Live News From Hulhumeedhoo, Addu City

ޕްރޮވިންސް ހިމެނިގެންނޫނީ ހާގީގީ ލާމަރުޒީއެއްނުވާނެ!

ލިޔުނީ: އެމް.ޖޭ/މިކަލް ނިއުސް

ލާމަރުކަޒު ކުރުން ނުވަތަ ލާމަރުކަޒީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލުކުރުމަށް ރައްޔިތުންގެ މަންދޫބުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހައިރާންވާންޖެހޭ ކަހަލަ ވާހަކަވެސް އެބޭފުޅުން އެބަދައްކަވައެވެ. ހަގީގީ ލާމަރުކަޒު ނިޒާމަކީ ކޮބާކަން މީގެ ތެރެއިން ކިތައްބޭފުޅުންނަށް އިގޭބާވައެވެ؟ ތަޖުރިބާހުރި ބޭފުޅަކު ބުނި އަޑު އެހީމެވެ. ހަމަ ނުވިސްނެނީއެވެ. ނުވަތަ ހަމަ ނޭގެނީއެވެ.

ލާމަރުކަޒު ކުރުން ނުވަތަ ޑިސެންޓްރަލައިޒު ކުރުމޭބުނުމުން އެއިގެ މާނަ އޮޅިވަޑައިގަންނަވަނީއެވެ. ހަގީގަތުގައި ޑިސެންޓްރަލައިޒު އެއިގެ އެންމެ ފުރިހަމަ ގޮތުގައި ނިޒާމަކަށް ފެތިގެންދާނީ ޕްރޮވިންސް ތަކެއް ހެދިގެންނެނެވެ. އިދިކޮޅު ފަރާތް ތަކުން އެކަމާއި އިދިކޮޅު ކިތައްމެ ވަރަކަށް ހެދިޔަސް ދުނިޔޭގައި ތަރައްގީވެފައި ވާގައުމުތަކުގެ މައިގަނޑު ބެހިފައިވަނީ މިދެންނެވި ޕްރޮވިންސް ތަކުގެ ތެރެއިންލާފައެވެ.

މަޖުލީހުގައި ޕްރޮވިންސް ހެދުމާއި ދެކޮޅުވެރިވެގެން މިއުޅޭ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ވޭތުވެދިޔަ 30  އަހަރު ވެރިކަމުގައި ދެމިތިބި ފަރާތްތައް ވަރަށްގިނައެވެ. ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އުފައްދަވައިގެން މިބޭފުޅުން ރަށްތައް ތަރަށްގީ ކޮށްފައި އޮތްނަމަ މިއަދުވެރިކަން ކުރަން މިތިބަ ބަޔަކަށް ތި ޕްރޮވިންސް ހެދުމުގެ ޚިޔާލުގެންނާކަށް ނުޖެހުނީސްކަން ކަށަވަރެވެ.

ޕްރޮވިންސްތައް ހަދައިގެން ދުނިޔޭގައި ތަރައްޤިވެފައިވާ ޤައުމުތައް މަދެއްނޫނެވެ. ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ތަރައްޤީވެފައިވާ ބިންތައް އެހިސާބަށްގެންދިއުމުގެ މައިގަނޑު އާރުކާޓީއަކީ ‘ޑީސެންޓްރަލައިޒޭޝަން’ ނުވަތަ ލާމަރުކަޒު ކުރުމެވެ. ވަކިވަކި އަތޮޅުތަކެއްގެ ގޮތުގައި ދިވެހިރާއްޖެ ހިންގުންވެގެން ދާނީ ސަރުކާރަރުގެ ޚަރަދުތައްބޮޑުވެގެންދާނެ ކަމަކަށެވެ. މިއީ އެންމެންވެސް ޤަބޫލްކުރަން ޖެހޭނެ ހަޤީގަތެކެވެ. މިހާރު ފާސް ކުރެވިފައިވާ ބިލުގައި ވާގޮތުން ސިޓީ ކައުންސިލާއި އަތޮޅުކައުންސިލް އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންގެ ގޮތުގައި 1155 ކައުންސިލަރުންތިބޭނެއެވެ. އެހެންކަމަށް ވާއިރު ވ.އަތޮޅުގެ ކޮންމެ 73 މީހަކަށް ކައުންސިލިރަކު ހުންނާނެއެވެ. އަދި މިކައުންސިލް މެމްބަރުންގެ އެވުރެޖް މުސާރަޔަކީ މަހަކު 5000 ރުފިޔާ ކަމުގައި ވާނަމަ މަހަކު 5775000 ރުފިޔާ ހަމައެކަނި މުސާރަޔަށް ޚަރަދުވެގެން ދާނެއެވެ.

އެހެންނަމަވެސް ޑީ.އާރް.ޕީގެ ވިސްނުން މިއާ މުޅިންތަފާތެވެ. މިބިލާއި ބެހޭގޮތުން މަޖުލީހުގައި ބޭއްވުނު ޖަލްސާބަލަމުން ގެންދިޔައިރު، ޑީ.އާރް.ޕީގެ އިއްޒަތްތެރި މެންބަރަކު ވިދާޅުވި ވަރަށް ހެއްވާ ވާހަކައެއް މިހިސާބުން ފާހަގަކޮށްލާނަމެވެ.

“އަޅުގަނޑުމެން، އެއްވެސް ގޮތަކަށް ޕްރޮވިންސް ހެދުމަކަށް ތާޢީދެއްނުކުރާނަން.. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި ސިޓީކައުންސިލްތަކުގެ އިންތިޚާބު ވީހާވެސް އަވަހަށްބޭއްވުމަށްފަހު، ތަރައްޤީކުރަން..” އުޅެއުޅެވެސް ވިދާޅުވިއެއްޗެއް ނުވިސްނުނެވެ. ނޫނީ ޑީ.އާރް.ޕީގެ ވިސްނުންހުރީ ކުޑަރައްތައްވެސް އެއީ ބޮޑެތިސިޓީ ތަކަށް ހެދުން ކަމަށް ވެދާނެއެވެ.

ކުރުގޮތަކަށް ބުނާނަމަ ޑިސެންޓްރަލައިޒޭޝަންގެމާނައަކީ، ތަރައްޤީއެއްތަނެއްގައި ޖަމާކޮށްފައި ނުބަހައްޓައި، ސަރަހައްދުތަކަކަށް ބަހާލައި ސަބް-ސިޓީ ތަކަކަށް ބަހާލުމެވެ. ދިވެހިރާއްޖެފަދަ ‘ޖިއޮގްރަފިކަލް ސްޕްރެޑް’ ގައުމެއް ތަރައްޤީކުރެވޭނީވެސް ހަމަ މިހެންނެވެ. އެހެންނޫންނަމަ ދެންވެސް ހަމަ މާލެ ފަދަ އާބާދީ ބޮޑެތި ސިޓީތައް ތަރައްޤީވަމުންދާއިރު ވ.އަތޮޅުފަދަ އާބާދީމަދު އަތޮޅުތައްދާނީ އިނދަޖެހެމުންނެވެ. ވީއިރު ޕްރޮވިންސްގެ ގޮތުގައި ދެތިން އަތޮޅު އެއްކޮށްލުމުން އެއްކަލަ ވ. އަތޮޅުވެސް ދާނީ ހުރިހާ ޚިދުމަތެއް ލިބިގެން ތަރައްގީވަމުންނެވެ. މީގެމާނައަކީ ސަރުކާރުގެ ބާރުތައް އެއްތަނަކަށް ނުވަތަ އެއްއޮފީހަކަށް ޖަމާނުކޮށް، މައިސަރުކާރުގެ ދަށުން ހިނގާ ޕްރޮވިންސް ސަރުކާރުތަކަށްބާރުތައް ބަހާލުމެވެ. ހުރިހާ ސަރުކާރުން އެވިދާޅުވާ، ރައްޔިތުންނާކައިރިން ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މިއީއެވެ. މިހެންބުނެލަން ހިތައް އަރާކޮންމެ ފަހަރަކު މިބަސްކޮޅު ހިތުތެރޭގައި ކެކިއަރާތީ މިތާގައި ލިޔެލާނަމެވެ.

ލާމަރުކަޒް ނުވަތަ ‘ޑީސެންޓްރަލައިޒޭޝަން’ އަކީ ކޯއްޗެއްކަން ރަނގަޅަށް އެނގިލަށްވަނީ މިއިން ކިތައްބޭފުޅުންނަށް ބާއެވެ. ކޮންމެމީހަކުވެސް ފާޑުފާޑުގެ ‘އަނގަ އަރުވަނީ’ އެއީ ކޮންކަމެއްކަން ރަނގަޅަށް އެނގިހުރެބާއެވެ؟ އަޅުގަނޑު އެއްގޮތަކަށްވެސް އެބޭފުޅުންގެ ކުޅަދާނަކަމާއި މެދު ޝައްކެއްނުކުރަމެވެ. ނަމަވެސް ފަހުމްވުމުގައި މައްސަލައެއް ދިމާވުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ބުނެލެވުނީއެވެ. މިހެން ބުނެވޭނެނޫންތޯ! ޑީއާރްޕީގެ މެމްބަރަކު ވިދާޅުވަނީ “ގަބޫލު ކުރަންޖެހޭ ހަގީގަތެކޯ މިއަދު ދިވެހީން އެއްބަހަކުން ވާހަކަ ދެއްކިއަސް އެއްދީނަކަށް އުޅުނަސް ނަސްލީ ތާފާތުކުރުމާއި ރަށްވެހިކަމުގެ ތަފާތުކުރުމެއް ދިވެހިން ގެންގުޅެޔޯ” މިބުނެވެނީ ކީކޭކަން އެމެމްބަރަށް ވިސްނިވަޑައިނުގެން އެހެން ތަކުރާރު ކުރެއްވުމުގެ ބޭނުމަކީ އެގޮތަށް މިރާއްޖޭގެ މީހުންގެ ވިސްނުން ބަދަލު ކުރުމާއި ނަސްލީ ތަފާތުކުރުމުގެ ސަގާފަތެއް މިރާއްޖޭގައި އަށަގެންނެވުމެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޑިސެންޓްރަލައިޒޭޝަންސް ކުރެވިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގެ އާބާދީ އަކީ 263.3 މިލިއަން މީހުން ބިމުގެ ބޮޑުމިނަކީ 9372610 އަކަ ކިލޯމީޓަރެވެ. ލާމަރުކަޒު ކުރެވިފައިވަނީ 50 ސްޓޭޓުސްގެ މައްޗަށެވެ. އިންޑިޔާގެ އާބާދީ އަކީ 1.03 ބިލިއަން މީހުންނެވެ. ބިމުގެ ބޮޑުމިނަކީ 3287590 އަކަކިލޯމީޓަރެވެ. ޑިސެންޓްރަލައިޒު ކުރެވިފައިވަނީ އެންމެ 28 ސްޓޭޓުސްގެ މައްޗަށެވެ. މިހާރު ލާމަރުކަޒީ ބިލުފާސްކުރެވިފައި ވާގޮތުން އާބާދީގައި 335000 މީހުން ހިމެނޭ މިގައުމުގެ ބިމުގެ އޭރިޔާ ގައި އެންމެ 300 އަކަ ކިލޯމީޓަރު ހުންނައިރު 21 ދާއިރާއަށް ބެހިގެންދިޔައިމާ މިކަމުން ރައްޔިތުންނަށް ކުރަނީ ފައިދާތޯ އަޅުގަނޑު ހިތުން ކޮންމެ ދިވެހި ދަރިއަކު ވިސްނާލަންޖެހޭނެއެވެ. ހަތް ޕޮރޮވިންސަކަށް އަތޮޅުތައް ގްރޫޕް ކުރެވިގެން ރައްޔިތުން ބާރުވެރިކުރުވުމުގެ މަތިވެރި މަގްސަދު ވިއްސިވިހާލި ވެގެންގޮސް ވަކިވަކި އަތޮޅު ތަކެއްގެ ގޮތުގައި ދޫކޮށްލުމަށްވުރެން ރައްޔިތުންނަށް ފައިދާ ބޮޑީހަމަގައިމުވެސް ޕްރޮވިންސްގެ ގޮތުގައި އެއްކުރެވިގެންނެވެ. މުސްކުޅި ހަރުބަހެއްގައިވެސް ބުނަނީ އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމީ ނިކަމެތި ކަމެކެވެ. ފުންކޮށްވިސްނާލާށެވެ. އަދި ފުރުސަތު ނުގެއްލެއެވެ.

ޚިޔާލު

Trackbacks