ފީފާ ވޯލްޑް ކަޕް: 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޮސްޓްރޭލިއާ ގާނާއި ހިފަހައްޓައިފި

ޖޫން 19:
މެޗްގެ 25 ވަނަ މިނެޓުން ފެށިގެން 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޮސްޓްރޭލިއާ ގާނާއިން ހިފަހައްޓައިފި. މެޗްގެ 11 ވަނަ މިނެޓްގައި އޮސްޓްރޭލިއާއިން ގޯލެއް ޖަހައި ކުރިހޯދާފައިވަނިކޮށް އޮސްޓްރޭލިއާގެ މަޝްހޫރު ކުޅުންތެރިއާ ހެރީ ކެވެލް (ޖ10) ޕެނެލްޓީ އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުން އޭނާއަށް ރެފްރީ ދެއްކި ރަތްކާޑާއެކު ގާނާއަށް ލިބުނު ޕެނެލްޓީއިން މެޗްގެ ސްކޯ އެއްވަރުކޮށްދިނީ މިމެޗްގެ މޭން އޮފްދަ މެޗަށްވެސް ހޮވުނު އަސްމޮއާ ޖިއާންއެވެ.
އެކަކު މަދުކޮށް ކުޅުނު ނަމަވެސް ވަރަށް ހަމަހަމަ ކުޅުމެއް ދެޓީމުން ކުޅުނު މިމެޗް އެއްވަރުވުމުން ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ގާނާއެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ދެމެޗް ކުޅެގެން ގްރޫޕްގެ އެއްމެ ފުލުގައި އޮތީ އޮސްޓްރޭލިއާއެވެ. ގްރޫޕްގައި ދެން ހިމެނޭ ސާބިއާ އާއި ޖަރުމަނަށް ތިންޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ ޖަރުމަނެވެ. އެހެންކަމުން މިގުރޫޕުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހަތަރު ޓީމަށްވެސް އެބައޮތެވެ. ނަމަވެސް މީގެ ތެރެއިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްމެ ބޮޑީ ގާނާ އާއި ޖަރުމަން އަދި ސާބިއާއަށެވެ.
