ފީފާ ވޯލްޑް ކަޕް: އަހަރެންނަކީ ދުނިޔޭގަ ހުރި އެއްމެ އުފާވެރި މީހާ – ޖިޔާން

ޖޫން 27:
ދެވަނަ ބުރުގައި ރޭ ޔޫ.އެސް.އޭ އާއި ގާނާ ބައްދަލުކުރި މެޗް 2 – 1 އިން ގާނާ ކާމިޔާބުކޮށްފި. މިމެޗުން ގާނާ މޮޅުވުމުން އެޓީމް ވެފައިވަނީ މިހާތަނަށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި އެފްރިކާގެ 3 ވަނަ ޓީމްގެ ޝަރަފު ހޯދާފައެވެ. މީގެ ކުރިން 1990 ވަނަ އަހަރު ކެމަރޫން 2002 ގައި ސެނެގާލް ވަނީ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ. ރޭގެ މެޗުން ގާނާ މޮޅުވީ މެޗްގެ ފުރިހަމަ ވަގުތު (90 މިނެޓް) ހަމަވިއިރު ދެޓީމް 1 – 1 އިން އެއްވަރުވުމުގެ ސަބަބުން ކުޅުނު 15 މިނެޓްގެ ދެހާފްގެ ތެރެއިން ފުރަތަ ހާފްގެ 3 ވަނަ މިނެޓްގައި ގާނާގެ މަޝްހޫރު ކުޅުންތެރިޔާ އަސަމޯއާ ޖިޔާން ޖެހި ގޯލުންނެވެ. މިއީ މިއަހަރު އޭނާ ގައުމީޓީމަށް ޖަހައިދިން 7 ވަނަ ގޯލެވެ.
މިމެޗަށްފަހު ޖިޔާން ބުނެފައިވަނީ އޭނާއަކީ މިހާރު ދުނިޔޭގައި ހުރި އެއްމެ އުފާވެރި މީހާކަމަށެވެ. “2006 ގައި އަހަރެމެން ދެވަނަ ބުރަށް ދިޔައިން. މިމުބާރާތުގައި އޭގެ އެއްފިޔަވަޅު ކުރިއަށް އަޅައި ކުއާޓަރ ފައިނަލުން އަހަރެމެން މިވަނީ ޖާގަ ހޯދާފައި. މިއީ މުޅި އެފްރިކާ އާއި ގާނާ ފަޚްރުވެރިވާނެކަމެއް” މެޗަށްފަހުން ޖިޔާން ބުނެފައިވެއެވެ.
ކުއާޓަރ ފައިނަލްގައި ގާނާއާއި ބައްދަލުކުރާނީ ދެވަނަބުރުގައި ރޭ ދެކުނު ކޮރެއާ އާއި ބައްދަލުކޮށް 2 – 1 އިން މޮޅުވި އުރުގުއޭ އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 2 ވަނަ ދުވަހުގެ ރޭ 11:30 ގައި ޖޮހަނަސްބާގްގައެވެ.
