ޝަރީފީ ޕްރީސްކޫލްގެ 10 ވަނަ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި

ޝަރީފީ ޕްރީސްކޫލް ދަރިވަރުންގެ މެދުގައި 1430 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވި 10 ވަނަ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މީދޫ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ސ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލާ އާމިނަތު ޒީނިޔާއެވެ.
މިޖަލްސާ ތަޢާރަފުކޮށް ޝުކުރުދެންނެވީ ޔޫކޭޖީގެ ދަރިވަރު މަރްޔަމް ރޫޔާއެވެ. މުބާރާތުގެ ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ އަލްހާފިޒް އަބްދުލް ކަރީމްއެވެ. ކަރީމްގެ ވާހަކަފުޅުގައި ފަނޑިޔާރުން މާކްސް ދިނުމުގައި ބެއްލެވި ގޮތާއި، ދަރިވަރުންގެ ކިޔެވުމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މުބާރާތުގައި ބައިވެރިވެ ކިޔެވި ކުދިންނާއި ބެހޭގޮތުން ކަރީމް ވިދާޅުވީ ކުދިން ބައިވެރިވި އުމުރު ފުރާތަކަށް ބަލާއިރު ގިނަ ދަރިވަރުންގެ ކިޔެވުން ރަނގަޅު ކަމަށެވެ. މީގެ އިތުރުން ކަރީމްގެ ވާހަކަފުޅުގައި ކުދިންނަށް ޤުރުއާން އުނގަންނައި ހިތުން ދަސްކޮށްދިނުމުގައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން އަލިއަޅުވާލެއްވިއެވެ. އެގޮތުން ޤުރުއާން ހިތު ދަސްކުރުމުގައި ކުދިން ލައްވާ ކޮންމެ ދުވަހަކު އާޔަތެއް ދަސްކުރުވަމުން ގެންދިއުމުން 17 އަހަރުން މުޅި ޤުރުއާން ހިތުން ދަސްކުރެވޭނެ ކަމަށާއި ދުވާލަކު ދެއާޔަތް ދަސްކުރުވުމުން 8 އަހަރާއި ދުވަސް ކޮޅަކުން މުޅި ޤުރުއާން ހިތުން ދަސްކުރެވިދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޤުރުއާން ކިޔެވުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ކަރީމް ވިދާޅުވީ ޤުރުއާނަކީ ކިޔަވާ ކޮންމެ އަކުރަކަށް 10 ހެޔޮކަން ލިބިގެންދާ ކަލިމަތަކެއް ކަމަށާއި، އެހެންކަމުން ވީހާވެސް ގިނައިން ޤުރުއާން ކިޔެވުމަށް ނަޞޭހަތްތެރިވިއެވެ.
ސްކޫލްގެ ފަރާތުން މިޖަލްސާގައި ވާހަކަފުޅު ދެއްކެވީ ޝަރީފީ ޕްރީސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަލީ ޝަރީފްއެވެ. އަލީ ޝަރީފްގެ ވާހަކަފުޅުގައި މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ލަސްވި ސަބަބު ހާމަކޮށްދެއްވަމުން ވިދާޅުވީ އަބަދުވެސް ޤުރުއާން މުބާރާތަށް ސްކޫލުން ރަނގަޅު އިނާމްތަކެއް ހުށަހަޅަމުން ގެންގޮސްފައިވާ ކަމަށާއި، އެގޮތުން ސްކޫލުން ނިންމީ ކިތައްމެ ފަސްކޮށް ނަމަވެސް ރަނގަޅު އިނާމްތަކަކާއެކު އިނާމް ދިނުމުގެ ޖަލްސާ ބޭއްވުމަށް ކަމަށެވެ. އަލީ ޝަރީފް އިތުރަށް ވިދާޅުވީ ނަތީޖާ ފާޅުކުރުން މިހާބޮޑަށް ލަސްވީ މުބާރާތުގެ ވަނަތަކަށް ސްކޫލުން ހުށަހަޅަމުން ގެންދިޔަ އިނާމްތައް އަގުބޮޑުވުމުން ކަމަށެވެ. އިތުރަށް އަލީ ޝަރީފްގެ ވާހަކަފުޅުގައި މިމުބާރާތަށް އިނާމް ހޯދުމުގައި ސްކޫލަށް އެހީތެރިވެދެއްވި ފަރާތްތަކާއި، ޤުރުއާން މުބާރާތް ބޭއްވުމަށް ސްކޫލަށް އެހީތެރިވެދެއްވާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ޤުރުއާން މުބާރާތަށް އިނާމް ހޯއްދަވައިދެއްވީ އަލްމަރުޙޫމް އަބްދުﷲ ޒަމީރުގެ އާއިލާއިންކަން ފާހަގަކޮށް އަބްދުﷲ ޒަމީރުއަށް ސުވަރުގޭގެ ނިޢުމަށް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވައި، އެއާއިލާއިން ސްކޫލަށް ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެއާއިލާއަށް އަލީ ޝަރީފް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ސްކޫލްގެ ޤުރުއާން މުދައްރިސްގެ މުސާރަ ހަމަޖައްސައްސަވައި ދެއްވަމުން ގެންދަވަނީ ސ.މީދޫ ނިޔަނދުރުގަސްދޮށުގެ އަލްފާޟިލް އަޙްމަދު މައުސޫމްކަން ފާހަގަކޮށް މީދޫގެ ތަޢުލީމް ކުރިއެރުވުމަށާއި ޚާއްސަކޮށް މީދޫގެ ދަރިންނަށް ޤުރުއާން އުނގަންނައިދިނުމަށް މައުސޫމް ވެދެއްވަމުން ގެންދަވާ އެހީ ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުންވެސް ޝަރީފީ ޕްރީ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވަވާ ހުރިހާ ފަރާތްތަކަށް އަލީ ޝަރީފް ޝުކުރުއަދާކުރެއްވިއެވެ.
މިޖަލްސާގެ ޝަރަފުވެރި މެހުމާން އަލްފާޟިލާ އާމިނަތު ޒީނިޔާގެ ވާހަކަފުޅުގައި ކުދިން ތަރުބިއްޔަތު ކުރުމުގައި އަދި ކުދިންނަށް ޤުރުއާން އުނގަންނައި ދިނުމުގައި ބެލެނިވެރިން ވިސްނަން ޖެހޭ ބައެއް މުހިއްމު ނުކުތާތަކަށް އަލިއަޅުވައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މަޣުރިބް ނަމާދާއި އިޝާނަމާދު ދޭތެރޭ ޓީވީ ޑްރާމާތައް ބެލުމާއި ލަވަޖެހުމުގެ ބަދަލުގައި ގޭގައި ޤުރުއާން ކިޔެވުމަށް ކުދިންނަށް ބާރުއެޅުމަށް ބެލެނިވެރިންނަށް ގޮވާލެއްވިއެވެ. މީގެ އިތުރުން ޒީނިޔާގެ ވާހަކަފުޅުގައި ޝަރީފީ ޕްރީސްކޫލުން ޤުރުއާނަށް ދެއްވަމުން ގެންދަވާ އަހްމިއްޔަތު ފާހަގަކޮށް އެސްކޫލްގައި ތަޢުލީމް ހާސިލްކުރާ ގިނަ ދަރިވަރުންނަކީ ތަޖްވީދުމަގުން ރީތިކޮށް ޤުރުއާން ކިޔަވަން އެނގޭ ކުދިންކަމަށް ވިދާޅުވިއެވެ.
މުޅި މުބާރާތުގެ ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ބައިން އެކި އުމްރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ދަރިވަރުންނަށް ސްކޫލުން ދެއްވާ އިނާމާއި ސެޓްފިކެޓް އަދި ސ.މީދޫ ފެންނާގެ އަލްމަރުޙޫމް އަބްދުﷲ ޒަމީރުގެ އާއިލާގެ ފަރާތުން ދެއްވި ޓްރޮފީ ދަރިވަރުންނާއި ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހްމާން އަލްފާޟިލާ އާމިނަތު ޒީނިޔޢެވެ.
މުޅި މުބާރާތުގެ ހިތުން ކުޔުމުގެ ބައިން ވަނަތައް ހޯދި ދަރިވަރުންނަކީ އަންހެން ކުދިންގެ ބައިން 1 ވަނަ އައިޝަން މިސްބާހް، ފިރިހެން ކުދިންގެ ބައިން 1 ވަނަ އަޙުމަދު ޒަހުވާން، އަންހެން ކުދިންގެ ބައިން 2 ވަނަ އައިޝަތު ނައުޝީން ވަސީމް، ފިރިހެން ކުދިންގެ ބައިން 2 ވަނަ ނައިސަމް ސޯލިހުދީދީ، އަންހެން ކުދިންގެ ބައިން 3 ވަނަ ފާތިމަތު މާޔާ ޝަރީފް، ފިރިހެން ކުދިންގެ ބައިން 3 ވަނަ އަބްދުﷲ ލިވާޒު އެވެ.
މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ވަނަތައް ހޯދި ދަރިވަރުންނަކީ 1 ވަނަ ފާތިމަތު ނަޖާ، 2 ވަނަ ފާތިމަތު ޝަމްލާ، 3 ވަނަ އާމިނަތު އަޝްފާއެވެ. ދެގޮފިން އެއްކޮށް މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ ފާތިމަތު ނަޖާއެވެ. ދެގޮފިން އެއްކޮށް މުޅި މުބާރާތުން ދެވަނަ އާއިޝަތު މިސްބާހު ހޯދާފައިވާއިރު ދެގޮފިން އެއްކޮށް މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ އަޙުމަދު ޒަހުވާން އެވެ.
