Live News From S.Meedhoo

ވޯލްޑް ކަޕް: ސްވިޒްލެންޑް ދަމަހައްޓަމުން އައި ދިފާއީ ރެކޯޑް ޗިލީއިން ފޫއަޅުވާލައިފި

ޖޫން 21:

ސްވިޒްލެންޑާއި ޗިލީ ބައްދަލުކުރި މެޗުން ސްވިޒްލެންޑް ބަލިވެ، އެޓީމުން ދަމަހައްޓަމުން އައި ޑިފެންސިވް ރިކޯޑް ވަނީ ނިމިފައެވެ. ސްވިޒްލެންޑްގެ 550 މިނެޓްގެ ޑިފެންސިވް ވޯލްޑް ކަޕް ރިކޯޑް ނިމުމަކަށް ގެނުވީ މެޗްގެ 75 ވަނަ މިނެޓްގައި ޗިލީގެ ގޮންޒާލެސް ޖެހި ގޯލުންނެވެ. ގޮންޒާލެސްގެ މިގޯލާއެކު 1 – 0 އިން މޮޅުވުމުން ޗިލީއަށް ވަނީ ދެމެޗް ކުޅެގެން 6 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ގްރޫޕް-އެޗް އިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްމެ ބޮޑު އެއްޓީމަކީ ޗިލީއެވެ.

މިމެޗުން ސްވިޒްލެންޑް ބަލިވުމުން އެޓީމަށް ވަނީ ދެވަނަ ބުރަށް ދިއުމުގައި އަމިއްލަ ބާރުގެއްލިފައެވެ. ދެވަނަ ބުރަށް ދިއުމަށްޓަކައި ސްވިޒްލެންޑަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ހޮންޑިއުރަސް މެޗުން މޮޅުވެ ސްޕެއިނާއި ޗިލީ ބައްދަލުކުރާ މެޗް ބަލަން ތިބުމެވެ.

މިމެޗްގައި ސައުދިއަރަބިއާގެ ރެފްރީ ވަނީ 9 ރީނދޫ ކާޑާއި 1 ރަތްކާޑު ދައްކާފައެވެ. މީގެ ތެރެއިން ގިނަ ކާޑުތަކަކީ އިންސާފުން އެއްކިބާވެ ދައްކާފައިވާ ކާޑުތަކެއްކަމަށް ޔޫރަޕްގެ ކޮމެންޓޭޓަރުން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ސްވިޒްލެންޑްގެ މިޑްފީލްޑަރު ބެހްރާމީއަށް ދެއްކި ސީދާ ރަތްކާޑު ހިމެނެއެވެ. މިގޮތައް ގިނަ ކާޑުތަކެއް މިމެޗްގައި ފެނިގެންގޮސްފައިވަނީ ޔޫރަޕްގެ ފުޓްބޯޅައަށް ސައުދީއަރަބިއާގެ ރެފްރީ ހޭނިފައި ނެތުމުންކަމަށްވެސް  ފުޓްބޯޅަ ދިރާސާ ކުރާފަރާތްތަކުން ބުނެފައިވެއެވެ. އެފަރާތްތަކުން ބުނާގޮތުން ފުޓްބޯޅައިގެ ގަވާއިދު ހުރިހާ ގައުމުތަކުގައި އެއްގޮތަކަށް ތަންފީޒުކުރިއަސް ދުނިޔޭގެ އެކި ބައްރުތަކުގައި ފުޓްބޯޅަ ކުޅޭ ގޮތް ތަފާތުކަމަށެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.