ފީފާ ވޯލްޑް ކަޕް: ސަޕޯޓަރުން ކުރިމަތި ކުރަމުންދިޔަ ސުވާލްތަކަށް އިންގްލަންޑުން ޖަވާބުދީފި

ޖޫން 24:
އިންގްލަންޑް ޓީމަށް ސަޕޯޓަރުން ކުރިމަތި ކުރަމުންދިޔަ ސުވާލްތަކަށާއި ކިޔަމުންދިޔަ ފާޑުކިއުންތަކަށް އެޓީމުން ޖަވާބު ދިނީ ރޭ ގްރޫޕް-ސީ ގައި ސްލޮވޭނިއާ އާއި ބައްދަލުކޮށް މޮޅުވެގެންނެވެ. އިންގްލަންޑް ދެވަނަ ބުރަށް ގެންގޮސްދިން ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 23 ވަނަ މިނެޓްގައި ޖަމެއިން ޑެފޯއެވެ.މިމެޗުން ސްލޮވޭނިއާ ބަލިވުމުން އެޓީމް ވަނީ ވޯލްޑް ކަޕުން ކަޓާފައެވެ.
ސްލޮވޭނިއާ އަތުން 1 – 0 އިން މޮޅުވެ އިންގްލަންޑް ދެވަނަ ބުރަށް ދިޔައިރު ކުޅުނު ތިންމެޗުން އެޓީމް ކޮޅަށް ވަދެފައިވަނީ އެއްމެ ގޯލެކެވެ. އެހެންކަމުން އިންގްލަންޑް ހިމެނިފައިވަނީ މިހާތަނަށް ދެވަނަ ބުރަށް ދިޔަ ޓީމްތަކުގެ ތެރެއިން ޑިފެންސް އެއްމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައެވެ.
ދެވަނަ ބުރުގައި އިންގްލަންޑް ކުރިމަތިލާންޖެހެނީ ގްރޫޕް-ޑީ އިން އެއްވަނަ ހޯދީ ޖަރުމަން ޓީމާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2010 ވަނަ ދުވަހުގެ ރޭ 19:00 ގައެވެ.
