ފީފާ ވޯލްޑް ކަޕް: ކެމަރޫން ޓީމް ވޯލްޑް ކަޕުން އަލްވަދާޢު ކިޔައިފި

ޖޫން 20:
ކެމަރޫން ޓީމް އެނބުރި ގައުމަށް ދާއިރު ގައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ބެލުމުގައި އަވަދިނެތި އުޅުނު ކުޅުންތެރިން މިއަދު އަމިއްލަ ނަފްސާއި ކުރާނެ ސުވާލަކީ ތިމާ ގައުމަށް ކޮށްދިނީ ކޮންކަމެއްތޯއެވެ. ސެމިއަލް އެޓޫ އާއި ބެހޭގޮތުން ކެމަރޫންގެ ފުޓްބޯޅަ ތަރި ރޮޖަރ މިލާ ބުނެފައިވަނީ އެޓޫއަށް މުހިއްމީ ގައުމަށްވުރެ އޭނާ ކުޅޭ ކްލަބް ކަމަށެވެ.
ރޭގެ މެޗުން ޑެންމާކާއި ބައްދަލުކޮށް 2 – 1 އިން ކެމަރޫން ބަލިވި ބަލިވުން ގުޅިފައިވަނީ އެޓޫއާއި ބެހޭގޮތުން ރޮޖަރ މިލާ ދެއްކެވި ވާހަކަ ކަމަށްވުމީވެސް އެކަށީގެންވާކަމެކެވެ. ނަމަވެސް މެޗްގެ 10 ވަނަ މިނެޓްގައި ގޯލެއް ޖަހައި އެޓޫ އޭނާގެ ގައުމު ނަގާ ކޮޅަށް ޖެހިއެވެ. އެޓޫގެ މިގޯލަށްފަހު މާގިނަ އިރުތަކެއް ނުވެ މެޗްގެ 33 ވަނަ މިނެޓްގައި ޑެންމާކުން ގޯލެއް ޖަހައި ކެމަރޫން ބިމަށް ތިރިކުރިއެވެ. އެހިސާބުން އަނެއްކާވެސް ކެމަރޫންގެ ކުޅުންތެރިން ގައުމުގެ ދިފާއުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އޭގެ ތެރޭގައި ޑެންމާކްގެ ގޯލަށް އެޓޫ ފޮނުވާލި ބާރު ޝޮޓްތައް ފާހަގަކުރެވެއެވެ. ނަމަވެސް މެޗްގެ 61 ވަނަ މިނެޓްގައި ޑެންމާކުން އިތުރު ގޯލެއް ޖަހައި ވޯލްޑް ކަޕުން ވަކިވާން ކެމަރޫނަށް މަޖްބޫރު ކުރިއެވެ.
ރޭގެ މެޗުން ކެމަރޫން ބަލިވުމުން ގްރޫޕްގެ އެއްވަނަ މަގާމްގައި އޮތް ހޮލެންޑަށް ދެވަނަ ބުރުގެ ޖާގަ ވަނީ ކަށަވަރުވެފައެވެ. މިގްރޫޕުން ދެވަނަ ބުރަށްދާނީ ޖޫން 24 ވަނަ ދުވަހު ކުޅޭ ޖަޕާން ޑެންމާކް މެޗުން މޮޅުވާ ބައެކެވެ.
