Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: ކުއާޓަރ ފައިނަލްގައި ޖަރުމަނާއި ބައްދަލުކުރަން އާޖެންޓީނާއިން ތައްޔާރުވެއްޖެ

ޖޫން 28:

ފީފާ ވޯލްޑް ކަޕް 2010 ގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުން މޮޅުވެ ކުއާޓަރ ފައިނަލްގައި ޖަރުމަނާއި ބައްދަލުކުރަން އާޖެންޓީނާއިން ތައްޔާރުވެއްޖެ. މިމެޗްގައި އާޖިންޓާނާގެ ފުރަތަމަ ގޯލް މެކްސިކޯ ކޮޅަށް ޖެހީ ޓެވޭޒްއެވެ. ޓެވޭޒްގެ މިގޯލަކީ ދެމީހަކު ހިޔާލުތަފާތު ނުވާފަދަ ސާފު އޮފްސައިޑް ގޯލެކެވެ. ނަމަވެސް އިޓަލީގެ ރެފްރީ ރޮބާޓޯގެ ނިންމުމަކަށްވީ އެއީ ރަނގަޅު ގޯލެއް ކަމަށެވެ. އާޖެންޓީނާގެ ދެވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެކްސިކޯގެ ޑިފެންޑަރ ރިކާޑޯ އަށް ހެދުނު ގޯހަކާއި ގުޅިގެން ލިބުނު ބޯޅައަކުން ރިއާލް މެޑްރިޑްގެ ފޯވާޑް ހިގުއައިންއެވެ. މިއީ މިވޯލްޑް ކަޕްގައި އޭނާ ޖެހި 4 ވަނަ ގޯލެވެ. މިގޯލާއެކު އޭނާ ވަނީ މިމުބާރާތުގެ އެއްމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ ކުރިއަށް އަރާފައެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން 6 މިނެޓް ގައި އާޖެންޓީނާގެ ތިންވަނަ ގޯލް ޖެހިއެވެ. މިގޯލް އެޓީމަށް ޖަހައިދިނީ މެޗްގެ ފުރަތަމަ ގޯލްވެސް ޖެހި ކުޅުންތެރިއާ މެންޗަސްޓާ ސިޓީގެ ފޯވާޑް ޓެވޭޒް އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ލިބިފައިވަނީ ޓެވޭޒް އަށެވެ.

މިމެޗުން މެކްސިކޯ ބަލިވުމުން މެކްސިކޯގެ ކޯޗް ބުނެފައިވަނީ ޓެވޭޒްގެ ގޯލާއި ގުޅޭގޮތުން ރެފްރީ ނިންމެވި ނިންމުމަށް ވާހަކަ ދައްކަން ބޭނުން ނޫންކަމަށާއި، ނަމަވެސް އޮފްސައިޑް ގޯލްގެ ސަބަބުން ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ގެއްލުނު ކަމަށެވެ. އިތުރަށް ކޯޗް ބުނީ އޭނާގެ ޓީމްގައި ގިނައީ 21 އަހަރުގެ ކުޅުންތެރިންކަމަށާއި، ހަތަރު އަހަރުފަހުން އެކުޅުންތެރިން މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކާނެކަމަށެވެ.

ކުއާޓަރ ފައިނަލްގައި އާޖެންޓީނާ އާއި ޖަރުމަން ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 3 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 7.00 ގައެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.