Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: ތާރީޚްގެ ސަފުހާތަކުން ޖަރުމަނާއި އިންގްލަންޑްގެ މެޗްތައް ވަކިކުރެވޭނެ ގޮތެއް ނެތް

ޖޫން 27:

ޖަރުމަނު ޒުވާން ޓީމުން ހައިރާންކުރަނިވި މޮޅު ކުޅުމެއް ކުޅެ 4 – 1 ގެ ބޮޑު ތަފާތަކުން އިންގްލޭންޑް ބަލިކޮށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް ހިނގައްޖެ. މިރޭ 7.30 ގައި ކުޅެންފެށި މިމެޗްގެ 20 ވަނަ މިނެޓްގައި މިރޮސްލާވް ކްލޯސާ ޖެހި ގޯލާއި 32 ވަނަ މިނެޓްގައި ލޫކަސް ޕްޑޮލްސްކީ ޖެހިގޯލާއެކު 2 ގޯލުގެ ތަފާތަކުން ޖަރުމަނު ކުރިހޯދާފައިވަނިކޮށް 37 ވަނަ މިނެޓްގައި އިންގްލޭންޑް ޓީމުގެ އަޕްސަން ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ. އޭގެ މިނިޓެއް ފަހުން ފްރެންކް ލަމްޕާޑްގެ ބާރު ޝޮޓެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލް ރޮނގު ހުރަސްކޮށް އެތެރެއަށް ވަނެވެ. ނަމަވެސ އުރުގުއޭގެ ލައިންސްމަންއަށް އެބޯޅަ ގޯލަށް ވަންކަމަކަށް ނުފެނުނެވެ. އެހެންކަމުން އެއީ ގޯލެއްކަމަށް ރެފްރީ ނުނިންމެވިއެވެ.

ލަމްޕާޑްގެ “ޖިއޮފް ހަސްޓް ސްޓައިލް ގޯލް” ރެފްރީ ގަބޫލު ނުކުރުން ވެގެން ގޮސްފައިވަނީ ތާރީޚްގެ ސަފުހާތަކުން މިދެޓީމްގެ މެޗްތައް ވަކިކުރެވޭނެ ގޮތެއް ނެތްކަމެވެ. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި ހުޅަނގު ޖަރުމަނާއި އިންގްލޭންޑް ބައްދަލުކުރި މެޗްގައި އިންގްލޭންޑް މޮޅުވި ގޯލް ޖަހައިދިން ޖިއޮފް ހަސްޓް ޖެހި ގޯލް ވެގެން ގޮސްފައިވަނީ މިހާތަނަށްވެސް ބަހުސް ކުރެވެމުންދާ ގޯލަކަށެވެ. ގޯލް ހުރަސް ދަނޑީގައި ޖެހިފައި ފޭބި ބޯޅަ ގޯލް ރޮނގު ހުރަސްކޮށް އެތެރެއަށް ވަންތޯ ސުވާލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް މިރޭގެ މެޗްގައި ފްރެންކް ލަމްޕާޑް ޖެހި ގޯލާއި މެދު ސުވާލުކުރެވޭނެ ފުރުސަތެއް ނެތެވެ. ނަމަވެސް ޖަރުމަނުން މިކަން ބަލައިގަތީ 44 އަހަރު ފަހުން އެމީހުންނަށް އިންސާފު ލިބުނީކަމަށެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން އިންގްލޭންޑުގެ ގިނަ ހަމަލާތަކެއް ޖަރުމަން ގޯލަށް އަމާޒުވިއެވެ. ނަމަވެސް ޖަރުމަން ޓީމްގެ ޒުވާން ކީޕަރު ފޫއަޅުވާލެވޭނެ ގޮތެއް އިންގްލޭންޑަށް ނުހޯދުނެވެ. މެޗްގެ އޮއިވަރު ބަދަލުވީ 67 ވަނަ މިނެޓްގައި އިންގްލަންޑްގެ ކީޕަރު ޑޭވިޑް ޖޭމްސްއަށް ވީނުވީއެއް ނޭނގޭ ވަރަށް ބާރަށް ޖަރުމަން ޓީމުގެ މިޑްފީލްޑް ކުޅުންތެރިޔާ ތޯމަސް މުލާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެގެންނެވެ. އޭގެ 3 މިނެޓް ފަހުން ޖަރުމަންގެ ކްލޯސާ އާއި އޯޒިލް ގުޅިގެން ވަރަށް ހުސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އުމުރުން އެއްމެ 20 އަހަރުގެ މުލާ އޭނާގެ ޓީމަށް މެޗްގެ 4 ވަނަ ގޯލް ޖަހައިދިނެވެ. މިއީ މުލާ މި މުބާރާތުގައި ޖެހި 3 ވަނަ ގޯލެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.