ފީފާ ވޯލްޑް ކަޕް: ޖަރުމަނާއި ގާނާ ދެވަނަ ބުރަށް ހިނގައްޖެ

ޖޫން 24:
ގްރޫޕް-ޑީ ގެ ފަހު ދެމެޗްގެ ތެރެއިން ޖަރުމަނާއި ގާނާ ބައްދަލުކުރި މެޗް ފެށުނުއިރު ގްރޫޕްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތީ ގާނާއެވެ. 3 ޕޮއިންޓާއެކު 2 ވަނައިގައި އޮތީ ޖަރުމަނެވެ. އެއްވަގުތެއްގައި ކުޅުނު ގްރޫޕްގެ ދެވަނަ މެޗްގައި އޮސްޓްރޭލިއާ އާއި ސާބިއާ ބައްދަލުކުރި މެޗްގެ ކުޅުން ފެށުނުއިރު ސާބިއާ އޮތީ 3 ޕޮއިންޓާއެކު ގޯލްގެ ތަފާތުން ޖަރުމަންގެ ފަހަތުގައެވެ. އެހެންކަމުން މިމެޗް ވެގެންދިޔައީ ޖަރުމަން ޓީމަށް ވަރަށް މުހިއްމު މެޗަކަށެވެ. ދެވަނަ ބުރަށް ދިއުމަށްޓަކައި ޖަރުމަނަށް އޮތީ މިމެޗުން މޮޅުވުން ނުވަތަ އެއްވަރު ކުރުމެވެ. ގާނާއަށް މިމެޗް ކާމިޔާބު ނުކުރެވުނަސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ގިނަ ގޯލްތަކެއް ބައިކޮޅަށް ވަދެއްޖެނަމަ އޮސްޓްރޭލިއާ ސާބިއާ މެޗްގެ ނަތީޖާ ނުކުންނަ ގޮތަކުން ގާނާ މުބާރާތުން ކަޓާނެއެވެ. މިހުރިހާ ކަމަކަށް ބަލައިގެން ފަރުވާތެރި ކުޅުމެއް ކުޅުނު މިމެޗްގެ ނަތީޖާ ވެގެންދިޔައީ ދެޓީމަށްވެސް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ފުރުސަތު ލިބިގެން ދިޔަ ނަތީޖާއަކަށެވެ. މިމެޗް 1 – 0 އިން ޖަރުމަން ކާމިޔާބުކުރުމުން އެޓީމްވަނީ ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ގޮސްފައެވެ. ގްރޫޕްގެ ދެވަނަ މަގާމްގައި އޮވެގެން ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ގާނާއެވެ.
