއި  މީދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނާއި ވަރަށް ގިނަ ދުވަސްވަންދެން މަޝްވަރާ ކޮށް އަދި ރަށުގެ ހުރިހާ ގެއެއް ހިމެނޭ ގޮތަށް ރައްޔިތުންގެ ހިޔާލުވެސް ހުރިގޮތް ބެލުމަށްފަހު “ނަލަނަލަ މީދޫ” ގެ ނަމުގައި ފެށި މިމަޝްރޫޢުގެ ދަށުން ގޭގެއިން ކުނި އުކާދިނުމުގެ އިތުރުން ރަށުގެ ހޭޅިފަށްވެސް ދަނީ ސާފުކުރަމުންނެވެ. އެގެގޮތުން މިހާތަނަށް އިންޖީނުގެއާ ދިމާލުން ފެށިގެން ރަށުގެ މައި ބަނދަރާއި ދެމެދުގެ ހޭޅިފަށްވަނީ ސާފުކޮށްފައެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގެ ހިއްކި ބިމުގައި ހުރި ވިނަތައް ނޮޅައި ގަސްތައް ކޮށައި ރީތި ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

“ނަލަނަލަ މީދޫ” ޕްރޮގްރާމް ކާމިޔާބުކުރެވޭނީ ގޭގެއިން އުފެދޭ ކުނި ހޭޅިފަށަށް އުކުން ހުއްޓިގެން ކަމަށްވުމާއެކު، ގޭގޭގައި އުފެދޭ ކުނި އުކާދިނުމުގެ ޚިދުމަތުގެ ބޭނުން ވީހާވެސް ގިނަ ބޭފުޅުން ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ. މިޚިދުމަތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އެފް.އެމް.ޑީގެ އޮފީހަށް ވަޑައިގަތުމުން ރަސްޓީގެ ކަންތައްތައް ހަމަޖެހޭނެކަމަށް އެޖަމިއްޔާއިން މައުލޫމާތުދެއްވައެވެ. މިޚިދުމަތުގައި ބައިވެރިވުމުން އެބައިވެރިވާ ޕެކޭޖެއްގައި ހިމެނޭ އަދަދަކަށް ކުނި އެޅުމަށް ބޭނުންވާ ކޮތަޅު ދޫކުރާނެކަމަށާއި، ބައްލަވައިގަންނަވާ ޕެކެޖްގައި ކަނޑައެޅިފައިވާ ދުވަސްތަކުގައި އެކޮތަޅުތަކަށް ކުނިއެޅުމަށްފަހު ގޭގެ ދޮރާށިކައިރީ ފެންނަ ހިސާބުގައި ބެހެއްޓުމުން ޖަމިއްޔާގެ ވޭސްޓް މެނޭޖްމަންޓް ޔުނިޓުން ކުނި ކޮތަޅު ކުނި ގޮނޑަށް ގެންދާނެކަމަށްވެސް އެޖަމިއްޔާއިން މައުލޫމާތު ދެއްވިއެވެ.

މީދޫ އޮފީހުގެ ވަރަށް ބޮޑު އެއްބާރުލުމާއިއެކު ކުރިއަށްދާ މިޕްރޮގްރާމުގައި މީދޫ އޮފީހުގައި އޮންނަ މީދޫ ރައްޔިތުންގެ ޕިކަޕާއި އެޕިކަޕް ދުއްވާ ޑްރައިވަރަށާއި މަސައްކަތުގެ ތިންމީހެއްގެ މުސާރަ ދޭގޮތަށް މީދޫ އޮފީހުން ހަމަޖައްސާފައިވެއެވެ.

“ނަލަނަލަ މީދޫ” މަޝްރޫއުގައި ހިމެނޭ ކުނި އުކާދިނުމުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 1 ފަހަރު، 2 ފަހަރު އަދި 3 ފަހަރުު ކުނި އުކުމުގެ ޚިދުމަތްދޭ ޕެކޭޖްތައް ހިމެނެއެވެ. މި ޕެކޭޖްތަކުގައި ހިމެނޭ އެއްމެ އަގު ބޮޑު ޕެކެޖަކީ މަހަކު 3 ފަހަރު ކުނި އުކައިދިނުމުގެ ޕެކޭޖެވެ. މިޕެކެޖްގެ އަގަކީ މަހަކު 30 ރުފިޔާއެވެ.

ސ.މީދޫ ރަށު އޮފީހާއި އެފް.އެމް.ޑީ ގުޅިގެން ބޮޑު ޚަރަދުތަކެއްކޮށް ލުއިފަސޭހަކަމާއެކު ކުނި އުކުމުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވީނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ރަށުގެ ހޭޅިފަށާއި ގޮނޑުދޮށަށް ކުނި އުކަމުން ގެންދާކަން ފާހަގަކުރެވޭކަމަށް ރަށު އޮފީހުން މައުލޫމާތު ދެއްވިއެވެ. އަދި އެގޮތައް ކުނި އުކާ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާ ކަމަށާއި، ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ކުނި އެޅުން ނުހުއްޓާނަމަ ގާނޫނީ ފިޔަވަޅު އެފަދަ ފަރާތްތަކާމެދު އަޅާނެކަމަށްވެސް އޮފީހުން މައުލޫމާތު ދެއްވިއެވެ.

ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ފިޔަވައި އެެއްވެސް ތަނަކަށް ކުނި އުކުމަކީ މަނާކަމެއްކަން އަންގައި 11 އެޕްރީލް 2010 ވަނަ ދުވަހު އޮފީހުންވަނީ އާއްމުކޮށް އިއުލާންވެސް ކޮށްފައެވެ. އޮފީހުން ކުރި އިއުލާންގައި ގޮނޑުދޮށަށާއި ހޭޅިފަށަށް ބައެއް ފަރާތްތަކުން ކުނި އުކަމުން ގެންދިއުމުގެ ސަބަބުން މީދޫއަކީ ޞިއްޙަތަށް ފައިދާހުރި، ސާފު ވެއްޓެއް ޤާއިމްކުރެވިފައިވާ ރަށަކަށް ހެދުމަށް އެ އޮފީހުން ކުރަމުން ގެންދާ މަސައްކަތައް ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންދާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކުނި އުކުމުގެ ޚިދުމަތުގެ ބޭރުން ކުނި އެޅުމަށް ހަމަޖައްސާފައިވާ ކުނި ކޮށި ފިޔަވައި އެއްވެސްތަނަކަށް ނުވަތަ ބިމަކަށް، މަގަކަށް، ގޯޅިއަކަށް، ޢާއްމުން ވަދެ ނިކުމެވާތަނަކަށް، ނުވަތަ ރަށުގެ އެއްވެސްދިމާލެއްގެ ހޭޅިފަށަށް، ކުނި އުކައި ކުނި އެޅުމަކީ މަނާ ކަމެއް ކަމެއްކަން އަންގައި، އެ އެންގުމާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ ދަށުން އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅަމުންގެންދާނެކަމަށްވެސް އޮފީހުގެ އިއުލާނުގައި ވެއެވެ.

އަދި އޮފީހުގެ އެންގުމާއި ޚިލާފް އަމަލެއް އެއްވެސް ފަރާތަކުން ކުރާކަން އެނގިއްޖެނަމަ، އެކަން ރަށު އޮފީހަށް ވަގުތުން އަންގަވަމުން ގެންދިއުމަށްވެސް އޮފީހުން އެދިފައިވެއެވެ.

ޚިޔާލު

  • Shuar ގެ ޚިޔާލަކީ:

    mi furusathi meedhoo offihashaai FMD ah shukuru adhaakeran

    iulaan kohfei manaa kerumuge badhali meedhoo offihaai FMD ei adhi School thakaai Sihee marukazaai sarukaari ehenihen office thakaai gulhigen rayyithun heylun theri kerumuge programe ah hinguwalee fehey varah rangalha veyhe

    eyge fahun iulaan kohfei manaa keraa vee

    mah heevenee maa kaamiyaabu koh mikan veyhethihen ekalaki

Trackbacks