ދުނިޔޭގެ ކަނޑުތަކުގެ ދުވަސް 08 ޖޫން 2010: އަހަރެމެންގެ ކަނޑުތައް – ފުރުސަތުތަކާއި ގޮންޖެހުންތައް
ފުރަތަމަ ވޯލްޑް އޯޝަން ޑޭ ފާހަގަކުރީ މިދިޔަ އަހަރު ޖޫން 8 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރުމުށް ޔުނައިޓެޑް ނޭޝަންސް އިން ނިންމީ 2008 ވަނަ އަހަރުގެ ޖެނެރަލް އެސްމެބްލީއިންނެވެ. މިދުވަސް ފާހަގަކުރުމަށް 08 ޖޫން 1992 ގައި ބްރެޒިލްގެ ރިއޯޑިޖެނެއިރޯ ގައި ބޭއްވި އާތް ސަމިޓަށް ހުށަހެޅި ޤައުމަކީ ކެނެޑާއެވެ. އޭގެ ފަހުން ނުރަސްމީކޮށް ދުނިޔޭގެ ބައެއް ޤައުމުތަކުން ވޯލްޑް އޯޝަން ޑޭ ފާހަގަކުރަމުންދެއެވެ.
މިދިޔައަހަރު ފުރަތަމަ ފަހަރަށް ދުނިޔޭގެ ފެންވަރުގައި ބޭއްވި ފުރަތަމަ ވޯލްޑް އޯޝަން ޑޭގެ ޝިޢާރަކީ “އަހަރެމެންގެ ކަނޑުތައް: އަހަރެމެންގެ ޒިންމާއެއް” މިއެވެ. މިއަހަރުގެ ވޯލްޑް އޯޝަން ޑޭގެ ޝިޢާރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސްއިން ކަނޑައަޅާފައިވަނީ “އަހަރެމެންގެ ކަނޑުތައް: ފުރުސަތުތަކާއި ގޮންޖެހުންތައް” މިއެވެ.
މިދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކަނޑުގެ ޒަރީއާއިން އަޅުގަނޑުމެންނަށް ލިބޭ ރޯއްޖާއި، ކަނޑުތަކުގެ އާދަޔާ ޚިލާފް ޠަބީއީ ނިޒާމްގެ މުހިއްމުކަމުކަން ދެނެގަނެ ކަނޑުތަކުން ލިބޭ ފައިދާގެ އަގު ވަޒަންކުރުމާއި ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.
މިދުވަހާއި ގުޅޭގޮތުން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރެހުމުގެ މުބާރާތާއި، އެޑިއުކޭޝަނަލް ޕްރޮގްރާމްތަކާއި، ކަނޑުގެ ދިރުން ބޭނުންކޮށްގެން ކާބޯތަކެތީގެ މައުރަޒްފަދަ ކަންތައްތައް ރާވާލެއްވުމަކީވެސް ކުރެވިދާނެ ކަންތައްތަކެވެ.
