އެއީ ކުރީގެ ސަރުކާރުގެ ނުވަތަ މިހާރުގެ ސަރުކާރުގެ އެއްޗެއް ނޫނެވެ. އެއީ މީދޫ ރައްޔިތުންގެ މިލްކެކެވެ.

ހުކުރުދުވަހު ހުކުރުން ފައިބައިގެން ރަށުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު އޮފީހުގެ މުވައްޒަފަކާއި ސުވާލުކުރިއެވެ. ކުރީގެ ސަރުކާރުން ދީފައިވާ އެއްޗަކަށްވީތީ މިހާރު ޑަސްބިންވެސް ނެގީ ދޯއެވެ؟ އަދި ކުރީގެ ސަރުކާރުން ދީފައިވާ ކަޅުހަންވެސް ގެންދަންވީ ނޫންހޭ ބުނެ ރުޅިވެރިކަމާއެކު އެބޭފުޅާގެ އުދާސްތައް ބޭރުކުރިއެވެ. ނަމަވެސް މިކަމަކީ އޮފީހުގެ މުވައްޒަފާއި އެއްވެސް ގުޅުމެއް ހުރިކަމެއް ނޫންކަމުން، އެބޭފުޅާގެ ޝަކުވާއާއިގެން ކުރިއަށް ވަޑައިގަންނަވަންވީ މަގު ދެއްކެވިއެވެ.
ތެދެކެވެ. މިކަމަކީ އެއްވެސް ގޮތަކަށް އޮފީހުގެ އެއްވެސް މުވައްޒަފަކާއި ގުޅުން ހުރި ކަމެއް ނޫނެވެ. އަދި ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރާއިވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. އެހެންނަމަވެސް މިކަމަކީ މީދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ކޮންމެ ރައްޔިތަކާއިވެސް ގުޅުން ހުރި ކަމެކެވެ. ސަބަބަކީ މީދޫ ރ.ކ ކޮމެޓީން ކުރިއަށް ގެންދިޔަ ކުނި އުކުމުގެ ޚިދުމަތުގައި ބޭނުންކުރުމަށް ގޭގައަށް ދޫކޮށްފައިވާ ޑަސްބިންތަކަކީ އެކޮމެޓީގެ ޑަސްބިންތަކެކެވެ. އެހެންކަމުން އެޑަސްބިންތަކަކީ އެއްގޮތަކަށްވެސް ވަކި ފަރުދެއްގެ މިލްކެއް ނޫނެވެ. އަދި އެއީ ކުރީގެ ސަރުކާރުގެ ނުވަތަ މިހާރުގެ ސަރުކާރުގެ އެއްޗެއްވެސް ނޫނެވެ. އެއީ މީދޫގެ ހުރިހާ ރައްޔިތުންގެ މިލްކެކެވެ.
