ފީފާ ވޯލްޑް ކަޕް: އެއްވެސް މެޗަކުން ބަލިނުވެ އާޖެންޓީނާ ދެވަނަ ބުރަށް ހިނގައްޖެ

ޖޫން 23:
މަރަޑޯނާގެ އާޖެންޓީނާއިން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 19 ވަނަ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ހިނގައްޖެ. ރޭ ގްރޫޕް-ބީ ގައި އާޖެންޓީނާ އާއި ގްރީސް ބައްދަލުކުރި މެޗް އާޖެންޓީނާ ކާމިޔާބުކުރީ 2 – 0 ލަނޑުންނެވެ. މިނަތީޖާ އާއެކު ގްރޫޕްގައި ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު އާޖެންޓީނާ ވަނީ ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ގޮސްފައެވެ. ދެވަނަ ބުރުގައި އާޖެންޓީނާ ކުޅެން ޖެހޭނީ ގްރޫޕް-އޭ އިން ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ދިޔަ މެކްސިކޯ ޓީމާއެވެ.
ރޭގެ މެޗުން ގްރީސް ބަލިވުމުން އެޓީމް ވަނީ 3 ޕޮއިންޓާއެކު މުބާރާތުން ކަޓާފައެވެ. ގްރޫޕް-ބީ އިން ދެވަނަ ބުރަށް ދިޔަ ދެވަނަ ޓީމަކީ ދެކުނު ކޮރެއާއެވެ. ދެކުނު ކޮރެއާ ދެވަނަ ބުރަށް ދިޔައީ ރޭ ނައިޖީރިއާ އާއި ބައްދަލުކޮށް 2 – 2 މެޗް އެއްވަރު ކޮށްގެން 4 ޕޮއިންޓާއެކުވެ.
